(27 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެން މި ދައްކާ ވާހަކަ އަޑު އިވޭތަ؟" ހުމާޔޫން އެނދުގައި އިށީނދެ ސީދާ އޭނާގެ ލޮލަށް ބަލައިލިއެވެ.
"އާނ... އާނ... އިވޭ." މެހެމަލް އިސްޖަހައިލިއެވެ.
ދެން އޭނާ ދެއްކި ހުރިހައި ވާހަކައެއް މެހެމަލް އަޑުއެހީ އެގޮތަށް އިސްޖަހައިލައިގެން އިނދެއެވެ. ލަފުޒުތައް އޭނާގެ ކަންފަތުގައި ޖެހިފައި އެނބުރި ދަނީއެވެ. އެކިޔަނީ ކީކޭ ކަމެއް ނޭގެއެވެ. އޭނާ ވާހަކަ ދައްކައި ނިމިގެން ނުކުމެގެން ދިޔައީ ކޮންއިރުަކު ކަމެއްވެސް ނޭނގެއެވެ. ހޭވަރިކަންވީ ކާރު އިސްޓާޓުކުރި އަޑަށެވެ.
އޭނާ ކޮޓަރިތެރެއަށް ބަލައިލިއެވެ. މިއީ ހުމާޔޫން އޭނާ ބަންދުކުރި ކޮޓަރިއެވެ. އެ ދުވަހު އޭނާ ހުރީ ކަޅު ކުލައިގެ ސާޅިއެއް އަޅައިގެންނެވެ.
މިއަދު އެހެރީ ރަތްކުލައިގެ ހެދުމެއް ލައިގެންނެވެ. އަނތްބެއްގެ ގޮތުގައެވެ. ގަހަނާއަޅައި ޒީނަތްތެރި ވެގެންނެވެ. އޭނާއަކީ ކޮން ކަހަލަ އަނތްބެއް ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހުމާޔޫންގެ އަނތްބެއްގެ ގޮތުގައި އައިސް މި ކޮޓަރީގައި އިންނާނަމެކޭ އޭނާގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ. ފަވާދްގެ ހުވަފެން އޭނާ ދުށްޓެވެ. އެކަމަކު އެއީވެސް ހިތުގެ އަޑީގައި ފޮރުވިފައި އޮތް ސިއްރެކެވެ. ފަވާދަށްވެސް ނޭނގޭހައި އަޑީގައި އޮތް ސިއްރެކެވެ.
"ދެން ޙަސަނޯ؟" އޭނާގެ އެތެރެހަށިން އަޑެއް އިވުނެވެ.
ޙަސަނާ މެދު އޭނާގެ ހިތުގައި އެއްވެސް ކަހަލަ ޖަޒުބާތެއް އެއްވެސް އިރަކު ނުއުފެދެއެވެ. ކަންތައް ހިނގައި ދިޔައީ ރަނގަޅަށެވެ. ފަވާދް އޭނާގެ ނަމާ ގުޅުވައިގެން ހުމާޔޫންގެ ނަންގަތީމާ ޙަސަން ހިމޭންވީ ގޮތް މިހާރުވެސް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. ކިތަންމެ ކުޑަ ދަނޑިވަޅެއް ލިބުނަސް އޭނާގެ ކޮޅަށް ބުރަވެ ވާހަކަ ދައްކަމުން ދިޔަ ޙަސަން ފަހަތަށް ޖެހުނީއެވެ. ފައިސަލާއެއް ކުރާކަށް ނުކެރުނެވެ. އެކަމަކު ފަރިޝްތޭ އޭނާއަށްޓަކައި އެވީ ވަރަށް ބޮޑު ޤުރްބާނީއެކެވެ. އޭނާގެ ހެޔޮކަމުގެ ބަދަލު ދުވަހަކުވެސް އަދާކޮށެއް ނުނިމޭނެއެވެ. މެހެމަލަށްޓަކައި އޭނާގެ ހައްގުތައް ދޫކޮށްލީއެވެ. އޭނާއަށްވެސް އެކަހަލަ ފުރުސަތެއް ލިބޭނޭ ނަމައެވެ. ފަރިޝްތޭއަށްޓަކައި އަމިއްލަ ހައްގުތައް ދޫކޮށްލާނޭ ފުރުސަތު ލިބޭނޭ ނަމައެވެ.
