ފުލުހުންގެ ބިލުން 241 ކޮމެޓީއަށް ދީފައިވާ ބާރުތަކަށް ސަރުކާރުން އިޞްލާޙު ހުށަހަޅައިފިއެވެ. ސަރުކާރުން މި އިޞްލާޙުތައް ހުށަހަޅައިފައި ވަނީ ފުލުހުންގެ ބިލާ ގުޅޭގޮތުން 241 ކޮމެޓީން އެޓާނީ ޖެނެރަލް އޮފީހާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
އޭޖީ އޮފީހުން ހުށަހެޅި އިޞްލާޙުގައިވާ ގޮތުން ފުލުހުންގެ ކަންކަމާ ގުޅޭގޮތުން މިނިސްޓަރާއި ޕޮލިސް ކަމިޝަނަރ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރެވިދާނެއެވެ. އަދި ކޮމެޓީގެ ލަފާ އެރުވިދާނެއެވެ. އަދި ކޮމެޓީން ދެއްވާ ލަފަޔާ އެއްގޮތަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށާއި ފިޔަވަޅު އެޅެން ނެތްނަމަ އެކަމެއް ކޮމެޓީއަށް އަންގަން ވާނެކަމަށް ވަނީ ބަޔާން ކޮށްފައެވެ ކުރިން އޮތީ ވަކިވަކި ފުލުހުންވެސް 241 ކޮމެޓީއަށް ހާޒިރުކުރެވޭ ގޮތަށެވެ. މި އިޞްލާޙާ މެދު ކޮމެޓީގެ ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދަވައިފައެވެ. ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލް ޣަފޫރު ވިދާޅުވީ ސަލާމަތީ ބާރުތަކަށް ބަސް ބުނުމުގެ ބާރު ޤާނޫނު އަސާސީން 241 ކޮމެޓީއަށް ލިބިފައިވާއިރު ހަމައެކަނި މިނިސްޓަރާއި ކޮމިޝަނަރ ކޮމެޓީއަށް ޙާޒިރު ކުރެވޭ ގޮތަށް އޮތުމުން އެބާރު ހަނިވާކަމަށެވެ. އެމާއްދާގައި ކަނޑައެޅިގެން މިނިސްޓަރާއި ކޮމިޝަނަރ އެކަނި ޙާޒިރުކުރާ ވާހަކަ ބަޔާންކުރުމުން ވަކިވަކި ފުލުހުން ކޮމެޓީއަށް ހާޒިރު ކުރަން ހުރަސް އެޅޭނެކަމަށެވެ. 241 ކޮމެޓީގެ މުޤައްރިރު ވިދާޅުވީ އެމާއްދާއާގުޅޭ ގޮތުން ކޮމެޓީން އިތުރަށް މަޝްވަރާކުރެވިދާނެކަމަށެވެ.
މިއަދު ބައްދަލުވުމުގައި އެޓާނީ ގެނެރަލް އޮފީހުން ވަނީ ފުލުހުންގެ ބިލަށް ބައެއް އެހެން މުހިންމު އިސްލާޙު ތަކެއް ހުށަހަޅައިފައެވެ. އޭގެތެރޭގައު ޕޮލިސް ބޯޑް އެކުލަވާލަންޖެހޭ ގޮތުގެ އިޞްލާހުވެސް ހިމެނެއެވެ. އެ އިޞްލާހުގައި ބުނާ ގޮތުން ޕޮލިސް ބޯޑް އެކުލަވާލަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެމްބަރަކާއި 241 ކޮމެޓީން އައްޔަންކުރާ މެމްބަރަކާއި ފަންނީ ދާއިރާތަކުން ތަޖްރިބާ ލިބިފައިވާ ތިން މީހަކާއި އާއްމުކޮށް ހުޅުވާލައިގެން ކުރިމަތިލާ މީހަކާއި މިނިސްޓަރ ކަނޑައަޅާ މެމްބަރެއް ހިމެނޭ ގޮތަށް ކަމަށެވެ. ބޯޑަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި ފުލުހުންގެ މުއައްސަސާ ޖަވާބު ދާރީކުރުމާއި ލަފާ ދިނުމާއި ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ އައްޔަން ކުރުމާއި މަޤާމުން ވަކިކުރުމުގައި ދޭންޖެހޭ ލަފާ ދިނުންހިމެނެއެވެ.
