(7 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހެނދުނުގެ ފިނިކަން އަދި މުޅިއަކުން ނުފިލައެވެ. ހުދު ޔުނިފޯމު ލައިގެން ތިބި އަންހެން ކުދިން ވިނަގަނޑު މަތީގައި އިށީނދެގެން ތިއްބެވެ. އެއް ބަޔަކު ކޮންމެވެސް އެއްޗެއް ކަނީއެވެ. އަނެއް ބަޔަކު ވާހަކަ ދައްކަނީއެވެ. އެއިން ކޮންމެ މީހަކުމެ އެހެރީ އެމީހެއްގެ އަމިއްލަ ދުނިޔެެއަކަށް ގެއްލިފައެވެ.
"ދިރިއުޅުމަކީ މިއީ ހެއްޔެވެ؟ އެހެން އެއްވެސް މީހެއްގެ ދިރިއުޅުމެއް އަހަރެންގެ ދިރިއުޅުންހައި ތުރާލެއް ނުވާނެ ހެއްޔެވެ؟" އޭނާ ވިސްނަމުން ދިޔައެވެ. "އަހަރެން ބޭނުންވާ އުފާވެރިކަން އަހަންނަށް ހަމަ ނުލިބޭނީ ހެއްޔެވެ؟ ބޮޑު ގެއަކާއި ސުމާރެއް ނެތް މުދަލާއި ފައިސާއާއި ބާރާއި ނުފޫޒާއި ލޯބިވާ ހަޔާތުގެ ބައިވެރިޔަކާ... މި ހުރިހައި އެއްޗަކާއި ކަމެއް އެއް ބޮނޑިން އަހަންނަށް ހާސިލު ކުރެވިދާނެ ހެއްޔެވެ؟" އޭނާ ކަކުލުގައި ނިތްކުރި ޖައްސައިލުމަށް ފަހު ލޯ މަރައިލިއެވެ. ލޯ މަރައިލުމާއެކު ކުލަ ހުވަފެން ފެންނާން ފަށައިފިއެވެ.
"އެ އެއޮރޯނޮޓިކަލް އިންޖިނޭރާއި ފަވާދް... ދެ މީހުން ކުރެ ކޮންމެ މީހެއްގެ އަނތްބަކަށް އަހަރެން ވިޔަސް އަހަރެން މި އެދޭ ހުރިހައި އެދުމެއް ފުދޭނެއެވެ. އަހަރެންގެ ފައިދަށަށް ހުރިހައި އެންމެން އަންނާނެއެވެ. އަހަރެން ބޭނުންވަނީ އެންމެ މަތީ ދަރަޖައެވެ. ކޮންމެ ކަމެއްގައިވެސް އެންމެ މަތީ ދަރަޖައެވެ."
"މި ފޮތަށް އަމަލުކުރާ ކޮންމެ މީހަކު މުޅި ދުނިޔޭގެ ވެރިކަން ކުރާނެ."
"މުސްތަގުބަލުގެ ހާލަތާއި ކުރިމަތިވާ ހުރިހައި ދެރަކަމެއްގެ ހައްލު އޮޅުން ފިލުވާން ބޭނުންތަ؟ އުނދަގޫކޮށް އަނިޔާ ކުރާ މީހުން މެހެމަލްގެ ފަހަތުން ދުވާނޭ ގޮތް ހަދަން ބޭނުންތަ؟ ލޯބިވެރިޔާ މެހެމަލްގެ ފައިދޮށަށް ތިރިވާނޭ ގޮތް ހަދަން ބޭނުންތަ؟ މުދަލާއި ފައިސާ އޮހޭނޭ ގޮތް ވާށާއި މީސްމީހުން މެހެމަލް ބުނާހައި ގޮތަކަށް ހަދާގޮތް ވާން ބޭނުންތަ؟"
"އެ ހުރިހައި ކަމެއްގެ މަގު އަހަރެން ދައްކައިފިއްޔާ؟"
އޭނާ ލޯ ހުޅުވައިލިއެވެ. އޭނާގެ ހަނދާނަށް އައީ އެ ކަޅު އަންހެން ކުއްޖާ ދެއްކި ވާހަކައެވެ. އެ ކުއްޖާގެ ވިދުވަރު ގަދަ ދެ ލޮލެވެ.
