ލާމަރުކަޒީ ނިޒާމު، ޤާނޫނީ ހުސްކަމަކަށް ދިޔަނުދިނުމަށް ޓަކައި ކުރެވޭން އޮތީ ކޮން ކަމެއް؟

މިހާރު ދިވެހިރާއްޖޭގައި އިންތިޚާބުކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އުމުރު މި އަހަރުގެ ޖޫން މަހު ތިން ވަނަ ދުވަހަށް ހަމަވާނެ ކަމަށް އަޑުއިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވައިފައި އޮތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މި އޭޕްރީލްމަހު ކުރީކޮޅު ބާއްވާ ގޮތަށް ކަމަށް ވެސް އަޑުއެހީމެވެ. ނަމަވެސް "ކޮވިޑް19"ގެ ޢާލަމީ ވަބާގެ ސަބަބުން އިޖުތިމާޢީ ގައިދުރުކަން އިޚުތިޔާރުކުރާންޖެހިފައިވާތީ އެ މުއްދަތުގައި މިހާރު އެ އިންތިޚާބު ބޭއްވޭނެހެނެއް ހިޔެއްނުވެއެވެ.

އަންނަ ޖޫންމަހު ތިންވަނަ ދުވަހުގެ ކުރީން ކައުންސިލްތަކުގެ އާ ދައުރަކަށް މެންބަރުން އިންތިޚާބު ނުކުރެވިއްޖެ ނަމަ، ލާމަރުކަޒީ ނިޒާމު ޤާނޫނީ ހުސްކަމަކަށް ދާނެއެވެ. ވީމާ، ޤާނޫނީ ހުސްކަމަކަށް ކައުންސިލްތައް ދިޔަ ނުދިނުމަށްޓަކައި ކުރެވޭނީ ކޮން ކަމެއްބާވައެވެ! މިކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ އެކި މެންބަރުންގެ ޚިޔާލުފުޅު ވެސް ތަފާތުކަމަށް އިވެއެވެ. އަދި ބައެއް މެންބަރުންގެ ޚިޔާޅުފުޅާ، ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބުގެ ގޮތުގައި މަސައްކަތްކުރައްވާ "އެޓަރނީޖެނެރަލް"ގެ ޚިޔާލުފުޅު ވެސް ތަފާތެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ޢަމަލުކުރައްވާ ގޮތުން އެ ކޮމިޝަންގެ މެންބަރުންގެ ވިސްނުންފުޅު ވެސް އެކި ގޮތްގޮތަށް ބަދަލުވާހެން ހީވެއެވެ.

އާދޭހެވެ! ޤާނޫނީ މި މައްސަލަ ހައްލުކުރުމަށްޓަކައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ މަގު އިލެކްޝަންސް ކޮމިޝަނުން ޚިޔާރުކުރެއްވިތަން ވެސް ފެނުނެވެ. އެއް ކޯޓުން އަނެއް ކޯޓުން އެ މައްސަލަ އުފުއްލުނު ވާހަކަ އަޑުއިވިފައި ދެން އިވުނީ އެކަން ޙައްލުކުރެވޭނީ ހަމައެކަނި ބާރުގަދަ މަޖިލީހަށް ކަމަށް ވެގެން އެ މައްސަލަ ކޯޓުތަކުން ނެރުއްވައިފި ވާހަކައެވެ. ނަމަވެސް މި ކަން ޙައްލުކުރާން އޮތް ރަނގަޅު މަގަކީ ހަމަ އެއީ ބާވައެވެ!! ތިންބާރު ވަކިވެފައިވާ މިނިވަން ދީމުޤްރާޠީ ނިޒާމެއްގައި ހުރިހާ ކަމަކަށް ހައްލު ހޯދައިދެވޭ އެންމެ ބާރުގަދަ ނުވަތަ ހަމައެކަނި ބާރު އޮތް، އެއްވެސް ބާރެއް އޮންނާންޖެހޭ ބާވައެވެ!!؟

މި ވާހަކަ ދައްކައިލަމާ ހިންގަވާށެވެ! އާދޭހެވެ! "ކުއްލި ނުރައްކަލުގެ ޙާލަތު" މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ވަރަށް ރަނގަޅަށް ދަންނަ މަފުހޫމެކެވެ. ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ވަނީ "ޤުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤާއުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ، ނުވަތަ ބޭރުގެ ޙަމަލައެއް ކުރިމަތިވެދާނެކަމުގެ ބީރު ހީވެއްޖެ ނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ."