އޭނާ ވަރުބަލިކަމާއެކު އެނދުގައި އޮށޯވެ ލޯމަރައިލިއެވެ. އޭނާގެ ހިތްވަނީ އުދާސް ވެފައެވެ. ރޫޙަށް ވަނީ ލޮޑުކަން ވެރިވެފައެވެ. މިހާރު އޭނާ ބޭނުންވަނީ ރާހަތާއި ސުކޫނެވެ. ހަމަޖެހުމެވެ. އާއިލާގެ މީހުންގެ މަޅިން މިންޖުވެވުނުކަމުގެ އިހުސާސް ކުރާން އޭނާ ބޭނުންވެއެވެ. އޭނާ ބޭނުންވަނީ ހިތާމަތަކުން ސަލާމަތް ވާށެވެ. އޭނާ އެހެން އޮވެގެން މަޑުމަޑުން ދުޢާކުރަމުން ގެންދިޔައެވެ.
"ޔާ ﷲ. މިއަޅާއަކީ އިބަ ﷲގެ އަޅަކީމެވެ. އަޅެއްގެ ދަރި އަޅަކީމެވެ. މިއަޅާގެ ހުރިހައި ހާސްކަމެއްގެ ހައްލު އޮތީ އިބަ ﷲގެ އަތްޕުޅުގެ މަތީގައެވެ. މިއަޅާ މިހިރީ އިބަ ﷲގެ ނިންމެވުމަކަށް ބޯލަނބައިގެންނެވެ. އިބަ ﷲގެ ކޮންމެ ނިންމެވުމަކީ މިއަޅާއަށް ފައިދާއަކަށްޓަކައި ނިންމަވާ ނިންމެވުމެއް ކަމަށް ރުހި ގަބޫލުކޮށްގެންނެވެ. އިބަ ﷲގެ މަތިވެރި ނަންފުޅުތަކުގެ ވާސިތާއިން މިއަޅާ ވާތްގަށް އެދެމެވެ. އެއީ އިބަ ﷲގެ ފޮތުގައި ބަޔާންވެގެންވާ ނަންފުޅުތަކެވެ. އިބަ ﷲ އެނަންފުޅުތައް މަޚުލޫގުންނަށް އަންގަވައިދެއްވިއެވެ. އެހެންނަމަވެސް ޣައިބުގައިވާ ހުރިހައި ކަމެއް ދެނެވޮޑިގެންވަނީ ހަމައެކަނި އިބަ ﷲއެވެ. މިއަޅާގެ ހިތަށް ކީރިތި ޤުރްއާނުގެ ނޫރު ވައްދަވައި މިއަޅާގެ ލޮލުގެ ނޫރަކީ ޤުރްއާންކަމުގައި ހެއްދެވީ އިބަ ﷲއެވެ. ހުރިހައި ފިކުރަކާއި ހިތާމައެއް ފިލުވައިލާ ފަރުވާއެއްކަމުގައި ޤުރްއާން ލެއްވީ އިބަ ﷲއެވެ. އިބަ ﷲއަށް ހާސްފަށުން ޙަމްދާއި ޝުކުރު ހުށްޓެވެ."
އޭނާ ތަކުރާރުކޮށް އެތައް ފަހަރަކު އެ ދުޢާކުރިއެވެ. އޭނާގެ ހިތަށް ހަމަޖެހުން ލިބި ގަރާރުވާންދެން ދުޢާކުރިއެވެ. އެންމެފަހުން އޭނާ އަރާމު ނިންޖެއެްގެ ތެރެއަށް ގެއްލިއްޖެއެވެ.
* * *
އެ ދެދުވަހު ފަރިޝްތޭ އުޅުނީ އޭނާޔާ އެކުގައެވެ. ކާވެނީގެ ދުވަހު ހިނގި ކަންތައްތައް ނޫން އެހެން ހުރިހައި ވާހަކައެއް ދެމީހުންގެ ދެމެދުގައި ދެކެވުނެވެ. އެވާހަކައަކީ ހިމޭން މުޢާހަދާއެއްގެ ދަށުން ނުދައްކާ ގޮތަށް ހަމަޖައްސައިފައި އޮތް ވާހަކައެއް ކަހަލައެވެ.
