އިންޑިއާ ނުރައްކާތެރި ހާލަތެއްގައި: ކޯވިޑް-19 ގެ ބަލިމީހުން 4 ވަނައަށް އެންމެ ގިނަ ގައުމަކީ އިންޑިއާ

އިންޑިއާގެ ތިންލައްކައަށްވުރެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހި، މުޅި ދުނިޔެއިން ބަލިޖެހިފައިވާ މީހުން އެންމެ ގިނައިން، ތިބި ހަތަރު ވަނަ ގައުމަކަށް އިންޑިއާ ވެއްޖެއެވެ. ކުރިން ހަތަރުވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ވައިރަސްޖެހިފައިވާ މީހުންގެ އަދަދުގެ ގޮތުން އިންޑިއާއަށްވުރެ ކުރީގައި އުޅެނީ ރަޝިޔާއާއި ބްރެޒިލްއާއި އެމެރިކާއެވެ.

އިންޑިއާގެ ސިއްހީ ވުޒާރާއިން ހުކުރުދުވަހު އިރުއޮއްސުނުއިރު ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު، އިންޑިއާގެ 301579 މީހުންނަށް ކޮރޯނާވައިރަސް ޖެހިއްޖެއެވެ. އަދި އެ ބަލީގައި 8556 މީހުން މިދުނިޔެ ދޫކޮށް ހިނގައްޖެއެވެ.

10 ވަނައިން 4 ވަނައަށް

މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހާ ހަމަޔަށް އިންޑިއާ އޮތީ ކޮރޯނާވައިރަސް އެންމެ ގިނައިން ޖެހިފައިވާ ގައުމުތަކުގެ ލިސްޓުގެ 10 ވަނައިގައެވެ. ނަމަވެސް ހަމަ ކުއްލިއަކަށް ވައިރަސްޖެހޭ މީހުންގެ އަދަދު އިތުރުވެ، ބިރުވެރި ދަރަޖައަކަށް ގައުމުގައި ވައިރަސް ދަނީ ފެތުރެމުންނެވެ.

ފުރަބަންދަށްފަހު ގޯސް

އިންޑިއާގައި އާދަޔާ ޚިލާފަށް ކޮރޯނާވައިރަސް ފެތުރެން ފެށީ ދުނިޔޭގެ އެންމެ ބޮޑު ފުރަބަންދު މާޗު މަހުގެ 25 ވަނަ ދުވަހު އެގައުމުގައި ގާއިމުކޮށް އެއަށް އަމަލުކުރަމުން ދަނިކޮށްނެވެ.

އިންޑިއާ ފުރަބަންދު ކުރިއިރު ގައުމުގައި ތިބީ ވައިރަސްޖެހިފައިވާ އެންމެ 500 މީހުންނެވެ. އަދި ބަލީގައި މަރުވެފައި ވަނީ ވެސް އެންމެ 10 މީހުންނެވެ. އެކަމަކު ފާއިތުވި ހަފުތާގެ ހިސާބުތަކަށް ބަލާއިރު ކޮންމެ ދުވަހަކުހެން ނުވަ ހާހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. އަދި ފާއިތުވި 24 ގަޑިއިރުގެތެރޭގައި ބަލިޖެހުނު މީހުންގެ އަދަދު 10 ހާހަށްވުރެ ގިނައެވެ.

ކޮރޯނާވައިރަސް އިންޑިއާގައި އެންމެ ހަލުއިކޮށް ފެތުރެމުން ދަނީ މަހާރާޝްޓްރާގައެވެ. މަހާރާޝްޓްރާގެ 100000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކޮރޯނާވައިރަސްގެ އަސަރުކޮށްފައެވެ. ބޮމްބޭއަކީ ވެސް އެ ސްޓޭޓުގެ ސިޓީއެކެވެ. އަދި ބިރުވެރި ދަރަޖައަކަށް ވައިރަސް ފެތުރެމުންދާ ސިޓީއެކެވެ.

ވެރިރަށް ދިއްލީއަށް ބަލާއިރުވެސް ފާއިތުވި 24 ގަޑިއިރުގެތެރޭގައި ހާހަކަށްވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވެއެވެ.

މަރު މަދު - ޓެސްޓު މަދު

ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު އިންޑިއާގައި ބިރުވެރި ދަރަޖައަކަށް އިތުރުވަމުން ދިއަޔަސް ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު ނިސްބަތުން ތަންކޮޅެއް މަދެވެ. އެއީ ސަރުކާރާއި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެކަމަކު ބައްޔަށް ޓެސްޓު ކުރެވޭ މީހުންގެ އަދަދު ވެސް ވަރަށް މަދުކަން ފާހަގަކުރެވެއެވެ.

ބައެއް ދިރާސާސަތުން ދައްކާ ގޮޮތުގައި އާބާދީގެ ކޮންމެ  10 ލައްކަ މީހުންގެތެރެއިން ޓެސްޓު ކުރެވެނީ 3780 މީހުންނެވެ. އެއީ ވައިރަސް ގިނައިން ފެތުރުނު ގައުމުތަކާ އަޅައި ބަލާއިރު ވަރަށް މަދު އަދަދެކެވެ.

އިދިކޮޅުޕާޓީގެ ހަމަލާ

އިންޑިއާގެ އިދިކޮޅު ޕާޓީ، ކޮންގްރެސްއިން ހާމަކުރިގޮތުގައި ކޮރޯނާވައިރަހުން ސަލާމަތްވާނެ ގޮތުގެ މަގުޗާޓެއް ބޮޑުވަޒީރު މޯދީގެ ސަރުކާރުގައި ނެތެވެ.

ކޮންގްރެސްގެ ތަރުޖަމާނު އަބީޝޭކް މުނޫ ސިންގްވީ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ތިންލައްކަ ފަހަނަޅައި ގޮސް ގައުމުގެ ހާލަތު އިންތިހާ ދަރަޖައަށް ނުރައްކާތެރިވެފައިވާ އިރުވެސް، ބަލިމަޑުކަމުން ސަލާމަތްވާން ރާވައިފައިވާ މަގު ޗާޓުގެ ވާހަކައެއް ސަރުކާރުން ނުދައްކައެވެ.

"އަޅުގަނޑުމެން ސަރުކާރުގެ ކިބައިން ސާފުކުރަން ބޭނުން މި ހުރިހާ ނުރައްކަލަކުން ހަމަކުއްލިއަކަށް ގައުމު ސަލާމަތްކުރަން ސަރުކާރުން ހަދާނެ ޖާދޫއަކީ ކޮބައިކަން." އޭނާ ވިދާޅުވިއެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ސިޔާސަތާމެދު އިންޑިއާގެ އެތައް މިލިއަން މީހުން ދަނީ ފާޑުކިޔަމުންނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.