(14 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މިސުރުގެ ޢަޒީޒުގެ އަނބިކަނބަލުންގެ ނަންފުޅަކީ ޒުލައިޚާތަ؟"
"އެހެންނެއް ނޫންތަ؟" މެހެމަލް އަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.
"އެއްވެސް ދަލީލެއް ޙުއްޖަތެއް އެބައޮތްތަ؟"
"ދަލީލޭ؟ ޙުއްޖަތޭ؟" އޭނާ އެ ކުއްޖާގެ މޫނަށް ބަލަން ފަށައިފިއެވެ. "އަހަރެމެން ކިޔެވި ފޮތުގައި ލިޔެފައި އޮތީ އެހެން."
"ކިޔަވާ ފޮތް ލިޔަނީ އިންސާނުން. އިންސާނުންގެ ވާހަކައަކީ ދަލީލެއް ނޫން. ދަލީލު ގެނެވޭނީ ހަމައެކަނި ޤުރްއާނުންނާއި ހަދީސުން. އެއީ ﷲ ގެ ވަޙީ ކަމުގައި ވާތީ. ޤުރްއާނުގައިވެސް އަދި އެއްވެސް ހަދީސެއްގައިވެސް ޢަޒީޒުގެ އަނބިކަނބަލުންގެ ނަންފުޅަކީ ޒުލައިޚާއެކޭ ބަޔާން ވެފައެއް ނެތް." އެ ކުއްޖާ މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ. "މިސުރުގެ އެ އަންހެން މީހާއަށް ކުށެއް ކުރެވުނީ. ފާފައެއް ކުރެވުނީ. އެކަމަކު ﷲ އެކަން ސިއްރުކޮށް ދެއްވި. ބަޔާން ކުރައްވައިފައި ވަނީ އެ އަމަލު. މީހާގެ ނަމެއް ނޫން. ﷲ ސިއްރު ކުރައްވައިފައިވާ ކަމެއް ފާޅެއް ނުވާނެ. ޔޫސުފުގެފާނާއި ޒުލައިޚާގެ ވާހަކަ އަހަރެމެން ވަރަށް ގިނައިން އަހަމު. ޒުލައިޚާއޭ އަހަރެމެން ވަރަށް ގިނައިން ކިޔަމު. އެހެން ކިޔާކަށް ނުވާނެ. ﷲ އެކަމަނާގެ ނަންފުޅު ސިއްރު ކުރެއްވީމާ އަހަރެމެންނަކަށް ނަން ހަދަހަދައިގެންނެއް ނުކިޔޭނެ."
"ކީކޭ؟ އެ މީހާގެ ނަމަކީ ޒުލައިޚާއެއް ނޫންތަ؟" އޭނާގެ ރުޅި ފިލައިފިއެވެ. މިހާރު އަޑުގައި ހުރީ ހައިރާންކަމެވެ.
"އެ އަންހެންމީހާގެ ނަމަކީ ސިއްރެއް. އަހަރެމެންގެ ވެރި އިލާހު ބޭނުންވެވޮޑިގެން ވަނީ އެ ނަން ސިއްރެއްގެ ގޮތުގައި އޮންނާން. އެހެންވީމާ އެއްވެސް މީހަކަށް އެމީހާގެ ނަމެއް ނޭނގޭނެ."
"އެހެންތަ؟" މެހެމަލް ކޮނޑު އަރުވައިލިއެވެ. އެނގޭ އެއްޗެއް ހާދަހާ ކުޑައޭ އޭނާގެ ހިތަށް އެރި ފުރަތަމަ ފަހަރަކީ މިއީއެވެ. އެކަމަކު ނުދަންނަ ކަމަށް އިއުތިރާފު ވުމަކީ އޭނާގެ އަގު ވެއްޓިދާނެ ކަމެއް ކަމަށް ދެކޭތީ އަނގައިން ނުބުނެ ފަރާތްފަރާތް ހޯދައި ބަލާން ފަށައިފިއެވެ.
"ކޮންމެ ގޮތެއް ވިޔަސް ޤުރްއާނާ ބެހޭ ގޮތުން ކުރިން ދެއްކި ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން. ތިޔައީ އެކަހަލަ ފޮތެއް ނޫން."
