(25 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކަލޭމެން ހަމަ ހަގީގަތުގައިވެސް..."
"އާނ. މެހެމަލާއި ވަސީމާ ދެވަން އަހަރެމެން މި އުޅެނީ އެހެން ވެގެން."
"ފަވާދް." އޭނާ ދައްކަމުން ގެންދާ ވާހަކަ ހުއްޓުވާން އާޣާ ކަރީމް އުޅުނެވެ.
"ބައްޕާ. އަޅުގަނޑަށް ވާހަކަ ދެއްކިޔަ ދެއްވާ... އާނ... މެހެމަލް. ވަސީމާއި ކަލެޔާ ދެވަން އަހަރެމެން މި އުޅެނީ އެހެން ވެގެން. ކަލޭ ރުހެމުތަ؟ ފަރިޝްތޭއާއެކު ކަލެއަކަށް ދެވޭކަށް ނެތެއްނު؟ އެހެންވީމާ ކާވެނި ނުކޮށް ކުރާނޭ ކަމެއްވެސް ނޯންނާނެ."
"ނޫން. ނޫން." މެހެމަލް ބާރަށް ހަޅޭއް ލަވައިގަތެވެ. "އަހަރެން ވަސީމަކާ ނީންނާނަން."
"މެހެމަލް. ކަލެއަކަށް އެހެން ގޮތެއް ނެތް. ކާވެނި ނުކޮށް ހަދާނޭ ގޮތެއް ނޯންނާނެ." ފަވާދް އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
"ކަލެއަށް ބަދުދުޢާއެއް ކުރެވޭނެ ނަމައޭ އަހަރެންގެ ހިތަށް އަރާ. އާޣާ ފަވާދް. އެކަމަކު އަހަރެން މިއީ ޤުރްއާންގެ ދަރިވަރެއް. އެހެންވީމާ އެކަހަލަ ކަމެއް ނުކުރާނަން. ކަލޭ ﷲ އަކަށް ބިރެއް ނުގަނޭތަ؟" ފަރިޝްތޭ ނަފުރަތުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލައިލިއެވެ.
"އަހަރެން މި ދައްކަނީއަކީ ނުބައި ވާހަކައެއް ނޫނެއްނު؟"
"ކަލޭ ތިޔަ ކުރަނީ ނުބައި ކަމެއް. ޔަތީމް ކުއްޖަކަށް ތިޔަ ކުރަނީ އަނިޔާ."
"އަހަރެމެން މި ކަމެއް ކުރާތާ އެތައް އަހަރެއް ވެއްޖެ. ނޫޙްގެފާނުގެ ޠޫފާން އަހަރެމެންގެ މައްޗަކަށް ނާދެއެއްނު؟"
"ޠޫފާނުގެ ޚަބަރު ކަލެއަށް ވާނީ ޠޫފާން ނަގައި ބޯމަތިކުރާ ފަހުން. ﷲ އަށް ބިރުވެތިވޭ. ޔަތީމް ކުއްޖަކަށް އަނިޔާވެރިވީމާ ކަލެއަށް ލިބެނީ ކޮންއެއްޗެއް؟"
"ފަރިޝްތޭ މި އަނިޔާ ހުއްޓުވަން ވީއެއްނު؟"
"ތިޔަ ކިޔަނީ ކީކޭ؟" ފަރިޝްތޭ ސިހިފައި އަހައިލިއެވެ.
ފަވާދް ޖަވާބެއް ނުދީ މެހެމަލާ ދިމާއަށް ބަލައިލިއެވެ. އޭނާވެސް ހުރީ ފަވާދާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ވަސީމާއި ކަލެޔާ ދެމީހުންގެ ކާވެނި ހުއްޓޭނޭ އޮތީ އެންމެ ގޮތެއް. އަހަރެމެން ބުނާ ގޮތަކަށް ކަންތައް ކޮށްފިއްޔާ ކާވެނި ހުއްޓުވިދާނެ. އޭރުން ކަލޭގެ ދައްތަޔާ އެކީގައި ބޭނުން ތަނަކަށް ދޭ. އަހަރެމެން އެއްވެސް މީހަކު ގާތު އެއްވެސް ވާހަކައެއް ނުދައްކާނަން. ފަރިޝްތޭ ބޭނުން މީހަކާ ކަލޭ ދެވައިފާނެ. ކާވެނި ޕާޓީއަށް އަހަރެމެން އާއިލާގެ އެންމެން ދާނަން. ކަލޭ ބޭނުންވާ ގޮތެއް ބުނޭ."