"އެންމެން މެހެމަލްގެ ފައިދޮށަށް ތިރިވާނޭ ގޮތް ވާށާއި ދުނިޔޭގެ ވެރިކަން ކުރުމަކީ ބޭނުން ނުވާ ކަމަކީތަ؟"
އޭނާ ބިރުން ސިހިފައި ދެފަރާތަށް ނަޒަރު ހިންގައިލިއެވެ. އެ ކުއްޖާ އޭނާޔާ ވަރަށް ކައިރީގައި ހުރެގެން ވާހަކަ ދައްކަނީ ކަމުގައި އޭނާއަށްއ އިހުސާސް ކުރެވުނެވެ.
"ހަދާނީ ކިހިނެއް ބާވައެވެ؟" އޭނާގެ ހިތް ވަރަށް ބާރަށް ތެޅޭން ފަށައިފިއެވެ. އެ ކުއްޖާގެ އަތުގައި އޮތް ފޮތް އަތުލާންވީއޭ އެއް ފަހަރު ހިތަށް އެރިއެވެ. އެހެން ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިތަށް ބާވަތެއްގެ ބިރުވެރިކަމެއް ވެރިވެގެންފިއެވެ.
"ނޫނެކެވެ. އެއީ ކޮން ފަދަ ބޮޑު ސިހުރުވެރިއެއް ކަމެއް ނޭނގެއެވެ. އެ ފޮތުގައި ހުރީ ކޮން ކަހަލަ ސިހުރެއް ކަމެއްވެސް ނޭނގެއެވެ. އެކަހަލަ ހައިޖާނެއްގައި ހައްޔަރުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އާޣާޖާންއަށް އެނގިޖެއްޔާ އަހަރެންގެ ދެފައި ބިންދައިލާނެއެވެ."
އޭނާ އަމިއްލަ ނަފުސަށް ވިސްނައި ދެމުން ފައިލާއި ފޮތްތައް ހިފައިގެން ތެދުވެއްޖެއެވެ. އޭނާ މީގެ ފަހުން ދުވަހަކުވެސް އެ ކަޅު އަންހެން ކުއްޖާޔާ ވާހަކައެއް ނުދައްކާނެއެވެ. އެއީ އޭނާގެ އެންމެ ފަހުގެ ނިންމުމެވެ.
އެކަމަކު އެ ފޮތް ހާސިލު ކުރުމުގެ އެދުން ހިތުގެ އެއް ކަނެއްގައި އޮވެގެން މަޑުމަޑުން ބޯ ހިއްލައިލާ ގޮތް ވެއްޖެއެވެ.
* * *
މިހާރަކަށް އައިސް އޭނާގެ މަންމަ، މުސްރަތު ހުންނާތީ ފެންނަނީ ވަރަށް އުފަލުންނެވެ. މަންމަގެ އުފާވެރިކަން ފެނުނީމާ އޭނާގެ ހިތް ހަމަޖެހޭ ގޮތް ވެއެވެ.
"މެހެމަލް... ދަރިފުޅު ދެނަހުރިންތަ؟ އެއީ ވަރަށް ރަނގަޅު ބައެއް. ނުޢުމާން ބޭބެއަކީ ވަރަށް ހިތްހެޔޮ، ހެޔޮ ލަފާ މީހެއް. އޭނާގެ ދަރިފުޅަކީވެސް އެހައި ރަނގަޅު އަދި ރީތިވެސް ކުއްޖެއް. ﷲ އަހަރެމެންގެ ދުޢާ އިޖާބަ ކުރެއްވީ."
