ޑިޔުޕްރޮސެސްގެ ތެރެއިން ނޫން ގޮތަކަށް އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެ: ހޯމް މިނިސްޓަރ

އެކަމަކަށް ކަނޑައަޅާފައި އޮންނަ ގާނޫނާއި ގަވާއިދާއި އުސޫލުގެ ތެރެއިން ނޫން ގޮތަކަށް މިސަރުކާރުން އެއްވެސް ކަމެއް (އިރާދަކުރެއްވިއްޔާ) ނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ހިކުމަތްތެރި ކަމާއެކު ޑިޔުޕްރޮސެސްގެ ތެރެއިން ނޫން ގޮތަކަށް އެއްވެސް ކަމެއް މިސަރުކާރުން ނުކުރައްވާނެ،" ކަމަށެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ އިސްލާމްދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އަޅުއްވާނެ ކަމަށެވެ. "މާތްވެގެންވާ އިސްލާމްދީނާއި ދިވެހިގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް ގާނޫނުގެ ވެރިކަން ނަގަހައްޓަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަޅުއްވާނެ،" ޢިމްރާން ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވެ ޓުވީޓު ކުރެއްވީ މާތްނަބިއްޔާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެން އުވާލަން ނިންމައި ޔޫތުމިނިސްޓްރީން ބަޔާން ނެރުއްވާފައި ވަނިކޮށްނެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ޖަމިއްޔާ އުވާލަން ނިންމެވީ އެޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއްހުރިކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ކަށަވަރުވެފައިވާތީ ކަމަށެވެ.

އެމްޑީއެން އުވާލަން ސަރުކާރުން ނިންމެވީ ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން އެ މައްސަލަ  ބަލައި ތަހުގީގު ކުރުމަށްފަހު ގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.