ޝާފިޔާގެ އެދުރުއަށި: ކިޔަވައިދިނުމުގައި ދަރިވަރުންގެ ޕޯރޓްފޯލިއޯ ބޭނުން ކުރުން

މިއަދު އަލި އަޅުވާލަން ގަސްދުކޮށްފައި މިވަނީ އޮންލައިންކޮށް އަދި އާންމު ކުލާހެއްގައި  ވެސް ކިޔަވައިދޭނަމަ ބޭނުން ކުރެވިދާނެ ވަރަށް މުހިންމު އެއްޗަކާ ބެހޭގޮތުންނެވެ. އެއީ ދަރިވަރުންގެ ޕޯޓްފޯލިއޯއެވެ. ޕޯރޓްފޯލިއޯއަކީ މިހާރު ވެސް ރާއްޖޭގެ ބައެއް މަދަރުސާތަކުގައި ބޭނުން ކުރެވޭ އެއްޗެކެވެ. ވީމާ، ވީހާ ބޮޑަކަށް ދަރިވަރުންގެ އުނގެނުމަށް އެހީތެރިވެދޭނެ ގޮތްގޮތަށް ރިޢާޔަތްކޮށްގެން ޕޯރޓޯފޯލިއޯ ބޭނުން ކުރުމާ ބެހޭގޮތުން ބައެއް މަޝްވަރާ މިލިޔުމުގައި ހިމަނާލަން ގަސްދުކުރަމެވެ. ދަރިވަރުންގެ ޕޯރޓްފޯލިއޯ ދިވެހިރާއްޖޭގައި އާންމުކޮށް ބޭނުން ކުރަނީ ފައުޑޭޝަން/ބިންގާ މަރުހަލާގެ ދަރިވަރުންނަށް ކިޔަވައިދޭއިރު އެކަންޏެވެ. މިގޮތުން ތައްޔާރު ކުރެވޭ ޕޯރޓްފޯލިއޯއަކީ ހަމައެކަނި މުދައްރިސު ކުރާ ބޮޑު މަސައްކަތެއް ގޮތަށް ފާހަގަކުރެވިފައިވެއެވެ. މިދެންނެވި ޕޯރޓްފޯލިއޯއަކީ ދަރިވަރުގެ މަސައްކަތްތަކުން އެންމެ ފުރިހަމަ އެއްޗެހި ހިމަނާލެވޭ އެއްޗެއް ގޮތުގައި ވެސް ބެލެވެއެވެ. އަޅުގަޑުގެ ވާހަކަ ކޮޅުގައި މައިގަޑު ގޮތެއްގައި ބަލާލާނީ، ދަރިވަރުންގެ އުނގެނުމަށް އެ ދަރިވަރުންގެ ޕޯރޓްފޯލިއޯ އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ބޭނުންކުރާނީ ކިހިނެއް ކޮން ގޮތަކަށްތޯއެވެ. މިކަމަށް ދިރާސާވެރިންގެ ދިރާސާތަކުން ހެއްކާ ދަލީލު ވެސް ހިމަނައިގެން ކުރިއަށް ގެންދާނަމެވެ.

ޕޯރޓްފޯލިއޯ ތައްޔާރު ކުރުން

ޕޯރޓްފޯލިއޯއަކީ ވަކި ދާއިރާއަކަށް ޚާއްޞަކުރެވިފައިވާ އެއްޗެއް ނޫނެވެ. އާންމުކޮށް ހުރިހާ ދާއިރާއެއްގައި ވެސް ތަފާތު ވައްތަރުގެ ޕޯރޓްފޯލިއޯތައް ހެދެއެވެ. ތަޢުލީމީ ދާއިރާގައި ޕޯރޓްފޯލިއޯ ބޭނުން ކުރެވެން ފެށީ 1990ގެ އަހަރުތަކުގެ ކުރީ ކޮޅުގައެވެ. ޕޯރޓްފޯލިއޯ މި ލަފުޒުގެ އަސްލު ލަފުޒު ގުޅިފައި ވަނީ އިޓަލީވިލާތުގެ ބަހުގެ ދެ ލަފުޒަކާއެވެ. އެއީ  porta އަދި foglio އެވެ. porta ގެ މާނައަކީ އެއްޗެއް އޭގައި ރައްކާކުރުން ނުވަތަ ބެހެއްޓުމެވެ. އަދި Foglio ގެ މާނައަކީ ޝީޓް/ފަތް ނުވަތަ ޞަފުހާއެވެ. ޖުމުލަ ގޮތެއްގައި ޕޯރޓްފޯލިއޯ ކިޔަނީ ވަކި ބޭނުމަކަށް އަމާޒުކޮށްގެން އެއްކުރެވޭ މަޢުލޫމާތުތަކެއް އެއް ތަނެއްގައި/އެއް ޖާގައެއްގައި، އެއް މަންސައެއްގައި ރައްކާކުރާ ކުރުމަށެވެ. ޕޯރޓްފޯލިއޯއަކީ ވަކި ކަމަކަށް އަމާޒުކޮށް، ތަފާތު މަޢުލޫމާތުތަކެއް، ފައިލުތަކެއް، ކުރެހުންތަކެއް، ތަސްވީރުތަކެއް އަދި އެނޫނަސް ވީޑިއޯ، އޯޑިއޯ ފަދަ އެހެނިހެން ބާވަތްތަކުން ވެސް މަޢުލޫމާތު އެއްކޮށް ބެހެއްޓޭ ކޮންމެ އެއްޗެއް ނުވަތަ މަންސައެއް ގޮތުގައި ސިފަކުރެވިދާނެއެވެ. ޕޯރޓްފޯލިއޯ ތައްޔާރު ކުރެވޭ ގޮތްތަކަށް ބަލާއިރު، މައިގަޑު ދެ ގޮތެއް ފާހަގަ ކުރެވެއެވެ. އެއީ މެނުއަލުކޮށް އަސްލު ތަކެތި/ފިޒިކަލް މެޓީރިއަލްސް އެއްކޮށް، ކަރުދާސް/ފައިލު ބޭނުންކޮށްގެން ހެދޭ ޕޯރޓްފޯލިއޯއާއި މި ސުމޭކު ޒަމާނުގައި ތައްޔާރު ކުރެވޭ ޑިޖިޓަލް(ސުމޭކު)/އިލޮކްޓްރޮނިކް ޕޯރޓްފޯލިއޯއެވެ.

