އެންމެ ދަށް އުޖޫރަ ކަނޑައެޅުމަށް މިއަހަރުގެ ޖެނުއަރީގައި އޮތް އިޤްތިޞާދު އަލުން ހޯދަންޖެހޭ: ފިނޭންސް މިނިސްޓަރ  

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

 އެންމެ ދަށް އުޖޫރަ ކަނޑައެޅުމަށް މިއަހަރުގެ ޖެނުއަރީގައި އޮތް އިޤްތިޞާދު އަލުން ހޯދަންޖެހޭކަމަށާއި އެ އިޤްތިޞާދު ލިބޭނެކަމަށް ލަފާކުރެވެނީ 2022 ގައި ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އެންމެ ދަށް އުޖޫރަ ކަނޑައެޅުމަށް މިވަގުތަކީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ވެސް އިޤްތިޞާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެންމެ ދަށް އުޖޫރަ ކަނަޑައެޅުމަށް އަބަދުވެސް ތާއީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދުމިހާރު އޮތް ޙާލަތާއި އެންމެ ދަށް އުޖޫރަ ކަނޑައެޅުމުން ދައުލަތުން އިތުރަށް އުފުލަންޖެހޭނެ މާލީ ބުރައިގެ ތަފްޞީލް ވެސް އިޤްތިޞާދީ ކޮމެޓީގައި ފިނޭންސް މިނިސްޓަރ ހާމަކުރެއްވިއެވެ. އެންމެ ދަށް އުޖޫރައިގެ ގޮތުގައި، މިނިމަމް ވޭޖު ބޯޑުން ލަފާދީފައިވަނީ ސިވިލް ސާވިސް މުވައްޒަފުންނާއި ޓޫރިޒަމް ދާއިރާއަށް  6،400 ރުފިޔާއާއި  8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

އެންމެ ދަށް އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާއެކަނި ދިނަސް ދައުލަތުން އިތުރަށް ޚަރަދު ކުރަންޖެހޭ މިންވަރު 3.7 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ވެސް ފިނޭން މިނިސްޓަރ ވިޅުވިއެވެ. މިޢަދަދަކީ ހަމައެކަނި އަސާސި މުސާރައަށް އެކަނި އިތުރުވާނެޢަދަދުކަން ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ އެލަވަންސް ތައް ލުމުން މިޢަދަދު އިތުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. މިހާރު ވެސް ދައުލަތުގެ ބަޖެޓުން މުސާރައަށް އަށް ބިލިއަން ރުފިޔާ ހޭދަވާކަމަށް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ސިވިލް ސާރވިސްގައި މިވަގުތު ތިބި 44،838 މުވައްޒަފުންގެ ތެރެއިން 22،378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6،400 އަށްވުރެ ދަށުން ލިބޭ މުވައްޒަފުންކަމަށެވެ  އެއީ މުޅި ސިވިލްސާރވިސްގެ ގާތްގަޑަކަށް ދެބައިކުޅައެއްބައެވެ. އެމުވައްޒަފުންނަށް އެޢަދަށް އެންމެ ދަށް އުޖޫރައިގެ ގޮތުގައި އަސާސީ މުސާރަ ދިނުމަށް އިތުރު ޚަރަދުގެ ގެގޮތުގައި ބަޖެޓަށް 1.7 ބިލިއަން ރުފިޔާ އިތުރުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސިވިލްސާރވިސްގެ އެހެން ރޭންކްތަކުގެ މުވައްޒަފުންގެ ގޮތުގައި 21،974 މުވައްޒަފުން ހިމެނޭއިރު އެމީހުނަށް އެންމެ ދަށް އުޖޫރައިގެ ގޮތުގައި ދެވޭ އަސާސީ މުސާރައަށް ދެ ބިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެކަމަށް ވެސް ވިދާޅުވިއެވެ. އެންމެ ދަށް އުޖޫރައިގެ ގޮތުގައި 6،400 ޖެއްސިއަސް އިތުރަށް ބަދަލެއް ގެންނަން ނުޖެހޭ މުވައަޒަފުންގެ ގޮތުގައި ސިވިލް ސާރވިސްގެ 44،838 މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 486 މުވައް ޒަފުން ކަމަށް ވެސް ފިނޭންސް މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް މިހާރު އައިސްފައިވާ ހީނަރުކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިއަހަރަށް ލަފާކުރި ބަޖެޓް އެކުލަވާލެއްވި އިރު މިއަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންޒާކުރެއްވީ 29.9  ބިލިއަން ރުފިޔާކަމަށެވެ. ނަމަވެސް ހިލޭ އެހީއާއި އަމްދަނީ ގޮތުގައި ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރެއްވޭ ޢަދަދަކީ 15.18 ބިލިއަން ރުފިޔާ ކަމަށެވެ.  އޯވަރޯލް ފިސްކަލް ޑެފިސިޓްގެ ގޮތުގައި މިއަހަރަށް ފާސްކުރި ބަޖެޓްގައި ލަފާކޮށްފައި ވަނީ 6 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. ނަމަވެސް މިހާރުގެ އަންދާޒާއަކީ 15.8 ބިލިއަން ރުފިޔާއަށް ޑެފިސިޓް އިތުރު ވުން ކަމަށް ވިދާޅުވިއެވެ.  

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް މިއަހަރުވެސް އިތުރަށް 12 ބިލިއަނެއްހާ ރުފިޔާ އެކި ގޮތްގޮތުން ހޯދަން ޖެހޭ ކަން ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ޤައުމީ އުފެއްދުން ތެރިކަން 7.5 އިންސައްތައަށް އިތުރުވާނެކަށް ކުރިން ލަފާ ކުރެއްވި ނަމަވެސް މިހާރުގެ އަންދާޒާއަކީ ޤައުމީ އުފެއްދުންތެރިކަން 11.5 އިންސައްތަ ދަށްވުން ކަމަށް ވެސް ފިނޭންސް މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.