ފުލުހުންނަށް ހަތިޔާރު ހޯދުމާބެހޭ ޤަވާއިދުތައް ހެދިދާނެކަމަށް ބިލުގައި މިހާރުވެސް ބަޔާން ކޮށްފައި ވެއެވެ. ނަމަވެސް ހަތިޔާރު ބޭނުން ކުރަން ޖެހޭނީ ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުން ކަމަށްވަނީ އިޞްލާޙު ގެނެސް ފައެވެ. ނަމަވެސް އެބާރު ގެންނަން ޖެހޭނީ ޖިނާޢީ އިޖްރާތުގެ ޤާނޫނުގައިކަމަށް އޭޖީ އޮފީހުން ފާހަގަ ކުރެވިއެވެ. ނަމަވެސް ޖިނާޢީ އިޖްރާތު ޤާނޫނަށް ޖެހޭނީ އެއިޞްލާހު ގެންނަން ކަމަށް ފާހަގަ ކުރެއްވިއެވެ. ފުލުހުންގެ ޤާނޫނަށް އެބާރުދިނުމުން ވާނީ ކިހިނެއްތޯ ކޮމެޓީގެ މުޤައްރިރު ދެންނެވުމުން އޭޖީ އޮފީހުން ވިދާޅުވީ ފުލުހުންގެ ޤާނޫނަށް އެބައި ގެންނަނަމަ ގެންނަންޖެހޭނީ ފުލުހުންނަށް ލިބޭ ބާރުތަކާ ބެހޭ ބަޔަށް ކަމަށެވެ. ހިނގާ ނުހިނގާ ގޮތް ބަލާ ކޮމެޓީ އެކުލެވިގެންވާ ގޮތަށް ވެސް ވަނީ އިޞްލާޙު ގެނެސްފައެވެ. އެކޮމެޓީ އެކުލެވިގެންވާނީ 241 ކޮމެޓީގެ މުޤައްރިރާ ޕީޖީ އާއި އެގްޒެކެޓިވް އޮފިސަރުންގެ ތެރެއިން ސިޕީ ކަނޑައަޅާ އޮފިސަރެއް ހިމެނޭ ގޮތަށް ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ. ޑިސިޕްލިނަރީ ބޯރޑް އެކުލެވިގެންވާ ގޮތަށްވެސް ބަދަލު ގެނެސް މިނިސްޓަރު އައްޔަންކުރާ މުވައްޒަފަކު ހިމަނަން ޖެހޭ ގޮތަށް އިޞްލާޙުކޮށްފައިވާކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.
އޭޖީ އޮފީހުން އިތުރަށް ހުށަހެޅި އިޞްލާޙުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ފުލުހުންނަށް ޙަރަކާތްތެރި ވުމުގެ ބާރު ދިނުންވެސް ހިމެނެއެވެ. އެމާއްދާ ހިމަނައިފައިވަނީ މައްސަލަތައް ތަޙްޤީޤްކުރުމަށް ބޭނުންވާ ހެކި ހޯދުމުގެ ބާރު ފުލުހުންނަށް ދިނުމުގެ ގޮތުން ކަމަށް އޭޖީ އޮފީހުން ފާހަގަ ކުރެއްވިއެވެ.
އިތުރު އިޞްލާޙުތަކުގެ ތެރޭގައި އަތޮޅު ކޮމާންޑަރުންނާއި ސިޓީ ކޮމާންޑަރުންނަށް އައްޔަން ކުރަން ޖެހޭނީ ޗީޕް އިންސްޕެކްޓަރ ރޭންކްގެ ފުލުހުންކަމަށާއި އެމާޤަމްތަކަށް ފުލުހުން ކަނޑައަޅާނީ ސީޕީގެ ލަފާގެ މަތިން މިނިސްޓަރކަމަށް ކަނޑައެޅުން ހިމެނެއެވެ. އަދި ފުލުހުންގެ ރޭންކްތައް ކަނޑައެޅޭނެ ގޮތާއި ފުލުހުން ރެކްރޫޓް ކުރާނެ ގޮތާއި ދެވަނަ ފަހަރަށް ފުލުހުންގެ ޚިދުމަތާ ގުޅެވޭނެ ގޮތް ކަނޑައެޅުންވެސް ހިމެނެއެވެ.