މެނުއަލް ޕޯރޓްފޯލިއޯ: މެނުއަލްކޮށް ޕޯރޓްފޯލިއޯ ތައްޔާރުކުރާނީ ދަރިވަރުގެ އުނގެނުމާއި އުނގެނުމުގެ ނަތީޖާތަކާ ގުޅޭ ތަކެއްޗެއްޗާއި އަދި އުނގެނެމުން ދާއިރު އެއްކުރެވޭ ތަފާތު އެއްޗެހި ފައިލުކޮށްގެންނެވެ. އަދި ހަމައެއާއެކު ދަރިވަރުން ކުލާސްރޫމުގެ ތެރޭގައި ކުރެވޭ ތަފާތު މަސައްކަތްތައް ކުރަމުންދާއިރު އެއްކުރެވޭ އޮބްޒަވޭޝަން ނޯޓްސް ފަދަ ތަކެތިވެސް ޕޯރޓްފޯލިއޯގައި ހިމެނިދާނެއެވެ. މީގެ އިތުރުން ދަރިވަރުންގެ އެންމެ ރަނގަޅު މަސައްކަތްތަކާއި، އުގެނުމަށް އެހީތެރިވެދޭން ޖެހޭ ތަފާތު ބައިތައް ދެނެގަތުމުގެ ބޭނުމުގައި އެއްކުރެވޭ މަސައްކަތްތައް ވެސް ފައިލު ކުރެވިދާނެއެވެ. މިގޮތަށް އެއްކުރެވޭ ކޮންމެ އެއްކުރުމަކަށް ޕޯރޓްފޯލިއޯއޭ ކިއިދާނެއެވެ.

ޑިޖިޓަލް ޕޯޓްފޯލިއޯ: އިސްވެދެންނެވުނު ގޮތާ ޚިލާފަށް ޑިޖިޓަލްކޮށް ދަރިވަރުގެ ޕޯރޓްފޯލިއޯ ތައްޔާރު ކުރާއިރު، ހުރިހާ އެއްޗެއް ވެސް ޑޮކިއުމެންޓް/ރައްކާކުރެވެނީ ޑިޖިޓަލް ތަފާތު ފައިލު ގޮތުގައެވެ. މިސާލަކަށް، ވާރޑް ޑޮކިޔުމަންޓް، ޕީޑީއެފް، އޯޑިއޯ އަދި ވީޑިއޯ ފައިލް، ކުރެހުންތައް، ތަސްވީރުތައް، އަދި މިނޫނަސް ވެބްސައިޓްތަކާއި ދަރިވަރާއި ގުޅޭ އެހެނިހެން މަޢުލޫމާތު ލިބޭ ތަފާތު މަންސަތައް ވެސް މިފަދަ ޑިޖިޓަލް ޕޯރޓްފޯލިއޯތަކުގައި ހިމަނާލެވިދާނެއެވެ.

ދަރިވަރުގެ ޕޯރޓްފޯލިއޯ ތައްޔާރުކުރުމުގެ މައިގަޑު 4 ބޭނުމެއް ކިޔަވައިދިނުމުގެ ތަޖުރިބާކާރުން ފާހަގަ ކުރައްވައެވެ. އެއީ،

  1. ދަރިވަރު ކުރާ މަސައްކަތްތަކުގެ ފެންވަރު ބެލުމާއި، އުނގެނުން ކުރިއަރާ ގޮތް ދެނެގަތުމާއި، އަދި ކުއްޖާގެ އުނގެނުމުގެ ކާމިޔާބީތައް ވަޒަންކޮށް ބެލުމެވެ.
  2. ކިޔަވައިދެމުންދާއިރު ކަނޑައެޅި މަގުސަދުތައް ދަރިވަރަށް ހާސިލުވީ ނުވަތަ ހާސިލުވަމުންދަނީ ކިހާ މިންވަރަކަށްތޯ، އަދި އިތުރަށް އުގަންނައި ދޭންވީ ބައިތައް ކަޑައެޅުމަށް ވެސް ޕޯރޓްފޯލިއޯ ބޭނުން ކުރެވެއެވެ.
  3. ޕޯރޓްފޯލިއޯގެ މުހިންމު އެއް ބޭނުމަކީ ދަރިވަރު އަމިއްލައަށް އޭނާގެ އުނގެނުމުގެ ކަންކަން ބަލައި ދާނުދާ ގޮތް ދެނެގެނެ އަމިއްލައަށް ވަޒަންކޮށް ރިވެލި ކުރުމަށް ވެސް ފުރުސަތުތަކެއް ފަހިކޮށްދިނުމެވެ.
  4. ހަތަރުވަނަ ނުވަތަ އެންމެ ފަހު ބޭނުމުގެ ގޮތުގައި މިފާހަގަ ކުރެވެނީ، ދަރިވަރުގެ އުނގެނުމުގެ ތަފާތު މަރުހަލާތަކާ ގުޅޭގޮތުން އެއްކުރެވޭ އުނގެނުމުގެ ރިކޯޑުތަކެއް ބެހެއްޓޭ ދަފުތަރަކަށް އެ ޕޯރޓްފޯލިއޯ ވުމުމެވެ.

