(30 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މަންމަ އާލޫ ގޯޝްތު ހަދާ. އަހަރެން ކޫރްމާ ހަދާނަން. އަދި ފޮނި އެއްޗެއްވެސް ހަދައިލާނަން. އެއްވެސް މީހަކު ޝަކުވާއެއް ނުކުރާ ވަރު ކުރަން ވާނެ." މެހެމަލް އަލުވި މަށަން ފަށައިފިއެވެ.
މުސްރަތު މާނޭވައެއް ލައިފައި ދެ އަތަކަށް ބޯ ހޫރައިލުމަށް ފަހު އަނެއްކާވެސް ތަށި ދޮންނާން ފަށައިފިއެވެ. މެހެމަލް އިތުރަށް އެ ވާހަކަ ނުދައްކާނޭކަން އޭނާއަށް އެނގެއެވެ.
އަލުވި މަށަމުން ދިޔައިރު އޭނާ ވިސްނަމުން ދިޔައީ ފަތިހު ފަރިޝްތޭ ދެއްކި ވާހަކަތަކާ މެދުގައެވެ. ގާތްތިމާގެ މީހުންނާ މެދު ހެޔޮކޮށް ކަންތައް ކުރާން އަންގަވައިފައިވާ އާޔަތްތައް ކިޔަމުން ދިޔައިރު އޭނާއަށް ބާވަތެއްގެ އުނދަގުލެއް ވަމުން ދިޔައެވެ. ޔަތީމުންގެ މުދާ ކައިއުޅޭ މީހުންނަށް އޮތް ސަޒާއަކީ ކޮބައިބާވައޭ އޭނާގެ ހިތަށް އެރިއެވެ.
"މެހެމަލް. ޔަތީމުންގެ ކުރިއަށް އައިސްފައި ވަނީ ގާތްތިމާގެ މީހުންގެ ވާހަކަ."
"އަހަންނާއި އަހަރެންގެ މަންމަ ތިޔަ ބުނާ ގާތްތިމާގެ މީހުންނަށް ރެޔާއި ދުވާލު ޚިދުމަތް ކުރާ ގޮތް ފަރިޝްތޭގެ ހިތަކަށްވެސް ނުގެނެވޭނެ."
"އެމީހުންނަށް އެ ޚިދުމަތުގެ އިހުސާސް ކުރުވަ ދޭން މެހެމަލް މަސައްކަތް ކުރިންތަ؟"
"މަންމަ ހިންދިރުވައިލައިގެން ހުރޭ. އެކަމަކު އަހަރެން މިއީ ދަރަންޏެއް ބާއްވަން ބޭނުންވާ މީހެއް ނޫން. އެމީހުން އެކަތި ކިއިއްޔާ އަހަރެން ދިހައެތި ކިޔަން. ކެއްކި ހުރިހައި އެއްޗެއް ލިސްޓު ވަގުތުން އަމުނައިލަން." އޭނާ ފަޚުރުވެރިކަމާއެކު މިހެން ބުނެފައި ފަރިޝްތޭގެ މޫނަށް ބަލައިލިއެވެ. އޭނާގެ މޫނުގެ ކުލަވަރު ފެނުނީމާ މި ދެއްކުނީ ރަނގަޅު ވާހަކައެއް ނޫންކަން ވިސްނިއްޖެއެވެ.
"މާނައަކީ ކުރި ހުރިހައި ރަނގަޅުކަމެއް ޚަރާބުކޮށް ފަސްއަޅައި ފޮޮރުވައިލަމޭ. ތިޔައީ މެހެމަލް އެމީހުންނަށް ކުރާ އަނިޔާއެއް."
"އަނިޔާއޭ؟ އަހަރެން އެމީހުންނަށް އަނިޔާ ކުރަނީއޭ؟" މެހެމަލް ހައިރާންވިއެވެ.
