ބިލް ޤާނޫނަކަށް ވުމުން ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވެގެން ދާނެ: ހޯމް މިނިސްޓަރ

މިހާރު މަޖިލީހުގައި އިބްތުދާއީ ބަހުސް ކުރިއަށްދާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް ޤާނޫނަކަށް ވުމުން ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވެގެންދާނެކަމުގެ ޔަޤީންކަން ހޯމްމިނިސްޓަރ ޢިމްރާން ޢަބްދުﷲ ދެއްވައިފިއެވެ.

ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުޢައްސަސާއަށް ގެނެސް ފުލުހުން ރިފޯމްކުރަންވީ މުހިންމު ވަގުތުކަމަށެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލްގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިއަށް ދާކަމީ ލިބވަޑައިގަންނަވާ އުފަލެއްކަމަށް ހޯމްމިނިސްޓަރ ވިދާޅުވިއެވެ.

ބިލް ޤާނޫނަކަށްވާއިރު ފުލުހުންގެ މުއައްސަސާއާ ގުޅޭކަންކަން ފުރިހަމަޔަށް ތަރުތީބުކުރެވި، ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަށް އެމުއައްސަސާގެ ކަންކަން ފުރިހަމަޔަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެހި ރައްޔިތުން އެދޭފަދަ ޚިދުމަތްދީ ފުލުހުންގެ  މުއައްސަސާ އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށް ހޯމްމިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ބިލްގެ ބަހުސްގައި ބައެއް މެމްބަރުން ވަނީ ފުލުހުންގެ މުއައްސަސާއަށާއި ފުލުހުންނަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ރައީސް ވެސް ވިދާޅުވީ ފުލުހުން ތަހުޤީޤު ކުރަމުންދާ ބޮޑެތި ޚިޔާނާތާއި މަރުތަކުގެ ފަހަތުގައި ތުޙުމަތުކުރެވޭ ފުލުހުން އެބަތިބިކަމަށެވެ. އަދި އެފަދަ ތުހުމަތު ކުރެވޭ ފުލުހުން ސަސްޕެންޑް ކުރެއްވުމަށްވެސް ގޮވާލެއްވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.