މުޞްޙަފް - 48

(22 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ އިނީ ކަޅު ކުލައިގެ ޢަބާޔާއެއް ލައިގެންނެވެ. ބުރުގާވެސް ކަޅުކުލައެވެ. އެއްފައި މައްޗަށް އަނެއް ފައި އެއްލައިގެން ގޮނޑީގައި އިށީނދެގެން އިނދެ ވަށައިގެން ހޯދައި ބަލަނީއެވެ.

މެހެމަލް ބޭނުންވީ ފަރިޝްތޭ އައުމުގެ ސަބަބުން އޭނާއަށް އުފަލެއް ލިބުނުކަމުގެ އިހުސާސް ކުރާށެވެ. އެކަމަކު އޭނާގެ އިހުސާސްތައް މި ވަގުތު ހުރީ ގައު ވެފައެވެ. ހިތަށް އަރަނީ ކީކޭކަމެއްވެސް މުޅިއަކުން ސާފެއް ނޫނެވެ.

އޭނާގެ ހިތުގެ އަޑިއަކުން އެއްވެސް އަޑެއް ނުނުކުމެއެވެ. ފަރިޝްތޭ އަޔަސް އަދި ފަވާދް އަޔަސް އޭނާއަކަށް ވަކި ތަފާތެއް ނެތެވެ.

"ކަލެޔާ މި ގެއަކާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް އަހަރެމެން ގަބޫލެއް ނުކުރަން."

"ނުކުރޭ. ނުކުރިޔަކަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް." ފަރިޝްތޭ މިހާރު އޭނާގެ އަތުގައި އޮތް މޯބައިލް ފޯނާ ކުޅެނީއެވެ. ކުރިމަތީގައި ރުޅި އައިސް ފުފިގައި ހުރި މެހެތާބްގެ އެއްވެސް އަހުމިއްޔަތުކަމެއް ނެތޭ ބުނާ ކަހަލައެވެ. ފަރިޝްތޭ އަތަކު މޯބައިލް ފޯނެއް ނޯވެއެވެ. އޭނާ އައީ ހުމާޔޫންގެ ފޯނު ހިފައިގެންކަން ނޭނގެއެވެ.

"އަންހެން ކުއްޖާޔާ. ކަލެޔަކާ މެހެމަލަކާ އެއްވެސް ގުޅުމެއް ނެތް. އެހެންވީމާ އެންމެ ރަނގަޅު ގޮތަކަށް ވާނީ މިގެއިން ނުކުމެގެން ދިއުން. އެހެންނޫނީ ވޮޗަރު ގެނެސްގެން ނެރެން ޖެހިދާނެ."

"އަވަހަށް ވޮޗަރު ގެނޭ. އަހަރެން މިހިރީއަކީ އެހައި ފަސޭހައިން ނުކުމެގެން ދާ ކަހަލަ ގޮތަކަށް ނޫން."

"ނުދާންވީ ކީއްވެގެން؟ ކަލެޔާ އަހަރެމެންނާ..."

"މިސިޒް ކަރީމް. ނުފެނޭތަ؟ އަހަރެން މިހިރީ ފޯނުން މަސައްކަތެއް ކުރަން. އެހެންވީމާ އުނދަގޫ ނުކޮށް އަވަހަށް މެހެމަލަށް ގޮވާ."

އޭނާ ފޯނާ ދިމާއަށް ބަލަހައްޓައިގެން ކުޅެލަކުޅެލާ އިނީއެވެ. މެހެމަލްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފަރިޝްތޭއަކީ އަދަބުކުޑަ، ދޫނުބައި މީހެއް ނޫނެވެ. މިހާރަކުވެސް އޭނާގެ ކިބަޔަކުން އެ ސިފައެއް ނުފެނެއެވެ. އޭނާ މެހެތާބަށް ޖަވާބު އެ ދެނީ އޭނާގެ އާދައިގެ މަތީން ފިނި ހިތަކާއެކު ނުލާހިކު މަޑުމަޑުންނެވެ. މިފަދަ ހާލަތެއްގައި މެހެމަލް ހަދާނީކީ އެހެންނެއް ނޫނެވެ. އަޑުގަދަކޮށް ވާހަކަ ދައްކައި ނުލަފާ ވެގަންނާނީއެވެ. އޭނާއަށް ފަރިޝްތޭ ކަހަލަ މީހަކަށް ދުވަހަކުވެސް ވެވިދާނެ ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

"މެހެމަލް ކަލެޔަކާ ބައްދަލެއް ނުކުރާނެ. ނުކުމެގެން ދޭ."

