ޖުލައި އެކަކުން ފެށިގެން މާލޭގައި ކިޔަވައިދޭން ފަށާނީ ގްރޭޑް އަށަކުން މަތީގެ ގްރޭޑްތަކަށް

ޖުލައި އެކަކުން ފެށިގެން މާލޭގައި ކިޔަވައިދޭން ފަށާނީ ގްރޭޑް އަށަކުން މަތީގެ ގްރޭޑްތަކަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 

ކޮވިޑް ނެތް ރަށްރަށުގައިވެސް ޖުލައި އެކަކުން ފެށިގެން ކިޔަވައިދޭން ފެށުމަށް ވަނީ ނިންމަވައިފައެވެ. ނަމަވެސް ނިއު ނޯމަލްގައި ކިޔަވައި ދޭން ނިންމަވައިފައި ވަނީ ހަފްތާއަކު ހަތަރު ދުވަހު ކޮންމެ ދުވަހަކު ހަތަރު ގަޑިއިރުއެވެ. 

އެންއީއޯސީގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން  މިނިސްޓަރ އާއިޝަތު ޢަލީ ވިދާޅުވީ ސްކޫލުތައް ހުޅުވޭއިރު ކްލާހެއްގައި އެއްފަހަރާ ކިޔަވައިދެއްވާނީ 15 ކުދިންނަށް ކަމަށެވެ. އަދި ކިޔަވައިދޭ ގަޑީގެ ޢަދަދު ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. ދުވާލަކު ކިޔަވައި ދެއްވާނީ 45 މިނިޓްގެ ހަތަރު ގަޑީއިރުއެވެ.  ކުދިން ބޭރަށް ނުކުމެ ކަސްރަތުކޮށް ހަދައިލުމަށް ހުސް ވަގުތުކޮޅެއް ދެއްވަން ޖެހޭނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނިއުނޯމަލްގައި މާސްކް އަޅަން ޖެހުމާއެކު ސްކޫލު ކުދިންގެ ޔުނިފޯމްގެ ބައެއްގެ ގޮތުގައި ފޭސް މާސްކުވެސް ބޭނުން ކުރަންޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލަށް ކުދިން ވެއްދޭނީވެސް ހުން ބެލުމަށްފަހު ހުން ނެތިއްޔާކަމަށް ވިދާޅުވިއެވެ. އަދި ޓީޗަރުންނާއި ސްކޫލު މާހައުލުގައި އުޅޭ އެންމެންވެސް ތިބޭނީ މާސްކް އަޅައިގެން ކަމަށް ވިދާޅުވިއެވެ. އަދި ކުދިންގެ ބެލެނިވެރިންވެސް ސްކޫލަށް ވަދެވޭނީ މާސްކް އަޅައިގެން ކަމަށް ވިދާޅުވިއެވެ. ސްކޫލު މާހައުލުގައި ދަރިވަރުން އުޅޭއިރުވެސް އަދި ސްކޫލަށް ވަދެ ނުކުތުމުގައި  ގައިދުރުކަން ބެހެއްޓުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ގްރޭޑް އަށަކުން މަތީގެ ގްރޭޑްތަކުގެ ދަރިވަރުންނަށް އެކަނި ސްކޫލުގައި ކިޔައިވައި ދެމުން ގެންދެވި ނަމަވެސް އެނޫން ގަރޭޑްތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައި ދެމުން ގެންދަވާނެކަމަށް މިނިސްޓްރ ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

ނިއުނޯމަލްގައި ސްކޫލުތަކުގެ ކުދިންނަށް ނާސްތާގެ ޕްރޮގްރާމް ކުރިއަށް ނުގެންދަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކުދިން ސްކޫލަށް އަންނަން ޖެހޭނީ ރަނގަޅު ނާސްތާއަކަށް ފަހުގައި ކަމަށް ވިދާޅުވިއެވެ. އަދި ބޯން ބޭނުންވާ ފެންވެސް ސްކޫލަށް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި  ދެވަނަ ދަންފަޅި ފެށުމުގެ ކުރިން ޑިސްއިންފެކްޓް ކުރަން ޖެހޭނެކަމަށް އެޑިއޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.