މުޞްޙަފް - 41

(14 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އެސްޕީގެ އެހީތެރިޔަކީ ތިޔައީތޯ؟" މި ސުވާލުގެ އަޑާއެކު ދެމީހުންވެސް އިސް އުފުލައި ބަލައިލިއެވެ. ކުރިމަތީގައި ހުރީ ޔުނިފޯމުގައި ހުރި ނަރުހެކެވެ.

"އާދެ." ފަރިޝްތޭގެ އުނގުން އަތް ނެގުމަށްފަހު މެހެމަލް ބުނެލިއެވެ.

"އޭނާއަށް ހޭލެއްވިއްޖެ. މިހާރު އޮންނެވީ ހެޔޮ ހާލުގައި. ނުރައްކަލެއް ނެތް. ތިޔައީ އޭނާގެ..."

"އަޅުގަނޑަކީ... އަޅުގަނޑަކީ އޭނާގެ ރައްޓެއްސެއް." އޭނާ އަވަސްއަވަހަށް ފަރިޝްތޭއަށް އިޝާރާތް ކޮށްލިއެވެ. "މިއީ އޭނާގެ ކޮއްކޮ."

"ކޮއްކޮ؟" ފަރިޝްތޭ ސިހިފައި މެހެމަލާ ދިމާއަށް ބަލައިލިއެވެ. އެކަމަކު އޭނާ އެ ވަގުތު ހުރީ ނަރުހަށް ސަމާލުކަން ދީގެންނެވެ. "ކޮއްކޮ؟" ފަރިޝްތޭ މަޑުމަޑުން ކިޔައިލިއެވެ. އަދި ކުޑަކޮށް ބޯ ހޫރައިލިއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އޭނާ ބޭނުންވިއެވެ. އެކަމަކު އޭރު ނަރުހުގެ ފަހަތުން މެހެމަލް ހިނގައިގެންފިއެވެ. އޭނާއަކަށް އަޑެއް ނީވޭނެއެވެ.

އޭނާ މިހާރު އެހެރީ ހުސްއަތާއެވެ. އޭނާގެ ފުން ދެލޮލަށް ހަވީރުވުމުގެ ކުލަވަރު ފާއްދާލައިފިއެވެ. މެހެމަލަކަށް އެ ހަވީރެއް ނުފެނެއެވެ. އޭނާ ދޮރު ހުޅުވައިފައި ހުމާޔޫން އޮތް ކޮޓަރިއަށް ވަދެއްޖެއެވެ.

ހުމާޔޫން އޮތީ އެނދުގައި އޮށޯވެގެން ލޯ މަރައިލައިގެންނެވެ. ގައިމަތީގައި މެޔާ ހަމައަށް އޮތީ ފޮތިގަނޑެއް އަޅައިފައެވެ. ފިޔަވަޅުގެ އަޑު އިވުނީމާ އޭނާ ލޯ ހުޅުވައިލިއެވެ. މެހެމަލް ފެނުނީމާ އޭނާ ހައިރާންވިއެވެ.

"މެހެމަލް؟"

މެހެމަލް މަޑުމަޑުން އައިސް އެނދާ ތަންކޮޅެއް ދުރުގައި ހުއްޓިއްޖެއެވެ. އޭނާގެ ލޯ ހުރީ ތެމިފައެވެ.

"ހުމާޔޫން. އަހަންނަށް މާފު ކުރޭ." ލޮލުން ފައިބާ ކަރުނަޔާއެކުވެސް ހިނިތުންވެލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

"މިކޮޅަށް އާދެބަލަ."

އޭނާ ދެތިން ފިޔަވަޅު ކުރިއަށް ޖެހިލައި އެނދުގެ ކައިރީގައި ހުއްޓިއްޖެއެވެ.

