ދެތިންކުޅި ކުރިއަށް ވިސްނާފައި ނޫނިއްޔާ ސިޔާސީ ކަންކަމުގެ ތެރެއަށް ނުނުކުމޭ: ރައީސް ނަޝީދު  

ދެތިން ކުޅި ކުރިއަށް ވިސްނާފައި ނޫނިއްޔާ ސިޔާސީ ކަންކަމުގެ ތެރެއަށް ނުނުކުތުމަށް އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޤާނޫނުއަސާސީ އިޞްލާޙުކުރެއްވުމަށް ރޭ ދަންވަރު ބޭއްވި ޖަލްސާ ނިންމާ ލެއްވުމުގެ ކުރިން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ޕީޕއެމް/ޕީއެންސީގެ އިޙްތިޖާޖު އެބޭފުޅުން އުއްމީދުކުރިގޮތަށް ހިނގާ ނުދިޔައީ އިޙްތިޖާޖުވެސް ނުރާއްވަވާތީކަމަށެވެ.

"އަޅުގަނޑުމެގެ އިލްތިމާސަކީ އެއްވެސް ބާވަތެއްގެ ސިޔާސީ ޙަރަކާތެއް ވިއްޔާ ދެތިންކުޅި ކުރިއަށް ވިސްނާލައްވައިފައި ނޫނިއްޔާ އެކަންކަމުގެ ތެރެއަށް ނުކުމެ ވަޑައިނުގަތުން. " ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤާނޫނޫ އަސާސީ އިޞްލާޙުކުރެއްވުމަށް ބޭއްވި ޖަލްސާ، ރޭ މެންދަމުންއަލިވެ ތިނެއްޖަހާކަންހާއިރު ނިންމާލަވަމުން މެމްބަރުންނަށް ޝުކުރު އަދާކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސް ވީދާޅުވީ ޤާނޫނޫ އަސާސީ އިޞްލާޙު ކޮށް ނިންމާލެއްވުނީ "ރަނުން ރަނަށް" ކަމަށެވެ.

"އަޅުގަނޑު ރައީސުލްޖުމްހުރިއްޔާއަށް ދަންނަވަން ބޭނުން. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ މަނިކފާނުގެ މޭޒުކޮޅުމައްޗަށް މި ޤާނޫނުއަސާސޫ ތަސްދީޤުކުރުމަށް އަޅުގަނޑުމެން ފޮނުވާނަން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

 ޤާނޫނުއަސާސީ އިޞްލާހު ކުރެއްވުމަށް ބޭއްވި ޖަލްސާ ނިންމާ ލައްވަމުން މަޖިލީހުގެ ރައީސް ވުދާޅުވީ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މައްސަލަ ނިންމުމަށް ލިބިވަޑައިގެންނެވީ ވަރަށް ހަނި ފުރުޞަތުތަކެއް ކަމަށެވެ. ނަމަވެސް އެމަސައްކަތް ނިންމާލެއްވިފައި ވަނީ އެކަމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އްބާރުލުމާއެކުގައި ކަމަށެވެ. ނަމަވެސް ބިލު މަޖިލީހުން ފާސްވެގެން ގޮސްފައި އެވަނީ ތަޅުމަށް ފޮނުވިތާ ގާތްގަޑަކަށް ދެމަސްވާން އުޅެނިކޮށެވެ.

