ކާއިނާތުގައިވާ ހުރިހާ އެއްޗެއް ނިމެނީ ކަޅު ހޮހޮޅައާ ހިސާބުންތަ؟

ކާއިނާތުގެ އެކި ހިސާބުގެ ގުރަހަ ތަކުގެ ތެރޭގައި ފެތުރިފައިވާ ކަޅު ހޮހޮޅަ، ނުވަތަ ބްލެކް ހޯލް ތަކަކީ އޭގެ އަޑި ނޭނގޭ އެތައް ސިއްރު ތަކެއް ހިމެނޭ ހޮހޮޅަ ތަކެކެވެ. މި ހޮހޮޅަ އުފެދޭ ގޮތެއް ކަމަށް ބެލެވިފައިވަނީ ބައެއް ބޮޑެތި ތަރިތައް އޭގެ އަޖަލު ހަމަވުމުން، އަމިއްލަ ޖާޛްބިއްޔަތުގައި އޭގައި ހިމެނޭ މާއްދާތައް ތަރީގެ މެދަށް ޖަމާވެ، އެތައް ގުނައަކަށް ކުޑަވެގެންނެވެ. މި ގޮތުން އާދަޔާ ޚިލާފު ބޮޑު ބަރުދަނެއް، ނިސްބަތުން ކުޑަ ސަރަހައްދެއްގެ ތެރެއަށް ޖަމާވެގެން ދެއެވެ. ބުލެކް ހޯލެއްގެ ވަށައިގެންވާ ދަމާބާރު (ޖާޛްބިއްޔަތު) ވަރުގަދަވާ މައިގަނޑު ސަބަބަކީ މިއީ އެވެ. މި ދަމާބާރުގެ ސަބަބުން އެންމެ ބާރަށް ދަތުރުކުރާ އަލި ދޯދިއަކަށް ވެސް، އޭގެ އުދަރެހާ ހަމައަށް ވާސިލުވުމަށްފަހު ސަލާމަތެއް ނުވެވެއެވެ. ބުލެކް ހޯލް އަށް އެ ނަން ކިޔޭ ސަބަބަކީ ވެސް އެއަށް ވަންނަ ނުވަތަ ދަމައިގަންނަ އަލި އަނބުރާ ނާންނާތީވެ، މުޅިން ކަޅު އެއްޗެއްގެ ސިފައިގައި ފެންނާނެތީއެވެ.

އެހެން ނަމަވެސް ޕެން ސްޓޭޓް އަދި ލުއިޒިއާނާ ސްޓޭޓް ޔުނިވަސިޓީގެ އިލްމުވެރިންގެ ފަހުގެ ދިރާސާތަކުން ގަބޫލުކުރެވުނު ގޮތުގައި މިގޮތަށް މި ހޮހޮޅަ ތެރެއަށް ދަމައިގަންނަ މާއްދާތައް، އޭގެ ދަމާބާރުގެ ސަބަބުން ޒައްރާއަކަށް ވުރެ ކުޑަ ވުމަށް ފަހު އަލުން އެހެން ހޮހޮޅަ އެއްގެ ތެރެއިން ނުކުމެގެންދެއެވެ. މި ހޮހޮޅަ އަށް ކިޔާ ނަމަކީ ހުދު ހޮހޮޅަ އެވެ. އަދި މި އިލްމީ ނަޒަރިއްޔާތަށް ކިޔަނީ "ކުއަންޓަމް ލޫޕް ތިއަރީ" އެވެ.