"އެހައި ބޮޑަށް ރުޅި އައިސްފައި ހުރީ ކީއްވެގެން؟"

"އަހަންނަށް މާފު ކުރޭ." ބޭއިޚްތިޔާރުގައި މެހެމަލަށް ދެއަތް ޖޯޑުކުރެވިއްޖެއެވެ. ހުމާޔޫން އެއް އަތުން އޭނާގެ އަތުގައި ހިފަހައްޓައިލިއެވެ.

"އަހަރެންގެ މައްޗަށް ކުރާ އެއްވެސް އުއްމީދެއް ނެތޭ މެހެމަލް ބުނީ ކީއްވެގެން؟"

"އުއްމީދެއް އެބައޮތްތަ؟" މެހެމަލްވެސް ހުމާޔޫންގެ އަތުގައި ހިފަހައްޓައިލިއެވެ.

"އަހަންނަކީ މަގުމެދަށް ދޫކޮށްލާފައި އެނބުރިދާ ކަހަލަ މީހެކޭ މެހެމަލަށް ހީކުރެވެނީތަ؟"

"ނޫންތަ؟" އޭނާގެ ލޮލުން އަދިވެސް ކަރުނަ ފައިބަނީއެވެ.

"އަހަންނާ ދޭތެރޭ އެހައި ނުބައިކޮށް ވިސްނަނީ ކީއްވެގެން؟"

"ނުބައިކޮށް ވިސްނަނީއެއް ނޫން. އެއީ..."

"އެހެން ވެއްޖެއްޔާ ވަޅިއެއް ހިފައިގެން އައީ ކީއްވެގެން؟ އަހަރެންގެ ގޭގައި މެހެމަލަށް ރައްކާތެރިކަމެއް ނެތްހެން ހީވަނީތަ؟" އޭނާ މަޑުމައިތިރިކަމާއެކު އަހައިލިއެވެ.

"ހުމާޔޫން. އަހަންނަށް މާފުކުރޭ. ﷲ އަހަންނަށް މާފު ކުރައްވާނީވެސް ހުމާޔޫން މާފު ކުރީމާ." މިހެން ބުނި ވަގުތު ޚުދު އޭނާއަށްވެސް ކުޑަކުޑަ ސިހުމެއް އައެވެ. އެންމެ ފަހުގެ ޖުމުލަ ބުނެލީ ވަގުތު އޭނާގެ ހިތަށް އަޖައިބެއް ކަހަލަ އިހުސާސެއް ވެރިވިއެވެ. އޭނާ ވަގުތުން އަތް ދަމައިގެންފިއެވެ. އެކުރެވެނީއަކީ ރަނގަޅު ކަމެއް ނޫނެވެ.

"އަރާމު ކުރޭ. އަހަރެން މިސްކިތަށް ދާން އެބަޖެހޭ." މެހެމަލް ކޮޓަރިން ނުކުންނާން އެނބުރިލިއެވެ.

"މަޑުކޮށްލާ." ހުމާޔޫނަށް އިޚްތިޔާރަކާ ނުލައި ބުނެލެވުނެވެ.

"އަހަރެން ގެއިން ނުކުތީ މި ދަނީ މިސްކިތަށޭ ބުނެފައި. މިސްކިތަށް ނުދިޔައިއްޔާ ވާނީ ދޮގަކަށް. ޚިޔާނާތަކަށް. ޚިޔާނާތްތެރިންނަށް ޞިރާޠުމަގު ދަތިވާނެ. އޮންނާނީ ކަށީން ފުރިފައި. އަހަރެން ބޭނުންވަނީ އަމާންކަމާއެކު ޞިރާޠުމަގު ގިރާކުރަން."

"ކުޑައިރުކޮޅަކު މަޑުކޮށްލިއްޔާ ވާނީ ކީއް؟"

"އަޅުކަމުގެ ޙައްޤަށް އުނިކަން އަންނާނެ. އަދި..."

"އެންމެ ރަނގަޅު... އެންމެ ރަނގަޅު. މެޑަމް... އަވަހަށް ވަޑައިގަންނަވާ." ހުމާޔޫން ހިނިތުންވެލިއެވެ.