ބިލްގެ ފުރަތަމަ ކިޔުން އިއްވީވެސް މިދިޔަ މޭމަހުގެ 18 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. މީގެ ދެމަހެއްހާ ދުވަސް ކުރިން މަޖިލީހުގެ އެޖެންޑާގައި ބިލު ހިމެނުމަށްފަހު ފުރަތަ ކިޔުންވެސް ނުއިއްވަވައި މަޖިލީހުގެ ރައީސް ކުރިއަށް ގެންދެވީ އެއީ ޤާނޫނީ ގޮތުން ކުރެއްވިދާނެކަމެއްތޯ، ސުވާލު އުފައްދަވައި އެކަމުގެ ބަހުށެވެ. އޭރު އިދިކޮޅުން އެކަމުގައި ސްޕްރީމްކޯޓްގެ ލަފާ ހޯއްދެވުމަށް ގޮވާލެއްވިއެވެ. ނަމަވެސް މަޖިލީހުގެ ސްޕަރމެޖޯރިޓީ އެމްޑީޕީއެކަމާ ދެކޮޅަށެވެ. އެމްޑީޕީ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ ޕާޓީގެ ތެރޭގެ ހަމަނުޖެހުން ހިނގާ ހިސާބަށް ދިއުމުން ކުއްލި އަކަށް އެމްޑީޕީން މަޖިލީހަށް ހުށަޅި ޤަރާރެއް ފާސްކޮށް ސްޕްރީމް ކޯޓްގެ ލަފާ ހޯއްދެވުމަށް ފާސްކުރެއްވިއެވެ. ޤާނޫނުއަސާސީ އިޞްލާޙުކުރެއްވީ ސްޕްރީމް ކޯޓުން ދެއްވި ލަފަޔާ އެއްގޮތަށް އެމްޑީޕީ އިން ޤާނޫނު އަސާސި އިޞްލާޙުކުރުމަށް ހުށަހެޅި އިޞްލާހާ އެއްގޮތަށެވެ. މަޖިލީހުގެ ރައީސާއި އެމްޑީޕީގެ މެމްބަރުން ބޭނުންވީ ޤަވާއިދުގައި ބުނާ ތިންދުވަހުގެ މުއްދަތު ކުރުކޮށް ޖެހިގެން އައި ދުވަހު ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ވޯޓަށް ދިއުމަށެވެ. ނަމެސް އެކަން އެގޮތަށް ނުގެން ދެވުނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރު އެކަމާ ދެކޮޅު ހެއްދެވުމުންނެވެ. ޤާނޫނުގައި ބުނާ މުއްދަތު ކުރުކޮށްލައި ވޯޓަށް އެހެނީ މަޖިލީހުގެ ޤަވާއިދުގައިވާގޮތުން މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރ އެކަމަށް އެއްބަސް ވެގެންނެވެ. ނަމަވެސް މަޖިލީހުގެ މައިނޯރިޓީ ލީޑަރ އެދިވަޑައިގެންނެވީ ޤަވާޢިދުގައި ބުނާ އާއްމު އުޞޫލާއެއްގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށެވެ.   

ޤާނޫނު އަސާސީ އިޞްލާޙު ކުރުމުގެ ވޯޓުގެ ކަންކަން ކުރިއަށް ގެންދެވުމަށް ރޭގައި ބޭއްވި ޖަލްސާ ފެށުމާއެކު ޕީޕީއެމްގެ ނަފައިރުދާއިގެ މެމްބަރު އަޙުމްދު ޝިޔާމް މަޖިލީސްތަޅުމުގައި އިޙްތިޖާޖު ކުރައްވަން ފެށުމާއެކު ފެނިގެން ދިޔައީ އޭނާގެ ނަން މަޖިލީހުގެ ރައީސް އިއްވި ތަނެވެ. އަދި އެމެމްބަރ ތަޅުމުން ބޭރަށް ނެރުމަށް މަޖިލީހުގެ ސާރޖެންޓް އެޓް އާމްސް އަށް އަމުރު ކުރެވިއެވެ. ނަމަވެސް މެމްބަރު ޝިޔާމު ގެންދެވީ ރިޔާސަތުގެ ކުރިމަތީގައި ހުންނަވައިގެން އަޑުގަދަކޮށް އިހްތިޖާޖު ކުރައްވަމުންނެވެ. މައިކް ކަނޑާލައިފައިހުރުމުން ދެއްކެވި ވާހަކަތައް ސާފެއް ނޫނެވެ. މިމައްސަލައިގައި މަޖިލީސްތަޅުން ހޫނުވެ މެމްބަރ ޝިޔާމްވަނީ ގަދަކަމުން މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައެވެ. މަޖިލީހުގެ ތަޅުމުން މެމްބަރ ޝިޔާމް ނެރުއްވުމުގައި އޭނާއަށް ވެސް ބައެއް އެހެން މެމްބަރުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ވެއެވެ. ރޭގެ ޖަލްސާގައި ޝިޔާމްގެ ނަން އިއްވައިފައިވަނީ އާއްމުއޫޞުލުގައި މެމްބަރުންގެ ނަން އިއްވަންނަ އޮން ގޮތާ ޚިލާފަށެވެ. މެމްބަރުންގެ ނަންއިއްވާ އުޞޫލަކީ ދެފަހަރަށް ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށް ތިންވަނަ ފަހަރަށް ނަން އިއްވުމެވެ. ނަން އިއްވުމުން ޖަލްސާ ދޫކޮށް އެމެމްބަރަކު ނުކުންނަންޖެހޭނެއެވެ. ނުކުންނަވާނަމަށް މަޖިލީހުގެ ރައީސްގެ އަމުރަށް އެމެމްބަރަކު ތަޅުމުން ބޭރުކުރެވޭނީ ސާރޖެންޓް އެޓް އާމްސް އަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.