މިނިވަންކަމަށް 57 ފުރޭއިރު މިނިވަން ނޫސްވެރިކަން އޮތީ ނޭވާ ހޮޅިއަށް އެޅިފަ: ނާޒިމް

ރާއްޖޭގެ މިނިވަންކަމަށް 57 ފުރޭއިރު ޑިމޮކްރަސީގެ އެއް އަސާސް ކަމަށްވާ މިނިވަން ނޫސްވެރިކަން ނޭވާ ހޮޅިއަށް އެޅިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްކި ޚިތާބުގައި ނާޒިމް ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ ހައްގުގައި ހިލި ހިލާ ޖެހިފައިވާ ކަމަށެވެ.

އެމްއެންޕީގެ ވެރިކަމެއްގައި ދިވެހިންގެ މިނިވަންކަމަށް ބުރު އަރާފާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ދިވެހިންގެ ލޮބުވެތި ފަސްގަޑުން ހަމަ ހިލާ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

"ދައުލަތާއި ސަރުކާރުގެ ޚިދުމަތާ އެކަށީގެން ނުވާވަރަށް ދައުލަތް ބޮޑުކޮށް، އިސްރާފް ފޫބެއްދުމަށް ހަރުދަނާ ފިޔަވަޅެއް ނޭޅި އިރު ރައްޔިތުން އަތުންނަގާ ޓެކްސް އިތުރު ކުރުން އެއީ ހަމައެކަނި ހައްލުކަމަށް ގަބޫލު ނުކުރެވޭ." ނާޒިމް ވިދާޅުވެއްޖެއެވެ.

ޚިތާބެއްގައި ނާޒިމް ވިދާޅުވީ ބާޒާރުގައި މުދަލުގެ އަގު ބޮޑުވެ، އާންމު ދިވެހިންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދައްވަމުންދާ ކަމަށެވެ. ނާޒިމް އިތުރަށް ވިދާޅުވީ މި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު އެތައްބައެއްގެ ހިތްތަކުގައި ސުވާލު އުފެދިފައިވާ ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި ވަނީ ދިވެހިންގެ މަސްލަހަތު އިސްކޮށްގެންތޯ، އެތައްބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.