"މާފުކުރޭ." މެހެމަލް މިހެން ބުނެފައި ކޮޓަރިން ނުކުމެއްޖެއެވެ.

ފަރިޝްތޭ އޭރުވެސް ގޮނޑީގައި އިށީނދެގެން އިނެވެ. އޭނާގެ ފިޔަވަޅުގެ އަޑު އިވުނީމާ އިސްއުފުލައި ބަލައިލިއެވެ.

"އަހަރެން ދަނީ. މިސްކިތަށް ދާންވެސް އެބަޖެހޭ." އޭނާ ދޯޕައްޓާ ރަނގަޅު ކުރަމުން ބުނެލިއެވެ.

"ހުމާޔޫނާ ބައްދަލުވެއްޖެތަ؟" ފަރިޝްތޭ މަޑުމަޑުން އަހައިލިއެވެ.

"އާނ." މެހެމަލް އިސްޖަހައިލިއެވެ. ފަރިޝްތޭ ބަލަހައްޓައިގެން އިނީ ސީދާ އޭނާގެ މޫނަށެވެ. ކޮންމެވެސް ކަމެއް ފާހަގަ ކުރެވޭތޯ މަސައްކަތް ކުރަނީ ކަހަލައެވެ.

މެހެމަލް ދާން ހިނގައިގަތީމާ ފަރިޝްތޭ ގޮވައިލިއެވެ. "މެހެމަލް." އޭނާ ހުއްޓިފައި އެނބުރި ބަލައިލީމާ ޚިޔާލު ބަދަލުވީ ކަހަލަ ގޮތަކަށް ބުންޏެވެ. "އަޅާނުލާ. ކަމެއް ނުވޭ. ދޭ."

"ކިހިނެއްވީ؟"

"ދޭ. އެބަ ލަސްވެއެއްނު؟"

"އެންމެ ރަނގަޅު. އައްސަލާމް ޢަލައިކުމް."

މެހެމަލް ހަލުވި ފިޔަވަޅުތަކެއް އަޅަމުން ހިނގައިގެންފިއެވެ.

ފަރިޝްތޭ އަނެއްކާވެސް އިސްދަށަށް ޖަހައިލިއެވެ.

* * *

މެހެމަލްގެ ބޮލުގައި ބޮޑު ބުރައެއް އޮތީ ކަހަލައެވެ. މިސްކިތަށް އައީމާވެސް ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އެހެންވީމާ ތަފުސީރު ކުލާހަކު ބައިވެރިއެއް ނުވެވުނެވެ. އޭނާ އެއްތަނަށް ވަދެފައި އަނެއް ތަނަށް ވަދެފައި ހަދައިލަހަދައިލާ ހުރީއެވެ. ހުސްވަގުތު ލިބުނީމާ ސާރާ އޭނާގެ ގާތަށް އަތުވެއްޖެއެވެ. އޭނާ އެ ވަގުތު އިނީ ފެންޑާގެ ހަރުފަތްމަތީގައި އިށީނދެގެންނެވެ. ފޮތްތައް ހުރީ އުނގުމަތީގައެވެ. މޫނުމަތީން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ.

އިށީނދެވުމާއެކު ސާރާ އަހައިލިއެވެ. "ތިޔައިނީ ކިހިނެއް ވެފައި؟"

"ނޭނގޭ." އޭނާ ފޮތެއް ހުޅުވައިލިއެވެ.

"ކޮންމެވެސް ކަމެއް ވެއްޖެ."

"އާނ."

"ކިހިނެއްވީ؟"

"ﷲ ތަޢާލާ... އެއީ..." އޭނާ ފޮތުގެ ގަނޑުތައް އުކާން ފަށައިފިއެވެ.

"ބުނެބަލަ."