އަދި ޚާއްޞަކޮށް މިފަދަ ޕޯރޓްފޯލިއޯތަކަކީ ކިޔެވުމުގެ އެއް މަރުހަލާއިން އަނެއް މަރުހާލާއަށް ކުއްޖާ ބަދަލުވަމުން ދާއިރު ވަރަށް ގިނަ ކަންކަމަށް ސްކޫލުގެ ތެރޭގައި ވެސް އަދި ކިޔަވައިދޭ ހުރިހާ މުދައްރިސުންނަށް ވެސް އެހާމެ ބޭނުންތެރި އަދި ދިގުމުއްދަތަކަށް ރައްކާކުރެވޭ އެއްޗެކެވެ. މިއިން ކޮންމެ ބޭނުމެއްގައި ވެސް ދަރިވަރުގެ އުނގެނުމަށް ފައިދާ ކުރަނިވި ގިނަގުނަ ކަންތައްތަކެއް ކިޔަވައިދިނުމުގައި ޕޯރޓްފޯލިއޯ ބޭނުންކުރުމުގައި ހިމެނެއެވެ.

ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ޕޯރޓްފޯލިއޯގެ ވައްތަރުތައް: މިގޮތުން ފާހަގަކޮށްލެވޭ ދެތިން ބާވަތެއް ހިމަނާލާނަމެވެ.

  1. ޝޯކޭސް ޕޯރޓްފޯލިއޯ: މިފަދަ ޕޯރޓްފޯލިއޯ އާންމުކޮށް ބެލެވެނީ މިހާރު އަޅުގަޑުމެން ފައުޑޭޝަން މަރުހަލާގައި ތައްޔާރުކުރާ ބާވަތުގެ ހަމައެކަނި ދަރިވަރުންގެ މަސައްކަތްތައް ދައްކާލުމަށް އެއްކުރެވޭ ޕޯރޓްފޯލިއޯގެ ވައްތަރަކަށެވެ. އެހެނީ މިބާވަތުގެ ޕޯރޓްފޯލިއޯގައި ހަމައެކަނި ހިމަނާލެވެނީ ދަރިވަރުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރިހަމަ ތަކެތި އެކަންޏެވެ.
  2. ވާރކިން ޕޯރޓްފޯލިއޯ: މިބާވަތަކީ އާންމުކޮށް މުދައްރިސުން ކިޔަވައިދެމުންދާއިރު ކުލާހުގައި ދަރިވަރުކުރާ ހުރިހާ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްކުރަމުން ދާއެއްޗެކެވެ. ހަފުތާއަކަށް، މަހަކަށް، ޓަރމަކަށް، އަހަރަކަށް ވެސް މި ބާވަތުގެ ޕޯރޓްފޯލިއޯ ތައްޔާރު ކުރެވެއެވެ. އަދި މީގެ އިތުރުން، މާއްދާއެއްގައި، ކިޔަވައިދޭ ވަކި ސުރުޚީއަކަށް، ނުވަތަ ކުއްޖާގެ ހެދިބޮޑުވުމާއި އަދި އުނގެނުމާ ގުޅޭ ވަކި ދާއިރާއަކަށް އަމާޒުކޮށްގެން ވެސް މިފަދަ ޕޯރޓްފޯލިއޯ ހެދެއެވެ.
  3. ޕްރޮގްރެސް ޕޯރޓްފޯލިއޯ: މިބާވަތަކީ އާންމުކޮށް އެއްކަމަކާ ގުޅޭގޮތުން އެކި މުއްދަތުގެ ތެރޭގައި ނުވަތަ އެކި ދުވަސްތަކުގެ ތެރޭގައި އެއްކުރެވޭ މަޢުލޫމާތުތަކެކެވެ. މި ބާވަތުގެ މަޢުލޫމާތު އެއްކުރުމުގެ މައިގަޑު މަގުސަދަކީ ވަކި ކަމެއްގައި ދަރިވަރު ކުރިއަރަމުން ދާގޮތް ދެނެގަތުމެވެ. މިސާލަކަށް ލިޔުންތެރިކަމުގެ ހުނަރު، ވާހަކަ ދެއްކުމުގެ ހުނަރު، އުފެއްދުންތެރިކަމުގެ ހުނަރު، ފައިންމޮޓޯގެ ހުނަރުތައް، ގްރޮސްމޮޓޯގެ ހުނަރުތައް ފަދަ ވަކިވަކި ހުނަރުތަކަށް ޚާއްޞަކޮށް، އެކި ހުނަރު ކުރިއަރަމުންދާ ގޮތް ބެލުމުގެ މަގުސަދުގައި ތަކެތި އެއްކުރާނަމަ ވާނީ ޕްރޮގްރެސް ޕޯރޓްފޯލިއޯއަކަށެވެ.

މިދެންނެވުނު ވައްތަރުތަކަކީ އާންމުކޮށް ކޮންމެ މާއްދާއެއްގައި އަދި ތަޢީލީމީ ކޮންމެ މަރުހަލާއެއްގައި ވެސް ދަރިވަރުންގެ ޕޯރޓްފޯލިއޯ ހެދުމުގައި ބޭނުންކުރެވިދާނެ ތަފާތު ވައްތަރުތަކެކެވެ. މީގެ އިތުރުން ޕޯރޓްފޯލިއޯއަކީ އުނގެނުން ވަޒަންކުރުމުގައި ނުހަނު ބޭނުންތެރި އެއްޗެކެވެ. އެހެނީ، ވަޒަން ކުރުމުގެ މައިގަޑު ދެ ބާވަތް ކަމުގައިވާ އުނގެނުމަށް ފަހި ވަޒަން ކުރުން (އެސެސްމަންޓް ފޯރ ލާރނިން) އަދި އުނގެނުމަށް ފަހު ވަޒަންކުރުން (އެސެސްމަންޓް އޮފް ލާރނިން)، މި ދެ ގޮތުގައި ވެސް ވަރަށް ފުރިހަމަކަމާ އެކު ޕޯރޓްފޯލިއޯ ބޭނުން ކުރެވިދާނެއެވެ.