"މި ފޮތަކީ މެހެމަލް ތިޔަ ހީކުރާ ކަހަލަ ފޮތެއް ކަމުގައިވެސް ނުވިއްޔާ ބުނާނީ ކީކޭ؟"
"އަހަރެން ދެކޭ ގޮތް ރަނގަޅުކަން އަހަންނަށް އެނގޭ. އަހަންނަށް ހުރިހައި ކަމެއް ދަންނަން."
"މި ނޫރާ ދިމާއަށް މެހެމަލް ގެންދާން އުޅޭ ކޮންމެ މީހަކު ގާތު ބުނާނީ ހަމަ ތިޔަހެންތަ؟"
"އަހަންނާ ހަވާލު ކުރަނީ ޤުރްއާނޭ ކުރިއަކުން ނުބުނަމެއްނު؟ އަހަންނަށް އެހެން ކަހަލަ ވާހަކަތަކެއް ކިޔައި ދިނީނު؟ އެހެން ހެދީ ކީއްވެގެން؟"
"އަހަރެން މެހެމަލް ގާތު ދީނީ ވާހަކަ ދެއްކި ނަމަ އަހަންނާ ދުރަށް ދިޔައީސް."
"މިހާރުވެސް މި ވަނީ އެހެންނެއްނު؟" އޭނާ މިހެން ބުނީމާ އެ ކުއްޖާ ހިނިތުންވެލިއެވެ.
"މިހާރު މެހެމަލްގެ ހުރިހައި ހުއްޖަތެއް ނިމިއްޖެ. ދެން އޮތީ ބޭނުން ގޮތެއް ހެދުން. ބޭނުން ދިމާއަކަށް ދިއުން."
ކަޅު ކުލައިގެ ކާރެއް އެ މީހުން ހުރަސް ކޮށްފައި ތަންކޮޅަކަށް ގޮސްފައި މަޑުކޮށްފިއެވެ. އަދި ފަހަތަށް އަތުވެއްޖެއެވެ. މެހެމަލް ދިޔައީ ސިއްސައިގެންނެވެ. ކާރު ދުއްވާން އިނީ ފަވާދެވެ.
އޭނާ ތެދުވެއްޖެއެވެ. ފަވާދް އިޝާރާތުން އަންނާށޭ ބުނެފިއެވެ. އަދި ކާރުގެ ކުރީ ދޮރުފަތް ހުޅުވައިލިއެވެ.
އޭނާ ހިނިތުންވެލުމަށް ފަހު ގޮނޑިމަތީގައި އޮތް ދަބަސް ނަގައި ކޮނޑުގައި އަޅުވައިލިއެވެ. ކަޅު އަންހެން ކުއްޖާ އެންމެ ފުރަތަމަ ބަލައިލީ މެހެމަލް ބަލަހައްޓައިގެން ހުރި ދިމާއަށެވެ. ދެން ބަލައިލީ އޭނާގެ މޫނަށެވެ.
"މެހެމަލްގެ ކުރިމަތީގައި އޮތީ ދޭއްޗެއް. އެކައްޗަކީ މުޞްޙަފް. އަނެކައްޗަކީ ހިތް. މެހެމަލް ތިޔަ ޚިޔާރު ކުރީ ހިތް. މެހެމަލް މުޞްޙަފާ ގާތަށް ނުގެނެވުނީތީ އަހަރެން މުޅި އުމުރަށް ހިތާމަ ކުރާނަން. ދެން ކުރިމަތިވާ އެއްވެސް ކަމަކީ އަހަރެންގހެ ހިއްސާއެއް އޮވެގެން ކުރިމަތިވާ ކަމަކަށް ނުވާނެ. އެކަމަކު އަހަރެން އަބަދުވެސް މެހެމަލަށްޓަކައި ހެޔޮ ދުޢާ ކުރާނަން."