އާޣާ ކަރީމްގެ އަޑު އިވުނީމާ ފަރިޝްތޭ އިސް އުފުލައި ބަލައިލިއެވެ. ކުރިމަތީގައި ހުރީ އާޣާ ކަރީމެވެ. މޫނުމަތީން ފެންނަނީ ރުޅިވެރިކަމެވެ.

"އައްސަލާމް ޢަލައިކުމް އާޣާޖާން..." އޭނާ ކޮޅަށް ތެދުވެއްޖެއެވެ. މޫނުމަތީން ފެންނަނީ އަމިއްލަ ނަފުސަށް ކުރާ ވަރުގަދަ އިތުބާރެއްގެ ކުލަވަރެވެ.

"ފަރިޝްތޭ. މިގެއިން ނުކުމެގެން ދޭ."

"އާޣާޖާނަށް އަޅުގަނޑު މިގެއިން ނެރެލެއްވިދާނެތޯ؟" އޭނާ ހިނިތުންވެލިއެވެ. "އެހެން ހީފުޅުވޭތޯ؟ ހަމަ ހަގީގަތުގައިވެސް އަޅުގަނޑު މިގެއިން ނެރެލެއްވިދާނެތޯ؟"

"އަހަރެން މިބުނީނު... ހަމަ މިހާރު މިގެއިން ނުކުމެގެން ދޭ." އޭނާ ރުޅި އައިސް ފުފިގެންފިއެވެ.

"ތިޔަށްވުރެ މާ ބާރަށް އަޅުގަނޑަށް ހަޅޭއް ލެވިދާނެ. އެކަމަކު އަޅުގަނޑު ހަޅޭކެއް ނުލަވާނަން. އަޅުގަނޑު މިއައީ ހަމައެކަނި މެހެމަލާ ބައްދަލު ކޮށްލަން." އޭނާ ހަށަންބަނދެގެން ހުރެ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

ގޭގެ އެންމެން އެތަނަށް ޖަމާވާން ފަށައިފިއެވެ. އަންހެންކުދިން އެއްފަރާތުގައި ތިބެގެން އިޝާރާތުން އެކަކު އަނެކަކާ ސުވާލު ކުރަނީއެވެ. ވެގެން އުޅެނީ ކީއްކަމެއް އެމީހުންނަކަށް ނޭނގެއެވެ. އަސަދާއި، ޣަފްރާނާއި، ފިޒާއާއި، ނާޢިމާވެސް އަތުވެއްޖެއެވެ. އަޑުފަށްގަނޑު އިވިގެން ޙަސަންވެސް އަތުވެއްޖެއެވެ. އާޣާ ކަރީމްގެ ކުރިމަތީގައި އެހެރަ އަންހެން ކުއްޖާ ފެނުނީމާ އާއިލާގެ ޒުވާނުންގެ ހިތުގައި އެތައް ސުވާލެއް އުފެދިގެން ހިނގައްޖެއެވެ.

"ކަލެޔަކާ މެހެމަލަކާ އެއްވެސް ގުޅުމެއް ނެތް. އޭނާ ކަލެޔަކާ ބައްދަލެއެް ނުކުރާނެ. އަޑު އިވިއްޖެތަ؟"

"މެހެމަލް މިތަނަށް ގެންނަވައިގެން އޭނާޔާ ސުވާލު ކުރައްވާ. އަޅުގަނޑާ ބައްދަލު ކުރާނަންތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އޭނާ."