ޤާނޫނު އަސާސީއިން ބާރުލިބިގެން ހަދާ ޤާނޫނުތަކުގެ ތެރެއިން އެއް ޤާނޫނަކީ ޤާނޫނު ނަންބަރު: 2012/7 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އެވެ. މި ޤާނޫނުގެ ހަވަނަ ބަޔަކީ ވެސް "ކުއްލި ނުރައްކަލުގެ ޙާލަތު" ކަމަށް ބަޔާންކޮށްފައި އެބަ އޮތެވެ. މި ޤާނޫނުގައި މި ޢުންވާނުގެ ދަށުން ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ވެއެވެ. "ވަކި ތަނެއްގައި ވަކި ދުވަހަކު، ޢާއްމު ޞިއްޙަތަށް ނުރައްކާވާފަދަ ކުއްލި ޙާލަތެއް ދިމާވެއްޖެ ކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި އެކަން ރަނގަޅުކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ޚާއްޞަ ފިޔަވަޅުތަކެއް އަޅާންޖެހޭ ކަމަށް ޑިރެކްޓަރޖެނެރަލަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، ޢާއްމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެ ކަމުގެ އިޢުލާނުކުރުމަށާއި، އެ އިޢުލާނުކުރާ ސަރަޙައްދަކީ ކޮބައިކަން ކަނޑައަޅައި، އިޢުލާނުކުރުމަށް ވަޒީރަށް ލަފާދެވިދާނެއެވެ." މިހެންނެވެ.

ހަގީގަތުގައި ރަސްމީ ގޮތަކީ ޤާނޫނުއަސާސީގައިވާ ގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވާ ނަމަ، އެކަން ކުރައްވާންވާނީ އަދި މިހާތަނަށް އެކަން ކުރައްވައިފައިވަނީ ވެސް ޤަރާރަކުންނެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޤާނޫނުއަސާސީގެ ދަށުން ހެދިފައިވާ ޤާނޫނަކުން ވަޒީރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ވެސް ކުއްލި ނުރައްކާތެރި ޙާލަތު އިޢުލާންކުރައްވާންވާނީ އެކަމަށް ކަނޑައަޅުއްވާ ޤަރާރަކުންނެވެ. ރަސްމީ އުޞޫލަކީ މިއީއެވެ. މަޢާފުކުރައްވާށެވެ! ހަމައެކަނި އަޅުގަނޑުގެ ނަޒަރުގައެވެ. ތިޔަ ބޭފުޅުންގެ ނަޒަރަކުންނެއް ނޫނެވެ.

ކޮންމެ ގޮތަކަށް ކުރެއްވި ނަމަވެސް މިއަދު މާލޭ ސަރަޙައްދު މިއޮތީ "ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު ކުރިމަތިވެއްޖެ ކަމަށް އިޢުލާން" ކުރައްވައިފައެވެ. "ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު" ގެ ދަށުންނެވެ.

އަޅުގަނޑު ދެންނެވޭތޯ މަސައްކަތް މި ކުރަނީ ކޮންމެ ފެންވަރެއްގައި ކޮންމެ ގޮތަކަށް ނަމަވެސް ޤާނޫނު ހުއްދަކުރާ ގޮތެއްގެ މަތީން މާލޭ ސަރަޙައްދުގައި މި ވަގުތު ކުއްލި ޙާލަތު އިޢޫލާނުކުރައްވައިފައިވާ ވާހައެވެ. އާދޭހެވެ! މި ވަގުތު މި ރާއްޖޭގައި މި ވަނީ، "ކުއްލި ނުރައްކަލުގެ ޙާލަތު" އިޢުލާންކުރައްވައިފައެވެ. ޞިއްޙީ ގޮތުން ނަމަވެހެވެ. މިކަން ސަރުކާރުން ވެސް ގަބޫލުކުރައްވާނެއެވެ. އަދި ރައްޔިތުން ވެސް ގަބޫލުރައްވައެވެ. މި "ޙާލަތު" އިޢުލާންކުރެއްވީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާ އާ ޚިލާފު ނުވާ ގޮތުގެ މަތީން "ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު" ގެ 33 ވަނަ މާއްދާގެ ދަށުންނެވެ. ކޮންމެ ގޮތަކަށް މިކަން ކުރެއްވި ނަމަވެސް މިކަން ކުރެއްވީ ޤާނޫނީ ގޮތުންނެވެ. އަޅުގަނޑު ސާފުކޮށް އެރުވޭތޯ މި މަސައްކަތްކުރީ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވައިފައިވަނީ ޤާނޫނު ލިބިދޭ ބާރުގެ ދަށުންކަމަށެވެ. ޤާނޫނީ ހަމަތަކުގެ މަތީން ކަމަށެވެ. މިކަމާ އެއްވެސް ޚިލާފެއް ނެތެއް ނޫންތޯއެވެ.

ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ވަނީ "ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާހެއް ގެނެސްގެން ނުވާނެ" ކަމަށެވެ. އަޅުގަނޑު ދަންނަވާން މި އުޅެނީ މި ވާހަކައެވެ. މި ވާހަކަ ޤާނޫނުއަސާސީގައި ގެންނަވައިފައިވަނީ ވަކި އިސްތިސްތާއެއް ނެތިއެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނުވަތަ ޤާނޫނު އަސާސީގެ 253 ގައި ބަޔާންކުރާ ގޮތުގެ މަތީން އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ޙާލަތަށް އެކަނި އިޝާރަތް ކޮށްފައެއް ނޫނެވެ. ވީމާ ޤާނޫނީ ގޮތުން އިޢޫލާނުކުރާ ކުއްލި ނުރައްކަލުގެ ކޮންމެ ޙާލަތަކަށް ޤާނޫނު އަސާސީގެ 267 ވަނަ މާއްދާގެ ބާރު ހިނގާނެއެވެ. ޙާލަތަށް ރިޢާޔަތްކޮށް މަންޠިޤީ ނަޒަރަކުން ވިސްނާއިރު ވެސް އެކަން އޮންނާންޖެހޭނީ އެހެންނެވެ.

ޤާނޫނުއަސާސީގެ 231 (ހ) ގައި ބަޔާންކޮށްފައިވަނީ "އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި ހިމެނޭންވާނީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުން ދީމުޤްރާޠީ އުޞޫލުތަކުގެ މަތީން، ސިއްރު ވޯޓަކުން އިންތިޚާބުކުރާ މެންބަރުން" ކަމުގައެވެ.

ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތެއް ބަދަލުކުރެވޭނީ ޤާނޫނުއަސާސީއަށް ބަދަލު ގެނެސްގެންނެވެ. ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ. ހަދައިފި ނަމަ އެ ވާނީ ބާޠިލު އެއްޗަކަށެވެ.

އަޅުގަނޑު ދަންނަވައިލެވޭތޯ މި އުޅެނީ މިއަހަރުގެ ލޯކަލް ކައުންސިލްގެ އިންތިޚާބު ބާއްވާން މިހާރު ހުރަސް އެޅި އެ މުއްދަތު ފަސްކުރާންޖެހިފައިވާތީ، މިހާރު އޮތް ކައުންސިލްގެ ޢުމުރު ހަމަވުމުގެ ކުރީން އާ ކައުންސިލެއް އިންތިޚާބުކުރުމަކީ ގާނޫނު ލާޒިމުކުރާ ކަމެއްކަމުގައެވެ. މިކަމަށް ވަގުތީ ޙައްލެއް ނުހޯދި، މި ކަން ނުކުރެވިއްޖެ ނަމަ، ލާމަރުކަޒީ ނިޒާމު ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެއެވެ. މިކަން ޙައްލުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބާރެއް ނެތެވެ. އެހެނީ ޤާނޫނުއަސާސީއާ ޚިލާފަށް އެއް ވެސް ޤާނޫނެއް ނެހެދޭނެއެވެ. "ކުއްލި ޙާލަތު" ގެ މުއްދަތުގައި ޤާނޫނު އަސާސީ އިޞްލާޙެއް ނުކުރެވޭނެއެވެ.  ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ވަކި އިތުރު ތަފުޞީލެއް ނުވަތަ އިސްތިސްނާއެއް ނުދީ ބަޔާންކޮށްފައިވަނީ "ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ވަގުތެއްގައި، ޤާނޫނުއަސާސީއަށް އެއްވެސް އިޞްލާހެއް ގެނެސްގެން ނުވާނެ" ކަމަށެވެ.