މި އުފެދޭ ހުދު ހޮހޮޅައިގެ ސިފަ ތަކަކީ ކަޅު ހޮހޮޅައާއި މުޅިން އިދިކޮޅު ސިފަތަކެކެވެ. މިގޮތުން އަހަރެމެންނަށް މި އިހުސާސްވާ ވަގުތު ދައުރުވާ ގޮތް ވެސް ހިނގާނީ އޭގެ އިދިކޮޅަށެވެ. މި އިލްމަށް ބާރުދޭ އެންމެ މުހިންމު ބިންގަލަކީ ފިޒިކްސް އިލްމު ބިނާވެފައިވާ ބައެއް ބިންގާ ތަކެވެ. މި ގޮތުން "ހަކަތަ" އާއި "މައުލޫމާތު"، މި ދެ މާއްދާ އަކީ އޭގެ ޒާތުގައި ހަލާކުވެ ނެތިގެންނުދާނޭ އެއްޗެހި ކަމަށް ފިޒިކްސް އިލްމު ގަބޫލުކުރެއެވެ. ކުރީގެ ނަޒަރިއްޔާތުން ވިސްނާނަމަ ކަޅު ހޮހޮޅައަކަށް ހަކަތަ އަދި މައުލޫމާތު ވަނުމަށްފަހު ކުޑަ ތިއްކަކަށް ބަދަލުވެގެން ދެއެވެ. މި ހޯދުނު ހޯދުން ތަކުން ބުނެދޭ ގޮތުގައި މި ދެ މާއްދާ، ކުޑަ ތިއްކަކަށް ބަދަލުވެ ޣައިބުވުމުގެ ބަދަލުގައި،  ހުދު ހޮހޮޅަ އަކާއި ގުޅި، އެ ހުދު ހޮހޮޅައިގެ ތެރެއިން އަލުން ނުކުމެގެން ދެއެވެ. މީގެ އިތުރުން ހިސާބު އިލްމުގެ ހެކިތަކުންވެސް މި ނަޒަރިއްޔާތަށް އިތުރު ބާރެއްދެއެވެ.

މި ހޯދުނު ހޯދުމުން ގަބޫލުކުރެވޭ ގޮތުގައި، އަހަރެމެންނަށް ކާއިނާތުން މި ފެންނަ ނުވަތަ އޭގެ އަސަރު ފެންނަ ކަޅު ހޮހޮޅަ ތަކަކީ ހުދު ހޮހޮޅައަށް ބަދަލުވުމުގެ މަރުހަލާގައި އުޅެމުންދާ ކަޅު ހޮހޮޅަ ތަކެކެވެ. އެ މަރުހަލާގައި ހިނގާ "ވަގުތު"، ދުރުން ބަލަން ހުންނަ މީހަކަށާއި ދެހޮހޮޅަ ގުޅޭ ސަރަހައްދުގައި ހުންނަ މީހަކަށް ވަގުތު އިހްސާސް ކުރެވޭ ވަރު ތަފާތު ވާނެއެވެ. މިގޮތުން މި ބަދަލު، އެތެރޭގައި ހުންނަ މީހަކަށް ފަޅި ސިކުންތެއް ކަމުގައި ހީވާ ހީވުން، ދުނިޔެ އިން ބަލަން އިންނަ މީހެއްގެ ބިލިއަނެއްހާ އަހަރުގެ ވަގުތަކާ އެއްވަރު ވެދާނެއެވެ. މިހެން ދިމާވާ ސަބަބަކީ އޭގެ އެތެރޭގެ ބާރުގަދަ ދަމާބާރުގެ ސަބަބުން ވަގުތު ހިނގާ ގޮތަށް އަސަރު ކުރާތީއެވެ.

ސައިންސްވެރިން ގަބޫލު ކުރާގޮތުގައި ޖައްވުގެ ތެރެއިން މީގެ ކުރިން ފާހަގަ ކުރެވިފައިވާ ބައެއް ޖައްވީ ހަރަކާތްތައް ކަމަށްވާ ބާރުގަދަ ރޭޑިއޯ އަދި ހަކަތައިގެ ދޯދި ތަކަކީ މި ހޯދުނު ހޯދުމާއި ގުޅިފައިވާ ހަރަކާތްތަކެކެވެ. ކުރިއަށް އޮތްތަނުގައި މި ފަދަ ދޯދި ތަކާއި ގުޅޭގޮތުން އެއްކުރެވޭ އިތުރު މައުލޫމާތުގެ މައްޗަށް ބިނާކޮށް، މި ދިރާސާގެ އަލީގައި ނޭނގޭ އެތައް ޖަވާބެއް ލިބިގެންދާނެއެވެ. އަދި ހަމަ މިއާއިއެކު ކާއިނާތާއި އަދި ވަގުތު އުފެދިފައިވާ ގޮތުގެ ސިއްރުތައް ހޯދުމަށް، މި ދިރާސާގެ އަލީގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ލިޔުނީ: ތަމީމް އ. ރައްޒާޤް

ބެޗްލަރ އޮފް ސައިންސް 2019

:ދިރާސާ

http://dx.doi.org/10.1103/Physics.11.127

ފޮޓޯ

http://discovermagazine.com/~/media/Images/Issues/2018/April/black-hole-1.jpg?mw=900

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.