ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (6)

(17 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

2 ޖެނުއަރީ 1953، ހުކުރު ދުވަސް ހެނދުނު

(33) އަޅުގަނޑުމެން އެންމެންވެސް، ކައިރި ރަށަކަށް ޒިޔާރަތްކޮށްލުމަށް، މރ. އަމީންދީދީ ބޭނުންފުޅުވިއެވެ. އެހެންނަމަވެސް، ނަޞީބުދެރަކަމުން، އެކަން އެގޮތަށް ހަމައެއް ނުޖެހުނެވެ. ކަނޑުގަދަކަމުގެ ސަބަބުން، އަޅުގަނޑުމެން އެންމެންނަށްވެސް ފެނުނީ، ސިލޯނުގެ މަނަވަރުގައިނަމަވެސް، އެދަތުރު ކުރުމަކީ، ކުރެވޭވަރުގެ ކަމެއްނޫންކަމަށެވެ. އެހެންކަމުން، ނުރަސްމީކޮށް، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން، ކައިރި ރަށަކަށް ޖައްސާލައި، ރަށުތެރެ ބަލައިލީމެވެ. އެކަމާ އަޅުގަނޑުމެން އެއްވެސް އެއްޗެކޭ ނުބުނިނަމަވެސް، މރ. ޙިލްމީދީދީ ވަޑައިގެން، ތަފުޞީލުތައް ވިދާޅުވެދެއްވުމަށްފަހު، ޒުވާން ކުއްޖެއްގެ ގާތުގައި އަޅުގަނޑުމެންނަށް ރަށުތެރެ ދައްކާލުމަށް ބުރެއްޖަހާލުމަށް ވިދާޅުވިއެވެ.

މި ޒުވާނާއަކީ، އިނގިރޭސިބަހަށް ވަރަށް ފަރިތަ، އަދި ލަފާކުރެވޭގޮތުގައި، މުއާޞަލާތާބެހޭ ވަޒީރެވެ. މީނާއާއެކު، އަޅުގަނޑުމެން ރަށުގެ ހުރިހާ އަވަށަކަށް ގޮސް، އެމީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލީމެވެ. އަވަށްތައް އޮންނަނީ ވަރަށް ރަނގަޅަށް ސާފުކޮށް، ބެލެހެއްޓިފައެވެ. އަދި އެއް އަވަށް އަނެއް އަވަށާދެމެދު، ވަރަށް ބޮޑު ވާދަވެރިކަމެއް އޮންނަނީ އުފެދިފައެވެ. އަވަށް އަވަށަށް ދެވިފައިހުންނަ ކުލަ، އެއަވަށެއްގެ ހުރިހާ ދިމާލަކުންވެސް ފެންނަން ހުރެއެވެ. މަގުގެ ނަންބޯޑާއި، ގޭގޭގެ ނަންބޯޑާއި، ހޮޅުއަށިފަދަ ތަންތަނުންނެވެ. ކޮންމެ އަވަށެއްގައިވެސް، ސަރުކާރުގެ މަދަރުސާއަކާއި ސައިހޮޓަލެއް ޤާއިމްކުރެވިފައި ހުރެއެވެ.

(34) ދުޅަހެޔޮ ޞިއަޙަތަކަށް ބޭނުންވާ ސާފު ވައި ލިބުމާއި، ގޭތެރޭގައި ގެންގުޅޭ ޖަނަވާރު ނުފެނުމާއި، އަޑެއްބަޑެއް ނެތް، ހަމަހިމޭންކަމާއި، ހުރިހާދިމާލަކުންވެސް ފެންނަ، އާދަޔާޚިލާފު ސާފުތާހިރުކަމަކީ، އަނެއްކާވެސް، އަޅުގަނޑުމެން އަޅައިގަތް ކަމެކެވެ. މާލެ ބޮޑަށް ސިފަކުރެވެނީ، ފެހިރަށުގެ ގޮތުގައެވެ. އެއީ ފަސޭހަކަމާއެކު، މީހުން އެއްވެ، މަސްހުނިވެ އުޅުމާއި އޭގެ އަސަރު ނުފޯރާފަދަގޮތަކަށް މާލެ ތަޞައްވުރު ކުރެވޭތީމެއެވެ. ހުޅަނގުގެ ދިރިއުޅުމުގެ ފެންވަރާއި ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ފެންވަރު، ހާސްބައި ދަށްކޮށް، ތަފާތުވެފައި އޮތުމަކީ، ޙަޤީޤަތްކަމުގައި ދެންނެވިދާނެއެވެ. އެހެނަސް، މިމީހުންގެ ދިރިއުޅުމުގެ ޙާލަތަކީ، އެމީހުންނަށް ފުދިފައި އިތުރުވާފަދަ ފުރިހަމަ މިންވަރެކެވެ. މާބޮޑު މުއްސަނދިކަމެއް ނެތްއިރު، ބަނޑުހައިހޫނުކަން ނުވަތަ، ފަޤީރުކަމެއްވެސް ނެތެވެ.