"ﷲ ތަޢާލާ ކޯފާވެވޮޑިގެންފި. އެއީ ވީ ކަމަކީ." އޭނާ ކުއްލިއަކަށް ފޮތް ލައްޕައިލިއެވެ.

"އެއްވެސް ކަމަކާ ނުލައި ތިޔަ ކަންބޮޑުވަނީ. ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާންވީ ކީއްވެގެން؟"

"ކޯފާވެވޮޑިގެންފި... އެކަން ޔަގީން."

"ތިޔަވަރަށް މާޔޫސުވާކަށް ނުވާނެ. ﷲ ތަޢާލާ ކޯފާވެވޮޑިގެންފައިވާކަން މެހެމަލަށް އެނގެނީ ކިހިނެއް؟"

"ވާހަކައެއް ބުނެބަލަ." މެހެމަލް ސާރާއާ ދިމާއަށް ބަލައިލިއެވެ. "މީހަކާ އެކީ ސައުވީސް ގަޑިއިރު އުޅޭ މީހަކަށް އެމީހެއްގެ މޫޑު ރަނގަޅެއް ނޫންކަން ފާހަގަ ކުރެވެނީ ކިހިނެއް؟ ހަމަ ފެނުމާއެކު އެމީހެއްގެ މޫޑު ރަނގަޅު ނޫންކަން ދެނެއެއް ނުގަނެވޭތަ؟ އެމީހަކުގެ އަނގައިން އެހެން ބުނާއަޑު އިވުން ލާޒިމެއް ނޫން. ސާރާ އަމިއްލަ ކުށަށް އިއުތިރާފުވާކަށްވެސް ނުޖެހޭ. އެކަމަކުވެސް މާހައުލުގެ ދަތިކަމާއި ނުތަނަވަސްކަން އިހުސާސް ކުރެވުނީމާ އެމީހަކު އެހެރީ ނުރުހިފައިކަން ދެނެގަނެވޭނެ. ދެން އަހަރެމެން ކަންތައް ކުރަނީ ކިހިނެއް؟ އޭނާއަށް ވީ ކިހިނެއްހޭ ކިޔަމުން އެކި މީހުން ގާތު އަހަމުން ދުވަން ފަށަނީ. އަމިއްލަ ކުށާމެދު ވިސްނާން ފަށަނީ. މި ވަގުތު އަހަންނަށްވެސް ވެގެން މި އުޅެނީ އެކަހަލަ ގޮތަކަށް."

"މެހެމަލް؟"

"އަހަރެން މިތަނަށް ޤުރްއާން ކިޔަވަން އަންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެއްނު؟ ސާރާ އެކަން ދެނަހުރީމެއްނު؟ އަހަރެން ކޮންމެ ދުވަހަކު ޤުރްއާން އަޑުއަހަން. އެކަމަކު މިއަދު އަހަންނަކަށް ތަފުސީރު ކުލާހުގައި ބައިވެރިއެއް ނުވެވުނު. މިއަދަކު ޤުރްއާން އަޑެއް ނޭހުނު. އެއީ ކީއްވެގެންކަން އެނގޭތަ؟ އެއީ ﷲ ތަޢާލާ އަހަރެންދެކެ ކޯފާވެވޮޑިގެންފައިވާތީ. އަހަންނާ ވާހަކަފުޅުދައްކަވާން ބޭނުންވެވޮޑިގެން ނުވާތީ. އެހެންވީމާ އަހަރެން ދޫކޮށްފައި ބަހައްޓާ."

އޭނާ ސާރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފޮތްތައް ހިފައިގެން ތެދުވެގެން ހިނގައިގެންފިއެވެ.

ނަމާދުކުރާ މާލަން އޮތީ ހުހަށެވެ. އޭނާ އައިސް ކުޑަދޮރެއްގެ ކައިރީގައި އިށީނދެއްޖެއެވެ. ކުޑަދޮރުން އެތެރެއަށް އަލި ވަދެފައި ހުއްޓެވެ. އޭނާ ދުޢާއަށްޓަކައި ދެއަތް އުފުލައިލިއެވެ.

