ޓެރަރިޒަމްގެ ޤާނޫނު ނާޖާއީޒު ގޮތުގައި ސަރުކާރުން ބޭނުން ނުކުރާނެ: ހޯމް މިނިސްޓަރ

ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވި ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ޤާނޫނަކަށްވުން ވެސް އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުން ނުކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ބޭނުންވި އިސްލާޙު ތަކާއެކު އެ ބިލް ފާސްވުމަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. "ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްކުރުމަކީ ޓެރަރިޒަމާ ދެކޮޅަށްކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މަޖިލީހުން އެ ބިލް މިއަދު ފާސްކުރެއްވީ ފުލުހުންނަށް ބޮޑެތި ބާރުތައް ލީބޭގޮތަށެވެ. އަދި އެދިންބާރުތައް ބޭނުންކުރާނެ ގޮތް މޮނިޓަރ ކުރެވޭނެ އުޞޫލެއްވެސް އޭގައި ހިމަނާފައި ވެއެވެ.

މި ބިލް މަޖިލީހުން ފާސްކުރައްވައިފައިވަނީ މަޖިލީހުގެ ތަޅުމުގައި ހުށަހެޅުނު ނުވަ އިޞްލާހަކާ ވެސް އެކުގައެވެ. މިބިލްގައި ބުނެފައިވާ ގޮތުން ކޯޓު އަމުރެއްނެތި ވެސް މީހުން ބަލައި ފާސްކުރުމުގެ ބާރާއި މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. ކޯޓު އަމުރެއްނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާ، ކުށްތަކުގެތެރޭގައި ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވުމާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުން ހިމެނެއެވެ. މީގެއިތުރުން ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަވެސް ކޯޓު އަމުރެއް ނެތި ފުލުހުންނަށް އެމީހަކު ހައްޔަރު ކުރެވިދާނެއެވެ. ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅޭކަމަށްވާނަމަވެސް ފުލުހުންނަށް އެމީހަކު ބަންދު ކުރެވިދާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.