ފަރިޝްތޭ އޭނާއަށް ވަރަށް ގިނަ ވާހަކަތައް ކިޔައިދިނެވެ. ބައްޕަގެ ވާހަކައެވެ. ފަރިޝްތޭގެ މަންމަގެ ވާހަކައެވެ. ހުމާޔޫންގެ މަންމަގެ ވާހަކައެވެ. އަމިއްލަ ގޭގެ ވާހަކައެވެ. ދިރިއުޅުމުގެ ވާހަކައާއި ޅައިރުގެ ދުވަސްތައް ހޭދަކުރި ގޭގެ ވާހަކައެވެ. ދެމީހުން ތިބީ ބަގީޗާތެރޭގައި ސައިބޯށެވެ. ސައި ބޮމުން ވާހަކަ ދައްކަމުން ގެންދިޔައީއެވެ. ސައިތަށި ހިހޫވެ ހުސްވެއެވެ. އެކަމަކު ފަރިޝްތޭގެ ވާހަކައެއް ހުހެއް ނުވެއެވެ.
"މެހެމަލް. އެފަރާތް ބަލާބަލަ." ފަރިޝްތޭ ދުރަށް އިޝާރާތްކޮށްލިއެވެ. "އެތާގައި... އެފަރާތު ކަނުގައި އުނދޯއްޔެއް ހުރޭ."
މެހެމަލް އޭނާ އިޝާރާތްކުރި ދިމާއަށް ބަލައިލިއެވެ. މިހާރު އެތާނގައި ހުރީ ބޯ ވިނަ ހެދިފައެވެ. އެބުނާ އުނދޯއްޔެއް ނެތެވެ.
"ކުޑައިރު އަހަރެމެން ވަރަށް ގިނައިން އުނދޯލި ހެއްލަން. އެފަރާތުގައި އިހަށް ހުންނަނީ ކޮތަރު ކޮށްޓެއް. އެއް ކޮތަރަކީ އަހަރެންގެ ކޮތަރު. އަނެއެް ކޮތަރަކީ ހުމާޔޫންގެ ކޮތަރު. އޭނާ އަޅާ ބިންބިކޮޅު އަހަރެންގެ ކޮތަރު އެކީގައި ކައި ހުސްކޮށްލާނެ. އެކަމާ ހުމާޔޫން ވަރަށް އަރައިރުން ވާނެ. އޭނާއަކީ އަބަދުވެސް ރުޅިގަދަ މީހެއް. އެކަމަކު ރުޅިގަނޑު މައިތިރިވީމާ އެހައި ރަނގަޅު މީހަކު ނުފެންނާނެ."
މެހެމަލް ކުޑަކޮށް ހިނިތުންވެލިއެވެ.
"އަހަރެންގެ އުމުރުން ބާރަ އަހަރުގައި ބައްޕަ އެއްސެވީ އަހަރެން އުޅެން ބޭނުންވަނީ މަންމަޔާއެކީގައިތޯ ނޫނީ ބައްޕަޔާ އެކީގައިތޯ. އަހަރެން ބޭނުންވީ ވަގުތީ ގޮތުން ބައްޕަޔާ އެކީގައި ދާން. އެކަމަކު އެ ދުވަހު ހުމާޔޫން ރޮއި އަރާރުންވެ ހަދަން ފެށީމާ އަހަރެންގެ ނިންމުން ބަދަލުކުރީ." ފަރިޝްތޭ ސައި ކޯވަރެއް ބޮއިލިއެވެ. އޭނާ ހުރީ މާ ދުރުގެ ހަނދާންތަކެއްގެ ތެރެއަށް ގެއްލިފައެވެ.
"ދެން... ބޮޑެތި މީހުންނަށް ވީމާ އަހަރެން ފެށީ ޤުރްއާން ކިޔަވަން. އެހައިތަނުން ހުމާޔޫން ތަންކޮޅެއް ދުރުވާން ފަށައިފި. އެއީ ވިސްނުން ތޫނު މީހެއް. އެހެންވީމާ އަހަންނަށް ދަތިވާ ކަހަލަ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވި. ދުވަސްކޮޅެއް ފަހުން އަހަރެންގެ މަންމަ ނިޔާ ވެއްޖެ. ދެން..."
އެ ވަގުތު ކާރުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. ދެމީހުން އެ އަޑު އިވުނު ދިމާއަށް ބަލާން ފަށައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ދޮރާށި ހުޅުވިއްޖެއެވެ. މިހާރު ވަދެގެން އެ އަންނަނަނީ ކަޅު ކުލައިގެ ކާރެކެވެ.
"ހޫނ... ކަމަނާގެ ފިރިކަލުން އެ ވަޑައިގަތީ. ގެ ބެލެހެއްޓުމާ އަވަހަށް ހަވާލުވޭ. އަހަރެން ސާމާނު ހިފައިގެން ދަނާލަށް ދަނީ." ފަރިޝްތޭ ހީނގެންފައި ތެދުވެއްޖެއެވެ.