މެހެމަލްގެ މޫނުމަތީން ފެންނަނީ ޔަގީންކަމެއް ނެތްކަމުގެ އަސަރެވެ. އަދިވެސް ހުރީ ފަވާދާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ސިދްރާ. އަހަރެންގެ ކޮޓަރީ މޭޒުމަތީގައި ހުންނާނެ ކަރުދާސްތަކެއް. އެ ހިފައިގެން އާދެބަލަ. ގަލަމެއްވެސް ގެންނާތި."
ސިދްރާ ބޯ ޖަހައިލުމަށް ފަހު އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.
"ތިޔަ ކިޔަނީ ކީކޭ؟" ނުރައްކަލުގެ ރަނގަބީލުގެ އަޑު ފަރިޝްތޭއަށް އިވޭން ފަށާއިފިއެވެ.
"އަހަރެން މި ބުނަނީ މި ކާވެނި ހުއްޓުވިދާނެއޭ... އެކަމަކު އެއީ..." ފަވާދް ސިދްރާއާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު އޭނާ ސިޑިން ފައިބައިގެން އަންނަނީއެވެ. ސިދްރާ ގެނައި ކަރުދާހާއި ގަލަން އަތުލުމަށް ފަހު އޭނާ ބުންޏެވެ. "އެކަމަިު އެކަން ކުރެވޭނީ މި ލިޔުމުގައި ކަލޭމެން ސޮއި ކުރީމާ."
"ތިޔައީ ކޮން ލިޔުމެއް؟" ފަރިޝްތޭ އަހައިލިއެވެ.
"ކާވެނީގެ ވަގުތު ޑްރާމާ ކުޅެން މިތަނަށް ކަލޭ އަންނާނެކަން އަހަންނަށް އެނގޭ. އެހެންވީމާ އަހަރެމެން މިތިބީ ކުރީއްސުރެ މިކަމަށް ތައްޔާރު ވެގެން. މެހެމަލްގެ ބޮލަށް ވަދެގެން ކަލޭ ކުޅޭ ކުޅިގަނޑުގެ ޚަބަރު އަހަރެމެންނަށް ނުވާނޭ ކަމަށް ހީކުރީތަ؟ ހުރިހައި ކަމެއް އަހަރެމެންނަށް ރަނގަޅަށް އެނގޭ. ކަލޭގެ ހުމާޔޫންބޭބެޔާ މެހެމަލް ބައްދަލު ކުރަނީ ކޮން ވަގުތަކު ކޮން ތަނެއްގައިކަންވެސް އަހަރެމެން ގެންދިޔައީ ބަލަމުން. އަހަރެމެން އަޅާނުލައި ތިބީ މި ވަގުތުގެ އިންތިޒާރުގައި."
"ކަލޭގެ ޝަރުޠަކީ ކޮބާ؟ އެ ވާހަކަ ދައްކާ." ފަރިޝްތޭ ފިނި ގޮތަކަށް ބުނެލިއެވެ.
"މިއީ ފަރިޝްތޭ އިބްރާހީމާއި މެހެމަލް އިބްރާހީމް މުދަލުން އަތް ދޫކޮށްލާ ކަމުގެ ލިޔުން. މި ގެއާއި، ކާރުޚާނާއާއި، އާޣާ އިބްރާހީމްގެ ހުރިހައި ފައިސާއަކާއި މުދަލަކުން ދެބެއިން އަތް ދޫކޮށްލާ ކަމުގެ ލިޔުން. އެ ހުރިހައި އެއްޗެއް އަހަރެމެންނަށް ދީ ޚަލާސްކުރި ކަމުގެ ލިޔުން. މީގައި ވާ ގޮތުން ކަލޭމެން ދެމީހުންކުރެ މީހަކު ހިއްސާ ދޭށޭ ކިޔައިފައި މީގެ ފަހުން އަހަރެމެންގެ ފަހަތަކުން ނާންނާނެ. އޭގެ ބަދަލުގައި އަހަރެމެން ވަސީމާއި މެހެމަލް ނުދެވާނަން... އާނ... އެންމެ ފަހުން މި ބުނި ވާހަކަ... ވަސީމާއި މެހެމަލް ނުދެވާނޭ ވާހަކަ ލިޔުމަކު ނޯންނާނެ."
ފަރިޝްތޭގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމެވެ. ދެން ވެރިވީ ހައިރާންކަމުގެ އަސަރެވެ.
"ކަލޭ... ކަލޭ ތިޔަ އުޅެނީ އަހަރެމެންގެ ހައްގުތަކުން އަހަރެމެން މަހުރޫމު ކުރަންތަ؟"
"އާނ. ތިޔަ ހީވީ ހަމަ ރަނގަޅަށް."
"އާޣާ ފަވާދް. އެކަހަލަ ކަމެއް ކުރާނަމޭ ކަލޭގެ ހިތަށްވެސް އެރީ ކީއްވެގެން؟ ކަލޭ..." މިހާރު އޭނާގެ މޫނުމަތީން ފެންނަނީ ރުޅިވެރިކަމުގެ އަސަރެވެ.
"އަހަރެމެންގެ ގެއިން އަހަރެމެން ނެރޭނީ ކިހިނެއް؟ މިއީ އަހަރެމެންގެ ގެ. އަހަރެމެންގެ ބައްޕަގެ ގެ. އަހަރެމެންގެ ހައްގެއް. މި ވަގުތު އަހަރެމެންނަށް ފައިސާވެސް ބޭނުންވޭ. މެހެމަލްގެ ކިޔެވުމާއި ކާވެނީގެ ކަންތައް ހަމަޖައްސަން ޖެހޭނީ އަހަންނަށް. އެއީ ފައިސާޔާ ނުލައި ކުރެވޭނޭ ކަމެއް ނޫން."
"އެއީ އަހަންނަކާ ބެހޭ ކަމެއް ނޫން. މި ލިޔުމުގައި ކަލޭމެން ސޮއި ކުރީމާ ވަސީމްގެ އަތްދަށުން މެހެމަލް ސަލާމަތް ވެދާނެ."
"އަހަރެމެންގެ ހައްގެއް ކަލޭމެންނަށް ދޭންވީ ކީއްވެގެން؟"
"އެއީ މި ހުރިހައި އެއްޗެއްގެ ހައްގުވެރިޔަކީ އަހަރެންގެ ފިރިމީހާއާއި ދަރިން ކަމުގައި ވާތީ." މެހެތާބް ކުރިއަށް ޖެހިލައި އެ ވާހަކައިގައި ބައިވެރިވެލިއެވެ. "އިބްރާހީމް މަރުވީއިރު އޮތީ ވިޔަފާރި ހުލިވެފައި. އަހަރެންގެ ފިރިމީހާއާއި ދަރިން ރެޔާއި ދުވާ އެއްކޮށްގެން ބުރަ މަސައްކަތް ނުކުރިނަމަ ވިޔަފާރިއެއް ނޯންނާނެ."
"އެހެންތަ؟ ކުޑައަންމަގެ ފިރިމީހާއާއި ދަރިން އެހައި މޮޅުވެފައި މަސައްކަތްތެރިނަމަ ބައްޕަ ނިޔާވީއިރު ކަލޭމެން އެންމެން އަނގަޔާ އަތާ ދިމާނުވެގެން ސަލާން ޖަހަމުން ދުވެދުވެ ތިބީ ކީއްވެގެން..؟ ވާރިސުންނަކީ ﷲ އުފައްދަވާ ބައެއް. ވިރާސީ ހައްގު ލިބިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމު ކަމެއް."