"އަނިޔާއަކީ ކޮބާ؟ އަނިޔާއަކީ މީހަކަށް ހައްގުވާ މިންވަރަށްވުރެ ކަމެއް ނުވަތަ އެއްޗެއް މަދުކުރުން. މީހަކު އެއްޗެކޭ ކީމާ އޭގެ ބަދަލުގައި އެވަރުގެ އެއްޗެކޭ ކިޔައިފިއްޔާ ހަމަހަމަވީ. މީހަކު ކުރާ ނުބައި ކަމެއްގެ ބަދަލު އެ މިންވަރަށް ދިނުމަކީ ހަމަހަމަވުން. އެޔަށްވުރެ ގިނައިން ދިނުމަކީ އަނިޔާ ކުރުން. އެއީ އެމީހަކަށް ހައްގުވާ މިންވަރަށްވުރެ އިތުރު ކުރުން."
"އެމީހުން ބޭނުންހައި އެއްޗެއް އަހަންނާ ދިމާއަށް ކިޔާއިރު އަހަރެން ހަމަ އަނގައިންވެސް ނުބުނާންވީތަ؟"
"މެހެމަލް އެއްޗެކޭ ކިޔައިފިއްޔާ ހަމަހަމަވީ. އެހައިތަނުން އެހެން ކަމެއްވެސް ވާނެ. އެމީހުން ކުރި ކަންތައްތަކުގެ ޝަކުވާ އެހެން ފަރާތަކަށް ހުށަހެޅުމުގެ ހައްގު މެހެމަލަށް ގެއްލިގެން ދާނެ. މާފު ކުރޭ. މާފު ކުރަން ދަސްކުރޭ. މާފު ކުރުމަކީ ކޮބައިކަން އެނގޭތަ؟"
މެހެމަލް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ.
"މާފު ކުރުމަކީ ހިތާމައެއް ކުރިމަތި ކުރުވާ މީހަކަށް ހިތާމައެއް ނުދިނުން. އެކަމުގެ އިހުސާސް އޭނާއަށް ކުރެވޭނޭގޮތްވެސް ނުހެދުން. އެއްވެސް ވާހަކައެއް ނުދެއްކުން. މާފު ކުރުމަކީ އެއީ. އެހެންވީމާ މާފު ކުރޭ. ކެތް ކުރޭ."
"މުޅި އުމުރު ދުވަސް މިދަނީ ކެތްކުރުމުގައި."
"މެހެމަލް ތިޔަ ކުރާ ކަމަކީ ކެތް ކުރުމެއް ނޫން. ކެތް ކުރުމަކީ ބޮލުގައި ފަރުބަދައެއްވަރުގެ ހިލަގަނޑަކުން ޖެއްސަސް އަނގައިން އަޑެއްވެސް އިއްވައި ނުލުން. ކެތްކުރުމަކީ މެހެމަލްގެ މަންމަ އެ ކުރާ ކަންތައް."
"ދެން ހެޔޮކޮށް ހިތުމަކީ ކޮބާ؟"
"ކެތްކޮށް މާފު ކުރުމަށް ފަހު މީހަކު މެހެމަލަށް ދައްކާ ނުބައި ރަވައްޔާގެ ބަދަލުގައި ރަނގަޅު، ހެޔޮ ރަވައްޔާ އިޚްތިޔާރު ކުރުމަކީ ހެޔޮކޮށް ހިތުން. އެއީ އިހުސާންތެރިވުން."
"ތިޔަ ހުރިހައި ކަމެއް އަހަރެން ކުރަންވީ ކީއްވެގެން؟ އެމީހުން ތިޔަހެން ނުހަދާންވީ ކީއްވެގެން؟ ގާތްތިމާގެ މީހުންނާ މެދުވެސް ކަންތައް ކުރަން ވާނީ އެމީހުން ކަންތައް ކުރާ ގޮތަކަށް."
"އެކަމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވައިފައި އޮންނަނީ ބަދަލުހިފުމުގެ ބޭނުމުގައި ރަޙިމުގެ ގުޅުން ދަމަހައްޓާ މީހާއަކީ ރަޙިމުގެ ގުޅުން ޞުލްޙަކުރާ މީހެއް ނޫން ކަމަށް. އެއީ މެހެމަލަށް ސަވާބެއް ލިބޭނޭ ކަމެއް ނޫން. ސަވާބު ލިބޭނީ ނުބައި ކަމެއްގެ ރައްދުގައި ރަނގަޅު ކަމެއް ކުރީމާ. އެމީހުންނަށް މާފު ކޮށްފައި ތިމާގެ ޙައްޤު ﷲ ގެ ޙަޟްރަތުން އެދޭ."
