މިނިވަންކަން ދެމިއޮންނާނީ ސުލްހައިގެ މަތީގައި: ރައީސުލްޖުމްހޫރިއްޔާ

މިނިވަންކަން ދެމިއޮންނާނީ ސުލްހައިގެ މަތީގައި ކަމަށް ވިދާޅުވެ ސުލްހަވެރިކަމާއި އެއްބައިވަންތަކަމަށް ބާރު އަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައިފިއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާޠަބް ކުރައްވައި ދެެްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު، އަޅުގަނޑުމެންނަށް މިނިވަންކަން ލިބުނު ގޮތާއި، މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެއެވެ. ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ޞުލްޙަވެރިކަމާއި ޙިކްމަތްތެރިކަމާއެކު ކުރި މަސައްކަތުންނެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރެވިފައި މިވަނީ، މި ދެންނެވި އަސާސްގެ މަތީގައި. މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ޤައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން. އަޅުގަނޑުމެންގެ ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ޤައުމުގެ ކަންކަން ހިންގުމުގެ މައްޗަށް. މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ޤައުމުގެ އެންމެ މަތީ މަޞްލަޙަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ވާހަކަ. ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުޞަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން."

ސިޔާސީ ވާދަވެރިކަމާއި ބައިބައިވުމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށާއި މުޅި ޤައުމަށް ކަމަށް ވިދާޅުވެ، ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.

"ތިޔަބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުޙަބާ ކިޔާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތްކުރާނީވެސް، ޞުލްޙަވެރިކަމާއި ހަމަޖެހުމުގެ މައްޗަށް ބިނާވެފައިވާ ޚާރިޖީ ގުޅުންތަކުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިނިވަން ޤައުމެއްގެ އުފަލާއި ފަޚުރުވެރިކަން ފާހަގަކުރާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި، އެހެން ޤައުމުތަކާ އެކުގައި ކުރަންޖެހޭ މަސައްކަތްތަކުގެ މުހިންމުކަން މިއަދު މިވަނީ އިތުރުވެފައި. ކޯވިޑް-19ގެ ތެރެއިންވެސް މި ޙަޤީޤަތް އިތުރަށް ޔަޤީންވެއްޖެ. އެއްވެސް ޤައުމަކަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަހެރިވެގެން ނޫޅެވޭނެކަން، މިވަނީ ވަރަށް ރަނގަޅަށް ސާބިތުވެފައި. ތިމާވެށީގެ ގެއްލުންތަކުން ދުނިޔެ ސަލާމަތް ކުރުމުގައިވެސް، މަސައްކަތްކުރަން ޖެހިފައި މިވަނީ، ހުރިހާ ޤައުމުތަކެއް އެކުވެގެން އެއް ވިސްނުމެއްގައި. ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިނުވާ އެއްވެސް ޤައުމެއް މިހާރަކު ނެތް. މި ނުރައްކަލުން ދުނިޔެ ސަލާމަތް ކުރެވޭނީ، ހުރިހާ ޤައުމުތައް އެކުގައި، މިހާރަށްވުރެ ބޮޑަށް ޞުލްޙައަށް މަސައްކަތް ކޮށްގެން. އަޅުގަނޑުމެން ދިވެހިން މިތިބީ، މިހުރިހާ ކަމެއްގައިވެސް، ދުނިޔޭގެ އެހެން ޤައުމުތަކާ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.