އެ ކުއްޖާ ގޮނޑިން ތެދުވެ، ކަޅު ކުލައިގެ ބޭރުގަނޑު ލީ މުޞްޙަފް މޭގައި ޖައްސައިލިއެވެ. އަދި ދަބަސް ކޮނޑުގައި އަޅުވައިގެން ހިނގައިގެންފިއެވެ. މެހެމަލް އެ ކުއްޖާޔާ ދިމާއަށް ބަލައިލިއެވެ. އެ ކުއްޖާ ދިޔައީ ކޮރު ޖަހަމުންނެވެ. އޭނާ ދެން އެނބުރިލީ ކާރާ ދިމާއަށެވެ.
"ކީކޭ ފަވާދްބޭބޭ؟" އޭނާ ތިރިކޮށްފައިވާ ބިއްލޫރިގަނޑާ ދިމާއަށް ގުދުވެލިއެވެ.
"ކާރަށް އަރާ."
އޭނާ ކުޑަކޮށް ކަންބޮޑު ވެއްޖެއެވެ. "އަހަރެން މި ދަނީ ކޮލެޖަށް."
"ކޮލެޖަށް ދަނީ ކީއްކުރަން؟"
"މާ ބޮޑު ކަމަކުއެއް ނޫން. އެކުވެރިން އެއް ތަނަކުން ބައްދަލު ކޮށްލާ ގޮތަށް ރޭވީމާ ދަނީ."
"އެހެން ފަހަރަކުން ކޮލެޖަށް ދާނީ. މިހާރު ކާރަށް އަރާ." ފަވާދް ހުރީއަކީ އޭނާ ދައްކާ އެއްވެސް ބަހަނާއެއް ގަބޫލު ކުރާ ކަހަލަ ގޮތަކަށް ނޫން ކަމުގައި ވާތީ އޭނާ މަޑުމަޑުން ގޮސް ކާރަށް އަރައި ދޮރު ލައްޕައިލިއެވެ.
އެއްކަލަ ކަޅު އަންހެން ކުއްޖާ ކޮރު ޖަހަމުން ދާތަން ކާރުގެ ކުރިމަތީ ބިއްލޫރިގަނޑުން ފެނެއެވެ. އެ ދުވަހަކީ އެ ކުއްޖާ ފެންނާނޭ އެންމެ ފަހު ދުވަސް ކަމެއް އޭރަކު މެހެމަލަކަށް ނޭނގެއެވެ. އެއީ ކޮން ތަނަކުން އައި ކޮން ނަމެއް ކިޔާ ކުއްޖެއް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. އެ ކުއްޖާ ބަސްހުއްޓާ ތަނަށް އަންނަނީ ތަނަކަށް ދާން ބަހަށް އަރާކަށް ނޫނެވެ. އަހަންނާ ބައްދަލު ކުރާށެވެ. އަހަރެން ބަހަށް އަރައިގެން ކޮލެޖަށް ދިޔައީމާ އެ ކުއްޖާވެސް އައި ތަނަކަށް އެނބުރި ދަނީއެވެ.
"ފަވާދްބޭބޭ. ކޮން ތަނަކަށް މި ދަނީ؟" ފަވާދް ކާރު ދުއްވައިލީމާ މެހެމަލް އަހައިލިއެވެ.
"އަހަންނަށް ބޭބެ ކިޔުން ހުއްޓައެއް ނުލާނަންތަ؟"
"ހުއްޓާލަންވީ ކީއްވެ؟" އޭނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. އެކަމަކު އެކަން ފޮރުވަމުން އަހައިލިއެވެ.
"ވަކި ކަމެއް ވެގެންނެއް ނޫން."
"މި ދަނީ ކޮން ތަނަކަށް؟"
"ބުނެފީމެއްނު؟ މި ދަނީ އޮފީހަށް." ފަވާދް އޭނާޔާ ދިމާއަށް ބަލައިލާފައި ހިނިތުންވެލިއެވެ.
"އޮފީހަށޭ؟" އޭނާ ހައިރާންވިއެވެ. "އާޣާޖާން އޮތީ މަނާ ކުރައްވައިފައެއްނު؟"
"ބައްޕަ ގާތު އަހައިލީ އެއީ ރަސްމީ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ފެންނާތީ." ފަވާދް ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.