ކިޔަވައިދިނުމުގައި ދަރިވަރުންގެ ޕޯރޓްފޯލިއޯ ބޭނުންކުރުމާ ގުޅޭގޮތުން ދިރާސާވެރިންގެ ރައުޔު

1990ގެ އަހަރުތަކުގެ ކުރީކޮޅުގައި ކިޔަވައިދިނުމުގެ ދާއިރާއަށް އުނގެނުން ވަޒަންކުރުމުގެ ތަފާތު ގޮތްތަކެއް ތަޢާރަފުވާން ފެށުމާއެކު ދަރިވަރުންގެ ޕޯރޓްފޯލިއޯތައް މުދައްރިސުން ހަދަން ފެށިކަން ޢިލުމުވެރިން ފާހަގަކުރައްވާފައިވެއެވެ (ވޮލްފް، ބިކްސްބީ، ގްލެން، އަދި ގާރޑްނަރ، 1991). އަދި ހަމައެއާއެކު، ޕޯރޓްފޯލިއޯތަކުގެ ބޭނުންކޮށްގެން އުގެނުމަށް ފަހި ވަޒަންކުރުމުގެ އުކުޅުތައް ކިޔަވައިދިނުމުގެ ތެރެއިން އާންމުވަމުން ދާން ފެށިއެވެ. (ހާރޕް، 1991). ދަރިވަރުންގެ ޕޯރޓްފޯލިއޯއަކީ އޭގައި ނުހަނު ގިނަ ބޭނުންތަކެއް އެކުލެވޭ، ކިޔަވައިދިނުމާއި ދަރިވަރުގެ ތަފާތު ހުނަރުތައް ވަށައި ޖެހޭފަދަ ގޮތަކަށް ކުރިއެރުވުމަށް ބޭނުންކުރެވިދާނެ އެކަށޭނަ ވަސީލަތެކެވެ (ކެލްފީ އަދި ޕާރފިޔުމޯ، 1993).

ޑޭވިޑް ސްވީޓް (1993) އިޝާރާތްކުރައްވާގޮތުގައި، ޕޯރޓްފޯލިއޯ ހެދުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކުގެ ތެރޭގައި އޭގެ އިދާރީ މަސައްކަތް ދާއިމީ ގޮތަކަށް ބެލެހެއްޓުމަށް މުދައްރިސުންނަށް ދަތިވުން ހިމެނެއެވެ. މިގޮތުން ކުލާސްރޫމުގެ ޖާގައިގެ ދަތިކަމާއި، މެނުއަލް ޕޯރޓްފޯލިއޯ ރައްކާތެރިކޮށް ބެލުހެއްޓުމުގެ ދަތިތަކަށް ވެސް އިޝާރާތްކުރައްވާފައިވެއެވެ. މިއީ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅުގެ ރައުޔެކެވެ. އެ ބަޔާން ކުރެވުނު ދަތިކަމުން މިހާރު މިވަނީ އަރައިގަނެވިފައެވެ. އެއަށްވުރެ، ފަހުގެ ލިޔުމަކަށް ބަލާއިރު، ޝާޕެލް އަދި ސެޗްމަންހޯމް (199) ހާމަކުރައްވަނީ ޑިޖިޓަލްކޮށް (ސުމޭކުކޮށް) ޕޯރޓްފޯލިއޯ ހެދުމުގެ މަގު ހުޅުވިގެން ދިއުމަކީ ކިޔަވައިދިނުމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ދުނިޔޭގެ ގިނަ ސްކޫލުތަކުގައި މިހާރު ދަރިވަރުންގެ ޕޯރޓްފޯލިއޯތައް ތައްޔާރު ކުރަނީ ޑިޖިޓަލްކޮށެވެ. އަދި މިހާރު ޕޯރޓްފޯލިއޯ ހެދުމަށް ބޭނުން ކުރެވޭ ގިނަ ބާވަތްތަކެއްގެ ޓޫލްތަކާއި، އެޕްލިކޭޝަންތައް އަދި ވެބްސައިޓްތައް ވެސް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިގޮތުން ބޭނުންކުރެވިދާނެ ދެތިން ބާވަތެއް މިލިޔުމުގެ ފަހު ބައިގައި ހިމަނާލާނަމެވެ.