މިކަން ޙައްލުކުރައްވާން ދެން ކުރެއްވޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ލަފާދެއްވީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ބަޔަކު ކައުންސިލްތަކަށް ޢައްޔަންކުރައްވާށެވެ. ނަމަވެސް މި ކަމަކީ ޤާނޫނީ އެއްވެސް ހަމައަކުން ކުރެއްވޭނެ ކަމެއް ނޫނެވެ. އެހެނީ އެ މާއްދާގެ (ޅ) ގައި އޮންނަނީ "ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަޤާމުތަކަށް" މީހުން ޢައްޔަންކުރާ ވާހަކައެވެ. އިންތިޚާބުކުރާ މާޤާމުތަކަށް ޑިމޮކްރެސީގެ އުޞޫލުތަކާ ޚިލާފަށް މީހުން ޢައްޔަންކުރުމުގެ އިޚުތިޔާރެއް އެ މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިވަޑައެއް ނުގަންނަވައެވެ. އެފަދަ ކަމެއް ރައީސުލްޖުމްހޫރިއްޔާއެއް ނުކުރައްވާނެއެވެ. އެހެނީ އެ ފަދަ ކަމެއް ކުރައްވައިފި ނަމަ، އެ ވާނީ ޑިމޮކްރެސީއާ ބީރައްޓެހި ޚުދުމުޚުތާރު އަދި ޣައިރު ދުސްތޫރީ ޢަމަލަކަށެވެ.

އިސްވެ ދެންނެވުނު ޤާނޫނީ ނުކުތާތަކަށް ރިޢާޔަތްކުރާއިރު، އަންނަ ޖުލައި މަހު 3 ވަނަ ދުވަހުގެ ކުރީން ޤާނޫނީ ޙައްލެއް ނުހޯދިއްޖެ ނަމަ، ލާމަރުކަޒީ ނިޒާމު ޤާނޫނީ ހުސްކަމަކަށް ދާނެއެވެ. މިކަމުގެ ޙައްލު ހޯއްދެވެން އޮތީ އެންމެ މަގެކެވެ. ދެ ގޮތެކެވެ. އެއް ގޮތަކީ ދައުލަތުގެ ފަރާތްޕުޅުން މިކަމުގެ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމެވެ. ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމެވެ. މި ގޮތުގެ މަތީން 2013 ވަނަ އަހަރު ވެސް ސުޕްރީމް ކޯޓުން ވަނީ މިފަދަ ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ޤައުމު ދިޔަ ނުދީ ޙައްލު ހޯއްދަވައިދެއްވައިފައެވެ. މި ފަހަރުވެސް މި މަގުން އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ފިޔަވަޅެއް އެޅުއްވި ތަން ވެސް ފެނުނެވެ. ނަމަވެސް ފަހުން އެ ފިޔަވަޅު އެހެން މިޞްރާބަކަށް ބަދަލުކުރައްވައި އަނެއްކާ މިހާރު ވަނީ އެ ފިޔަވަޅު ފަހަތަށް އަޅުއްވައިފައެވެ.

ދީމުޤްރާޠީ ނިޒާމެއްގައި ދައުލަތުގެ އެއްވެސް ބާރަކުން، ހުރިހައި ބާރެއް އޮތީ ވަކި އެއް ބާރަކަށްކަމަށް ދެކި އެހެން ބާރުތަކަކީ ބާރެއް ނޫންކަމަށް ދެކިގެން ނުވާނެއެވެ. ދައުލަތުގެ ހުރިހާ ބާރެއް އެއް ބާރަކަށް އޮތަކަމަށް ގަބޫލުކުރާ ނަމަ، ތިން ބާރު ވަކިވެފައިވާ ޑިމޮކްރެސީއެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްތާއެވެ.