"އެމީހުން އެތިބީ އަހަރެންގެ މުދާގަނޑުގެ މައްޗަށް އަރައި. ކައި ހުސް ކުރަނީ." މެހެމަލް ނުރުހުން ވެފައި ބުނެލިއެވެ. "ބައްޕަ ނިޔާވީއިރު އޮތީ ހުރިހައި މުދަލަކާއި ފައިސާއެއް އަހަރެންގެ މައްޗަށް ލިޔެ ނިންމައިފައި."
"އެހެން ވެއްޖެއްޔާ ބައްޕަ ކަންތައް ކުރީވެސް ރަނގަޅަކަށް ނޫން. ހުރިހައި މުދަލަކާއި ފައިސާއެއް މެހެމަލްގެ ނަން މައްޗަށް ލިޔެ ވަސިއްޔަތް ކުރުމަކީ ބައްޕައަކަށް އޮތް ހައްގެއް ނޫން. ބައްޕަގެ ހައްގަކީ ހަތަރުބައިކުޅަ އެއްބައި. އެބައި ބޭނުން މީހަކަށް ދޭން ވަސިއްޔަތް ކުރެވިދާނެ. އެކަމަކު އަނެއް ތިންބައި ޝަރީއަތުން ބަހަން ދޫކޮށްލާފައި ދިޔަ ނަމަ މައްސަލައެއް ނުޖެހުނީސް. މެހެމަލްގެ ބޮޑުބޭބެއިން އެކުރާ ކަންތައް އެހެންނެއް ނުކުރީސް. ވާރުތަ ވުމުގެ ހަމަތަކާއި ވާރިސުންގެ ހައްގުތައް ހަމަޖައްސަވަނީ ﷲ. ދުނިޔެ ދޫކޮށްފައި ދިޔަ މީހެއްގެ ވާހަކަ ދައްކާކަށް ނޫން. އެކަމަކު ކުޑަކުޑަ ނުބައި ފައިސަލާއެއްގެ ސަބަބުން ވަރަށް ހިތި ނަތީޖާ ނުކުމޭ. މެހެމަލް. ބައެއްގެ ނުބައި ނިންމުންތަކެއްގެ ސަބަބުން މެހެމަލް ގާތްތިމާގެ މީހުންގެ މައްޗަށް އަނިޔާވެރިވަމުންދާ ނަމަ... ހަނދާން ނައްތައި ނުލާތި... ގިޔާމަތް ދުވަހު ޞިރާޠުމަގާއި މީޒާން އަހަރެމެންގެ ކަންތައްތަކުގެ ފައިސަލާގެ މައިދާނުގައި ހުންނާނެ. ޚާއިނުންނާއި ރަހިމުގެ ގުޅުން ކަނޑައިލާ މީހުން ޞިރާޠުމަގުން ކޮއްޕައި ޖަހަންނަމައަށް ވައްޓައިލެވޭނެ. އަމާނާތްތެރިންނާއި ރަހިމުގެ ގުޅުން ދެމެހެއްޓި މީހުން އެ މަގު ގިރާކުރާނެ. އެ މަގު އަމާންކަމާއެކު ގިރާ ކުރާ މީހަކަށް ވާކަށް މެހެމަލް ބޭނުމެއް ނުވޭތަ؟"
އޭނާ އިސް ޖަހައިލައިގެން ހުރެ އަލުވި މަށަމުން ދިޔައެވެ.
* * *
"މެޑަމް. އަޅުގަނޑު ސުވާލެއް ކޮށްލަން ބޭނުން." އެދުވަހުގެ ކުލާސް ނިމުނީމާ މެހެމަލް މެޑަމް މިޞްބާޙް ގާތު ބުނެލިއެވެ.
"އާނ... އަވަހަށް ކުރޭ." މެޑަމް އޭނާޔާ ދިމާއަށް ޝައުގުވެރިކަމާއެކު ބަލައިލިއެވެ.