"ޙަސަންބެޔޯ؟"
"ޙަސަނުގެ ވާހަކަ ބާއްވާ. މެހެމަލް އޮފީހަށް ގޮސް މަސައްކަތް ކުރަން ބޭނުންތަ؟"
"ބޭނުން."
ފަވާދް ހިނިތުންވެލިއެވެ. "ތިޔައީ މެހެމަލް އުޅެންވާ ގޮތް. އަމިއްލަ ނަފުސަށް ފުރިހަމައަށް އިތުބާރު ކުރަން ވާނެ. ކުރިއަށް ދެވޭނީ އެފަދަ އިތުބާރެއް އޮވެގެން. އެހެންނޫނީ އެ މީހުން މެހެމަލް ރޮލާ ކައިލާނެ. ދިރިއުޅުމުން ހައްގުވާ ހިއްސާ ލިބިގަންނަން ދަސްކުރޭ. ހޯދަން ދަސްކުރޭ." ފަވާދް ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ފޯރިއާއެކީގައެވެ. މެހެމަލް އެއްވެސް ކަމެއް ކުރާކަށް ނުޖެހުނެވެ. ހުރިހައި ކަމެއް އަމިއްލައަށް ހަމަޖެހެމުން ދަނީއެވެ.
"މެހެމަލް މިހާރު ލައިގެން ތިޔަހަރަ ހެދުމަކީ ދެ އަހަރުވީ ހެދުމެއް ދޯ؟"
"ތިން އަހަރު." އޭނާ ފަވާދްގެ ވާހަކަ އިސްލާހު ކޮށްލިއެވެ.
"ހައިރާން ވެއްޖައިން. މެހެމަލްގެ ދައްތައިންތައް އެ އުޅޭ ގޮތް ނުދެކެންތަ؟ އެމީހުން އެއް ހެދުމެއް ލަނީ ގިނަ ވެގެން ތިން ފަހަރު."
"މިއީ މީގެ ތިން އަހަރު ކުރިން ޢީދަށް ފެއްސި ހެދުމެއް." މެހެމަލް ކުރުތާގެ ފަސްބައިގައި ހިފައިލާފައި ފަވާދާ ދިމާއަށް ބަލައިލިއެވެ. "އައު ހެދުން ގަންނަ ވަރަކަށް ނޫނީ ފައްސާ ވަރަކަށް އަހަރެންގެ އަތަކު ފައިސާއެއް ނެތް. ހެދުން ގަންނަން އާޣާޖާން ފައިސާ ދެނީ ޢީދު ދުވަހު އެކަނި." އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ. ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ.
"އަހަނ... ތިޔަހެން ނުހަދާ މެހެމަލް. ނުރޮއި." އޭނާ ކަންބޮޑުވީ ވަރުން ކާރު މަގުގެ އެއް ފަރާތަށް ހުއްޓައިފިއެވެ. "އަހަރެން އެހެން ބުނީ މެހެމަލްގެ ހިތުގައި ޖައްސާކަށް ނޫން. އަހަރެން ހުއްޓާ އެއްވެސް ކަމަކާ ފިކުރު ބޮޑު ކުރާނެ ކަމެއް ނެތް."
އޭނާ އިސް އުފުލައިލިއެވެ. އޭނާގެ ބިއްލޫރި ދެ ލޯ ހުރީ ތެމިފައެވެ.
"ފުރަތަމަ ދާނީ އޮފީހަކަށް ނޫން. ފުރަތަމަ ހިނގާ ފިހާރައަކަށް ގޮސް ހެދުންކޮޅެއް ގަނެލަމާ. މެހެމަލް ނުލާހިކު ރީތި. އެހެންވީމާ ލާން ވާނީވެސް ރީތި ހެދުން." ފަވާދަށް ދެކެވޭ ވާހަކަ ރޭކާލީ ކަން ނޭނގެއެވެ. އަވަސް އަވަހަށް ސަމާލު ވެލުމަށް ފަހު އަނެއްކާވެސް ކާރު ދުއްވައިލިއެވެ.
