ލޮކްޑައުންއާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ގޮތެއް ހޯދައިދެވިފައި ނެތުމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރ. މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފެވެ. 66 މެމްބަރުންގެ އިއްތިފާޤުން ވަނީ މިމައްސަލަ މަޖިލީހުން ބަލައިގެންފައެވެ. ރަށްރަށުން މާލެއަށް އައިސްތިބި ގިނަ ޢަދަދެއްގެ ބަޔަކަށް، ލޮކްޑައުންނާ ގުޅިގެން އެބުރި ރަށަށް ދެވޭނެކަން އެނގިފައިނުވާކަމަށް ވެސް ކުއްލި މައްސަލައިގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި މި މައްސަލައަކީ މާލޭގައި ގެދޮރު ނެތި މަގުމަތިވެފައިވާ މީހުނަށް އެއްވެސް ގޮތެއް ހަމަޖެހިފައވާކަން އެނގިފައި ނެތުމާއެކު އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލައެއް ކަމަށް އެމައްސަލަ ހުށަހަޅުއްވަމުން މެމްބަރ އާދަމް ޝަރީފް ވިދާޅުވިއެވެ.
މާލޭގައި މަގުމަތިވި 80 އަށްވުރެ ގިނަމީހުންނަށް ކެއިންބުއިމާއި ބޯހިޔާވަހިންކަން މިމަހު 15 އިން ފެށިގެން ފޯރުކޮށްދެއްވަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ހާމަކުރައްވައިފައެވެ. ކުލި ނުދެއްކިގެން މަގުމަތިވެފައި ތިބި ދެ މީހަކަމަށް ވެސް އެމިނިސްޓްރީން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށް ދީފައެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވެފައި ތިބި ބައެއް މީހުން ވަނީ ހާލުގައި ޖެހި، މަގުމަތިވެފައެވެ.