"އަޅުގަނޑަކަށް ނަމާދެއް ނުކުރެވޭ. އެންމެ ރަނގަޅުތޯ؟"
"އާނ. ރަނގަޅު ނުވާންވީ ކީއްވެގެން؟ ނަމާދު ނުކުރެވުމަކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫން." މެހެމަލްގެ ބޮލުގައި އޮތް ބޮޑު ބުރައެއް ލުއިވެގެން ދިޔައެވެ. ހީވީ ބޮޑު ގައިދަކުން މިނިވަންވީ ހެންނެވެ.
"އަޅުގަނޑުގެ ހިތަށްވެސް އަރަނީ ތިޔަހެން. އަޅުގަނޑު އެހެން ހެޔޮ ކަންތައް ކުރަން. ޤުރްއާން ކިޔަވަން. އެހެންވީމާ ނަމާދު ކުރުމަކީ ލާޒިމު ކަމެއް ނޫނެއް ނޫންތޯ؟"
"އެއީ އެހައި މުހިއްމު ކަމެއް ނޫން. ނަމާދު ކުރަން ބޭނުން ނޫނިއްޔާ ނުކުރޭ."
"މެޑަމް. ނަމާދު ނުކުރިޔަސް ހަމަ އެންމެ ރަނގަޅު ވާނެތޯ؟"
"އެއީ އެއްގޮތަކަށްވެސް ބޮޑު ކަމެއް ނޫން. އެއީ މެހެމަލް ބޭނުން ގޮތަކަށް ކުރަން އޮތް ކަމެއް."
"އެންމެ ރަނގަޅު." މެހެމަލް ހިނިތުން ވެލިއެވެ.
މެޑަމް މިޞްބާޙް އެހައި ހިސާބުން ވާހަކަ ހުއްޓައިލީއެއް ނޫނެވެ.
"މެހެމަލް. އަހަރެން މި ބުނަނީ ހަމަ ރަނގަޅަށް. އެއީ ހަމަ އެއްގޮތަކަށްވެސް ބޮޑު ކަމެއް ނޫން. ނަމާދެއް ނުކުރިޔަސް އެންމެ ރަނގަޅު. ސަޖިދައެއް ނުކުރިޔަސް އެންމެ ރަނގަޅު. އެކަލާނގެ އަށް އަޅުކަން ކުރާން ތިބީއަކީ ކިބުރުވެރިވާ ބައެއް ނޫން. އެހެންވީމާ މެހެމަލް ނަމާދެއް ނުކުރުމަކުން ވާނީ ކޮން ތަފާތެއް. މަލާއިކަތު އެކަލާނގެއަށް ސަޖިދަ ނުޖަހާ އެންމެ ތަންކޮޅެއްވެސް އެހެރަ މާސިންގާ އުޑަކު ނެތް. މަލާއިކަތުންނަކީ ކިހައި ބޮޑެތި ބޭކަލުންނެއްކަން އެނގޭތަ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް އަސްލު ސޫރަފުޅުގައި ވަޑައިގެންނެވި. އޭރު މުޅި އުޑުމަތި އޮތީ ބައްދައިލައިފައި. ބިމުން ފެށިގެން އުޑާ ޖެހެންދެން ހުންނެވީ ޖިބްރީލުގެފާނު. އިތުރު އެކަލޭގެފާނަކަށް އުޑުން އެންމެ ތަންކޮޅެއްވެސް ފެނިވަޑައެއް ނުގެންނެވި. އެއީ މަލާއިކަތުންގެ ބޮޑުމިން. ކޮންމެ ދުވަހަކު ކަޢުބާގެ ވަށައިގެން ހަތްދިހަ ހާސް މަލާއިކަތުން ޠަވާފް ކުރައްވާ. އެއީ ކުޑަ ޢަދަދެއް ކަމަށް ހީވެދާނެ. އެކަމަކު މެހެމަލަށް އެނގޭތަ؟ އެއް ދުވަހު ޠަވާފް ކުރައްވާ ހަތްދިހަ ހާސް މަލާއިކަތުން އޭގެ ފަހަކުން ޠަވާފެއް ނުކުރައްވާ. ގިޔާމަތް ދުވަހާ ޖެހެންދެން ކޮންމެ ދުވަހަކު ޠަވާފް ކުރައްވާނީ ތަފާތު ހަތްދިހަ ހާސް މަލާއިކަތުން. އެހެންވީމާ ﷲ އަށް އަޅުކަން ކުރާނޭ އެތައް މަޚުލޫޤުންނެއް އެބަތިބި. މެހެމަލް ނަމާދެއް ނުކުރިއްޔާ ވާނީ ކީއް؟ ކަލާނގެއަކަށް އެއްވެސް ތަފާތެއް ނާންނާނެ. އިލާހީ ނިޒާމަކަށްވެސް ޚަލަލެއް ނާންނާނެ."