"ﷲ ތަޢާލާ..." އޭނާގެ ދުލުން ލަފުޒުތައް ބޭރުވަމުންދާ ވަރަކަށް ލޮލުން ފައިބަމުން ދިޔަ ކަރުނަވެސް ދިޔައީ ގިނަވަމުންނެވެ. އޭނާ ދުޢާއަށްޓަކައި އުފުލިފައިވާ އަތްތިލައަށް ބަލައިލިއެވެ. އެ އަތްތިލަ މީގެ ކުޑަ އިރުކޮޅެއް ކުރީން އޮތީ ހުމާޔޫންގެ އަތުތެރޭގައެވެ. އަންހެނުންނާއި ފިރިހެނުން އަތުގައި ހިފުމަކީ އާއްމު ކަމަކަށް މިހާރު ވެއްޖެއެވެ. އެކަމަކު އެއީ ޤުރްއާނުގެ ދަރިވަރަކަށް އާއްމު ކަމެއް ނޫނެވެ. ޖަޒުބާތުގެ އޮއިވަރުގައި ބެހިގެން ގޮސް ކޮށްގެން ނުވާނޭ ކަމެއް ކުރެވުނުއިރުވެސް އޭނާއަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ހިލޭ އަންހެނަކާއި ފިރިހެނަކާ ދެމީހުން އެކަނި އެއްތާ ތިބުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. ހުމާޔޫން އޭނާ ނުހުއްޓުވީ ކީއްވެގެން ހެއްޔެވެ؟ ނޫނެކެވެ... ހުމާޔޫންގެ ބޮލުގައި އިލްޒާމު އަޅުވަނީ ކީއްކުރަން ހެއްޔެވެ؟ އޭނާއަކީ ޤުރްއާނުގެ ދަރިވަރެއް ނޫނެވެ. سمعنا و اطعنا (އަޅަމެން އަޑު އަހައިފީމެވެ. އަދި ކިޔަމަންގެންފީމުއެވެ.) މި ވަޢުދަކީ ހުމާޔޫންގެ ވަޢުދެއް ނޫނެވެ. އެހެންވީމާ...

އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަނީއެވެ. އިސްޖަހައިލުމަށް ފަހު ޤުރްއާނުން މިއަދުގެ ފިލާވަޅު އޮތް ސަފުހާ ހުޅުވައިލިއެވެ.

"ﷲ ތަޢާލާ... މިއަޅާއަށް މާފު ކުރައްވާ... މިއަޅާ ހިދާޔަތުގެ މަތީގައި ދަމަހައްޓަވާދޭނ..."

އޭނާ ހިތުގެ އަޑީން ދުޢާ ކުރަމުން ބޭނުންވާ ސަފުހާ ހުޅުވައިލިއެވެ.

"އަދި ފާޅުވެގެންވާ ދަލީލުތައް އެއުރެންނާ ހަމަޔަށް އައުމަށްފަހު، ކާފިރުވި ބަޔަކަށް، اللَّه ތެދުމަގު ދައްކަވާނީ ކިހިނަކުންހެއްޔެވެ؟" (އާލްޢިމްރާން: 86 ވަނަ އާޔަތުގެ ތަންކޮޅެއް)

އަނެއްކާވެސް އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. އޭނާގެ ﷲ އެވަނީ އޭނާ ދެކެ ކޯފާވެވޮޑިގެންފައެވެ. އޭނާގެ މާފަށް އެދުމަކުން މުޅިއަކުން ނުފުދެއެވެ. ގިސްލުމުގެ ތެރެއިން އޭނާ އަނެއްކާވެސް އަސްތަޣްފާރް ކުރާން ފަށައިފިއެވެ.