މަންމަ ބައެއް ފަހަރު ވަރަށް ގިނަ އިރު ވާންދެން އެ ވާހަކަ ދައްކައެވެ. އޭނާ އަނގައިންވެސް ނުބުނެ ހިމޭނުން އިނދެގެން އަޑު އަހައެވެ. މިހާރު އޭނާ އެއްވެސް ޝަކުވާއެއް ނެތި ގޭތެެރޭގެ މަސައްކަތްވެސް ކުރެއެވެ. މެހެތާބާ ދިމާއަށް އެއްޗެކޭވެސް ނުބުނެއެވެ. އޭނާ އެހެރީ ވަރަށް ބޮޑު އުއްމީދެއްގައެވެ.
ސިދްރާ މިހާރަކަށް އައިސް އޭނާއާ ދިމާއަށް ބަލައި ހަދަނީވެސް ނުރުހުމުގެ ނަޒަރަކުންނެވެ. މެހެމަލް އެއިން ކަމަކާ އަޅައެއް ނުލައެވެ.
އެއް ދުވަހަކު ހަވީރު މެހެމަލް ސައި ގާޑިއާ ކޮއްޕަމުން ބޭރަށް ނުކުތްތަނާ ސިދްރާ އާ ދިމާ ވެއްޖެއެވެ. ސިދްރާ ތުން އަނބުރައިލާފައި ހިނގައިގެންފިއެވެ.
"އަދިވެސް ރުޅިގަނޑު މައިތިރި ނުވަނީތާއެވެ." އޭނާގެ ހިތަށް އެރިއެވެ.
ސައި ގާޑިއާ ގެންގޮސް އޭނާ އެންމެ ފުރަތަމަ ސައިތަށި ހަދައިދިނީ ސިދްރާއަށެވެ. އެންމެން ތިބީ ބަގީޗާ ތެރޭގައެވެ.
"ސިދްރާ ދައްތާ... ސައި." އޭނާ ހިނިތުން ވެލައިފައި ސައިތަށި ދިއްކޮށްލިއެވެ.
"ދައްތާއޭ؟ އަހަރެން މިއީ ކަލޭގެ ދައްތައެއްތަ؟" ސިދްރާ ސައިތަށި އަތުލުމަށް ފަހު ކުއްލިއަކަށް މެހެމަލްގެ ގަޔަށް ޖަހައިފިއެވެ. ނަސީބަކުން މޫނަކާ ހަމައަކަށް ނުފޯރިއެވެ. ބޮޑުބައި ފޭބީ ކަކުލަށެވެ. އޭނާ އަވަސްއަވަހަށް ކޮޅަށް ތެދުވެއްޖެއެވެ.
"އެންމެންގެ ކުރިމަތީގައި އަހަންނަށް ދައްތާއޭ ކިޔަނީ އަހަރެން މުސްކުޅި ވެއްޖެކަން އަންގަންތަ؟" ސިދްރާ ހަޅޭއް ލަވައިގަތެވެ. "މަންމާ... މަންމާ. ނިކަން ބަލާބަލަ. މިއީ މީނާ އަބަދުވެސް ކަންތައް ކުރާ ގޮތް. މީހުންގެ ކުރިމަތީގައި އަހަރެންގެ އަގު ވައްޓައިލުމަކީ އާދައެއް." ސިދްރާ އަޑުންއަޑު ނަގައި ރޯން ފަށައިފިއެވެ.
"ތިޔައީ އޭނާގެ އާދަ. މި ދެމައިންނަކަށް މިގެއަށް އަންނަ އުފާވެރިކަމަކަށް ވިއްޔާ ހުރަސް ނާޅައެއް ނުތިބެވޭނެ. ނުރޮއި ދަރިފުޅާ. ދެރަ ނުވޭ... ކަލޭ މިހާރު ތިޔަހަރީ ކީއްވެފައި. މިތަނުން ދުރަށް ދޭ. ކަލޭގެ ސުންޕާ މޫނު ދެކޭކަށްވެސް އަހަރެން ބޭނުމެއް ނޫން." މެހެތާބް ހަޅޭއް ލަވަމުން ދިޔައެވެ.