"ފަރިޝްތޭ... ކޮއިފުޅާ... މުދަލާއި ފައިސާ ދޫކޮށްލުން ނޫން އެއްވެސް ގޮތެއް ކަލޭމެންނަކަށް ނެތް. ކުޑައިރުކޮޅަކުން މެހުމާނުން އަންނާން ފަށާނެ. ގެ މި އޮތީ ކާވެންޏަށް ތައްޔާރު ވެފައި. ކުޑަކުޑަ އަލިފާން ކަންޏަކުން ރޯވެދާނެ. ދައްކައިލާ ކުޑަކުޑަ ވާހަކައެއް ބޮޑު ފަރުބަދައަކަށް ވެދާނެ. އެކަހަލަ ކުޑަކުޑަ ވާހަކައަކުން ބަދުނާމު ވާނީ ކާކު؟ މެހެމަލް... ފުރަތަމަ ކަމަކަށް ވަސީމާ ނީނދެ ފަރަކު ނުޖެއްސޭނެ. އެކަމަކު ފަރިޝްތޭ ގޮތް ދޫނުކޮށް މެހެމަލް ގޮވައިގެން ދާން އުޅެނީ ކަމަށް ވަންޏާ އަހަރެމެން ނުއެއް ހުއްޓުވާނަން. އެކަމަކު މެހެމަލް މީހަކާ އެކީ ފިލައިގެން ދިޔައީއޭ ކިޔައި އަޑު އަރުވާނަން. އެއީ ކަށަވަރު ކަމެއް. އޭގެ ސަބަބުން ބަދުނާމު ވާނީ ކާކުތޯ ކޮން އާއިލާއެއްތޯ... އަމިއްލައަށް ވިސްނައިލާ."
ފަވާދް ވާހަކަ ދެއްކުން ހުއްޓައިލާފައި ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ.
"އާޣާ ފަވާދް. ކަލޭ ހަމަ ހަގީގަތުގައިވެސް ﷲ ދެކެ ބިރު ނުގަންނަނީތަ؟"
އޭނާ ހިނިތުޔންވެލިއެވެ. "އަހަރެން މި ދައްކަނީއަކީ ނުބައި ވާހަކައެއް ނޫނެއްނު؟ އަހަރެމެންގެ ހައްގަށް އެދުމަކީ ނުބައި ކަމެއްތަ؟ އެ ވާހަކަ ބާއްވަމާ ބަހީ... ދެވަނަ ގޮތަކީ ކަލެޔާއި މެހެމަލާ ދެމީހުން މި ލިޔުމުގައި ސޮއިކޮށް މުދަލާއި ފައިސާ ދޫކޮށްލުން. އަގު ނުވެއްޓޭފަދަ ގޮތަކަށް ކާވެނީގެ ކަންތައް އަހަރެމެން ހުއްޓައިލާނަން. އޭގެ ފަހުން މެހެމަލް ގޮވައިގެން ދޭ. ބޭނުން މީހަކާއި ބޭނުން އިރަކު އޭނާ ދެވާ. އަހަރެމެން އެންމެން ރަސްމިއްޔާތުގައި ބައިވެރި ވާނަން. މި ގެއަކީ އަބަދުވެސް މެހެމަލްގެ ގެ ކަމުގައި ބަލާ. ބޭނުން ވަގުތަކު އައިސްގޮސް ހެދޭނެ. އެކަމަކު ގޭގެ މިލްކުވެރިކަމާމެދު ދެމީހުންކުރެ މީހަކު ދައުވާ ކޮށްގެން ނުވާނެ. އަން..." އޭނާ ކަރުދާހާއި ގަލަން ދިއްކޮށްލިއެވެ. "ސޮއިކޮށްލާ."
"އެކަމަކު ފަވާދް..." އާޣާ ކަރީމް ވާހަކަ ދައްކާން އުޅުނީމާ މެހެތާބް އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.
"އޭނާއަށް ވާހަކަ ދެއްކިޔަދީ. ކަންތައް އެ ކުރަނީ ރަނގަޅަށް."
