ދެ ކޮމިޝަނުގެ މަސައްކަތް ހިނގާ ގޮތް ދިރާސާކޮށް ނިންމުމަށް ސަބް-ކޮމިޓީއަކަށް

އެމްއެމްޕީއާރްސީގެ ހިޔާނާތާއި މަރާލައިފައިވާ މީހުންގެ މައްސަލަތަކުގެ ތަޙްޤީޤްތައް ހިންގުމުގައި ޢަމަލުކުރަމުންދާ ގޮތް މިމަހު 18 އަށް ބަލައި ދިރާސާ ކުރުމަށް ސަބްކޮމެޓީއަކަށް ފޮނުވައިފިއެވެ.

މި ދެމައްސަލަ ބަލައި ދިނުމަށް ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީއަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޢިއްޒެވެ. މިމައްސަލަތައް ދެކޮމެޓީ ބައްލަވަން ފެށްޓެވުމަށްފަހު ދެކޮމެޓީންވެސް ނިންމީ ގުޅިގެން މައްސަލަތައް ކުރިއަށް ދާގޮތް ބެއްލެވުމަށެވެ. މިއަދު ބޭއްވީ މި ދެކޮމެޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުން ފާސްކުރެއްވީ ސަބްކޮމެޓީއަކާ ޙަވާލުކޮށް އެމައްސަލަތައް ކުރިއަށް ގެންދެވުމަށެވެ. ސަބް ކޮމެޓީއަށް މަސައްކަތް ނިންމުމަށް ދެއްވީ މިމަހު 18 ގެ ނިޔަލަށެވެ. ސަބްކޮމެޓީގެ މުޤައްރިރަކަށް ހަމަޖެއްސެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ އެވެ. ނައިބް މުޤައްރަރިކަށް ހުޅުމާލޭ ދާއިރާގެ މެމްބަރ ޢަލީ ނިޔާޒެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އެނޫންވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ތަޙްޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ. އަދި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގު ކުރުމަށް ވެސް ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ.

މެމްބަރ މުޢިއްޒު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މި ދެ މައްސަލައަކީ ވެސް އާއްމު މަސްލަޙަތު ހިމެނޭ މައްސަލަތަކެއްކަމަށެވެ. ނަމަވެސް އެމައްސަލަތަކުގެ ތަޙްޤީޤާއި، ދައުވާ އުފުއްލެވުމާއި އަދި ޝަރީޢަތްތައް ހިނގާ ގޮތުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެވޭ މިންވަރު މަދު ކަމަށް ޤަބޫލު ކުރައްވާކަމަށެވެ. އަދި އެމައްސަލަތައް ބެލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ވެސް ސާފު ނުވާކަމަށެވެ.

"އެމައްސަލަތައް ބެލުމާއި ދައުވާ އުފުއްލެވުން ނުވަތަ ޝަރީޢަތް ހިންގެވުން ލަސްވުމަށް ހުރި ސަބަބުތަކާއި، ނުފޫޒެއް ނެތި ޢިތުބާރުހިފޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެ ފަދައިން އެމައްސަލަތަކާމެދު ޢަމަލުކުރެވެމުންދޭތޯ، ޔަޤީންކުރުމަށް ބޭނުންވާތީ، ރައްޔިތުންގެ މަޖިލީހުން އެކަން ބަލައިދެއްވުމަށް އެދި ދެންނެވީ ކަމަށް" މެމްބަރ މުޢިއްޒު ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.