އިންސާނީ ވަގުފާރީގެ ނުރައްކާތެރިކަން ހުކުރު ޚުޠުބާއިން ހަނދާންކޮށް ދެއްވައިފި

ފޮޓޯ: އާފަތިސް

ރާއްޖޭގައި އިންސާނީ ވަގުފާރީގެ ތެރެއަށް ފެތޭފަދަ ޢަމަލުތަކެއް ހިނގަމުންދާތީ އިންސާނީ ވަގުފާރީގެ ނުރައްކާތެރިކަން ހުކުރު ޚުޠުބާއިން ހަނދާންކޮށް ދެއްވައިފިއެވެ. އެއިރެއްގައި މުޖުތަމަޢުގައި ފެތުރޭ އިޖްތިމާޢީ ބަލިމަޑުކަމަށް ޚުޠުބާގައި އަންނަނީ އަލި އަޅުވާލައްވަމުންނެވެ.   

އިސްލާމީ އަޚްލާޤިއްޔާތާއި އިންސާނީ ކަރާމާތް މަނާކުރާ، ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަގުފާރި ހިމެނޭކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.  އޭގެތެރޭގައި އިންސާނުން ވަގަށް ނެގުމާއި އަޅުންގެ ގޮތުގައި، މިނިވަން އިންސާނުން ލައްވާ  މަސައްކަތްކުރުވުން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. އަދި ހަށިވިއްކުމުގެ ޙަރާމް ވިޔަފާރިއާއި ކުޑަކުދިންލައްވައި މަސްތުވާތަކެތީގެ ވިޔަފާރިކުރުވުމާއި، މީހުންލައްވައި މަސައްކަތްކުރުވުމަށްފަހު އެމީހުންނަށް ދޭންޖެހޭ އުޖޫރަ ނުދިނުންފަދަ ލާއިންސާނީ ޢަމަލުތައް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. މިފަދަ ޢަމަލުތަކަށް  ޒަމާނީ އަޅުވެތިކަމޭ ކިޔޭކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. މިއީ ތިންވަނައަށް ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުންދާ ވިޔަފާރިކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

"މިއަދުގެ ޢިލްމީ ތަހުޒީބީ ދުނިޔޭގައި ހަށިވިއްކުމުގެ ކަސްބީ ބާޒާރަށް ކޮންމެ ދުވަހަކު އެތައްހާސް އަންހެނުންނާއި ކުޑަކުދިންނެއް ނެރެމުން ގެންދެއެވެ. ކުޑަކުދިންލައްވައި ހޮޓާތަކާއި ފިހާރަތަކާއި ޚާރުޚާނާތަކާއި ގޭގޭގައި ވަރަށް ކުޑަ އުޖޫރައަކަށް ދަނީ ނޯކިރީ ކުރުވަމުންނެވެ. އެކުދިންނަށް މަޖްބޫރުކޮށްގެން ސަލާންޖެހުމުގެ ވިޔަފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ވައްކަމާއި ފޭރުމުގެ މަސައްކަތްތައް ދަނީ ކުރުވަމުންނެވެ. ގިނަ ފަހަރަށް މިކަމުގެ ޝިކާރައަކަށް ވެގެންދަނީ ޔާރެއް އިޔާރެއް ނެތް މައުސޫމް ކުޑަކުދިންނާއި ނުކުޅެދޭ މީހުންނާއި ސިކުނޑީގައި އުނިކަން ހުންނަ މީހުންނެވެ. މިކަމުގެ ސަބަބުން އެކުދިންނަށް ލިބެމުންދާ  ޖިސްމާނީ ގެއްލުންތަކާއި ނަފްސާނީ ގެއްލުންތަކުގެ ސަބަބުން އެކުދިންގެ ކުރިމަގު ވަނީ މުޅިން އަނދިރިވެ ނާއުއްމީދުވެފައެވެ." ޚުތުބާ ގައި ވިދާޅުވިއެވެ.  

އިންސާނީ ވަގުފާރީގެ ތެރޭގައި ދިރިތިބި މީހުން ވަގަށް ނަގައި އެމީހުންގެ ލޮލާއި ގުރުދާފަދަ ގުނަވަންތައް ވިއްކުމާއި، މިފަދަ ބޭނުންތަކަށް މަރުވެފައިވާ މީހުންގެ ޙުރުމަތްތެރި ހަށިތައް ކޮނެގެން ނެގުންވެސް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. މިފަދަ ލާއިންސާނީ ޢަމަލުތައް ކުރުވަނީ ރަނގަޅު މަސައްކަތްތައް ހޯދައިދޭނެ ކަމަށް ދޮގު ވަޢުދުވެ، އިންސާނީ ވަގުފާރީގެ ތެރޭން ގެންނަ މީހުން ލައްވައިކަމަށް ފާހަގަ ކުރެއްވިއެވެ.