"ހޫނ..." ފަރިޝްތޭ ބޯ ހަލުވައިލިއެވެ. "ކަލޭގެ މަޅީގައި އަހަރެން ޖެހި ބިރުގެންފާނެއޭ ހިތަށް އެރުވީވެސް ކިހިނެއް؟ ކަލޭ..."
އެވަގުތު އޭނާގެ އެއް އަތަށް ކުޑަކޮށް ބަރުވެލީމާ ބަލައިލީއިރު އޭނާގެ އަތުގައި ހިފަހައްޓައިގެން މެހެމަލް ކޮޅަށް ތެދުވަނީއެވެ.
މެހެމަލް އޭރުވެސް ތުރުތުރު އަޅައެވެ. ފަރިޝްތޭއަށް އޭނާ ހުއްޓުވުމުގެ ކުރިން އޭނާ ފަވާދްގެ އަތުން ގަލަމާއި ކަރުދާސް ޖަހައިގެންފިއެވެ.
"ބުނޭ. ސޮއި ކުރަންވީ ކޮންތާކު؟" މެހެމަލް ވަރަށް ބާރަށް އަހައިލިއެވެ. ފަވާދް ހިނިތުންވެލައިފައި ސޮއި ކުރަންވާތަން ދައްކައިފިއެވެ.
"މެހެމަލް... ސޮއި ނުކުރާތި." ފަރިޝްތޭ ބުނެލިއެވެ. "އޭނާ އެ ދައްކާ ބިރަށް ސިހޭނެ ކަމެއް ނެތް. އަހަރެމެންނަށް އެތައް ގޮތެއް އެބައޮތް."
"ދައްތާ. އަހަރެން ވަރުބަލި ވެއްޖެ. އަހަރެން މުދަލާއި ފައިސާއެއް ބޭނުމެއް ނޫން. އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ހުރިހައި އެއްޗެއް ގެންދޭ." އޭނާ ސޮއި ކުރަންވާ ތަންތާގައި ސޮއި ކުރަމުން ގެންދަނީއެވެ. އެޔާއެކު ލޮލުން ދިޔައީ ކަރުނަވެސް ފައިބަމުންނެވެ.
ފަރިޝްތޭ ގާވެފައި ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ސޮއިކޮށް ނިންމާފައި ކަރުދާހާއި ގަލަން ފަވާދަށް ދީފިއެވެ.
"އަން... ހުރިހައި އެއްޗެއް ގެންދޭ. ކަލޭމެންނަކީ ﷲ އަށް ބިރުވެތިވާ ބައެއް ނޫން. އަހަރެން ހައްގެއް ހޯދާށޭ ކިޔާފައި ދުވަހަކުވެސް ނާންނާނަން. ހުރިހައި ހައްގެއް ދޫކޮށްލައިފިން." އޭނާ މަޑުމަޑުން ގޮސް ސޯފާގައި އިށީނދެއްޖެއެވެ. ހަގީގަތުގައިވެސް އޭނާ ވަރުބަލި ވެއްޖެއެވެ.
ފަވާދް ކަރުދާސްތަކަށް ބަލައިލިއެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އެތާގައި ތިބި އެހެން މީހުންނާ ދިމާއަށް ބަލއިލުމަށް ފަހު ދެން އޭނާ އެނބުރިލީ ފަރިޝްތޭއާ ދިމާއަށެވެ.
"މެހެމަލް ސޮއި ކޮށްފި. ދެން ކަލޭވެސް ސޮއި ކޮށްލާ."
އޭނާ ކަރުދާހާއި ގަލަން ފަރިޝްތޭއަށް ފޯރުކޮށްލިއެވެ. ފަރިޝްތޭ އެޔަކު ނުހިފިއެވެ. އަދިވެސް ހުރީ މެހެމަލާ ދިމާއަށް ބަލާށެވެ.
"ސޮއިކޮށްލާ... ސޮއިކޮށްލާފައި އޭނާ ގޮވައިގެން ދޭ." މެހެތާބް އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލުމަށް ފަހު ބުނެލިއެވެ. ފަރިޝްތޭ ދިޔައީ ސިއްސައިގެންނެވެ.
