ސޯޝަލް މީޑިއާގައި ދައުރުކޮށްލާ ސައްހަނޫން އޯޑިއޯއަކުން އަޒުމެއް ނުގުޑާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެއީ އަބުރުކަތިލުމުގެ ގޮތުން ހިންގާ ޖަރީމާއެއް ކަމަށެވެ. އެފަދަ އޯޑިއޯތަކަކުން ހިތްވަރެއް ވެސް ބައްޔެއް ނުކުރެވޭނެ ކަމަށެވެ.
"ދައުރުކުރަމުން ގެންދަނީ ސައްހަ އޯޑިއޯ ތަކެއްނޫން. އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން މިއަޒުމެއް ނުގުޑާނެ އަދި ހިތްވަރެއް ބައްޔެއް ވެސް ނުކުރެވޭނެ. ހައްގަށް އަބަދުވެސް ނަސްރު ދެއްވާނެ އިންޝާﷲ،" އަލީ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިއެވެ.
މިނިސްޓަރ އަލީ ވަހީދު ކަމަށް ތުހުމަތު ކުރެވޭ ދެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި އެބަ ދައުރުވެއެވެ. އެއް އޯޑިއޯގައިވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުރުވައިން ނުވަތަ ބާޒާރުމަތީ ބަހުރުވައިން ވާހަކަ ދައްކަވައިފައެވެ. އަލީ ވަހީދު ކަމަށް ބެލެވޭ މީހާ އޭގައި ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއަށް މާސްކާއި، ތާމަލް ކެމެރާ ގެންނެވީ އޭނާ ކަމަށެވެ. އަދި ތަން ވެސް ހެއްދެވީ އޭނާ ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ އައިސޮލޭޝަން ފެސިލިޓީއެވެ. އަދި އަމީންގެ ކަމަކީ ހެދިކާ ފަރިއްކުޅުއްވުމާއި ތަންތަނަށް ވަޑައިގަންނަވާއިރު ދެ ފޮޓޯގުރާފަރުން ގެންދެވުން ކަމަށް ވެސް ވިދާޅުވާ އަޑު އެއިން އިވެއެވެ. އަނެއް އޯޑިއޯގައި ވަނީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއަށް ސައިޒު ދައްކަވާނެ ކަމަށް ވިދާޅުވާ އަޑެވެ.
ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވަނީ މިނިސްޓަރ އަލީ ވަހީދުގެ ޒަމާންވީ އެކުވެރިއެއް ކަމަށްވާ އައްސަދު އަލީ (އަޑުބަރޭ) އާ ވާހަކަ ދައްކަވާ އޯޑިއޯއެއް ކަމަށް ބެލެވެއެވެ. އައްސަދު އަލީ އަކީ ޔޫތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއް ވެސް މެއެވެ.
މިއީ ކޮންމެ ގޮތަކަށް ލީކުވެފައިވާ އޯޑިއޯތަކެއް ކަމަށް ވިޔަސް އަދި އެއީ މިނިސްޓަރ އަލީވަހީދު ކަމަށްވިޔަސް އަދި ނުވިޔަސް އެއީ ބަލަންޖެހޭ މައްސަލައެއް ކަމަށް ބުނެ މީހުންދަނީ ކޮމެންޓު ކުރަމުންނެވެ.
Killi thalhaigen bin ganevey meehun fisaari azumu varaugadha vaanekan emmenavves en'geyey