އިންސާންނީ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް މިއަދުވަނީ އިޖްތިމާޢީ ބޮޑެތި މުޞީބާތްތަކާއި ކުރިމަތިވެފައިކަމަށާއި މިކަމުގެ ސަބަބުން އެތައް އިންސާނުންނެއް ވަނީ އަނިޔާލިބި އަބާޖަވެރިވެފައިކަމަށް ވެސް ޚުޠުބާގައި ފާހަގަ ވިދާޅުވިއެވެ.  ރަނގަޅު މުސާރަދޭނެކަމަށް ބުނެ ހައްލައިލައިގެން އެތައް ލައްކަ މީހުން އަމިއްލަ ވަޠަން ދޫކޮށް އެހެން ޤައުމުތަކަށް ފޮނުވަނީ ކެހިވެރި އޮޅުވާލުމެއްގެ ތެރެއިންކަން ފާހަގަ ކުރެއްވިއެވެ. މި ބިރުވެރި ނާމާން ދަތުރުގެ ތެރޭގައި އެތައް ހާސްބަޔަކު މާސިންގާ ކަނޑަށް ޣަރަޤު ވެގެން މަރުވާކަންވެސް ފާހަގަ ކުރެއްވިއެވެ. ގޭގައި މަސައްކަތް ކުރުމުގެ ނަމުގައި ޤައުމުތަކަށް ގެންދާ އަންހެނުން ލައްވައިވެސް ހަށިވިއްކުމާއި ޖިންސީ ފަތުރިވެރިކަމުގެ މަސައްކަތް ކުރުވާކަމަށްވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.

އިންސާނި ވަގުފާރީގެ ސަބަބުން މަޖުތަމަޢުގައި ފެތުރޭ ފާޙިޝް ޢަމަލުތަކަކީ މުޖުތަމަޢު ވީރާނާކޮށް ހަލާކުކޮށްލައިފާނެ ކަމެއްކަން ފާހަގަ ކުރައްވައި އެއިޑްސް ފަދަ ނުރައްކާތެރި ބަލިތައް ފެތުރިގެން ގޮސްފައި ވަނީ ފާޙިޝް ޢަމަލުތަކުގެ ސަބަބުންކަމަށް ޚުޠުބާއިގައި ފާހަގަކުރެއްވިއެވެ.

"އުއްމަތްތައް ހަލާކުވެ، ފަނާވެގެން ގޮސްފައި ވަނީ އެބައި މީހުން ބަދު އަޣްލާޤީ ޢަމަލުތަކުގެ ތެރެއަށް ވެއްޓި އެބައިމީހުންގެ ލަގަން ޝަޙްވަތްތަކަށް ދޫކޮށްލުމުންނެވެ." ޚުޠުބާގައި ވިދާޅުވިއެވެ.  

ތަފާތު އެކި ބޭނުންތަކަށް ރާއްޖެއިން ބޭރުން މީހުން ގެނެސް އެމީހުންލައްވާ މަސައްކަތްކުރުވާއިރު، އެމީހުންގެ އިނަސާނީ ޙައްޤުތަކުގެ މަތީން ހަނދާން ކުރަންޖެހޭކަން ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން އެމީހުންނަށް ކާންބޯން ދިނުމާއި ނިދުމާއި ބޭސްފަރުވާ ކުރެވޭނެގޮތް ހަމަޖައްސައިދޭން ޖެހޭނެކަން ފާހަގަ ކުރެއްވިއެވެ. ރިވެތި ގޮތުގައި އެމީހުންނާ މުޢާމަލާތްކޮށް، އެމީހުންނަށް މުސާރަ ދިނުމަކީވެސް އެމީހުން ގެނައި ބައެއްގެ ޒިންމާއެއްކަން ހަނދާންކޮށް ދެއްވިއެވެ. މީގެ އިތުރުން ވަޒީފާތަކަށް ގެންނަ މީހުންގެ  ވިސާގެ ކަންތައް ހަމަޖައްސައި ދިނުމާއި ވޯކްޕާމިޓް ހަދައިދިނުމަކީވެސް  އެމީހުން ގެންނަ ބައެއްގެ ޒިންމާއެއްކަން ހަނދާންކޮށް ދެއްވިއެވެ. އެފަދަ އަސާސީ ޙައްޤުތައް އަދާކުރުމަކީ ދީނީ އަދި ދުނިޔަވީ ވާޖިބެއްކަމަށް ވެސް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ. އަދި އެކަންކަމާގުޅޭ ގޮތުން  ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަކީ ވަޒިފާދޭ ފަރާތަށް ލާޒިމް ކަމެއްކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

"މުސްލިމު އަޚުންނޭވެ! އިސްލާމް ދީނުގެ އުޞޫލުތަކަށް ބަލާއިރު އިންސާނުންގެ ކަރާމާތާއި، އިންސާނިއްޔަތާ ފުށުއަރާ އެންމެހައި ޢަމަލުތަކަކީ އިސްލާމްދީން މަނާކުރާ ކަންތައްތަކެވެ. ރާއްޖޭގައި ތަފާތު އެކި މަސައްކަތްތައް ކުރުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެމީހުންނާމެދު އިހްމާލުވެ، އެމީހުންގެ ޙައްޤުތައް ނުދޭނަމަ އެޙައްޤުތައް ހޯދަން މަސައްކަތް ކުރަން ޖެހޭނީ ޤާނޫނީ އިމުގެ ތެރެއިންނެވެ.  އަދި ހަމަނުޖެހުން ހިންގައި ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެއެވެ. އިސްލާމްދީނަކީ މިފަދަ ކޮންމެ ކަމެއްގައިވެސް  ޢަދުލުވެރިވުމާއި އިޙްސާންތެރިވުމުގެ މަތިވެރި އުޞޫލުގައި ހިފެހެއްޓުމަށް ގޮވާލާ ދީނެވެ." ޚުޠުބާގައި ވިދާޅުވިއެވެ.   

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.