ބައެއް ދިރާސާވެރިން ލިޔުއްވާގޮތުގައި ކިޔަވައިދިނުމުގައި ޕޯރޓްފޯލިއޯ ބޭނުންކުރުމަށް މުދައްރިސުން އަހުލުވެރި ނުވުމާއި އަދި އޭގެ ބޭނުންތެރިކަން އެހާ ބޮޑަށް އަމިއްލައަށް ގަބޫލު ނުކުރެވުމަކީ ބައެއް މަދަރުސީ ނިޒާމުތަކުގައި ދިމާވާ ކަމެކެވެ . މިގޮތުން ފާހަގަކޮށްލެވޭ ކަމަކީ، ކިޔަވައިދިނުމުގައި ޕޯރޓްފޯލިއޯ ބޭނުން ކުރުމަކީ އާ ކަމަކަށްވެފައި ކުރީގެ ޓްރެޑިޝަނަލް (ޒަމާންވީ ގަދީމީ) ގޮތްތަކަށް އުނގެނުން ވަޒަން ކުރުމުގެ މަސައްކަތަށް މާ ބޮޑަށް އާދަވެފައިވުމުން މުދައްރިސުންގެ ރޫހު މިކަމުގައި ދަށްވުމެވެ (ބިރިޖިން އަދި އަދްނާން، 2007). މި ދިރާސާވެރިން އިތުރަށް ވާހަކަދައްކަވާ ގޮތުގައި، ޕޯރޓްފޯލިއޯ ބޭނުންކުރުމަކީ ކިޔަވައިދިނުމަށް ފާހަގަ ކުރެވޭ ބަދަލުތަކެއް ގެނުވާ އެއްޗެކެވެ. އެހެންކަމުން، އިތުރު ޕްރޮފެޝަނަލް ޑިވިލޮޕްމަންޓް ފަހިކޮށްދީގެން ވެސް ކިޔަވައިދިނުމުގައި ޕޯރޓްފޯލިއޯ ބޭނުންކުރުމަށް މުދައްރިސުން އަހުލުވެރިކުރުވުން މުހިންމެވެ.  މިލިޔުމުން ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ޕޯރޓްފޯލިއޯ ބޭނުން ކުރުމުން އުގެނުމުގައި ދަރިވަރުން ބައިވެރިވުން އިތުރުވުމާއި، ދަރިވަރުންގެ ރޯލު އުނގެނުމުގައި ބޮޑުވުމާއި، ދަރިވަރުން އަމިއްލައަށް އުގެނުން ވަޒަންކުރުމަށް ފުރުޞަތު ހުޅުވުމާއެކު މުދައްރިސާއި ދަރިވަރުންނާ ގުޅިގެން އުނގެނުމުގެ ކަންކަން ރޭވުމަށް އެއިން އެހީތެރިވެދެއެވެ (ބިރިޖިން އަދި އަދްނާން، 2007). މި ދިރާސާއަކީ ޚާއްޞަކޮށް ތުރުކީވިލާތުގެ މަދަރުސީ ނިޒާމުގައި ކުރީގެ  (ޓްރެޑިޝަނަލް) ގަދީމީ ކިޔަވާދިނުމުގެ ގޮތްތަކުން ޒަމާނީ ކިޔަވައިދިނުމުގެ އުކުޅުތަކަށް ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން އިޝާރާތްކުރައްވާފައިވާ ދިރާސާއެކެވެ. ދަރިވަރުންގެ ޕޯރޓްފޯލިއޯ ހެދުން ބެލެވުނީ އެމަސައްކަތަށް ބޭނުންތެރި ކަމެއްގެ ގޮތުގައެވެ. ހަމަ މިބީދައިން، ބެންކޮކްގެ ތަޢުލީމީ ނިޒާމާ ބެހޭ ގޮތުން ލިޔުއްވާފައިވާ ދިރާސާވެރިޔެއްކަމަށްވާ، ސުވިމޮން ވޮންގްވޮނިޝް (2012) ހާމަކުރައްވަނީ، އެގައުމުގެ ތަޢުލީމީ ނިޒަމަކީ ކިޔަވައިދިނުމުގައި ވަރަށް ބޮޑަށް ޒަމާންވީ ގަދީމީ ގޮތްތަކެއް އަށަގެންފައިވާ ނިޒާމެއް ކަމަށެވެ. އެހެނަސް، ސުވިމޮން އިތުރަށް ހާމަކުރައްވާ ގޮތުގައި ކިޔަވައިދިނުމުގެ ނިޒާމުގެ ކަންކަން ހަރުދާނާކޮށް، އާ ކަރިކިއުލަމެއް ތަޢާރަފުކޮށް އުގެނުން ވަޒަން ކުރުމުގެ ގޮތްތަކުގައި ޕޯރޓްފޯލިއޯ ބޭނުން ކުރުން ހިމެނިގެންދިޔައީ ދަރިވަރުންގެ އުނގެނުން ކުރި އަރާ ގޮތް ގާތުން ބަލައި، ދަރިވަރުންނަށް ބޮޑަށް އެހީތެރިވެދޭނެ ގޮތްތަކެއް ހޯދި އަދި އެކުދިން ބައިވެރިކޮށްގެން ކުރެވޭ ކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން، މެލޭޝިއާގައި ޕޯރޓްފޯލިއޯ ބޭނުންކޮށްގެން ބަސް ކިޔަވައިދިން ކުލާސްރޫމެއްގެ ދިރާސާއަކުން، ހާމަކޮށްފައިވަނީ ދަރިވަރުން އަމިއްލަ މަސައްކަތްތަކަށް ރިފްލެކްޓް/ރިވެލިކުރުމާއި، އުނގެނުން އަމިއްލައަށް ވަޒަންކުރުމުގައި އެހީތެރިވެދިން، އަދި އެކުދިންގެ ލިޔުންތެރިކަން ވަރަށް ބޮޑަށް ކުރިއެރުމަށް މެދުވެރިކުރުވި އެއްޗަކަށް ޕޯރޓްފޯލިއޯ ވީ ކަމެވެ (ސިންގް އަދި އަބުދުއްޞަމަދު، 2012). މިއިން ކޮންމެ ދިރާސާވެރިޔެއް ވެސް ފާހަގަކުރައްވާފައި މިވަނީ ދަރިވަރުންގެ ޕޯރޓްފޯލިއޯ ހެދުމަކީ ކިޔަވައިދިނުމުގައި ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެއްގެ ގޮތުގައެވެ.

