ކައުންސިލް އިންތިޚާބުގެ ތާރީޚު އިޢުލާނު ކުރުމާއެކު ސިވިލް ސާރވިސްގެ މުވައްޒަފުން އަނެއްކާވެސް ސަސްޕެންޑް ވާނެ

އީސީގެ މެންބަރު އަހުމަދު އަކުރަމް

ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚު ރަސްމީކޮށް އިޢުލާނު ކުރާ ދުވަހުން ފެށިގެން އިންތިޚާބަށް ކުރިމަތިލައިފައިވާ ސިވިލްސާރވިސްގެ މުވައްޒަފުން އަނެއްކާވެސް ސަސްޕެންޑް ވާނެކަމަށް އިލްކެޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބްރައީސް އަހްމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިޚާބަށް ކުރިމަތިލައިފައިވާ ސިވިލްސާރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަންގެ މައްސަލައަކީ ޤާނޫނުން އެމައްސަލައަށް ފަރުވާއެއް ލިބުމުގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުން އެކަމަށް ވަރަށް ބޮޑަށް ވަކާލާތުކޮށްފައިވާ މައްސަލައެއްކަމަށެވެ. އެކަންތައްތަކުގައި ރަސްމީކޮށް އުޅުއްވަންޖެހޭނީ ސިވިލްސަރވިސް ކޮމިޝަން ކަމުގައި ވިއަސް އެކަމުގައި އިލެކްޝަންސް ކޮމިޝަނުން ވަކާލާތުކޮށް ޤާނޫނަށް ބަދަލު އައި އިރު ސަސްޕެންޝަން މައްސަލައަށް ފަރުވާއެއް ލިބިގެން ދިޔައީ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ސަންސެޓް ޤާނޫނު އޮތް ގޮތުން އިންތިޚާބް ބާއްވާނެ ތާރީޚް ރަސްމީކޮށް އިޢްލާން ކުރާ ދުވަހުން ފެށިގެން އަނެއްކާވެސް ސިވިލް ސާރވިސްގެ މުވައްޒަފުން ސަސްޕެންޑް ވާނެކަމަށް އަކްރަމް ފާހަގަ ކުރެއްވިއެވެ. ކައުންސިލް އިންތިޚާބާ ބެހޭ ސަންސެޓް ޤާނޫނުގައި ބުނާ ގޮތުން މިހާރު އޮތް އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާތާ ހަފްތާއެއްގެ ތެރޭގައި އިންތިޚާބު ބާއްވާނެ ތާރީޚާއި އިންތިޚާބު މަސައްކަތް ރަސްމީކޮށް ފަށާނެ ތާރީޚެއް އިޢުލާން ކުރަންޖެހޭ ކަމަށް އަކްރަމް ފާހަގަކުރެއްވިއެވެ.  

"މިސާލަކަށް މާޗް މަހު އިންތިޚާބު ބާއްވާނަމަ މިމަހުގެ ތެރޭގައި އާއްމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިއަސް، އަށް ވަރަކަށް މަސް ސަސްޕެންޑްވެގެންދާނެ. ހަޤީޤަތުގައި އަޅުގަނޑު ޤަބޫލުކުރަނީ މިއީ ނިކަމެތި ކަމެއްގެ ގޮތުގައި. ވަރަށް ގިނަ ދުވަހު މަޑުކުރަންޖެހޭނެ. ވަޒީފާއެއް ނުލިބި މުސާރައެއް ނުލިބި މިކަންތައް މިހެން ވުމަކީ ވަރަށް ދަތިކަމަކަށްވާނެ. އަޅުގަނޑު އެދެނީ ސިވިލްސާރވިސް ކޮމިޝަނުން މިހާރުން މިހާރަށް އެކަމުގައި އުޅުއްވަން. އަނެއްކާވެސް މިކަމުގައި ބަޔަކު ޣަރަޤުވެ ނިމިދިއުމުގެ ކުރިން، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް ގޮތެއް ނިންމުން. އަޅުގަނޑުމެން އަޅުގަނޑުމެންގެ ޒިންމާ ޤާނޫނުގައިވާ ގޮތުގެ މަތިން އަދާކުރަމުންދާނަން. މިހާރު އޮތް ޙާލަތު އުވާލާތާ ހަތް ދުވަހުގެތެރެގައި ތާރީޚްތައް އިޢުލާން ކުރާނަން." އީސީގެ ނާއިބްރައީސް ވިދާޅުވިއެއެވެ.  

ޤާނޫނުގައި ބުނާ ގޮތުން އަންނަ އަހަރުގެ މޭމަހުގެ ކުރިން އިންތިޚާބު ބާއްވަން ޖެހެއެވެ. އެހެންކަމުން އިންތިޚާބު ބާއްވާނެ ތާރީޚަކާމެދު މަޝްވަރާކުރުމަށް ޤައުމީ ލަފާދޭ ކޮމެޓީއާއެކު ވަރަށް ފަހުން މަޝްވަރާކޮށްފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް ވިދާޅުވިއެވެ. އެމަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުން އެދިފައިވަނީ ޤާނޫނުން އިންތިޚާބު ބޭއްވޭނެ އެންމެ ފަސްކޮށް އިންތިޚާބު ބޭއްވުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ. ރޯދަމަހުގެ ކުރިން އިންތިޚާބު ބާއްވާނަމަ އީސީގެ ވިސްނުން ހުރީ މާޗް މަހުގެ ފުރަތަމަ ހަފުތާއަށް އިންތިޚާބު ތާވަލު ކުރުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ތާރީޚެއް ކަނޑައަޅާނީ ސިޔާސީ ޕާޓިތަކާ އެނޫންވެސް މުއައްސަސާތަކާ އެކު އިތުރަށް މަޝްވަރާކުރުމަށް ފަހުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.