ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ފުލުހުންގެ މީޑީއާއިން ހާމަކުރެއްވި ގޮތުގައި ޢަލީ ވަހީދު ފުލުހަށް ހާޒިރުކުރެވުނީ އޭނާގެ މައްޗަށު ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލުކުރުމަށެވެ. އޭނާއަށް ތުހުމަތުކުރަނީ ޖިންސީ ގޯނާގެ މައްސަލައިގައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ފަނަރަ މީހެއްގެ ބަޔަން ނަގާފައެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ފޯނާއި ލެޕްޓޮޕް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިގެ އިތުރުން އޭނާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.
ޓުއަރިޒަމް މިނިސްޓަރުކަމުން ރައީސުލްޖުމުހޫރިއްޔާ އަލީ ވަހީދު ވަކިކުރެއްވީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކުރެއްވީ އެ މިނިސްޓްރީގެ މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ އެ މުއައްޒަފުން ރައީސުލްޖުމުހޫރިއްޔާ އާ ބައްދަލުކޮށް އެ ވާހަކަތައް ރައީސާ ހިއްސާކުރުމުންނެވެ.