"އާޣާޖާން. މިއީ ކާކުތޯ؟" ޙަސަން ކުރިއަށް ޖެހިލައި ސުވާލު ކޮށްލިއެވެ.

"ޙަސަން. ކަލޭ މިކަމުގެ ތެރެއަށް ނުވަދޭ." އާޣާ ކަރީމް ރުޅި އަސްފައި މިހެން ބުނެލީ ގޮތުން ޙަސަނަކަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.

މެހެމަލް ކޮޓަރި ނުކުމެގެން ފެންޑާއަށް އަތުވެއްޖެއެވެ.

"ތިޔަ އައީ އަހަންނާ ބައްދަލު ކުރަންތަ؟" މެހެމަލް އަޑު އިވުމާއެކު އެންމެނަށްވެސް ލިބުނީ ބޮޑު ސިހުމެކެވެ.

ފަރިޝްތޭ ހިނިތުންވެލިއެވެ. "އާޣާޖާން ވިދާޅުވީ މެހެމަލް އަހަންނާ ބައްދަލު ކުރާކަށް ބޭނުމެއް ނޫނޭ."

"މެހެމަލް. އެތެރެއަށް ވަދޭ." މެހެތާބް ހާސްވެފައި މެހެމަލާ ދިމާއަށް ބުންޏެވެ.

"އާޣާޖާން. ކުޑައަންމާ. އޭނާ އައީ އަހަރެންގެ ދަޢުވަތަކަށް. ގެއަށް އަންނަ މެހުމާނުންނާމެދު ކަންތައް ކުރާ ގޮތަކީ މިއީތަ؟"

"ކީކޭ؟" މެހެތާބްގެ އަބނގަ ހުޅުވުނެވެ. "މެހެމަލް މީނާ ދަންނަމުތަ؟"

"އާނ. އަހަރެން ދަންނަން."

"މެހެމަލަށް ނޭނގެންވީ ކީއްވެގެން؟ މިއީ މެހެމަލްގެ ލޯބިވެރިޔާގެ މާ ގާތް ކުއްޖެއް."

ކޮންމެވެސް މީހަކު މަލާމާތުގެ ރާގަކަށް މިހެން ބުނެލީމާ މެހެމަލް އެނބުރި ބަލައިލިއެވެ. ސިޑިން ފައިބައިގެން އެ އައީ ފަވާދެވެ.

"މިއީ ކާކު؟" ފަރިޝްތޭ ކުޑަކޮށް ނުރުހުން ވެފައި މެހެމަލާ ސުވާލުކޮށްލިއެވެ.

"ތިޔައީ މި ރާއްޖޭގެ ގާނޫނުގެ ބާރެއް ނެތްކަމުގެ ދިރިހުރި މިސާލެއް. ގާނޫނަކަށް އޭނާ މާ ގިނަ ދުވަހަކު ބަންދުކޮށްފައެއް ނުބެހެއްޓޭ."

ފަވާދާ ދިމާއަށް ބަލައިލުމަށް ފަހު މެހެމަލް ދެން ބަލައިލީ ފަރިޝްތޭއާ ދިމާއަށެވެ. "އެތެރެއަށް ހިނގާ."

"ވަދެގެން ނުވާނެ." މެހެތާބް ކުރިއަށް ޖެހިލިއެވެ. "މެހެމަލް. މިއީ އިބްރާހީމްގެ މުދަލުގެ ދަހިވެތިކަމުގައި އުޅޭ މީހެއް."

"ކުޑައަންމަވެސް ތިޔަ އުޅެނީ މުދަލާހެދިއެއް ނޫންތަ؟ ވަސީމާ މެހެމަލް ދެވަން ތިޔަ އުޅެނީވެސް އެހެން ވެގެންނެއްނު؟"

މިކަހަލަ ރާގަކަށް ފަރިޝްތޭ ވާހަކަ ދެއްކި އަޑެއް އޭނާ ދުވަހަކުވެސް ނާހައެވެ. އެކަމަކު އޭނާ ހައިރާނެއް ނުވެއެވެ.

"މިއީ އަހަރެމެންގެ ގޭގެ ކަމެއް. މިކަމާ ބެހިގަނެގެން ނޫޅޭ."