"އެބަޔަކު އީމާންވުމަށްފަހު، އަދި ހަމަކަށަވަރުން، ރަސޫލާއީ ޙައްޤު ރަސޫލާ ކަމަށް ހެކިވުމަށްފަހު، އަދި ފާޅުވެގެންވާ ދަލީލުތައް އެއުރެންނާ ހަމަޔަށް އައުމަށްފަހު، ކާފިރުވި ބަޔަކަށް، اللَّه ތެދުމަގު ދައްކަވާނީ ކިހިނަކުންހެއްޔެވެ؟ އަނިޔާވެރި ވެގެންވާ ގައުމަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ." (އާލްޢިމްރާން: 86)

ކިޔަމުން ދިޔަ ވަރަކަށް އޭނާގެ ހަށިގަނޑުގައި ހުރި ތުރުތުރުއެޅުން ދިޔައީ ބޮޑުވަމުންނެވެ. ޤުރްއާނަކީ ސާފު މޫނުބަލާލޯގަނޑެކެވެ. އެއިން ހުރިހައި އެއްޗެއް ވަރަށް ސާފުކޮށް އެބަފެނެއެވެ. ބައެއް ފަހަރަށް ބަލާމީހާ ޚުދު އޭނާގެ އަމިއްލަ ނަފުސުދެކެ ރުޅި އަންނަވަރަށް ސާފުކޮށެވެ.

"އެއުރެންގެ ޖަޒާއަކީ، ހަމަކަށަވަރުން اللَّهއާއި، މަލާއިކަތުންނާއި، އެންމެހައި މީސްތަކުންގެ ލަޢުނަތް އެއުރެންގެ މައްޗަށް ލެއްވުމެވެ.  އެއުރެން، އެ ލަޢުނަތުގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން ޢަޒާބެއް ލުޔެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް (ޢަޒާބު ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ." (އާލްޢިމްރާން: 86-87)

އޭނާ ފޮތް ލައްޕައިލިއެވެ. ހަމައެކަނި ދުލުން ތައުބާ ވުމަކުން ނުފުދޭނެއެވެ.

އޭނާ ސުންނަތް ނަމާދަކަށް ނިޔަތް ގެންފިއެވެ. އެނަމާދު ނިންމުމަށް ފަހު ސަޖިދައަށް ގޮސްފައި ނުތެދުވެ އޮވެވުނީ ކިހައި އިރެއްވާންދެންކަމެއް އޭނާއަކަށް ނޭނގެއެވެ. ސައިޖައިދައި އޮވެގެން ރޮމުން ގެންދިޔައީއެވެ. އޭނާގެ ވަށައިގެންނާއި އޭނާގެ ވުޖޫދުގައްޔާއި އޭނާގެ ނާރުތަކާއި ލޭގައި ވޮޑިގެންވާ މަތިވެރި ފަރާތުގެ ކޯފާ އިހުސާސް ކުރެވެނީ މާ ބޮޑަށެވެ. އިންސާނާ ތައުބާވުމާއެކު އެކަލާނގެ ކޯފާއިން ސަލާމަތްވާން މަސައްކަތް ކުރާ ވަރަކަށް އެކަލާނގެ އެ އިންސާނާ ދެކެ ލޯބިވެވޮޑިގެންވެއެވެ.

ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީމާ އޭނާ ތެދުވެ ލޯ ފޮހެލިއެވެ. އެޔަށްފަހު ފޮތް ނަގައިގެން އަނެއްކާވެސް ކުރިން ބެލި ހިސާބުން ހުޅުވައިލިއެވެ. އެ އާޔަތް އެ އޮތީ ބާވައިލެއްވި ދުވަހެކޭ އެއްވަރަށް ސާފުކޮށް ފެންނާށެވެ.