މެޑަމް މިޞްބާޙް ހިނގައްޖެއެވެ. އޭނާ ކަންބޮޑުވެފައި ފޮތްތައް ހިފައިގެން ހުރީއެވެ. މީގެ ފަހުން ދުވަހަކުވެސް ނަމާދެއް ނާޅާނަމޭ އޭނާގެ ހިތަށް އެރިއެވެ.
އެ ދުވަހު ވަގުތު ޖެހުމާއެކު އޭނާ އަސުރު ނަމާދު ކުރިއެވެ. ނަމާދުކޮށް ނިމިގެން ބޭރަށް ނުކުމެ ނާދިޔާގެ ފޯނެއްގެ އިންތިޒާރުގައި ހުރީއެވެ.
ނާޢިމާ މުޢާޒްގެ ކަންފަތުފޫޅުގައި ހިފަހައްޓައިގެން ހުރެ އަޑުލަނީއެވެ. އިރުކޮޅަކުން މުޢާޒް ނާޢިމާގެ އަތްދަށުން ވީއްލިގަނެގެން ދުއްވައިގެންފިއެވެ.
"މި ސޮރު ބޮޑު ޝައިޠާނަކަށް ވެއްޖެ." ނާޢިމާ ކުދިކިޔުން ހުއްޓައެއް ނުލައެވެ.
ޝައިޠާން... މި ބަހުގެ މޫލަފުޒަކީ ކޮބައި ހެއްޔެވެ؟ އެއީ ޝީން... ޠާ... ނޫން... މި ތިން އަކުރުން އުފެދޭ ލަފުޒެކެވެ. މާނައަކީ ރަޙްމަތުން ދުރުކުރެވިގެންވާ... އެވެ. ﷲ ގެ ރަޙްމަތުން ދުރުކުރެވި ލަޢުނަތް ލެއްވިގެންވާ މީހާއެވެ. "ޔާރައްބީ... ނާޢިމާދައްތަ އެ ބުނަނީ ދަރިފުޅަކީ ﷲ ގެ ރަޙްމަތުން ބޭރުވެފައިވާ ކުއްޖެކޭއެވެ."
"ނާޢިމާދައްތާ." މެހެމަލް ގޮވައިލިއެވެ. އޭރުވެސް ފޯނުގެ އަތްގަނޑު އޮތީ އޭނާގެ އަތުގައެވެ.
"ހޫނ..." ނާޢިމާ އެނބުރި ބަލައިލިއެވެ.
"މުޢާޒާކޮއްކޮއާ ދިމާއަށް ޝައިޠާނެކޭ ނުކިޔާ. އިރާދަކުރެއްވިއްޔާ އޭނާ ޝައިޠާނަށް ނުވާނެ. ޝައިޠާނުންނޭ ކިޔަނީ ﷲ ގެ ރަޙްމަތުން ދުރު ކުރެވިފައިވާ މީހުންނަށް."