އެހެން ކަންމިނަކުން ބަލާއިރު، އިރުއިރުކޮޅާ ނުވަތަ އަވަސްއަހަށް ދިމާވާ ވަގުތީ ކުދިކުދި ޙާލަތާ ގުޅިގެން ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ، ރަނގަޅު ގޮތެއް ނޫނެވެ. އެއީ ރައްކާތެރި ގޮތެއްވެސް ނޫނެވެ. ހަގީގަތުގައި ފުރިހަމަ ޤާނޫނުއަސާސީއަކީ އެހާ ފަސޭހައިން ބަދަލުކުރެވޭ ގޮތަށް އޮންނަ އެހާ ފަހެލި (ފްލެކްސިބްލް) އެއްޗަކަށް ވެސް ވެގެން ނުވާނެއެވެ. އަދި ކޮންމެހެން އިޞްލާޙަކަށް ބޭނުންވެއްޖެ ހިންދެއްގައި އިޞްލާޙު ނުކުރެވޭހައި ހަރުކަށި (ރިޖިޑް) އެއްޗަކަށް ވެސް ވެގެން ނުވާނެއެވެ. ރާއްޖޭގެ ޤާނޫނުއަސާސީގައި މިކަން އޮތީ ވަރަށް ނުރައްކާތެރި ގޮތަކަށެވެ. ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ކަންކަން 2008 ގެ ކުރީގެ ޤާނޫނު އަސާސީތަކުގައި އޮންނަ ގޮތްމާ ރަނަގަޅުކަމަށް ދެކެމެވެ. އެހެނީ ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ވެގެން ނުވާނެއެވެ. އަޣުލަބިއްޔަތު އޮންނަ ބަޔަކު ބޭނުންވާ އިރަށް ދެއިރު ދެދަޅައަށް ޤާނޫނުއަސާސީ ބަދަލުކުރުމަކީ ޤާނޫނުއަސާސީގެ ޤަދަރަށް އުނިކަން އަންނާނޭ ކަމެކެވެ.

ޤައުމަށް މެދުވެރިވާ ޚާއްޞަ ޙާލަތްތަކާ ގުޅިގެން އަންނަ ޤާނޫނީ ނުވަތަ ދުސްތޫރީ ހުސްކަމަށް ޙައްލު ހޯދައިދިނުމަކީ ސުޕްރީމްކޯޓުގެ ޛިންމާއެކެވެ. މީގެ ކުރީން ވެސް އޮތީ އެފަދަ އެތައް ނަމޫނާތަކެއް ދައްކަވައިފައެވެ. ވީމާ، ދިމާވާ ކުއްލި ޙާލަތާ ގުޅިގެން ކުއްލިކުއްލިއަށް ޤާނޫނުތަކަށާއި ޤާނޫނުއަސާސީއަށް ވަގުތީ ޙައްލު ހޯދާން އިޞްލާޙުކުރުމުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ އެހީތެރިކަން ހޯދަމާތޯއެވެ. އެ މަގުން ހިންގަވައި ކޯޓުގެ ދޮރު ހުޅުއްވައިލެއްވި އިރު، އިލެކްޝަންސް ކޮމިޝަނުން އެ ދޮރުދޮށުން ދުރަށް ވަޑައިގަތުމަކީ ފަހަތަށް އެޅުއްވުނު ފިޔަވަޅެކެވެ. އެހެން ނޫންނަމަ އެކަން މިހާޜު އޮތީހީ ނިމިފައެވެ.

އާދޭހެވެ! އަދި ވެސް ފުރުޞަތު އެބަ އޮތެވެ. ޤާނޫނީ ނުވަތަ ދުސްތޫރީ ހުސްކަމެއްގެ ތެރެއަށް ދައުލަތުގެ އެއްވެސް ކަމެއް ހިނގައިދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ މި ކަމުގައި އެހީތެރިކަމަށް އެދޭންޖެހޭނީ ސުޕްރީމް ކޯޓުގައެވެ. މިފަދަ ކަންކަމަށް ވަގުތީ ޙައްލު ހޯދުމަކީ ކޯޓުތަކުން ކުރެވޭނެ ކަމެއް ކަމަށް ދުށުމަކީ "އަޅުގަނޑުމެން"ގެ ގަދަރު ކުޑަވާ ކަމެއް ކަމަށް ދެކިގެންނުވާނެއެވެ. އަދި ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް ނަހަދައި ތިންބާރު ވެސް ބައިވެރިވާ ޝާމިލު ޑިމޮކްރެސީތަކުގައި ޢަމަލުކުރާންޖެހޭނީ މި އުޞޫލުންނެވެ. ކުރިމައްޗަށް ހުރަސްވާ ކޮންމެ ގޮފިކޮޅަކުން ސަލާމަތްވުމަށްޓަކައި ގަސް އުފުރައިލައި އާ ގަހެއް އިންދާކަށް ނުޖެހޭނެއެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.