ދުނިޔޭގެ އެންމެ ބޮޑު ހައިބްރިޑް މަތިންދާބޯޓުގެ ޑިޒައިން އިނގިރޭސިވިލާތުގައި ދައްކާލައިފި

އިނގިރޭސި ކުންފުނި އިލެކްޓްރިން އޭވިޝަން ގްރޫޕް (އީއޭޖީ) އިން އުފެއްދުމަށް މަސައްކަތްކުރާ ހައިބްރިޑް އިލެކްޓްރިކް ރީޖަނަލް އެއާކްރާފްޓް (ހެރާ)

ދުނިޔޭގައި ތިމާވެއްޓާ ރައްޓެހި ކަރަންޓާއި ޖެޓް ފިއުލް ހަކަތައިގެ ގޮތުގައި ބޭނުންކުރާ ހައިބްރިޑް މަތިންދާބޯޓެއްގެ ޑިޒައިން އިނގިރޭސިވިލާތުގެ ކުންފުންޏަކުން ހާމަކޮށްފިއެވެ. 70 މީހުންނަށް ދަތުރުކުރެވޭ މި މަތިންދާބޯޓު ވެގެންދާނީ މިފަދަ އެންމެ ބޮޑު މަތިންދާބޯޓަށެވެ.

'ދަ ހައިބްރިޑް އިލެކްޓްރިކް ރީޖަނަލް އެއަކްރާފްޓް' (ހެރާ) ގެ ނަމުން ނަންދެވިފައާ އެ މަތިންދާބޯޓަށް 800 ނޯޓިކަލް މޭލުގެ ރާސްތާއަށް ދަތުރުކުރެވެއެވެ. އަދި އެ މަތިންދާބޯޓުގެ އެފެއްދުމަށް މަސައްކަތްކުރާ އިލެކްޓްރިކް އޭވިއޭޝަން ގްރޫޕް (އީއޭޖީ) ބެޓެރިން ހަކަތަ ލިބުން އިތުރަށް ރަނގަޅުވުމުން 1200 ނޯޓިކަލް މޭލަށް އެ ބޯޓަށް ދަތުރުކުރެވޭނެއެވެ.

"19 މީހުންނަށްވުރެ މަދުން ދަތުރުކުރެވޭ، މުޅިން ކަރަންޓް ބޭންންކުރާ މަތިންދާބޯޓެއް ހަދަން ގިނަ އަދަދެއްގެ ފައިސާ ހޭދަކުރެވިއްޖެ. އަހަރުމެން ގަބޫލުކުރާ ގޮތުގައި މިއީ ގޯސް ސްޓެރެޓެޖީއެއް." އީއޭޖީގެ ބާނީ އަދި ސީއީއޯ ކާމްރާން އިޤްބާލް ވިދާޅުވިއެވެ.

"އަހަރުމެން ޑިޒައިން މިކުރަނީ 2028 ވަނަ އަހަރު ބާޒާރަށް ނެރޭއިރު، ފުރަތަމަ 800 ނޯޓިކަލް މޭލުގެ ރާސްތާއަށް ދަތުރުކުރާނެ އަދި 70 މީހުންނަށްވުރެ ގިނައިން އުފުލޭނެ މަތިންދާބޯޓެއް. 4.4 ޓްރިލިއަން ޑޮލަރުގެ ބޮޑު މާކެޓަކަށް ވާނެ ކަމަށް ބެލެވޭ މި މާކެޓުގައި އަހަރުމެން ވާނީ އެންމެ ކުރިން ހަރަކާތްތެރިވާ ބަޔަކަށް." އިޤްބާލް ވިދާޅުވިއެވެ.

އީއޭޖީން ލަފާކުރާ ގޮތުގައި ހެރާ މަތިންދާބޯޓު ދުވާލު ބޭނުންކުރެވޭނީ ފަސިންޖަރުން އުފުލުމަށެވެ. އަދި ރޭގަނޑު ކާގޯ އުފުލުމަށެވެ.

މިހާރު ތަރައްގީކުރެވެމުންދާ މި މަތިންދާބޯޓުގެ ޑިޒައިނާ ގުޅޭ 25 ޕޭޓެންޓެއް އީއޭޖީން މިހާރު ވަނީ ރަޖިސްޓަރީކޮށްފައެވެ. އަދި ލަފާކުރެވޭ ގޮތުގައި މި މަތިންދާބޯޓު ބާޒާރަށް ނުކުންނާނީ 2028 ވަނަ އަހަރުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.