"ބެހޭނަން. މެހެމަލްގެ ކޮންމެ ކަމަކާ އަހަރެން ބެހޭނަން."

އޭނާ މެހެމަލްގެ ކޮނޑުގައި ދެއަތް ބާއްވައިލިއެވެ.

"މެހެމަލް. އަހަރެން ގާތު ބުނޭ. މިއިން އެކަކުވެސް މެހެމަލަށް އެއްވެސް ކަމަކަށް މަޖުބޫރު ކުރުވިތަ؟ މި ކާވެންޏަށް މި މީހުން މަޖުބޫރު ކުރަނީ ކީއްވެގެން؟"

"އެއްވެސް މީހަކު އަހަންނަކަށް މަޖުބޫރެއް ނުކުރޭ. މިއީ ހިތުން ރުހުމުން އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް."

ފަރިޝްތޭ ހިމޭން ވެއްޖެއެވެ. މެހެމަލްގެ ކޮނޑުމަތީގައި އޮތް އަތް ކުޑަކޮށް ދޫވެއްޖެއެވެ.

"އަޑު އިވިއްޖެތަ؟ ދެން ދޭ." އާޣާ ކަރީމް ހަރުކަށި ކަމާއެކު ބުނެލިއެވެ. އެކަމަކު ފަރިޝްތޭ އޭނާއަކަށް ސަމާލުކަމެއް ނުދެއެވެ.

"މެހެމަލް. ތިޔަހައި ބޮޑު ފައިސަލާއެއް އަމިއްލައަށް ކޮށް ނިންމައިލީތަ؟" ފަރިޝްތޭގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ. "އިޚްލާސްތެރި އެކުވެރިޔާއާ ސުވާލެއް، މަޝްވަރާއެއް ނުކުރަންތަ؟ އިޚްލާސްތެރިން ހޮވާފައި އެކަމަށް އިއުތިރާފުވެސް ވެފައި އެންމެ ސުވާލެއްވެސް ނުކުރުމަކީ ރަނގަޅު ކަމެއް ނޫނެއްނު؟ ސުވާލު ކުރަން ވާނެ. ލަފާ ހޯދަން ވާނެ."

"އަހަރެން މި ވާހަކަ ދައްކަން ކުރިން އުޅުނިން..."

"އަހަރެން މި ދައްކަނީ އަހަރެންގެ ވާހަކައެއް ނޫން."

"ދެން... ކާކުގެ ވާހަކައެއް؟" އޭނާ ސިހުނެވެ. "ހުމާޔޫންގެ ވާހަކަތަ؟" އޭނާ ވަރަށް މަޑުމަޑުން އަހައިލިއެވެ.

"އަހަރެން..." ފަރިޝްތޭ އޭނާޔާ އިހަށްވުރެ ބޮޑަށް ކައިރިއަށް ޖެހިލިއެވެ. އަދި އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. "އަހަރެން މި ދައްކަނީ މުޞްޙަފްގެ ވާހަކަ. ޤުރްއާނުގެ ވާހަކަ. އެ ފޮތް ބާވައިލެއްވި ފަރާތާ މެހެމަލާ ދެމެދު ވެފައިވާ ވަޢުދެއް އެބައޮތެއްނު؟ މެހެމަލް ތިޔަ ހުންނަނީ ވަޢުދެއް ވެފައެއްނު؟ سمّعنا وأطعنا އަހައި ކިޔަމަންގެންފީމޭ ނުބުނަންތަ؟ މުޞްޙަފް ގާތު ބުނިންތަ؟ ސުވާލު ކުރިންތަ؟ ﷲ އަށް ދެންނެވިންތަ؟"

މެހެމަލް ހައިރާންވެފައި ފަރިޝްތޭގެ މޫނަށް ބަލައިލިއެވެ. "އަހަރެން ބުނާނީ ކީކޭ؟ ﷲ ހުރިހައި ކަމެއް ދެނެވޮޑިގެން ވެއެއްނު؟"