ސިލޯނުގެ މަގުމަތިން ޢާންމުގޮތެއްގައި ފެންނަ، ސަލާންޖަހާމީހުންނާއި، ހަޑިމުޑުދާރުކޮށް ތިބޭމީހުން މިތަނަކުން އެއްގޮތަކަށްވެސް ނުފެނެއެވެ. އަދި ހަމައެހެންމެ، ބޮޑެތިކުށްކުރާ މީހުންނެއްވެސް ނޫޅެއެވެ. ސިފައިންނާއި ޖަލެއް ނުހުރެއެވެ. ޒުވާންބައެއްކުދިންނަށް މަދުމަދުން ކުރެވޭ، ވަށްކަންކުރުންފަދަ، އާދައިގެ ކުދިކުދި ކުށްކުށަށް ދެވޭ އަދަބުގެ ތެރޭގައި، ކަނޑައެޅޭ މުއްދަތަކަށް، ދުރު ރަށަކަށް އަރުވައިލުން، ނުވަތަ ހައްދުޖެހުންފަދަ އަދަބުތައް ދެވެއެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިނުގޮތުގައި، ދިވެހިރާއްޖޭގައި ފައިލޭރިއާއާއި، ޓީބީގެ ބަލިމީހުން އުޅެއެވެ. މިއީ، މިފަދަގޮތަކަށް ދިރިއުޅުން ބަށްޓަންވެފައިވާ، އާދައިގެ ދިރިއުޅުމެއް އުޅޭ ބަޔަކަށް ބަލާއިރު، ޙައިރާންވާންޖެހޭ ކަމެއްނޫނެވެ. މިދެބައްޔަކީވެސް، ސިލޯނުގައި އުޅޭ ދެބައްޔެވެ. އަދި ސިލޯނު ސަރުކާރަށް މިކަންވަނީ ވަރަށްބޮޑުކަމަކަށް ވެފައެވެ.

މރ. އަމީންދީދީގެ އުފެއްދުންތެރި އެއް ޚިޔާލުފުޅަކީ، އަސާސީ ޚިދުމަތް ތަޢާރުފު ކުރެއްވުމެވެ. ކިޔެވުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމަކަށް ހެއްދެވުމެވެ. ސިލޯނުގައިހެން، ޤައުމީ މާދަރީބަހަކީ، މަޖުބޫރު މާއްދާއަކަށް، އެމަނިއްޕުޅެއް ނުހައްދަވައެވެ. “އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ، އިނގިރޭސި މީޑިއަމުން، އިނގިރޭސިބަސް އުނގެނުމެވެ. ޤައުމެއް ތަރައްޤީވެ ކުރިޔަށް ދިއުމުގައި، ބައިނަލްއަޤްވާމީ ބަސްމޮށުންތެރިކަމެއްލިބި، ބޭރުބަހަކަށް އަހުލުވެރިވުން ލާޒިމެވެ.” ޚަބަރުފަތުރާ ވަޞީލަތްތަކަށް ދެއްވި ބަސްދީގަތުމެއްގައި، މރ. އަމީންދީދީ ވިދާޅުވެފައިވެއެވެ.

