މަޝްހޫރު ކޯރިއޮގްރާފަރ ސަރޯޖް ޚާން މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރ ސަރޯޖް ޚާން މަރުވެއްޖެއެވެ. އޭނާ މަރުވީ ހުކުރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތުގައެވެ.

ސަރޯޖް ޚާންގެ އަންހެން ދަރިފުޅާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދުގެ ހެނދުނު އިންޑިއާ ގަޑިން ހަތެއް ޖެހިއިރު މުމްބާއީގައި ހުންނަ ގަބުރުސްތާނެއްގައި އޭނާގެ މަންމަ ވަނީ ވަޅުލާފައެވެ.

ބަލިވެ އުޅޭތާ ދުވަސްކޮޅެއް ވުމަށްފަހު ސަރޯޖް މަރުވީ ހިތް ހުއްޓިގެން ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކޯށްފައިވެއެވެ. ނޭވާލާން އުނދަގޫ ވާތީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރީ މިދިޔަ ހޮނިހުރު ދުވަހުއެވެ. އޭނާ މަރުވީ ރޭ ދަންވަރު އިންޑިއާ ގަޑިން 2: 30 ގައި ކަމަށް މި ނޫހުން ރިޕޯޓުކުރެއެވެ.

"މާސްޓަރޖީ" ނުވަތަ "ގުރޫ ޖީ" ގެ ނަމުން ބޮލިވުޑްގައި މަޝްހޫރުކަން ހޯދާފައިވާ ސަރޯޖަކީ ބޮލީވުޑްގައި 40 އަށްވުރެ ގިނަ އަހަރު މަސައްކަތް ކޮށްފައިވާ ކުޅަދާން ނެށުންތެރިއެކެވެ. އޭނާ ވަނީ 2000 އަށްވުރެ ގިނަ ލަވަ ކޯރިއޮގްރާފް ކޮށްފައެވެ. 80 އިގެ އަހަރުތަކާއި 90ގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި ފިޔަޖަހަމުން ދިޔަ މަދޫރީ ޑީކްސިޓާއި ސްރީ ދޭވީގެ ބައެއް ލަވަތަކަކީ ސަރޯޖް ކޮރިއޮގްރާފްކޮށްފައިވާ ލަވަތަކެވެ.

ފިލްމު އިންޑަސްޓްރީގައި ސަރޯޖް ފުރަތަމަ މަސައްކަތްކުރީ އުމުރުން ތިން އަހަރުގައެވެ. އަދާކުރީ ކުޑަކުއްޖެއްގެ ރޯލެވެ. އެއަށްފަހު ބެކްގްރައުންޑު ނެށުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިއެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިރްމަލާ ގެ ގޮތުގައި އުފަންވި ސަރޯޖް އިސްލާމް ދީން ގަބޫލުކުރުމަށްފަހު މަޝްހޫރު ނެށުންތެރިއެއްގެ ގާތަށް ގޮސް ނަށަން ދަސްކުރިއެވެ. އުމުރުން 13 އަހަރުގައި ސަރޯޖް ކާވެނި ކުރިއެވެ. އޭނާގެ ފިރިމީހާގެ އުމުރަކީ 41 އަހަރެވެ.

ސަރޯޖް ޚާންގެ އެންމެ ފުރަތަމަ މިނިވަންކޮށް މަސައްކަރް ކުރީ ގީތާ މެރާ ނާމް ގައި 1974ވަނަ އަހަރުއެވެ. އެއަށްފަހު 1987ވަނަ އަހަރު މރ. އިންޑިއާގައި ސްރީ ދޭވީގޭ ހަވާ ހަވާއީ ކޮރިއޮގްރާފްކުރިއެވެ. މަޝްހޫރްވީ މަދޫރީ ޑިކްސިޓާއެކު ކޮރިއޮގްރާފްކުރި މަސައްކަތެވެ. އެންމެ ފަހުން ކޮރިއޮގްރާފްކުރީ 2019ވަނަ އަހަރު ކަރަންޖޯހަރް ޕްރޮޑިއުސްކުރި ކަލަންކްގައި މަދޫރީ ގެ ލަވަ، ތަބާ ހޯގައޭ އެވެ.

ނޯޓު: މި ޚަބަރު ނަގާފައިވަނީ ހިންދުސްތާން ޓައިމްސްއިންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.