އިސްވެދިޔަ ދިރާސާވެރިން ފާހަގަކުރައްވާފައިވާ ކަންތައްތަކަކީ އަޅުގަޑުމެން ތަޢުލީމީ ނިޒާމަށް މުހިންމު ޚިޔާލުތަކެކެވެ. ސަބަބަކީ، އަޅުގަޑުމެންގެ ރާއްޖޭގައި 2013 ވަނަ އަހަރުން ފެށިގެން އާ ކަރިކިއުލަމެއް ތަޢާރަފުކުރެވި އުނގެނުމަށް ފަހި ވަޒަންކުރުމަށް މުދައްރިސުން އަހުލުވެރިކުރުވުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވައެވެ. ނަމަވެސް އެ ގޮންޖެހުންތަކުން އަދި އަރައިގަނެވިފައި ނުވުމަކީ އަޅުގަޑު ދެކޭގޮތުގައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޕޯރޓްފޯލިއޯ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުން ބައްޓަންކޮށް އުގެނުމަށް ފަހި ވަޒަންކުރުމުގެ މަސައްކަތްތަކަށް މުދައްރިސުން އަހުލުވެރިކުރެވޭލެއް އަދި ވެސް މަދުވުމެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 2019 ވަނަ އަހަރު ބޭއްވި މުދައްރިސުންގެ ކޮންފަރެންސްގައި ހުށަހެޅުނު ގިނަ ޢަދަދެއްގެ ކަރުދާސްތައް އަމާޒުކުރެވުނީ އުނގެނުމަށް ފަހި ވަޒަންކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ ތަފާތު ދިރާސާތަކަށެވެ. މި ދިރާސާތަކުގައި އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އުނގެނުމަށް ފަހި ވަޒަންކުރުން ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ވާހަކައެވެ. އަދި ޚާއްޞަކޮށް އެކަން ކުރުމަށް މުދައްރިސުން އަހުލުވެރިވެފައިވާ މިންވަރު ކުޑަވުމާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. އަޅުގަޑުގެ މިލިޔުމުގައި އެންމެ ބޮޑަށް އިޝާރާތްކޮށްލަން ބޭނުންވާ އެއް ނުކުތާއަކީ، އިސްވެދިޔަ ދިރާސާވެރިން ވެސް ހާމަކޮށްފައިވާ ގޮތުގައި، ވަރަށް ގިނަ ގައުމުތަކުގައި ޓްރެޑިޝަނަލްކޮށް (ކުރިން ވެސް ބޭނުންކުރަމުން އައި ގަދީމީ ގޮތްގޮތަށް) އުނގެނުން ވަޒަންކުރުން އާދާވެފައިވާ ކުލާސްރޫމުތަކުގައި ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކޮށްލަން ބޭނުންކުރި އެކައްޗަކީ ޕޯރޓްފޯލިއޯ ކަމެވެ.

ޕޯރޓްފޯލިއޯ ހަދާނެގޮތް

ޕޯރޓްފޯލިއޯ ހަދާން ފަށާއިރު އެންމެ މުހިންމު ކަމަކީ ރަނގަޅު މަގުޞަދެއް ކަނޑައެޅުމާއި އެ ޕޯރޓްފޯލިއޯގެ ބޭނުން ކުރާނެގޮތެއް މުދއްރިސު ކުރިޔާލާ ނިންމުމެވެ. މިގޮތުން، މާއްދާއެއްގައި ދަރިވަރުންގެ އުގެނުން ކުރިއަރަމުން ދާގޮތާއި މިންވަރު ބެލުމަށް ނުވަތަ ލިޔުންތެރިކަން ތަރައްގީވާ ގޮތް ބެލުން ފަދަ ކަންކަމުގައި އުނގެނުމަށް ފަހިވާނެހެން ވަޒަންކުރުމަށް ޓަކައި ޕޯރޓްފޯލިއޯގެ މަސައްކަތް ރޭވިދާނެއެވެ.

ދެވަނައަށް ކުރުން މުހިންމު ކަމަކީ، ޕޯރޓްފޯލިއޯއަށް އެއްޗެތި އެއްކުރާނެ ގޮތް ރޭވުމެވެ. މިކަމުގައި އެންމެ ބޮޑަށް ބަލަން ޖެހޭ އެއް ކަމަކީ މަޢުލޫމާތު އެއްކުރުމަށް ބޭނުން ކުރާނީ ކޮންކަހަލަ ގޮތްތަކެއްތޯ، ކޮން އުސޫލަކުންތޯ އަދި ކޮން ދުވަސްތަކެއްގައި ކިހިނެއް ކަން ނިންމުމެވެ. މިސާލަކަށް ދަރިވަރުގެ ކޮންމެ ހަފުތާއެއްގެ މަސައްކަތްތަކުގެ ތެރެއިން ދެ މަސައްކަތެއް ޕޯރޓްފޯލިއޯގައި ޑޮކިޔުމަންޓްކުރުން/ހިމެނުން، އަދި އެ މަސައްކަތްތަކާ ގުޅޭގޮތުން ދަރިވަރުގެ ރިފްލެކްޝަންތައް (ރިވެލިކުރުންތައް) އެއްކުރުން، ދަރިވަރުން މަސައްކަތްކުރަމުން ދާއިރު ނެގިފައިވާ ކުދި ކުދި ވީޑިއޯ އަދި އޯޑިއޯ ރިކޯޑިންތައް އެއްކުރުން، ކުއްޖާގެ މަސައްކަތާ ގުޅޭގޮތުން ބެލެނިވެރިންނަށް ފާހަގަ ކުރެވޭ ކަންކަން ނޯޓްކޮށް ޑޮކިޔުމަންޓް ކުރުވުން، މިފަދަ ވަރަށް ގިނަ އުކުޅުތައް މިހާރު ޕޯރޓްފޯލިއޯ ހެދުމުގައި ބޭނުންކުރެވެއެވެ. މި ކަންކަން ފަސޭހައިން ކުރުމަށްޓަކައި، މި ޒަމާނުގައި ޕޯރޓްފޯލިއޯ ހެދުމަށް ބޭނުންކުރެވޭ ތަފާތު ޓޫލްސްތަކާއި އަދި ވެބްސައިޓްތައް ވެސް ހެދިފައިވެއެވެ. ހަމައެއާއެކު، މުދައްރިސުން، ދަރިވަރުން، ބެލެނިވެރިން އެންމެން އެއްކޮށް އެއް މަންސައެއްގައި ޕޯރޓްފޯލިއޯގެ މަސައްކަތް ފަސޭހަކަމާ އެކު ކުރެވޭގޮތް ފަހިވެފައިވެއެވެ.