2 ޖެނުއަރީ 1953، ހުކުރު ދުވަސް ހަވީރު

(35) ހުކުރުދުވަހުގެ ހަވީރު، ދޯނިރޭހެއް ބޭއްވުނެވެ. މިރޭހުގެ އިނާމު ދެއްވީ، މރ. އަމީންދީދީއޭ ދެންނެވުން އައުކަމަކަށް ނުވާނެއެވެ. މިރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތެއް އަޅުގަނޑަކަށް ނުލިބުނެވެ. އެހެން ނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި، މިއީ ވަރށް ފޯރިގަދަ މަޖާ މުބާރާތަކަށްވިއެވެ. މިރޭހުން އެއްވަނަޔަށް ދިޔައީ، މރ. އަމީންދީދީގެ، ޒުވާން އަންހެންބޭފުޅާގެ ދޯނިކޮޅެވެ. މިދޯނިކޮޅުވަނީ، މުބާރާތް ފެށުނުތަނާހެން، މުބާރާތުން ވެކިކުރެވިފައެވެ. މިމުބާރާތް ހިނގަމުންދިޔައިރު، އެޗް. އެމް.އެސް. ސިލޯނުގެ މަނަވަރުސިފައިން، ބޭންޑްގައި މިއުޒިކު ކުޅެމުންގެންދިޔައެވެ. ދެންއޮތީ، ފުޓްބޯޅަ މެޗެކެވެ. މިމެޗް ކުޅެވުނީ، ދިވެހިންނާއި . އެޗް. އެމް. ސީ . އެސް ވިޖެޔާގެ މަނަވަރުސިފައިންނާ ދެމެދުގައެވެ. މިމެޗުގައި، ރައީސްކުޅުއްވާފައެއް ނުވެއެވެ. އެމަނިއްޕުޅު ވިދާޅުވިގޮތުގައި، ޖެހިގެން އަންނަ ހަފުތާގައި ބޭއްވޭ، ޤައުމީ ޓެނިސް މުބާރާތުގައި، އެމަނިއްޕުޅު ބައިވެރިވެވަޑައިގަންނަވާނެއެވެ. ފުޓްބޯޅަ މެޗުގެ ނަތީޖާވީ އެއްވަރެވެ. ކޮންމެ ކޮޅަކަށްވެސް 6 ގޯލު ވަނެވެ. އެހެން ނަމަވެސް، އެޗް. އެމް. އެސް. ސިލޯނުގެ ސިފައިންނަށް ހޯދުނު ކާމިޔާބީ، އެޗް. އެމް.ސީ .އެސް ވިޖެޔާގެ ސިފައިންނަށް ހޯދިފައެއް ނުވެއެވެ. ދިވެހިޓީމާ ބައްދަލުކޮށް ތިނެއް ސުމަކުން، އެޗް. އެމް. އެސް. ސިލޯނުގެ ޓީމު ވަނީ މޮޅުވެފައެވެ.

ރަސްމިއްޔާތު ނިންމުމުގެ ގޮތުން، ޝާހީ ކަނޑުގެ ސިފައިންގެ ބޭންޑުގެ ފަރާތުން، ބިލަތްމީރު ކޮށްލުމެއް، ކުޑަގޮތަކަށް ތައްޔާރުކުރިއެވެ. މރ. އަމީންދީދީގެ ހުއްދަޔާއެކު، ޝާހީ ކަނޑުގެ ސިފައިންގެ ދިދަ ފުޓްބޯޅަ ދަނޑުގައި ނެގިފައިހުއްޓެވެ. ހަވީރުވެ، އިރުއޮއްސިގެންއައި ވަގުތު އެދިދަ ތަންކޮޅެއް ތިރިކޮށްލެވުނެވެ. އަދި ކަނޑުގެސިފައިންގެ ބޭންޑްގައި މިޔުޒިކު ކުޅެވުނެވެ. މިކަންކަމަކީ، ކުޑައިކޮށް ވިއްސާރަވެ، އެމީހުން ތެމިލި ނަމަވެސް، ކުޅިބަލަންގޮސްތިބި ދިވެހިންނަށް، ޚާއްޞަކޮށް ޖިންސުއްލަތީފުން، ވަރަށް ގަޔާވިކަމަކަށްވިއެވެ.