މެހެމަލް އަތުގެ ފުށަތުން ކަރުނަ ފޮހެލާފައި ހިނިތުންވެލިއެވެ. "އޭނާގެ ވަލީ ޢަހްދު އަހަރެންގެ ކަރުނަ ތިތްކެއް ދެކެ މިހައި ބޮޑު ބިރެއް ގަންނަކަން އެނގިއްޖެއްޔާ ކުޑައަންމަ ހާދަހާ ވަރެއް އަރުވައިލާނެއެވެ."
ފަވާދަކީ އޭނާގެ ހަތިޔާރެވެ. އެ ހަތިޔާރުގެ ބޭނުން ކޮށްގެން ގޭގައި އެތިބަ ހުރިހައި އެންމެންގެ ކިބައިން އޭނާ ބަދަލު ހިފާނެއެވެ.
ފަވާދު އޭނާ ގޮވައިގެން ދިޔައީ އަގު ބޮޑު ތައްޔާރީ ހެދުން ވިއްކާ ފިހާރައަކަށެވެ. ނިދާއާއި ސާމިޔާއާ ދެމީހުންނާއެކު އޭނާ މީގެ ކުރިން އެއް ފަހަރު އެ ފިރާއަށް އައެވެ. އެކަމަކު މިހާރު ކުރެވެނީ އައު އިހުސާސެކެވެ. މިހާރު އެ އައީ އޭނާ ލާން ހެދުން ގަންނާށެވެ. ހީވަނީ ހުވަފެނެއްގައި އުޅެވެނީ ހެންނެވެ.
"މިއީ ތަންކޮޅެއް ކުރު ގަމީހުގެ ޒަމާނެއް. މެހެމަލް ތިޔަ ހުންނަނީ ކަކުލާ ހަމައަށް ހުންނަ ކުރުތާ ލައިގެން." ފަވާދް މެހެމަލާ ދިމާއަށް ބަލައިލުމަށް ފަހު ހަރުގަނޑުން ހެދުމެއް ނަގައި އޭނާގެ ކޮނޑުގައި ޖައްސައިލިއެވެ. "މިއީ ވަރަށް ރީތި ހެދުމެއް. ރަނގަޅުތަ؟"
"ވަރަށް ރަނގަޅު." އޭނާ ވާހަކަ ދައްކަނީ ހިތާއި ދުލުން އެކީގައެވެ.
"މި ހެދުން ނަގާ." ފަވާދް އެ ހެދުން ފިހާރައިގެ ކުއްޖެއްގެ އަތަށް ދިނުމަށް ފަހު އެހެން ހަރުގަނޑަކާ ދިމާއަށް ހިނގައިގެންފިއެވެ.
"ސިދްރާގެ އެންގޭޖްމަންޓަށްވެސް ހެދުމެއް ގަންނަން ވާނެއެއްނު؟"
"ސިދްރާދައްތަގެ އެންގޭޖްމަންޓޭ؟"
"އާނ. އޭނާ އިންނާނޭ މީހަކު ހަމަޖައްސައިފި. މި އަންނަ އާދީއްތަ ދުވަހު އެންގޭޖްމަންޓް އޮންނާނެ. މެހެމަލް ނުދެނަހުރިންތަ؟" ފަވާދް ހަރުގަނޑުގައި ހުރި ހެދުންތައް ބަލަމުން ގެންދިޔައެވެ.
"ނުދެނަހުރިން." ގޭތެރޭގައި ހިނގާ ކަންތައްތައް ނޭނގޭ ވަރަށް އެހެން ކަމެއްގެ ތެރެއަށް އޭނާ ގެއްލުނީ ބާވައެވެ؟ ނުވަތަ މެހެތާބް އޭނާއަށް އެ ވާހަކަ ސިއްރު ކުރީ ބާވައެވެ؟ ނޭނގި އޮތް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
"އެންގޭޖްމަންޓް ހަފުލާގައި ލާން މި ހެދުން ރަނގަޅެއްނު؟" އޭނާ ހެދުމެއް ނަގައި ދައްކައިލީމާ މެހެމަލް ފަވާދާ ކައިރިއަށް ޖެހިލިއެވެ.
(ނުނިމޭ)
Varah reeti kudakoh dhigu kolla