ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން ޚާއްޞަ ހަފްލާއެއް ވަނީކަސްޓަމްސް ބިލްޑިންގ ގައި ބާއްވައިފި އެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.
ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ 2022 ވަނަ އަހަރުގެ ޝިޔާރުކަމަށްވާ "ޑޭޓާއަށް ފަހި ވެއްޓެއް ޤާއިމްކުރުމަށް ޑޭޓާ ސަޤާފަތެއް އަށަގަންނުވައިގެން ކަސްޓަމްސްގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމުގައި ކުރިއަރައިދިޔުން"، މި ޝިއާރުގެދަށުން ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާ 05 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މެރިޓް ސެޓްފިކެޓް ދެއްވުން މިހަފްލާގައި އޮތެވެ. މި އޮފިސަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.
އެ ޖަމްޢިއްޔާއިން ދެއްވާ މެރިޓް ސެޓްފިކެޓް ދޭނެ އޮފިސަރުން ކަޑައެޅުމުގައި ބަލާފައިވަނީ، ކަސްޓަމްސްގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުން އަވަސްކޮށް ފަހިކުރުމަށްޓަކައި ކަސްޓަމްސްގައި ޑާޓާ ކަލްޗަރ އެއް ގާއިމުކޮށް، ނިންމުންތަށް ނިންމުމުގައި ޑާޓާގެ ބޭނުން ހިފައި އަދި ހިފުމަށް ހިއްވަރުދިން އޮފިސަރުންނާއި، ޑާޓާ އިކޯސިސްޓަމެއް ގާއިމުކޮށް ނުވަތަ އިތުރަށް ހަރުދާނާކުރުމަށް މަސައްކަތްކުރި އޮފިސަރުންނާއި، ރާއްޖޭގެ ނުވަތަ ބައިނަލްއަގުވާމީ މުއައްސަސާތަކާއެކު ޑާޓާ ބަދަލުކޮށް ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރި ފަރާތްތަކަށެވެ.
މި ހަފްލާގައި ކަސްޓަމްސްގެ ވަރޗުއަލް ލައިބްރަރީ ލޯންޗްކުރުން އޮތެވެ. ވަރޗުއަލް ލައިބްރަރީ ލޯންޗްކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޒެވެ. މިއަދު ލޯންޗް ކުރެވިގެންދިޔަ ވަރޗުއަލް ލައިބްރަރީ އަކީ މިއަހަރުގެ ޝިއާރުކަމަށްވާ "އަންނަން އޮތް ޖީލު ބިނާކުރުން: ޢިލްމު ފެތުރުމުގެ ސަގާފަތް ކުރިއެރުވުމާއި ކަސްޓަމްސްގެ ފަޚުރު ދެމެހެއްޓުން" މިޝިޢާރާއި ގުޅޭ މުހިއްމު މަސައްކަތެކެވެ. މިގޮތުން، ކަސްޓަމްސްގެ މައި މަސައްކަތްތަކާއި ގުޅޭ މުހިއްމު މަޢުލޫމާތު ހިމެނޭ މި ވަރޗުއަލް ލައިބްރަރީގައި، ކަސްޓަމްސް ލައިބްރަރީގައި މިވަގުތު ހުރި ފޮތްތަކުގެ އިތުރުން ކަސްޓަމްސްގެ ދާއިރާގެ ކޮމްޕެންޑިއަމް ތަކާއި، ބައިނަލް އަގުވާމީ ތަމްރީނުތަކުގައި ބޭނުންކުރާ ޓްރެއިނިންގ މެޓީރިއަލްތައް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން، މިޙަފްލާގައި ހާމަނައިޒްޑް ސިސްޓަމްގެ ދާއިރާއިން ލޯކަލް އެކްސްޕާޓުންގެ ގޮތުގައި ކަނޑައެޅުނު 19 އޮފިސަރުންނަށް އެކަމުގެ ހަނދާނީލިޔުން ހަވާލުކުރުން އޮތެވެ. ލޯކަލް އެކްސްޕާޓުންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މުހައްމަދު މާނިޢުއެވެ. އެޗް.އެސް އެކްސްޕާޓުން އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ، މުދާ ގިންތިކުރުމުގެ މަރުހަލާގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް، ޢިލްމާއި ތަޖުރިބާ ލިބިފައިވާ ގާބިލް އޮފިސަރުން އުފެއްދުމެވެ. މިކަމުގެ ސަބަބުން ވިޔަފާރިވެރިންނާއި ޢާންމުންނަށް ޖަވާބުދާރީވެވޭނެ އަވަސް ނިޒާމެއް ޤާއިމުކުރެވި،ކަސްޓަމްސްއިން ދޭ ހިދުމަތްތައް އަވަސްވެގެން ދާނެއެވެ.
މިޙަފްލާ ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި ޓެކްނިކަލް އެކްސްޕާޓުންތަކެއް ކަނޑައެޅިގެންދިއުމަކީ، ވިޔަފާރިއަށްފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެންދިޔަ މުހިއްމު ބޮޅެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމްސްއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާއަށްވީ ހިނދު، ކަސްޓަމްސްގެ ތާރީޚާއިގުޅޭގޮތުން ފޮތެއް ލިއުމަކީ، މި އަހަރުގެ ޝިޢާރާއި ގުޅިގެން ކުރެވިދާނެ އެންމެ މުހިއްމު އެއް މަސައްކަތްކަން ފާހަގަކުރެއްވައި، މި މަސައްކަތް ޚާއްސަ އިސްކަމެއްދީގެން ނިންމުމަށް އިލްތިމާސްކުރެއްވިއެވެ.