2 ޖެނުއަރީ 1953، ހުކުރު ދުވަސް ރޭގަނޑު

(36) ދިވެހިރާއްޖޭގެ ރައީސްގެ ޝަރަފުގައި، ސިލޯނުގެ މަންދޫބު ދެއްވި ކޮކްޓޭލް ޕާރޓީއެއް، އެރޭގެ އިރާކޮޅު އޮތެވެ. މިޕާރޓީގައި ރަލުގެ ބާވަތްތަކުގެ ބުއިންތައް ހުއްޓެވެ. އެޗް. އެމް. ސީ . އެސް. ވިޖެޔާގެ މަނަވަރުސިފައިންވެސް މިޕާރޓީގައި ބައިވެރިވިއެވެ. މިޕާރޓީ ބާއްވަން ހަމަޖެހިފައިއޮތް ގަޑިއާދިމާކޮށް، ވިއްސާރަވުމުގެ ސަބަބުން، ޕާރޓީ ނުބޭއްވޭނެކަމަށްވެސް ބެލެވުނެވެ. އެހެން ނަމަވެސް، ހަމަ ގަޑިއަށް، ވާރޭވެހުން މެދުކެނޑިގެން ދިއުމާގުޅިގެން ޕާރޓީ ބޭއްވޭގޮތް ވީއެވެ. މިޕާރޓީ ހަމަ ނިމުމާއެކުހެން، ދިވެހި ޢިއްޒތްތެރިންނާއި، އެހެނިހެން މެހެމާނުން ވަޑައިގަތީ، އަޅުގަނޑުމެން ދެމަފިރިންނާއެކު، ރޭގަނޑުގެ ފަރީއްކޮޅެއްގައި ބައިވެރިވެ ވަޑައިގަތުމަށް، އެޗް،. އެމް. އެސް . ސިލޯނަށެވެ. ކެޕްޓަން ސްޓޮޕްފޯރޑުގެ ހުއްދައާއެކު، އަޅުގަނޑުމެން، މިޕާރޓީ ބާއްވަން ނިންމާފައިއޮތީ، ކްއާރޓަރ ޑެކް މަތީގައެވެ. އެހެންނަމަވެސް، ޑެކްމަތި އޮތީ ތެމި ފެންހެދިފައި ކަމަށްވާތީ، ވޯރޑް- ރޫމުގެ ރައީސްގެ ހުއްދައާއެކު، މިޕާރޓީ ބޭއްވުނީ ވޯރޑް ރޫމްގައެވެ.

އެއީ ވަރަށް އުފާވެރި، މަޖާ ޕާރޓީއެކެވެ. އަދި ދިވެހި ޢިއްޒަތްތެރިންވެސް، ވަރަށް ހިތްގައިމުކަމާއެކު މިޕާރޓީގެ އުފަލުގައި ބައިވެރިވިކަމަށް ފެނެއެވެ. ކެޕްޓަން ސްޓޮޕްފޯރޑާއި އަޅުގަނޑާ ދެމީހުން މަޝްވަރާކުރުމަށްފަހު، ދިވެހިންގެ އާދަކާދައިގެ މަތިން، އެޕާރޓީގައި ހަމައެކަނި ލުއިބުއިން ބެހެއްޓުމަށް ނިންމީމެވެ. މރ. އަމީންދީދީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ކަމަކަށް މިކަން ވިއެވެ. އަދި އެކަމަށް އެމަނިއްޕުޅު، އަޅުގަނޑަށް، ޝުކުރު އަދާވެސް ކުރެއްވިއެވެ. މިޕާރޓީ ނިމިގެންދިޔައީ، ދިވެހިރާއްޖޭގެ ރައީސްގެ ނަންފުޅުގައި އަޅުގަނޑުނެގި ޓޯސްޓަކުންނާއި، ޢިއްޒަތްތެރި އިނގިރޭސި ރާނީގެ ނަންފުޅުގައި، ދިވެހިރާއްޖޭގެ ރައީސް ނެންގެވި ޓޯސްޓަކުންނެވެ. ފަރީއްކޮޅު ނިމުމާއެކު، ކެޕްޓަން ސްޓޮޕްފޯރޑްގެ ފަރާތްޕުޅުން، މަނަވަރުގެ ތާޖަކާއި، މަނަވަރުގެ ފޮޓޯއެއް، ރައީސަށް އެރުއްވިއެވެ.

އަޅުގަނޑުމެން އުއްމީދުކޮށްގެންތިބީ، މަނަވަރުގެ ބައިސްކޯފު މާލަމުގައި، ދިވެހި ޢިއްޒަތްތެރިންނަށް، ފިލްމެއް ދައްކާލުމަށެވެ. މިކަންވެގެންދާނީ، ދިވެހިންނަށް ވަރަށް އާ ކަމަކަށެވެ. އެހެންނަމަވެސް، ފަރީއްކޮޅު ދިގުލައިގެން ދިއުމުގެ ސަބަބުން، މިކަން ކުރެވޭގޮތެއް ނުވިއެވެ. އެންމެ ބޭފުޅުން މަނަވަރުން ފައިބާވަޑައިގެން، އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމުގެ ކުރިން، އެބޭފުޅުންނަށް، އަލްވަދާޢު ދަންނަވާ، ވަކިވުމުގެ ސަލާންކުރީމުއެވެ. އަދި އެބޭފުޅުންގެ ފަރާތްޕުޅުން ދެއްވި، ހިތްގައިމު ޕާރޓީއަށްޓަކާ، ޝުކުރު ދެންނެވީމެވެ. އަޅުގަނޑުމެންނަށް އިޙުސާސްކުރެވުނީ، ގާތް ރަޙުމަތްތެރިންތަކަކާ ވަކިވުމުގެ ހިތި އިޙުސާސެވެ.

