ރާއްޖެއަށް އެތެރެކުރާ މުދަލުންޑިއުޓީ ނެގުމުގައި ޢަމަލުކުރާނެ ގޮތް ހާމަކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް ބިލްޑިން: ފޮޓޯ ޕީއެސްއެމް

ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯރޓް ޤާނޫނަށް ގެނައި 17 ވަނަ އިޞްލާހަށް ޢަމަލުކުރަން ފެށުމާއެކު ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިކްލަރޭޝަން ނިންމުމާއި ޑިއުޓީ ނެގުމުގައި ޢަމަލުކުރާނެ ގޮތް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކުރައްވައިފިއެވެ. މި ޤާނޫނަށް ޢަމަލުކުރަންފަށާނީ އަންނަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ.

ކަސްޓަމްސް އިން އިޢްލާންކޮށްފައިވާ ގޮތުގައި އޮގަސްޓް ފުރަތަމަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެއައިސް އިންވާރޑް ކްލިއަރެންސް ނަގައިފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވާނަމަ އެޑިކްލަރޭޝަން ނިންމައި ދިނުމުގައި ޤާނޫނަށް  ގެނައި އިޞްލާޙަށް ނުބެލޭނެއެވެ. ނަމަވެސް އޮގަސްޓް ފުރަތަމަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެއައިސް އިންވާރޑް ކްލިއަރެންސް ނަގައިފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވާނަމަ، އެ ޑިކްލަރޭޝަން ނިންމައި ދިނުމުގައި ޤާނޫނަށް ގެނެސްފައިވާ އިޞްލާހާ އެއްގޮތަށް ޢަމަލުކުރެވޭނެއެވެ.

އޮގަސްޓު ފުރަތަމަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެއައިސް އިންވާރޑް ކްލިއަރެންސް ނަގާފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅައިފައިވުމާއެކު، އެވަގުތުގެ ކުރިން ޑިކްލަރޭޝަން ނިންމައި ދީފައިވާނަމަ، ފަހުގެ އިޞްލާޙާ އެއްގޮތަށް އެ ޑިކްލަރޭޝަން އިޞްލާޙުކުރެވޭނެ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ. އޮގަސްޓް ފުރަތަމަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެ އައިސް އިންވާރޑް ކްލިއަރެންސް ނަގާފައިނުވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ނިންމައިދީފައިވުމުން، ޑިއުޓީ ދައްކާފައިވާނަމަ، ޤާނޫނަށް ގެނައި އިޞްލާޙާ އެއްގޮތަށް އެ ޑިކްލަރޭޝަން އިޞްލާކުރުމުން ޑިއުޓީއަށް އަންނަ އުނިއިތުރާ އެއްގޮތަށް ޑިއުޓީ ދެއްކުމަށް ނުވަތަ ރިފަންޑަށް އެދުމަށް އެންގޭނެ ކަމަށްވެސް  ކަސްޓަމްސް އިން ވިދާޅުވިއެވެ.

އޮގަސްޓް ފުރަތަމަ ދުވަހުގެ 00:00 ގެ ކުރިން ބޮންޑެޑް ވެއަރހައުސްއަށް ވައްދައިފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ނިންމައިދީފައިވުމުން، ޑިއުޓީ ދެއްކުމަށްފަހު،އޮގަސްޓް ފުރަތަމަ ދުވަހުގެ 00:00 ގެ ފަހުން ބޮންޑެޑް ވެއަރހައުސްއިން މުދާ ނެރޭނަމަ، ފަހުގެ ޑިއުޓީ ރޭޓާ އެއްގޮތަށް އެ ޑިކްލަރޭޝަން އިޞްލާޙުކުރެވޭނެ ކަމަށްވެސް ކަސްޓްއިން ވަނީ އިޢްލާންކުރައްވައިފައެވެ.

އޮގަސްޓު ފުރަތަމަ ދުވަހުގެ 00:00 ގެ ކުރިން ބޮންޑެޑް ވެއަރހައުސްއަށް ވައްދައިފައިވާ މުދަލަށް އެވަގުތުގެ ފަހުން ޑިކްލަރޭޝަން ނިންމައިދިނުމުގައި، ވެސް ޤާނޫނަށް ގެނައި އިޞްލާޙާ އެއްގޮތަށް ޢަމަލުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯރޓް ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ އެއްގޮތަށް ޑިކްލަރޭޝަން ހުށަހެޅުމަށް ބޭނުންކުރާ އަސީކުޑާ  ސިސްޓަމް ކޮންފިގަރ ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިމަހު 31 ވަނަ ދުވަހުގެ 18:00 ގައި، އެ ސިސްޓަމް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވޭނެކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ. ނަމަވެސް އޮގަސްޓް ފުރަތަމަ ދުވަހުގެ 00:00 ގައި އަސީކުޑާ ސިސްޓަމްގެ ޚިދުމަތްތައް އަލުން ދޭން ފަށްޓެވުމަށް ވަނީ ނިންމަވައިފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.