ރާއްޖެއަށް އެތެރެ ކުރާ މުދަލުގެ ޑިއުޓީގެ ގާތްގަނޑަކަށް 30 އިންސައްތައަކީ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ހާމަކުރައްވައިފިއެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކަސްޓްމްސްގެ ސީނިއަރ ސުޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް އެތެރެކުރި މުދަލަށް 3.4 ބިލިއަން ރުފިޔާގެޑިއުޓީ ނަގައިފައިވާއިރު އޭގެތެރެއިން އެއް ބިލިއަން ރުފިޔާއަކީ ދުންފަތް ނުވަތަ ސިނގިރޭޓުގެ ބާވަތްތަކަށް ދައްކައިފައިވާ ޑިއުޓީކަމަށެވެ.
އޯގަސްޓް މަހުގެ ފުރަތަ ދުވަހު ތަންފީޒުކުރަން ފަށާ އިމްޕޯޓް އެކްސްޕޯޓް ޤާނޫނުގެ 17 ވަނަ އިޞްލާހާ އެކު ސިނގިރޭޓު ނުވަތަ ދުންފަތަށް ނަގާ ޑިއުޓީ އިތުރުވެގެންދާނެއެވެ. އަގުގެ 25 ޕަސަންޓްގެ އިތުރުން ކޮންމެ ސިނގިރޭޓަކަށް ތިން ރުފިޔާގެ އަގުން ޑިއުޓީ ނެގުމަށް ވަނީ ހަމަޖައްސަވައިފައެވެ. ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ކުރިން 200 އިންސައްތައިގައި ޑިއުޓީ ނަގަމުން އައި ބިޑިންވެސް ޑިއުޓީ ނަގަމުންދާނީ ސިނގިރޭޓާއި އެއް އުޞޫލަކުންނެވެ. އަގުގެ 25 އިންސައްތައިގެ އިތުރުން ކޮންމެ ބިޑިއަކަށް ތިން ރުފިޔާގެ ރޭޓުންނެވެ. ޤާނޫނަށް ގެނައި އިޞްލާޙުގައި ވަނީ ދުންފަތުގެ ހުރިހާ ބާވަތެއް ހިމެނޭ ގޮތަށެވެ. ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީއަށް ގެނެވުނު ބަދަލާ ގުޅިގެން 500 މިލިއަން ރުފިޔާގެ އިތުރުވުމެއް ޑިއުޓީގެ އާމްދަނީއަށް އަންނާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ޗީފް ސުޕްރިންޓެންޑެންޓް ފާހަގަ ކުރެއްވިއެވެ.
ސިނގިރޭޓުގެ އިތުރުންވެސް ޞިއްޙަތަށް ގެއްލުން ލިބޭ އެހެން ބާވަތްތަކުގެ ޑިއުޓީއަށްވެސް ވަނީ ވަނީ ބަދަލު ގެނެސް ފައެވެ. އެގޮތުން އެނަރޖީ ޑްރިންކްގެ ޑިއުޓީ ވަނީ ދެގުނައަށް ބޮޑު ކޮށްފައެވެ. އެނަރޖީ ޑްރިންކުން ލީޓަރަކަށް ކުރިން ނަގަމުން އައީ 33.60 ރުފިޔާއެވެ. ނަމަވެސް އިޞްލާހާ ގުޅިގެން ޑިއުޓީގެ އަގު ވަނީ ލީޓަރަކުން 60.55 ރުފިޔާ އަށް އިތުރުކޮށްފައެވެ.
މީގެ އިތުރުންވެސް އާއްމު ޞިއްޙަތަށް ގެއްލުންދޭ ބާވަތްތަކުގެ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ. އެފަދަ ބާވަތްތަކުގެ ތެރޭގައި ގިނައިން ހަކުރު އެކުލެވޭ ލުއި ބުއިންތަކާއި ކުޑަކުދިންގެ އިންޓަވަލަށް ބޭނުންކުރާ ހަކުރު ގިނައިން ހިމެނޭ ޕެކެޓާއި މެޓާއާއި ޗުވިންގަމް ފަދަ ތަކެތި ހިމެނެއެވެ. އެފަދަ ބާވަތަތްތަކުގެ ޑިއުޓީ ވަނީ 15 އިންސައްތައަށް އިތުރު ކޮށްފައެވެ. މީގެއިތުރުން ކުރިން ޑިއުޓީ މާފުކޮށްފައި ނުވަތަ ސުން ޕަސަންޓްގެ ޑިއުޓީ އޮތް ސޮސޭޖުންވެސް 15 އިންސައްތައިގެ ޑިއުޓީއެއް ނެގުމަށް ވަނީ ހަމަޖައްސަވައިފައެވެ.
ކަސްޓަމްސްގެ ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒު ފާހަގަ ކުރެއްވި ގޮތުގައު ބިލް ޑްރާފްޓިން މަރުޙަލާގައިވެސް ފުޅާ ދާއިރާއެއްގައި ޞިއްޙީ މާހިރުންގެ ލަފާވަނީ ހޯއްދަވައިފައެވެ. ޞިއްޙަތަށް ގެއްލުންދޭ ބާވަތްތަކުގެ ޑިއުޓީއަށް ބަދަލު ގެނެވިފައިވަނީ ޞިއްހީ މާހިރުންގެ ލަފާގެ މަތިން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި އިޞްލާޙް ތަންފީޒު ކުރަން ފަށާނީ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ 15 ގައެވެ. ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤް ކުރެއްވީ މިމަހުގެ 23 ގައެވެ.