"އެއަށްފަހު، ތައުބާވެ (ޢަމަލުތައް) އިޞްލާޙްކޮށްފި މީހުން މެނުވީއެވެ." އޭނާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. "ފަހެ، ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފުފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އާލްޢިމްރާން: 88)

އެތައް އިރެއް ވާންދެން ރުއި ހިތެއްގައި އުއްމީދު އާވެގެން ހިނގައްޖެއެވެ. ހިތް ގަރާރުވެ މަޑުމައިތިރި ވެއްޖެއެވެ.

އެއީ ތައުބާ ގަބޫލު ކުރެއްވުންކަމުގައި ވުން ލާޒިމެއް ނޫނެވެ. އެކަމަކު އެއީ އުއްމީދެއް ކަމާމެދަކު ޝައްކެއް ނެތެވެ.

އޭނާ މަޑުަޑުން ފޮތް ލައްޕައިލިއެވެ. މެޑަމް މިޞްބާޙް ބުނެފައިވާ ގޮތުގައި ކީރިތި ޤުރްއާނުގެ އާޔަތެއްގައި ކޯފާއާއި އިންޒާރުގެ ބަސްފުޅު އައިސްފައި ވަނިކޮށް ފެނުނު ނަމަވެސް ތައުބާއާއި ފާފަ ފުއްސެވުމަށް އުއްމީދު ކުރާށެވެ. ކޮންމެ ގޮތެއް ވީނަމަވެސް ﷲ އެމީހާޔާ ވާހަކަފުޅު ދައްކަވަނީއެވެ. އެއީ ރަޙްމަތެކެވެ. ކިޔަވަމުން ކުރިއަށް ގެންދާށެވެ.

އެއީ ތެދެކެވެ. މެހެމަލް ތެދުވަމުން ވިސްނައިލިއެވެ.

ތޭރަ

މެހެތާބް ކޮޓަރީގެ ހުޅުވިފައި ހުރި ދޮރުން އެތެރެއަށް ބޯދީ ބަލައިލިއެވެ.

"މެހެމަލް ގާތު ބުނޭ ބާޒާރަށް ދާން ތައްޔާރުވާށޭ. އޭނާއަށް ހެޔޮވަރު ފައިވާން ގަންނާން އެބަޖެހޭ. ހެޔޮވަރު އެއްޗެއް ބެލޭނީ އޭނާވެސް ދިޔައީމާ. އެހެންނޫނީ ފަހުން ބުނާނެ ފައިވާން ހެޔޮވަރެއް ނޫނޭ."

މެހެމަލް އިނީ އެނދުގައި އިށީނދެގެން ފޮތެއް ކިޔާށެވެ. މުސްރަތު އަލަމާރި ކައިރީގައި ހުއްޓެވެ. މެހެތާބްގެ އަޑު އިވުނީމާ ދެމައިން ސިހިފައި ބަލައިލިއެވެ. މެހެތާބް ވާހަކަ ދެއްކީ މުސްރަތާއެވެ.

"ވަސީމްގެ ކަންތައްގަނޑު އަދިވެސް ނުނިމެނީތާއެވެ؟" އޭނާ ފޫހި ފާޑަކަށް ވިސްނައިލިއެވެ. އެވާހަކަ ކުޑަ ދުވަސްކޮޅަކަށް މަޑުޖެހިލީނަމަވެސް ކުރިއަށް އެބަދެއެވެ. ޙަސަންގެ އިންކާރު ކުރުން އޮތުމާވެސް އެކުގައެވެ.

"ކުޑައަންމާ. އަހަރެން އިންކާރު ކޮށްފީމެއްނު؟"

"އަހަރެން މި ވާހަކަ ދައްކަނީ ކަލޭގެ މަންމަޔާ."

(ނުނިމޭ)

2 ޚިޔާލު

  1. ކޮއްކޮއެކޭ ބުނީމައި ފަރިޝްތޭ އެހައި ހައިރާންވާންޖެހޭހެއްޔެވެ....އަނެއްކާ ފަރިޝްތޭއާ ހުމާޔޫންއާ ގުޅުމެއް އޮތީކީނޫންބާއެވެެ..

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.