"ކޮންމެ ދުވަހަކު ފަސް ފަހަރު ﷲ ގެ ޙަޟްރަތަށް ހާޒިރުވެ ކިޔަމަން ގަންނަ ވާހަކަ ދަންނަވަމެއްނު؟ އެއީ ކުރަން ޖެހޭ ކަމެއްނު؟ އެހެން ވެއްޖެއްޔާ ދިރިއުޅުމުގެ ފައިސަލާ ތަކުގައި ﷲ ހަނދާން ނައްތައިލަނީ ކީއްވެގެން؟"

މެހެމަލް ސުވާލުގެ ނަޒަރަކުން ފަރިޝްތޭގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ އެ ދައްކާ ވާހަކަ އެހައި ރަނގަޅަކަށް މެހެމަލަކަށް ވިސްނައެއް ނުގަނެވުނެވެ.

"އަހަރެން ނަމާދު ކުރަން. ތަސްބީޙަ ކިޔަން. އެއްވެސް ކަމެއް ދުލެއް ނުކުރަން." ދެމީހުންވެސް ވާހަކަ ދައްކަމުން ގެންދިޔައީ ވައިއަޑުން ކަހަލަ ގޮތަކަށެވެ.

"އެކަމަކު މުޞްޙަފްގެ އަޑު އެހިންތަ؟ އެއިން ކޮންމެވެސް ވާހަކައެއް ބުނާނެ. ދުޢާކޮށްފައި އޭގެ ޖަވާބު ހޯދިންތަ؟ ހިދާޔަތަށް އެދި ދަންނަވައިފައި ހިދާޔަތުގެ ފޮތުން ޖަވާބެއް ފެނޭތޯ ބެލިންތަ؟ ތިޔަ ނިންމާ ނިންމުމާމެދު އެ ފޮތުގައި ކޮންމެވެސް އެއްޗެކޭ ބުނެފައި އޮންނާނެއެއްނު؟" ފަރިޝްތޭގެ އަތް އޮތީ އަދިވެސް މެހެމަލްގެ ކޮނޑުމަތީގައެވެ.

"މެހެމަލް. މުޞްޙަފްގެ ވާހަކަތައް އަޑުއަހަން ދަސްކުރޭ. ސުވާލުކުރަން ދަސްކުރޭ. ޤުރްއާން ހުޅުވައިފައި މާއިދަތު ސޫރަތުގެ ތަރުޖަމާ ބަލައިލަބަލަ."

މެހެމަލް ފަރިޝްތޭގެ އަތް ކޮނޑުމަތިން ސޮއްސުވައިލިއެވެ. "ނުގޮސް މަޑުކުރާތި. އަހަރެން އެބަ އަންނަން."

އޭނާ ހެދުމުގެ ފަސްބައިން ދެދަރު ހިފުމަށް ފަހު ކޮޓަރިއާ ދިމާއަށް ދުއްވައިގެންފިއެވެ.

"މުޙްތަރަމާ. އަވަހަށް ވަޑައިގަނޭ. އެހެރީ ވެންނެވި ދޮރު." ފަވާދް ފަރިޝްތޭއާ ދިމާއަށް ބުނެލިއެވެ.

"މިއީ އަހަރެންގެ ބައްޕަގެ ގެ. މިގޭގައި ހުންނާކަށް އަހަންނަކަށް ފަވާދްގެ ހުއްދައެއް ބޭނުމެއް ނުވާނެ." ފަރިޝްތޭ އަނެއްކާވެސް ސޯފާގައި އިށީނދެ ފޯނާ ކުޅެން ފަށައިފިއެވެ.

ފަވާދާއި އާޣާ ކަރީމް އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ.

އާޣާ ކަރީމްވެސް ފުން ނޭވައެއް ލުމަށް ފަހު މަޑުމަޑުން ގޮސް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ރަސްމިއްޔާތު ފެށެން ދެ ގަޑިއެއްހައި އިރަށް ވެއްޖެއެވެ. މެހުމާނުން އަންނާކަށް އަދިއެއް ނުފައްޓައެވެ.