މެހެމަލް ހަދާނޭ ގޮތް ނޭނގިފައި އިނީއެވެ. ހުމާޔޫން ކާރުން ފައިބައިގެން އައީ ސީދާ އޭނާޔާ ދިމާއަށެވެ. އޭނާ ހުރީ ޔުނިފޯމުގައެވެ. އަތުގައި ތޮފި އޮތެވެ. މެހެމަލް ފެނުނީމާ ހިނިތުންވެލިއެވެ.
"މިތާގައި އިށީނދެގެން ތިޔަ އިނީ އަހަރެންގެ އިންތިޒާރުގައިތަ؟" އޭނާ ކުރިމައްޗަށް ހުއްޓި ހުރެ މިހެން ބުނެލީމާ މެހެމަލް ކުޑަކޮށް ހާސްވާގޮތް ވިއެވެ.
"އެއީ... އަހަ..."
"އަހަންނަކަށް އިންތިޒާރެއް ނުކުރަމޭ ބުނެލާ. އެއީ އެވަރުގެ ކަމެއް ނޫނެއްނު؟"
"ނޫނޭ... އެއީ... ސައި ގެންނަންތަ؟"
"ނޫނޭ. މިވަރުން ވާނެ." އޭނާ މެހެމަލްގެ އަތުގައި ހުރި ސައިތަށި އަތުލައިގެން ކޯވަރެއް ބޮއިލިއެވެ. އަދި ގެއަށް ވަންނާން ހިނގައިގެންފިއެވެ. "ފަރިޝްތޭ އެބައުޅޭތަ؟"
"އާނ. އެތެރޭގައި އެބައުޅޭ."
"އެންމެ ރަނގަޅު. އަހަރެން އެބަ އަންނަން ފެންވަރާލައިގެން. އަންނަންވާ އިރަށް ކާން ހަދައިދީ." އޭނާ އެތެރެއަށް ވަދެއްޖެއެވެ.
މެހެމަލް އިރުކޮޅެއް ވާންދެން އޭނާ ވަދެގެން ދިޔަ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ދޮރު ހުރީ ހުޅުވިފައެވެ. އޭނާ ދިޔައީ ދޮރު ނުލައްޕައެވެ. އޭގެ މާނައަކީ ކޮބައިބާވައެވެ؟ ތިމަންގެ ފަހަތުން އަންނާށޭ ބުނީ ހެއްޔެވެ؟ އޭނާ މިހާރުވެސް އެހެރީ އެއްވެސް ހުއްދަޔަކާ ނުލައި ހުމާޔޫންގެ ދިރިއުޅުމުގެ ތެރެއަށް ވަދެއެވެ. ގެއަށް ވަނިއްޔާ ވަކިން ކީއްހެއްޔެވެ؟
މެހެމަލް އިސްޖަހައިލައިގެން ހުރެ ގޭތެރެއަށް ވަދެއްޖެއެވެ.
ގޭތެރޭ ސިޑި ކައިރީގައި ހުމާޔޫނާއި ފަރިޝްތޭއާ ދެމީހުން ތިއްބެވެ. ފަރިޝްތޭ ދަބަސް ހިފައިގެން ސިޑިން ފޭބި ވަގުތާއި ހުމާޔޫން އެތެރެއަށް ވަން ވަގުތާ ދިމާވީއެވެ.
"ނޫނޭ... ދެން އަހަރެން ދަނީ. މާދަމާ އަހަރެންގެ ކުލާސްވެސް އޮންނާނެ."
"ދެތިން ދުވަހަކު މަޑުކޮށްލިޔަސް ކުލާހެއް ބޮލަކަށް ނުވެއްޓޭނެ."
ދެމީހުންގެ ވާހަކަ ދައްކަނީ ވަރަށް މަޑުމަޑުންނެވެ. މެހެމަލް އިސްޖަހައިލައިގެން ހުރެ ގޮސް ބަދިގެއަށް ވަދެއްޖެއެވެ.
ބިލްގީސް ހިނގައްޖެއެވެ. ބަދިގެ ހުރީ ދޮވެ، ފޮޅައި ސާފުކޮށްފައެވެ. އޭނާ އުނދުން ރޯކުރުމަށްފަހު ކާއެއްޗެހި ހޫނު ކުރާން ފަށައިފިއެވެ. އޭނާއަކީވެސް ބިލްގީސް ފަދަ ނޯކަރެކޭ ހިތަށް އެރިއެވެ.
