އަޅުގަނޑު ދެކޭ ގޮތުގައި އޮންނަންޖެހޭނީ ބާރުވެރި އެއް މުއައްސަސާ: ރައީސް ނަޝީދު

އަމާން ބެލެހެއްޓުމަށް އޮނަނަން ޖެހޭނީ ބާރު ގަދަ އެއް މުއައްސަސާކަމަށް ދެކެވަޑައިގަންނަވާކަމަށް، މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ އެއްބާރު މިނެއްގައި އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާ ހުރެދާނެތީ އަބަދުވެސް ކަންބޮޑު ވެވަޑައިގަންނަވާކަމަށެވެ. ނަމަވެސް ބާރުގަދަކޮށް އޮންނަން ބޭނުން ފުޅުވަނީ ސިފައިން ކަމެއް ނުވަތަ ފުލުހުން ކަމެއް ސާފުކޮށް ވިދާޅެއް ނުވެއެވެ.

ރާއްޖޭގައި ފުލުހުންގެ މުއައްސަސާއެއް ހަމަޖެހުމާއި ސަލާމާތްތެރިކަމާއެކީގައި ކުރިއަށް ގެންދަން ގެންގުޅޭނީ ކޮން އޮނިގަނޑެއްތޯ ވިސްނަވާއިރު އެންމެ ބޮޑަށް ވިސްނަންޖެހޭ އެއް ވިސްނުމަކީ އެހާ ބާރުވެރި  ދެ މުއައްސަސާއެއް އޮތުން އެއީ ބުއްދިވެރި ގޮތެއްތޯ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.  

ރައީސް ނަޝީދު ވިދާޅުވީ ބަނޑޭރގޭގައި ނުވަތަ ސިފައިންގޭގައި ބަޑި އާއި ވަޒަން އެބަހުރި ކަމަށެވެ. އެއީ އިލެކްޓްރިކް ބަޑިއަކަށް ވިއަސް ރަބަރު ބަޑިއަކަށް ވިއަސް ވައި ބަޑިއަށް ވިއަސް ކޮންމެ ބަޑިއަކަށް ވިއަސް ބަނޑޭރިގޭގައި ފުދޭ ވަރަކަށް ބަޑި އެބަހުރިކަމަށް ވިދާޅުވިއެވެ. ބަޑި ބޭނުން ކުރަން ޖެހުނީމާ އިޖްރާތުތަކެއް ހަމަޖައްސަވައިފައި ހޯމް މިނިސްޓަރު އެދި ވަޑައިގެންނެވުމުން އެކަން ކުރެވޭނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ފުލުހުންނަށް ހިމާޔަތާއި ރައްކާތެރިކަމާ އޮންނަން ޖެހޭނެ އެއްވެސް މީހަކަށް ފުލުހަކަށް އަނިޔާވެރިއެއް ނުވެވޭނެ އަދި އެއްވެސް ފުލުހަކަށް ވެސް  އާއްމުރައްޔިތަކަށް އަނިޔާވެރިއެއް ނުވެވޭނެ. އަދި ފުލުހެއްގެ އަމަލުތައް ހުންނަންޖެހޭނީ އާއްމު ރައްޔިތެއްގެ ޢަމަލުތައް ހުންނަ ގޮތަކަށް ނޫން." ފުލުހުންނާ ގުޅޭ ގޮތުން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ނަމަވެސް ދާދި ފަހުން ހުޅުމާލޭގައި ހިނގި ޙާދިސާ ގައި ފުލުހުމީހާ ޢަމަލު ކުރިގޮތް އާއްމު ރައްޔިތެކޭ ތަފާތެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ފުލުހުންނަށް ހަޑިހުތުރު އެއްޗެތި ކިޔައި ގަޔަށް އަތް ލައިގެން ނުވާނެކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާއެކީގައި ފުލުސް މިހާ ވެސް އާއްމު ރައްޔިތުންނާ މުއާމަލާތްކުރުމުގައި ހަޑިހުތުރު އެއްޗެތި ކިޔައި، ގަޔަށް އަތްލައިގެން ނުވާނެކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ތެރޭގައި ވަރަށް އިޚްލާސް ތެރިކަމާއެކު މަސައްކަތް ކުރާ ކުދިން އެބަ ތިބިކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެއްވެސްކަމެއް ދިމާވިއަސް ގުޅާލަން އޮތް ތަނަނީ ފުލުހުންގެ އިދާރާ ކަމަށްވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ފުލިހުންނަށް ބޭނުންވާނެ ޙައްޤުތަކާއި ފުލުހުންގެ ބޭނުން ކުރާނެ ބާރާއި ވަޞީލަތްތައް ބޭނުން ކުރެވޭނެ އިޖުރާތުތަކެއް ފުލުހުންގެ ބިލުން ކަނޑައެޅިގެން ދާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ޖާސޫސުކުރުމާއި ބަލާފާސްކުރުމާއި ފޯން އަޑު އެހުން ފަދަ ހުރިހާ ކަމަކަމަށް ބޭނުންވާނެ އިޖުރާތުތައް ފުލުހުންގެ ބިލުގައި ހިމެނޭނެކަމަށް މަޖިލީގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނަކީ މިއަދު ދިމާވެފައި އޮތް މައްސަލައަކަށް ވިސްނައިގެން ހަދާ ޤާނޫނެއް ކަމަށް ދެކިގެން ނުވާނެ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ޢަމަލުކުރާގޮތުން މާދަމާއަށް ވަރަށް ބޮޑު އަސަރެއް ކުރޭ. މާދަމާއަކީ މިއަދުގެ ބަނޑުން ވިހޭ ދަރިއެއް." ރައީސް ނަޝީދު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.