މެހެމަލް ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު އެތެރެއިން ތަޅު ލައިފިއެވެ. އަދި އަލަމާރިއާ ދިމާއަށް ހިނގައިގެންފިއެވެ.

މުޞްޙަފް އޮތީ އަލަމާރީގެ އެންމެ މަތީ ވަތްގަނޑުގައެވެ. މުޞްޙަފް ނެގުމަށް ފަހު ނިތްކުރީގައި ޖައްސައިލިއެވެ. އެހައި މުހިއްމު ކަމެއް އޭނާގެ ހަނދާނުން ކައްސައިލީ ކީއްވެގެން ހެއްޔެވެ؟

އޭނާ އެނދުމަތީގައި އިށީނުމަށް ފަހު ފޮތް ހުޅުވައިލިއެވެ.

އެއީ މާއިދަތު ސޫރަތުގެ 106 ވަނަ އާޔަތެވެ. އޭނާ ބަލައި ގެއިން އައި ވާހަކަ ބުނި އިރު ކުލާހުގައި ކިޔަވައިދެނީ މި އާޔަތެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް، މަރު ހާޒިރުވެއްޖެނަމަ، ވަޞިއްޔަތްކުރާހިނދުގައި..."

އާޔަތް ކިޔާން ފެށުމާއެކު އޭނާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. ހަލުވިކަމާއެކު އެސްފިޔަ ޖަހައިލެވިއްޖެއެވެ. އޭނާ އެކިޔަނީ ހަމަ ހަގީގަތުގައިވެސް ޤުރްއާނުގައި އޮތް ވާހަކައެއް ހެއްޔެވެ؟ ވަޞިއްޔަތް... މަރުގެ ވަގުތު... ވަޞިއްޔަތް...

"މުޞްރަތު މަރުމަތީގައި ވަޞިއްޔަތްކުރީ..."

"މެހެމަލާއި ވަސީމާ ދެވަން..."

އޭނާގެ ސިކުނޑީގައި އެތައް އަޑެއް އެއްފަހަރާ ގުގުމައިގަތެވެ. އޭނާ އިސްޖަހައިލައިގެން އިނދެ ކިޔަމުން ގެންދިޔައެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް، މަރު ހާޒިރުވެއްޖެނަމަ، ވަޞިއްޔަތްކުރާހިނދުގައި، ތިޔަބައިމީހުންގެ މެދުގައި، ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެފިރިހެނުން ހެކިކުރުން ހުށްޓެވެ. ނުވަތަ ތިޔަބައިމީހުން ބިމުގައި، ދަތުރުފަތުރުކޮށް އުޅެނިކޮށް، މަރުގެ މުޞީބާތް ތިޔަބައިމީހުންނަށް ޖެހިއްޖެނަމަ، ތިޔަބައިމީހުން ނޫންމީހުންގެ ތެރެއިން، ދެމީހުން ހެކިކުރުން ހުށްޓެވެ. (އެދެމީހުންގެ ހެކިބަހާމެދުގައި) ތިޔަބައިމީހުންނަށް ޝައްކު ވެއްޖެނަމަ، ނަމާދުގެ ފަހުން، ތިޔަބައިމީހުން އެދެމީހުން ހިފަހައްޓާނީއެވެ. ދެން އެ ދެ ހެކީން، ﷲގަންދީ ހުވާކުރާނީއެވެ. އެ މީހަކީ (އެބަހީ: އެމީހަކަށްޓަކައި ހުވާކުރެވޭ މީހަކީ) ގާތްތިމާގެ މީހަކު ކަމުގައިވިޔަސް، އެހުވަޔަށް އެއްވެސް އަގެއް އަތުލާފައި ނުވާކަމަށާއި، ﷲގެ ހެކިބަސް، ތިމަންމެން ވަންހަނާ ނުކުރާކަމަށެވެ. އެކަން ކޮށްފިނަމަ، އޭރުން ހަމަކަށަވަރުން، ތިމަންމެންވާހުށީ ފާފަވެރިންގެ ތެރެއިންނެވެ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.