މެހެމަލް ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. މުސްރަތު ހަދާނޭ ގޮތް ބޮޑު ވެފައި ބަދިގޭގައި ހުއްޓެވެ. އެ ދެކެވުނު ހުރިހައި ވާހަކައެއް އޭނާއަށް ރަނގަޅަށް އަޑު އިވުނެވެ.
އިއްޔެ ކަންތައް ހިނގައިދޔަ ގޮތުން މެހެތާބް ހުންނާނީ ވަރަށް ބޮޑަށް ރުޅި އައިސްފައިކަން މެހެމަލަށް އެނގެއެވެ. އެކަމަކު އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނުޢުމާންގެ ގެއަށް އޭނާ ދާ ދުވަހުން ފެށިގެން ހުރިހައި މުސީބާތެއް ނިމޭނޭކަން އޭނާއަށް ޔަގީނެވެ. އެހެންވީމާ މިގޭ ބަޔަކާ ކުރިމަތިލުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ.
އެކަމަކު އެ ރޭ އޭނާގެ އެ ހުރިހައި އުއްމީދެއް ފެނަށް ވެގެން ހިނގައްޖެއެވެ. މެހެތާބް ބަދިގެއަށް އައިސް އޭނާގެ މަންމަޔާ ވާހަކަ ދެއްކި އަޑު އޭނާއަށް އިވުނެވެ.
"އަހަރެމެން ހަމަ އެ ދުވަހު މެހެމަލާއި ފުރްޤާނާ ދެވާން ނުރުހޭ ވާހަކަ ބޭގަމް ނުޢުމާން ގާތު ބުނެފިން. މެހެމަލް އަދި މީހަކާ އިންނަ ވަރެއް ނުވޭ. އެންމެ ފުރަތަމަ މީހުނާ ދެވާނީ ދޮށްޓައް ތިބި ކުދިން. މެހެމަލްގެ ކާވެންޏާ މެދު ވިސްނާނީ އޭގެ ފަހުން... އާޣާގެ ކޮޓަރިއަށް ސައި ގެންދޭ. އޭނާ މިރެއަކު ނުކާނެ. އަހަރެމެންނަށް ކާން ހަދާ." އޭނާ އަމުރު ހިންގައިލުމަށް ފަހު ބޭރަށް ނުކުމެއްޖެއެވެ. ބަދިގޭގެ ބޭރުގައި ފެންކަޅި ވެފައި ހުރި މެހެމަލާ ދިމާއަށް ބަލައިލުމަށް ފަހު ކުރިއަށް ހިނގައިގެންފިއެވެ. ބަދިގޭގައި ހުރި މުސްރަތަށް ވީ ގޮތެއްވެސް ނުބަލައެވެ. އޭނާ އެ ދިޔައީ މުސްރަތުގެ ހިތަށް ތޫނު ޚަންޖަރެއް ހަރައިލައިފައެވެ.
* * *
އެމީހުން އެހެން ކަންތައް ކުރީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. އެކަމަކު އޭނާ އެރޭ ކޮޓަރިން ބޭރުގައި އިނދެގެން އެތައް އިރެއް ވާންދެން ރުޔެވެ. ގޭ އެންމެން ތިބީ ނިދާފައެވެ. މުސްރަތުވެސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ކޮޓަރިން ނުކުތީ ބޭރުގައި ހުރެގެން ފިލާވަޅު ދަސްކުރާނީއޭ ބުނެފައެވެ.
