އިންސާފު ނުލިބެނިސް ދެން މަޖިލީހަށް ހާޒިރެއް ނުވާނަން: މައިނޯރިޓީ ލީޑަރ

އިންސާފު ނުލިބެނިސް ދެން މަޖިލީހަށް ހާޒިރުވެވަޑައި ނުގަންނަވާނެކަމަށާއި އެއީ އެންމެ ފަހުގެ ނިންމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ، އޭދަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ބޭއްވި ޖަލްސާގާއި ނައިފަރު ދާއިރޭގެ މެމްބަރ އަޙްމަދު ޝިޔާމްގެ ނަން އިއްވުމުން، އެމްޑީޕީގެ މެމްބަރުން ޝިޔާމް ގަދަކަމުން ބޭރަށް ނެރެން އުޅުމުގެ ތެރޭގައި އޭނާއަށް އެކި ވަރުގެ އަނިޔާލިބިފައިވާ ކަމަށް މެމްބަރ ޝިޔާމް ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވެސް ވަނީ އެހެން ވިދާޅުވެފައެވެ. ސަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުގައި ގްރޫޕްމާރާމާރީ ހިންގީ މަޖިލީހުގެ ރައީސް އިސްވެ ހުރެ ކަމަށެވެ.

"މި މާރާމާރީގައި އަޅުގަނޑުމެންގެ އެމްޕީއަކު، ތަޅާ ރޯނާ ގަންނަވާލި އިރު އަނގައިން ބުނަން ކެރުނު ކޯޓެއް މުއައްސަސާއެއް ނެތް" މެމްބަރ ސަލީމް ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އިޞްލާހުކުރިރޭ ލިބުނު އަނިޔާތަކަށް މެމްބަރ ޝިޔާމް ވަނީ ފަރުވާ ހޯދައިފައެވެ. އެއަނިޔާތަކުގެ ސަބަބުން ހިނގަވައި އުޅުއްވުމަށް ވެސް ދަތިކަމަށް މެމްބަރ ޝިޔާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އަދި އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ޖެހިދާނެ ކަމުގެ ޢިޝާރާތެއް ވެސް ވަނީ ކުރައްވައިފައެވެ.

ޕީޕީއެމް/ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައި ނުގަންނަވައެވެ. މިއަދުގެ ޖަލްސާއަށް ވެސް  ވަޑައިނުގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މަޖިލީސް ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަށް ނިންމީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ގާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ފެނިވަޑައި ނުގަންނަވާތީ ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.  އަދި ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ލިބިވަޑައިގެންނެވި އަނިޔާތަކުގެ ސަބަބުން ނައިފަރު ދާއިރާގެ މެންބަރ އަހުމަދު ޝިޔާމުގެ ޞިއްހީ ހާލުކޮޅު ގޯސްވެފައިވާތީ އާއި އެ މައްސަލައިގެ ތަހުގީގެއް ހިންގަމުންދާތީ ކަމަށް ވެސް ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.