"މެހެމަލް." ފަރިޝްތޭ ބަދިގެ ތެރެއަށް ބޯދީ ބަލައިލިއެވެ. މެހެމަލް އެނބުރި ބަލައިލިއެވެ. އޭނާ ހުރީ ދާން ތައްޔާރު ވެގެންނެވެ.
ފަރިޝްތޭ ވަދެގެން އައިސް މެހެމަލްގެ ކޮލުގައި އަތުން ޖަހައިލިއެވެ. މެހެމަލް އިރުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. ކުއްލިއަކަށް އޭނާގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.
"މެހެމަލް. ކިހިނެއްވީ؟ ކަމަކާ ކަންބޮޑުވެފައި ހުރިހެން އެބަ ހީވޭ." ފަރިޝްތޭ ފިކުރު ބޮޑުވެފައި އަހައިލިއެވެ. މިހާރު މެހެމަލް ހުރީ އޭނާއަށް ފުރަގަސް ދީގެންނެވެ. އެހެންވީމާ މޫނެއް ނުފެނެއެވެ.
"އަހަރެންގެ ކާވެނި މި ކުރެވުނު ގޮތަށް ދުވަހަކުވެސް އެއްވެސް މީހެއްގެ ކާވެނި ކުރެވުނުތަ؟" އިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު އޭނާ ބުނެލިއެވެ. ފަރިޝްތޭ އަނގައިން ނުބުނީމާ އޭނާ އެނބުރި ބަލައިލިއެވެ.
އޭނާ އެ ދައްކާ ވާހަކަ ގަބޫލު ނުކުރެވެއޭ ބުނާ ކަހަލަ ގޮތަކަށް ފަރިޝްތޭ އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ނުބައި ވާހަކައެއް ދެއްކުނީއޭ އޭނާއަށް ހީކުރެވޭން ފަށައިފިއެވެ.
"ކިހިނެއްވީ؟" އޭނާ އަހައިލިއެވެ.
"މެހެމަލް... މެހެމަލް..." ފަރިޝްތޭގެ އަޑުގައި ހުރީ ހައިރާންކަމުގެ އަސަރެވެ.
"ކިހިނެއްވީ؟"
"މެހެމަލް ތިޔައީ ވަރަށް ޝުކުރުވެރިނުވާ ކުއްޖެއް... ހަމަ އެއްގޮތަކަށްވެސް ޝުކުރުވެރިއެއް ނުވޭ." ރުޅިގަނޑު މައިތިރިކުރަމުން ފަރިޝްތޭ ނުކުންނާން އެނބުރިލިއެވެ.
"ދައްތާ... މަޑުކުރޭ." މެހެމަލް ފަހަތުން ހިނގައިގެންފިއެވެ. ފަރިޝްތޭ ބޭރަށް ނުކުމެއްޖެއެވެ. މެހެމަލް އޭނާގެ ކޮނޑުގައި ހިފައިލީމާ މަޑުކޮށްފިއެވެ. އަދި ފުން ނޭވައެއް ލުމަށް ފަހު އެނބުރި މެހެމަލާ ދިމާއަށް ބަލައިލިއެވެ.
"މެހެމަލް. މެހެމަލަށް ހުމާޔޫން ލިބިއްޖެ. އަދިވެސް އުފަލެއް ނުވޭތަ؟" ފަރިޝްތޭ ވަރަށް ދެރަވެފައި ބުނެލިއެވެ. މެހެމަލްވެސް ދެރަވެއްޖެއެވެ. އަސްލު މައްސަލައަކީ ކޮބައިކަމެއް ފަރިޝްތޭއަކަށް ނޭނގެއެވެ.
"ނޫނޭ... އެކަމަކު އެ އުފާވެރިކަން އިހުސާސް ކުރަން އަހަރެން..."
"ހުއްޓާލާ." ފަރިޝްތޭ ގާތަށް ހަމަ ހަގީގަތުގައިވެސް ރުޅި އަތުވެއްޖެއެވެ. ދެމީހުންގެ ދެމެދުގައި އިރުކޮޅެއް ވާންދެން ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު ފަރިޝްތޭ ކުރިއަށް ޖެހިލައި މެހެމަލްގެ ކޮނޑުގައި ދެ އަތުން ހިފަހައްޓައިލިއެވެ.