ޕޯރޓްފޯލިއޯ ބޭނުން ކުރާއިރު ތިންވަނައަށް މުހިންމު ކަމަކީ، އެއްކުރެވޭ މަޢޫލޫމާތުތަކާއި މަސައްކަތްތައް ރަނގަޅަށް ތަހުލީލުކޮށް ދިރާސާކުރުމާ އެކު ކުއްޖާގެ އުނގެނުން އިތުރަށް ފަހި ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ހޯދުމެވެ. މިއީ ޕޯރޓްފޯލިއޯގެ އެންމެ މުހިންމު ފިޔަވަޅެވެ. ޕޯރޓްފޯލިއޯގެ ތެރެއިން ފާހަގަވާ، ދޭހަވާ، ފެންނަ، ހާމަވާ، ކަންކަމަށް ބަލައިގެން ދަރިވަރަށް ދެވޭ މަސައްކަތްތަކަށް ބަދަލުގެންނާނެ ގޮތާއި، އިތުރަށް އެހީތެރިވެދޭނެ ގޮތްތަކަށް ވިސްނައި އެ ގޮތްގޮތަށް ކަންކަން ކުރުމަކީ ޕޯރޓްފޯލިއޯގެ އެންމެ މުހިންމު ބޭނުމެވެ. މި އިޝާރާތް ކުރެވުނީ ކިޔަވައިދިނުމުގައި ޕޯރޓްފޯލިއޯ ބޭނުންކުރާނަމަ މުދައްރިސުން ސަމާލުވާން ޖެހޭ ދެތިންކަމަކަށެވެ.

ފަހަރުގައި މިވާހަކަ ކޮޅު ކިޔާލުމުން، މިއީ ވަރަށް ބޮޑު މަސައްކަތެއްކަމަށް މުދައްރިސުންނަށް ހީވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މިހާރު ތަޢާރަފު ކުރެވިފަވާ ޕޯރޓްފޯލިއޯގެ ތަފާތު ޓޫލްތައް/އެޕްލިކޭޝަންތައް، ވެބްސައިޓްތައް ގިނަވުމާއެކު މިއީ މުދައްރިސުން މާގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. އަދި ޚާއްޞަކޮށް ޕޯރޓްފޯލިއޯ އެއްކުރުމުގެ ބޮޑު ޒިންމާ މިހާރު ދެވެނީ ދަރިވަރަށެވެ. އެކަން ކުރަނީ މުދައްރިސެއް ނޫނެވެ. އެހެންވުމުން މުދައްރިސުގެ މަސައްކަތް މާ ބޮޑަށް ވެސް ލުއިވެއެވެ. މުދައްރިސުގެ ދައުރަކީ ހަމައެކަނި އެކަން ކުރާނެ ގޮތް ރާވާ، ރަނގަޅު ގައިޑެއް ދަރިވަރުންނާއި ހަވާލުކޮށް، އެއްކުރަމުންދާ ތަކެތި ދޭތެރެ ދޭތެރެއިން ބަލައި ތަހުލީލު ކުރުމެވެ. މުދައްރިސުގެ އެންމެ މުހިންމު ކަމަކީ ކުރިން ވެސް އިޝާރާތް ކުރެވުނު ފަދައިން ދަރިވަރުގެ އުނގެނުން އިތުރަށް ކުރި އެރުވުމަށް އެހީތެރިވެދެވޭނެ ގޮތްތައް ހޯދުމެވެ.