3 ޖެނުއަރީ 1953، ހޮނިހިރު ދުވަސް ހެނދުނު

(37) އެޗް، އެމް،އެސް. ސިލޯނު، މާލޭގެ ބަނދަރުން ނައްޓާލީ، ފަތިހުގެ ގަޑިއެއްގައެވެ. ކުޑަހިނދުކޮޅަކުން، އާރ. އޭ.އެފްގެ ސަންޑަރލޭންޑް، މަތިން އައިސް އަޅުގަނޑުމެންގެ މަނަވަރުގެ މަތިން ބުރެއްޖަހާލިއެވެ. މިބޯޓުގައި ދަތުރުކުރެއްވީ، އެއަރ ކޮމޮޑޯރ، ކޮކްސްގެ ޕާރޓީއެވެ. އަޅުގަނޑު، މަނަވަރުން، ވަޔަރލެސް މެދުވެރިކޮށް، މރ. އަމީންދީދީއާ މެސެޖް ބަދަލުކުރީމެވެ. އަނެއްކާވެސް، 3 ދުވަހުގެ ވަރުބަލިކަމަށްފަހު، އެއްވެސް ކަމެއްނެތް، ވަރުބަލިފިލުވާލުމުގެ އުފާލިބުނު، ދަތުރެއް ފުރިހަމަ ކުރީމުއެވެ. ހެނދުނު ގަޑީގައި އަޅުގަނޑަށް މަނަވަރު ދައްކާލެވުނެވެ. އަދި މެންދުރު ކެއުމުގެ ކުރިން، އަޅުގަނޑުމެން ދެމަފިރިން މުނިފޫހިފިލުވައިދިނުމަށްޓަކައި، މަނަވަރު ސިފައިން، ކްއާރޓަރ ޑެކްގައި، އެކި ޙަރަކާތްތައް ދައްކާލިއެވެ.

މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން، ވޯޑް ރޫމުގެ އެންމެ ޒުވާން އޮފިސަރގެ ފަރާތުން، ހޮނިހިރުދުވަހުގެ ރޭ،”ހިތުގެ ލޯބިވެރިންނާއި އަނބީން”ގެ ނަމުގައި ޓޯސްޓެއް ދިނުމަކީ، އެޗް. އެމް، އެސް މަނަވަރުފަހަރުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވޯރޑް ރޫމާ އެންމެ ފަހުން ގުޅުނު އޮފިސަރުގެ ޙައިޞިއްޔަތުން، ކެޕްޓަން ޝޯވް، މިކަން އަޅުގަނޑަށް، އަންގަވައިލެއްވުމުން، އަޅުގަނޑު، އެއްގޮތަކަށްވެސް، ޙައިރާނެއް ނުވަމެވެ. ބީބީސީ އާއި އެމެރިކާގެ މުރާސިލުންނަކީވެސް، ކެއުން އިންތިޒާމްކުރާ މާލަމުގެ، ޝަރަފުވެރި މެންބަރުންނެވެ. އެމީހުން މަނަވަރަށް އެރީ އަޅުގަނޑަށްވުރެ، ގަޑީއެއްހާއިރު ކުރިންނެވެ. މި ޝަރަފުވެރި ޢިއްޒަތާއި މަސްއޫލިއްޔަތު، އަޅުގަނޑުގެ ކޮނޑުގައި އެޅުނެވެ. އަޅުގަނޑުގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ރަނގަޅަކަށް، އަޅުގަނޑު އެކަން ބަލައިގަތީމެވެ. އެދުވަހުގެ ހަވީރު ނިމިގެންދިޔައީ، ލަވަކިޔުމާއި އުފާވެރިކަމުގެ ތެރެއިންނެވެ. ބައެއް ލަވަތަކުގައި، ލޭޑީ ސަޔަރްސް ބައިވެރިވެވަޑައިގެން ޕިއާނޯ ކުޅުއްވިއެވެ.