"އާނ... އާނ... ހުއްޓާލާ. ޤުރްއާނުން ސޫރަތެއް ކިޔަވައިލެވުމާއެކު ދަންނަކަން ބުނާން ފެށީތަ؟ އަހަރެމެންނަށް ކިޔަވައިދޭން އުޅެނީތަ؟ މި މަންޖެގެވެސް ގިބުލަ ބަދަލު ވެއްޖެހެން ހީވޭ." ނާޢިމާ ނުކުމެގެން ދިޔައިރުވެސް ދިޔައީ ހުއްޓާނުލައި އަމުނަމުންނެވެ. މެހެމަލް ހުރި ތާގައި އަނގައިންވެސް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. ކީރިތި ޤުރްއާނުގެ ދެވަނަ ފޮތުގެ ފުރަތަމަ އާޔާތް އޭނާ ކިޔެވީ މިއަދު ހެނދުނުއެވެ. "މީސްތަކުންގެ ތެރެއިން ހަމަބުއްދިނުވާ މީހުން ބުނާނެތެވެ. އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި ޤިބްލަ ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއްހެއްޔެވެ؟" (ބަޤަރާ ސޫރަތުގެ 142 ވަނަ އާޔަތް)
"މި މަންޖެގެވެސް ގިބުލަ ބަދަލު ވެއްޖެހެން ހީވޭ." މި ޖުމުލް އޭނާގެ ސިކުނޑީގައި ތަކުރާރުވާން ފަށައިފިއެވެ.
އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ ބަސްހުއްޓާ ތަނުން ދިމާވާ ކަޅު އަންހެން ކުއްޖާއެވެ.
"މި ފޮތުގައި މެހެމަލްގެ މާޒީގެ ވާހަކައާއި މިހާރުގެ ވާހަކައާއި މުސްތަގުބަލުގެ ވާހަކަތައް އެބަހުރި."
އެ ކުއްޖާ ދެއްކީ ތެދު ވާހަކައެކެވެ.
* * *
މެހެމަލް ތަށިތައް ދޮވެފައި ހަރަށް ލަނީއެވެ. އިސްކުރުން ފެން ފައިބަނީއެވެ. އޭނާގެ އަތް މެޝިނެއްހެން ހަރަކާތްތެރި ވަނީއެވެ. ބަދިގޭގައި ހުރީ އޭނާ އެކަންޏެވެ. މުސްރަތެއްވެސް ނެތެވެ. ގޭގައި ދެން އުޅޭ މީހުންނަކީ މަސައްކަތެއް ކުރަން ބަދިގެއަށް ވަނުމަކީ އެމީހުންގެ ޝާހީ ގަދަރަށް ތިކި ބުރާ ކަމެއް ކަމަށް ދެކޭ މީހުންނެވެ. އޭނާ ބޯ ހޫރައިލިއެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ އެކަހަލަ ޚިޔާލުތަކަށް ސިކުނޑިން ޖާގަ ނުދީ ވޭތޯއެވެ. އަމިއްލަ ގޮތް ދޫނުކުރުމާއި ދޫނުބައިކަން އިސްކޮށްގެން އެމީހުންނާއި ތިމާގެ އަމިއްލަ ނަފުސާ އެއްގޮތް ކުރެވޭ ކަމުގައި މިހާރު އޭނާއަށްވެސް ގަބޫލު ކުރެވޭން ފަށައިފިއެވެ. މީގެ ކުރީން އޭނާއަށް މެދުވެރިވާ ކޮންމެ ނުބައި ހާލަތެއް އެހެން މީހެއްގެ ބޮލުގައި އަޅުވައި ދުނިޔެ ނުބައި ކުރުން ނޫން ކަމެއް އޭނާ ނުކުރެއެވެ. މިހާރު އޭނާ ގެންދަނީ ކެތް ކުރާން ދަސް ކުރަމުންނެވެ.