އެއީ އޭނާގެ ޅަ އުމުރުގެ އެންމެ ފުރަތަމަ ހުވަފެނެވެ. އެ ދިޔައީ ބިލާހަކަށް ވެގެންނެވެ. އޭނާގެ ހިތް ހަލާކު ވެއްޖެއެވެ. މީހަކު އެހައި އަނިޔާވެރި ވެދާނެ ކަމަކަށް މީގެ ކުރިއަކުން އޭނާއަކަށް ހީކުރެވިފައެއްވެސް ނެތެވެ. އޭނާގެ ކުޑައަންމައަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު އަނިޔާވެރިއެކެވެ. ހަމައެކަނި އޭނާއެއް ނޫނެވެ. އަނިޔާވެރިކަން ކުޑަ އެކަކުވެސް އެގެޔަކު ނެތެވެ. އެންމެން ނިދާފައި ތިއްބާ މުޅި ގޭގައި ހުޅު ޖަހައިފާނަމޭ އޭނާގެ ހިތަށް އެރިއެވެ. އެންމެން ގަތުލު ކޮށްފައި އަމިއްލައަށް މަރު ވެގެންފާނަމޭވެސް ހިތަށް އެރިއެވެ. އާއިލާގެ އެންމެން ދެކެ އޭނާ ރުޅި އަންނާން ފަށައިފިއެވެ. ހިތުގައި އުފެދިފައި ވަނީ ބަޔާން ކުރާންވެސް ނޭނގޭވަރުގެ ނަފުރަތެކެވެ. އެ ވިޔާނުދާ މީހުންނާ ދުރަށް އެމީހުންނަށް ނުވެސް ފެންނަ ހިސާބަކަށް ހިނގައިދާނަމޭވެސް ހިތަށް އަރައެވެ. އެއިން އެކަކާ ދިމާއަކަށްވެސް އޭނާ ބަލައިލާކަށް ބޭނުމެއް ނުވެއެވެ. އޭނާ މިހާރު އެހެރީ ދާން ގަސްތުވެސް ކޮށްގެންނެވެ. އިނގިރޭސި ވިލާތުން ސްކޮލްރޝިޕެއް ލިބޭތޯ މިހާރު އޭނާ ވަނީ ހުށަހަޅައިފައެވެ. އޭނާއަކީ އެ ސްކޮލަރޝިޕް ލިބޭ ފެންވަރުގެ ކުއްޖެކެވެ. އެފްއެސްސީ ޕްރީ އިންޖިނިއަރިންގ ގައި އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އޭނާއެވެ. އެކަމަކު އެއީ އޭނާ އެހައި ޝައުގުވެރިވާ ދާއިރާއެއް ނޫނެވެ. އެހެންވީމާ މިހާރު އޭނާ ވަނީ ބީއެސްސީ މެތްސް އަށް ދާޚިލާ ހުށަހަޅައިފައެވެ. އޭނާ އެދިފައި އޮތް ސްކޮލަރޝިޕް ލިބިއްޖެނަމަ އޭނާގެ މައްސަލަތައް ހައްލު ވާނޭ ކަމުގެ އުއްމީދު ވަރަށް ބޮޑެވެ.
އޭނާ އަތްތިލައިގެ ފުށަތުން ކަރުނަ ފޮހެލިއެވެ. އަދި ކޮޓަރިއަށް ދާންވީއޭ ހިތައި ތެދުވާން އުޅުނު ތަނާ އޭނާގެ ކުރިމައްޗަށް މީހަކު އައިސް ހުއްޓިއްޖެއެވެ. އޭނާ އިސް އުފުލައި ބަލައިލިއެވެ.
"ވަސީމްބޭބޭ!" އޭނާ ކުއްލިއަކަށް ކޮޅަށް ތެދުވެ ދެ ފިޔަވަޅެއް ފަހަތަށް ޖެހިލިއެވެ.