"ނޫން. ނުކުރާނަން. މެހެމަލަށް ނަފުސާނީ އަނިޔާކޮށްގެން، ބިރުދައްކައިގެން ކަލޭމެން އޭނާ ލައްވައި ތިޔަ ސޮއި ކުރުވީ. އެއީ އަދި ޅަ ކުއްޖެއް. ރަނގަޅަކަށް ނުވިސްނޭނެ. އެކަމަކު ފަރިޝްތޭއަކީ ޅަ ކުއްޖެއް ނޫން. ކަލޭމެން ދައްކާ ބިރަކަށް އަހަރެން ނުސިހޭނެ. އަހަރެން ސޮޔެއް ނުކުރާނަން. އަހަރެން ސޮއި ކުރަންވީވެސް ކީއްވެގެން؟ އަހަރެންގެ ހިއްސާ ބޭނުން. އަހަރެން ޕީއެޗްޑީވެސް ހަދަން ބޭނުން. ކިޔަވަން ބޭރަށް ދާންވެސް ބޭނުން..."
އޭނާގެ ވާހަކަ ނުނިމެނީސް ފަވާދް ކަރުދާހާއި ގަލަން މޭޒުމަތީގައި ބެހެއްޓުމަށް ފަހު ގޮސް ސޯފާއިގައި އިށީނދެގެން އިން މެހެމަލްގެ ކަނދުރާގައި ހިފައި ޅަ ބުޅަލެއްހެން ކޮޅަށް ނަގައިފިއެވެ. އަދި ޖީބުން ނެގި ފިސްތޯލައެއް އޭނާގެ ކަރުގައި ވިއްދައިފިއެވެ.
"ސޮއި ނުކުރާނަންތަ؟" ފަވާދް ހަޅޭއް ލަވައިގަތެވެ.
ފަރިޝްތޭ އަކަށް ހަދާނޭ ގޮތެއް ނޭނގުނެވެ.
ފަވާދް އަދިވެސް ހުރީ މެހެމަލްގެ ކަނދުރާގައި ހިފަހައްޓައިގެންނެވެ. މެހެމަލަށް ނޭވާލާންވެސް އުނދަގޫ ވާން ފަށައިފިއެވެ.
"ކަލޭގެ ދައްތަ ގާތު ބުނޭ ސޮއި ކުރާށޭ. އެހެން ނޫނީ އަހަރެން ބަޑި ޖަހާނަން. އަހަރެން މިއީ މި ރާއްޖޭގެ ގާނޫނުގެ ބާރެއް ނެތްކަން އަންގައިދޭ ދިރިހުރި މިސާލެއްކަން ކަލެއަށް އެނގެއެއްނު؟ ދެންމެ އެހެން ބުނީމެއްނު؟"
އެތާގައި ތިބި އެންމެން ގަނޑުވެފައި ތިބި ކަހަލައެވެ. ޙަސަން ކުރިއަށް ޖެހިލަން އުޅުނީމާ ފިޒާ އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.
"މަޑުން ހުރޭ. އޭނާ ބަޑި ޖަހައިފިއްޔާ މެހެމަލް މަރުވެދާނެއެއްނު؟ ކަލޭ ބޭނުންވާ ގޮތަކީ އެއީތަ؟"
ޙަސަންވެސް ކުރާނޭ ކަމެއް ނެތިފައި ހުރެއްޖެއެވެ.
"ފަރިޝްތޭ. ސޮއި ކުރާނީތަ ނޫނީ..."
ފިސްތޯލަ އަދިވެސް ހުރީ މެހެމަލްގެ ކަރުގައި ވިއްދައިފައެވެ.
"ފަރިޝްތޭ... ބުނޭ." ފަވާދް ހަޅޭއް ލަވައިގަތެވެ.
"ނުކުރާނަން." ފަރިޝްތޭ ހޭވަރި ވެއްޖެއެވެ. "އަހަރެން ސޮޔެއް ނުކުރާނަން."
(ނުނިމޭ)
ފަރިޝްތޭ ވަރެއް ނެތް.....
Faristhayge saabith kah dhakkathi mehemal gayah favaad badijahafiviyya gasdhuga mehemal maraale