"މެހެމަލް ހަމަ ހަގީގަތުގައިވެސް އުފަލެއް ނުވޭތަ؟"
"ނޫނޭ. އެކަމަކު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން އަހަރެން ހިތް ބުރިބުރި ވެއްޖެ..."
"މީސްމީހުންގެ ރޫޙަށް ދާންދެން ބުރިބުރިވެ ފިސްފިސްވެގެންދޭ، މެހެމަލް. ހުރިހައި އެއްޗެއް ޤުރްބާން ވެގެންދޭ. އެކަމަކުވެސް މިންވަރުފުޅަށް ރުހިގެން ދިރިއުޅޭ. އެކަމަކު މެހެމަލް... އަދިވެސް ޝުކުރުވެރިއެއް ނުވަންތަ؟" ފަރިޝްތޭގެ ބިއްލޫރި ދެ ލޮލުން ކުޑަ ތެތްކަމެއް ފާޅުވިއެވެ. އޭނާގެ އަތް އަދިވެސް އޮތީ މެހެމަލްގެ ކޮނޑުމަތީގައެވެ.
"ނޫނޭ... އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އެކަމަކު... އެކަމަކު އަޖައިބެއް ކަހަލަ ގޮތެއް އެބަވޭ..."
"ހުއްޓާލާ މެހެމަލް..." ފަރިޝްތޭ އިތުރު އެއްޗެކޭ ނުބުނެ ނުކުމެގެން ހިނގައްޖެއެވެ. ފަރިޝްތޭ ރޮނީއޭ ހިތަށް އެރީމާ މެހެމަލް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ.
އޭނާ ކަންތައް ކުރި ގޮތުން ފަރިޝްތޭ ގާތަށް ރުޅިއައީއެވެ. އެކަމަކު ފަރިޝްތޭ ދެއްކީ ރަނގަޅު ވާހަކައެކެވެ. އޭނާއަކީ ޝުކުރުވެރިނުވާ މީހެކެވެ. ދުލުން އަލްޙަމްދުލިއްލާހި އޭ ކިޔައިލުމަކުން ނުފުދޭނެއެވެ. އަމަލުންވެސް އެކަން ދައްކާން ވާނެއެވެ.
"ކޮން ދުނިޔެއަކަށް ގެއްލިފައި."
މެހެމަލް ދިޔައީ ސިއްސައިގެންނެވެ. ހުމާޔޫން ކުރިމަތީގައި ހުރެގެން އޭނާޔާ ދިމާއަށް ބަލަނީއެވެ.
"ފަރިޝްތޭ ދިޔައީތަ؟" ހުމާޔޫން އައިސްލަމާރި ހުޅުވައިގެން ފެންފުޅިއެއް ނަގައިފިއެވެ.
"ހިނގައްޖެ."
"ފަރިޝްތޭއަކީ ވަރަށް ރަނގަޅު ކުއްޖެއް. ނޫންތަ؟"
ހުމާޔޫން މަތި ނެގުމަށް ފަހު ފުޅި އަނގައިގައި ޖަހައިފިއެވެ.
"އިށީނދެ އިނދެގެން ފެން ބޯންވީނު؟" އޭނާއަކަށް ނުބުނެއެއް ނުހުރެވުނެވެ.
ހުމާޔޫން ހީނގަތެވެ. "ފަރިޝްތޭ އެންމެ ފަހުން މެހެމަލްވެސް ވަރަށް ރަނގަޅު ކުއްޖަކަށް ހަދައިފި ދޯ؟"
"ކުރިން އަހަރެން ނުބައިތަ؟" މެހެމަލް ނުރުހުނެވެ.
"ނޫނޭ... ނޫނޭ. މެހެމަލް އަބަދުވެސް ވަރަށް ރަނގަޅު." ހިނިތުން ވެލައިފައި އޭނާ އަނެއްކާވެސް ފެން ބޯން ފަށައިފިއެވެ. އަދިވެސް ހުރީ ކޮޅަށެވެ. އަމިއްލައަށް ބަދަލު ވެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އެހެން މީހަކު ބަދަލު ކޮށްލުމަކީ އެޔަށްވުރެވެސް އުނދަގޫ ކަމެކެވެ.
"އާނ...މެހެމަލް... މެހެމަލްގެ ހިތް ބުރިބުރިވީ ކީއްވެގެންނޯ؟"
(ނުނިމޭ)
Mehemal shukuruverivaan dhaskuray.......