4 ޖެނުއަރީ 1953، އާދީއްތަ ދުވަސް

(38) އަޅުގަނޑުމެން ކޮޅުނބަށް އައީ 4 ޖެނުއަރީ 1953 ވީ އާދީއްތަދުވަހުގެ މެންދުރު 11 ޖެހިއިރުއެވެ. އަދި ކޮޅުނބުގެ ބަނދަރުގައި މަނަވަރުއެޅީ، 11.30 ގައެވެ. އަޅުގަނޑުމެންގެ މަނަވަރު، ސިލޯނާ ކައިރިވުމުގެ ކުރިން، ކުޑަމަތިންދުއްވާބޯޓެއް އައިސް، މަނަވަރުގެ ވަށައިގެން އެނބުރި، މަތިން ބުރުއެޅިއެވެ. އެއީ ސިލޯނުގެ އެއަރ އެކަޑަމީގެ މަތިންދުއްވާ ބޯޓެކެވެ. އަޅުގަނޑުގެ ސީނިއަރ ސެކްރެޓަރީގެ ދެމަފިރިން އެބޯޓުގައި ތިއްބެވިއެވެ. މރ. އެޑެއަރއަކީ، ވައިގެ އުދުހުންތަކުގައި ވަރަށް ތަޖުރިބާކާރު، އަދި ކުޅިވަރެއްގެގޮތުގައި އެކަންކުރައްވާ ބޭކަލެކެވެ.

އަޅުގަނޑުމެންނަށް މަރުޙަބާ ކިޔުމުގެ ގޮތުން، އެކަން އެގޮތަށް ކުރައްވާނެކަމުގައި، އޭނާވަނީ އަޅުގަނޑަށް ހަނދާންކޮށް ދެއްވާފައެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ދަތުރު ފެށިއިރު، ޝާހީ ވައިގެ ލަޝްކަރުން ވަނީ މިގޮތަށް މަރުޙަބާ ކިޔާފައެވެ. އަދި ދަތުރު ނުމުނު އިރު، ހަމަ އެގޮތަށް، އިނގިރޭސި ހައިކޮމިޝަނުން، އެވަނީ މަރުޙަބާ ކިޔާފައެވެ. އަޅުގަނޑުމެން، މަނަވަރުން ފޭބީ ވަރަށް ދެރަވެފައިތިބެއެވެ. މަނަވަރުގެ ހުރިހާ އޮފިސަރުންގެ ފަރާތްޕުޅުން ލިބުނު ހިތްހެޔޮ ކަމާއި މެހެމާންދާރީގެ ހަނދާންތައް ހިތުގައި ބިންވަޅުނެގިފައި އޮވެމެ، އެހަނދާންތަކާ ވަކިވުމުގެ ހިތާމައާއި މޮޅިވެރިކަމުގައެވެ.

ޖެހިގެން އައިދުވަހު، ގަލްފު ކަނޑަށް، އެމަނަވަރު ނައްޓާލި ދަތުރުގައި، ފުރުޞަތު ލިބުނުނަމަ، އުފަލާއެކު، އަޅުގަނޑުމެން ދިޔައިމުހެވެ. އަޅުގަނޑުމެން މަނަވަރުން ފޭބުމުގެ ކުރިން، މަނަވަރުގެ އޮފިސަރުންގެ ފަރާތުން، ހަނދާނީ ހަދިޔާއެއް އަޅުގަނޑަށް ދެއްވިއެވެ. އެހަދިޔާގައި”އެޗް. އެމް. އެސް. ސިލޯނު، 29 ޑިސެމްބަރ 1952 އިން 4 ޖެނުއަރީ 1953، ދިވެހިރާއްޖެ”މިހެން ލިޔެވިފައި ވެއެވެ. އަޅުގަނޑުމެން އެއްގަމަށް ދިޔައީ އެޑްމިރަލްގެ ބާޖުގައެވެ. އެންމެ ފަހުފަހަރަށެވެ. 6 ދުވަހުގެ އުފާވެރި ދަތުރަކަށްފަހު، އަޅުގަނޑުމެންގެ އަމިއްލަ ބަނގަލޯއަށް އާދެވުނީ އެދުވަހުގެ މެންދުރު 12 ޖެހިއިރުއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.