މުދައްރިސުގެ ކިޔަވައިދިނުމަށް ލިބިދޭ އެހީތެރިކަމުގެ އިތުރުން، ޕޯރޓްފޯލިއޯގެ މަސައްކަތްތަކުގެ ތެރެއިން އެތަކެއް ފައިދާތަކެއް ދަރިވަރުންނަށް ލިބިދެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަންކަމަކީ، ދަރިވަރު އޭނާގެ އުގެނުމުގައި ބާރުވެރިކުރެވުމާއެކު ޒިންމާދާރުކުރުވުމެވެ. އަދި ދަރިވަރުގެ އަމިއްލަ މަސައްކަތްތައް ފެނި ނަފުސުގެ އިތުބާރު އިތުރުވެ، ކުރިއެރުންތައް އަމިއްލައަށް ފާހަގަކުރުމަށް ޕޯރޓްފޯލިއޯ އިން ފުރުސަތު ފަހިވުމެވެ. ހަމައެއާއެކު އުނގެނެމުންދާ ބައިތަކާއި އެނގެމުންދާ ސްޕީޑް، އަދި އިތުރަށް ކުރަންވީ ކަންކަމާމެދު ދަރިވަރު އަމިއްލައަށް ވެސް ކުރިޔަށް ވިސްނުމަށް ޕޯރޓްފޯލިއޯގެ ސަބަބުން މަގުފަހިވެއެވެ. ހަމައެހެންމެ، ޕޯރޓްފޯލިއޯ ހެދުމަކީ ދަރިވަރުންގެ އަމިއްލަ އުފެއްދުންތެރި ޚިޔާލުތައް ވެސް ފުޅާ ދާއިރާއެއްގައި ބޭނުން ކުރުމަށް ފަހިކުރެވޭ ގޮތެކެވެ. މިދެންނެވުނު ހުރިހަ ކަމެއްގެ އިތުރުން ޕޯރޓްފޯލިއޯއަކީ ދަރިވަރާއި މުދައްރިސާއި ބެލެނިވެރިން އެއްކޮށް ދަރިވަރުގެ އުނގެނުމުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތަކަށް ވެސް ވެއެވެ. މިފަދަ މަސައްކަތްތައް ދަރިވަރުންނަށް ދެވޭނަމަ، އެކުދިންގެ އުނގެނުމަށް ހެޔޮ ބަދަލުތަކެއް އަންނަކަން ފާހަގަވާނެކަން ކަށަވަރެވެ. ދަރިވަރުންގެ ޕޯރޓްފޯލިއޯ ހެދުމަށް އާންމުކޮށް ބޭނުންކުރެވޭ ބައިވަރު ވަސީލަތްތަކައި މަންސަތައް އިންޓަރނެޓްގައި ހިލޭ ވެސް ލިބެން ހުރެއެވެ. މިގޮތުން ފާހަގަކޮށްލެވޭ މުހިންމު ތިންވަސީލަތެއް އޭގެ ލިންކާއެކު މިތާގައި ހިމަނާލާނަމެވެ. ކޮންމެ ލިންކެއްގައި ވެސް އެޓޫލެއް ނުވަތަ އެއްޗެއް ބޭނުންކުރާނެ ގޮތް ކިޔައި ދެވިފައިވާނެއެވެ.  ތަޖުރިބާކޮށްލެއްވުމަށް ބައްލަވައިލައްވާށެވެ.

  • ގޫގްލްސައިޓް: މިއީ ޕޯރޓްފޯލިއޯ ހެދުމަށް ހިލޭ ލިބޭ، ދަރިވަރުން ބޭނުންގޮތަކަށް ބަދަލުކޮށްލެވޭ އަދި ފަސޭހަކަމާއެކު މުދައްރިސާއި ބެލެނިވެރިންނާ އެކު ހިއްސާ ކުރެވޭ މަންސައެކެވެ.
  • ކުލާސްޑޯޖޯ: މިއީ ހިލޭ ލިބޭ، މުދައްރިސުންނާއި ބެލެނިވެރިނަށް ވެސް އެއްކޮށް ހިއްސާކުރެވި، ޕޯރޓްފޯލިއޯ ހެދުމަށް ޓަކައި، ދަރިވަރުން އަމިއްލައަށް ބޭނުންކުރެވޭ ޓޫލެކެވެ.
  • ސީސޯ: މިޓޫލަކީ ދަރިވަރުން ބޭނުންވާ ތަފާތު އެކި ބާވަތްތަކުގެ އެއްޗެތި އެއްތަނަކަށް އެއްކޮށް އަމިއްލަ ޕޯރޓްފޯލިއޯ އުފެއްދުންތެރި ގޮތްތައް ބޭނުންކޮށްގެން ހަދާލެވޭ ހިލޭ ލިބޭ ޓޫލެކެވެ.

މިއަދު ހުށަހާލެވުނު ވާހަކަ ކޮޅަކީ ވެސް މުދައްރިސުންނަށް ފައިދާ ކުރަނިވި އަދި އޭގެ ސަބަބުން އަޅުގަޑުމެންގެ ދަރިވަރުންގެ އުނގެނުން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ މަޢުލޫމާތުކޮޅަކަށް ވާނެކަމަށް އުއްމީދު ކުރަމެވެ. އަޅުގަޑުގެ އެންމެ ބޮޑު އެދުމަކީ މުދައްރިސުންނަކީ ތާއަބަދު އުނގެނޭ އަދި ކިޔަވައިދިނުމުގައި އާ ޚިޔާލުތަކާއި އާ ގޮތްތައް ތަޖުރިބާ ކުރުމުގެ ޝައުގުވެރިކަން އޮންނަ ބަޔަކަށް ވުމެވެ. އަބަދު އެއްގޮތަކަށް އަހަރުތަކެއް ވަންދެން ކިޔަވައިދިނުމަކުން މުދައްރިސުންނަކީ އެންމެ ފެންވަރު ރަނގަޅު ބައެއް ކަމުގައި މިހާރު ނުބެލެވެއެވެ. އެއާ ޚިލާފަށް، ކިޔަވައިދިނުމުގެ ތަފާތު ޢިލުމީ ޚޔާލުތަކާއި އާ ގޮތްތައް ބޭނުންކޮށްގެން ކިޔަވައިދޭން މަސައްކަތް ކުރާ މީހުންނަކީ ފެންވަރު ރަނގަޅު ހުނަރު ވެރި މުދައްރިސުންނެވެ. މިފަދަ ބަޔަކަށް ވުމަށް، މި ލިޔުމުގައި އަޅުގަނޑު ހިމަނާފައިވާ ތަފާތު ލިންކްތަކަށް ޒިޔާރަތްކުރައްވައިގެން ކިޔަވައިދިނުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް އުމީދުކުރަމުން މިއަދުގެ ކޮލަމު ވެސް ނިންމާލަމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

2 ޚިޔާލު

  1. ވަރަށް ރަނގަޅު ލިޔުމެއް. ޚާއްސަކޮށް މިހާރު ދިވެހިރާއްޖޭގެ ހުރިހާ ކިޔަވާ ކުދިން ވެސް ގޭގައި ތިބެގެން ކިޔަވަމުންދާއިރު މުދައްރިސުންނަށް ކޮންމެހެން ވެސް އެނގެންޖެހޭ މައުލޫމާތުތަކެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.