ދިރިއުޅުންވެސް މިހާރު ފަސޭހައެއް ނޫނެވެ. ގަޑި ޖެހިގެން އަންނާތީ މިސްކިތުންވެސް މިހާރު އޮތީ އިންޒާރު ދީފައެވެ. ތަޖުވީދުގެ ފިލާވަޅުތައް ދަސް ކުރާން ފަތިސް ނަމާދުގެ ކުރިން މިސްކިތަށް ދާން އޭނާވެސް ބޭނުމެވެ. އެއީ ހުރިހައި ކުދިން މިސްކިތަށް ގޮސް ފިލާވަޅު ދަސްކުރާ ގަޑިއެވެ. އޭނާއަށް ފަތިސް ނަމާދުގެ ކުރިން ނުދެވެނީ ގޭގައި ދިމާވާ މައްސަލަޔަކާ ހުރެއެވެ. އެގަޑީގައި އައިސްއަލަމާރި ހުންނަނީ ތަޅުލައިފައެވެ. އޭނާ އާދޭސް ކުރީމާވެސް އެކަމާ އަޅައިލީ މީހަކު ނެތެވެ. އެހެންވީމާ ހެނދުނު ސައި ބޮވޭ ގޮތެއް ނުވެއެވެ. ބޭރުން ސައިބޯކަށް ފައިސާއެއް އަތަކު ނުހުރެއެވެ. ބަހަށް ފައިސާ ދީފިއްޔާ ހުންނަން ޖެހެނީ ސައި ނުބޮއެވެ. ސައި ބޮއިފިއްޔާ ބަހަށް ދޭނޭ ފައިސާއެއް ނުހުރެއެވެ. ދީނީ ކުލާހަށް ދައްކަން ޖެހޭ ފީވެސް އޭނާ ދެއްކީ ސައިބޯން ހުރި ފައިސާކޮޅުންނެވެ. ކޮންމެ ރެޔަކު ދަމު ނަމާދަށް ފަހު އޭނާ ފިލާވަޅު ދަސް ކުރަނީއެވެ. އޭގެ ފަހުން ފަތިސް ނަމާދު ކޮށްގެން ގެއިން ނުކުންނަނީއެވެ. އެނބުރި ގެއަށް އާދެވެނީ އަސުރުގެ ފަހުންނެވެ. ބަނޑުހައި ހޫނުކަމާ ނުލައި ޢިލްމު ލިބިގަތުމަކީ ވާނޭ ކަމެއް ނޫނޭ މުސްކުޅިން ބުނެއުޅެއެވެ. އެއީ ތެދެއްކަން ނޭނގެއެވެ.
ތަށިތައް ދޮވެ ހަރަށް ލައި ނިމިގެން ފޮތިގަނޑަކުން އަތް ފޮހެލުމަށް ފަހު އެނބުރިލީ ވަގުތު ދޮރުމަތީން މީހެއްގެ ހިޔަނި ވެގެން އޭނާ ބަލައިލިއެވެ. އެވަގުތު އޭނާގެ ނޭވާގެ ހިނގުން ހުއްޓުނު ކަހަލައެވެ.
"ކިހިނެއް؟" ހަށަން ބަނދެގެން ދޮރުމަތީގައި ހިނިތުން ވޭވޭ އެހެރީ ފަވާދެވެ.
މެހެމަލް އެސްފިޔަ ތަޅުވައިލިއެވެ. މި ބަލާވެރިކަން ޖަލުން ނުކުތީ ކޮން އިރަކުން ހެއްޔެވެ؟
"މެހެމަލް. އަހަރެންގެ މަތީން ހަނދާން ކުރިންތަ؟ އަހަރެން މިހިރީ ވަރަށް ހީލަތްތެރި ރޭވުމެއްގެ ޝިކާރައަކަށް ވެފައި."
"މަންމާ... މަންމާ..." އޭނާ ވަރަށް ބާރަށް ހަޅޭއް ލަވައިގަތެވެ. އޭނާގެ ލޭ ކެކެނީއެވެ. ހަށިގަނޑު ހޫނުވަމުންދާ ކަމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ.
(ނުނިމޭ)
ދެން އޮތްބައި އަޕްލޯޑުކޮށްލަދީބަ އަވަހަށް. ވ.ރީތި ވާހަކައެއް. ކޮންމެ ދުވަހަކު ގެނެސްދޭތީ ވ.ކިޔާހިތުން މި ކިޔަނީ. އިއްޔެގަވެސް ބައިވަރު ފަހަރު ޗެކް ކުރިން އަޕްލޯޑުވެއްޖެތޯ?
mi vaahakaage inthixaaruga mihunnany since yesterday...
....Alhey....Naeembeybe kobaabaa
އަނެއް ބައި ކޮބާ
މިތިބީ އިންތިޒާރުގަ ކެތްމަދުވެފަ