އެއީ މެހެތާބްގެ ތިން ވަނަ ދަރިއެވެ. ފަހަދުގެ ކޮއްކޮއެވެ. އެއް ނަންބަރުގެ ލުއްޗާއެކެވެ. އާވާރާއެކެވެ. މި ވަގުތުވެސް އެހެރީ އޭނާގެ ރަތް ދެލޯ މެހެމަލާ ދިމާއަށް އަމާޒުކޮށްގެންނެވެ. އެތަނަށް އޭނާ އައީ ކޮން އިރަކު ކަމެއްވެސް ނޭނގެއެވެ. ގަމީހުގެ ގޮށްތައް ހުރީ ނާޅުވައެވެ. ލައިގެން ހުރީ ގަޔަށް ބާރު ޖިންސެކެވެ. ކަރުގައި ފަލަ ފަށެއް އޮތެވެ. ބޯ ހުރީ ހޭވިފައެވެ. ލޯ ހީވަނީ ރަތް އަނގުރުގަނޑެއް ހެންނެވެ. އޭނާ މަސްތުވާ އެއްޗެހީގެ ބޭނުން ކުރާކަން ގޭގެ އެންމެން ދަނެއެވެ. ފިޒާ އޭނާގެ ދަރިންނަށްވެސް އަންގާފައި އޮންނަނީ ވަސީމާ ގާތް ނުވާށެވެ. ޙަސަންވެސް ބަލަނީ އޭނާޔާ ވީހައިވެސް ދުރުގައި އުޅެވޭތޯއެވެ. ވަސީމް ގެއިން ފެންނަނީވެސް ވަރަށް މަދުންނެވެ.
އެކަނި ހުއްޓައި ވަސީމް އަތުވެދާނެތީ މެހެމަލް ހުންނަނީ ވަރަށް ބިރުންނެވެ. އޭނާ އުޅެނީ އެފަދަ ކަމަކާ ދިމާނުވޭތޯ ހިތުގެ އަޑިން ދުޢާކޮށް ފަރުވާތެރިވެގެންނެވެ. ވަސީމްގެ ލޯ ފެނުނީމާވެސް އޭނާ ބިރުގަނެއެވެ. އެކަމަކު މިރޭ މި އޮތީ އެ ބިރުވެރިކަމާ ކުރިމަތި ވެފައެވެ.
"ކީއް ކުރަނީ؟" ވަސީމް އެއް ފިޔަވަޅު ކުރިއަށް ޖެހިލީމާ މެހެމަލް އަނެއްކާވެސް ފަހަތަށް ޖެހިލިއެވެ.
"ކަ... ކަ... ކަމެއް ނުކުރަން. އާޣާޖާން އެބަ ގޮވާ." އޭނާ ކުއްލިއަކަށް ކޮޓަރިއާ ދިމާއަށް ދުއްވައިގެންފިއެވެ.
"ހޫނ..." ވަސީމް މެހެމަލް ދިޔަ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އެޔަށް ފަހު ދޮރާށްޓާ ދިމާއަށް ހިނގައިގެންފިއެވެ.
* * *
އޭނާގެ ސިކުނޑި މުޅިއަކުން ހުހެއް ނޫނެވެ. ބޮލުގައި ބުރައެއް އޮތީ ކަހަލައެވެ. ބަސް ހުއްޓާ ތާގައި ހުރި ދިގުގޮނޑީގައި މިއަދު އިށީނދެގެން އިނީ އޭނާ އެކަންޏެވެ. އެހެން އިނދެގެން އޭނާ އެކި ދިމަދިމާއަށް ބަލަނީއެވެ. އޭނާ އެ ހޯދަނީ ކާކު ނުފެނިގެން ހެއްޔެވެ؟ ރޭގަނޑު ހަތަރުދަމު ރުއިމުގެ ސަބަބުން އޭނާގެ ބޮލަށް ވަނީ ބަރުވެފައެވެ. ބޮލުގައި އެބަ ރިއްސައެވެ. އަނެއްކޮޅުން އެއްކަލަ ކަޅު އަންހެން ކުއްޖާ މިއަދަކު ނާދެއެވެ.
(ނުނިމޭ)
Naeem mivaahaka varah loskoh tigenes dhenee keevve naeemge luntan batah kuraa goteh noon meekee
Keekeybaa mi beyfulhaa mi kiuhvvanee? Get eh nuvi!!!