މޫސާ އަލީ ޖަލީލަށް ދައުވާ ކޮށްދިނުމަށް ޕީޖީ އަށް ފޮނުވައިފި

ކުރީގެ ރައީސް އަންދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި މޭޖަރ ޖެނަރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން އަހުމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިކޮށް މޫސާ އަލީ ޖަލީލަށް ލިބިފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

މީގެ އިތުރުން އެއީ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކުކުރެވޭ ހާލަތުގައި ހުރެ މޫސާ އަލީ ޖަލީލު ހޯދާފައިވާ ފައިސާކަމާއި އެ ފައިސާ އޭނާގެ އަމިއްލަ ބޭންކު އެކައުންޓަށް ޖަމާކޮށް އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި މޫސާ އަލީ ޖަލީލުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ދިވެހި ރުފިޔާ އަނބުރާ ހޯދުމަށް ވެސް އެމްއެމްޕީއާރުސީއަށް އަންގާފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.