ކޮވިޑަށް ފަރުވާ ދިނުމަށް އޭޑީކޭގެ 58 އެނދުގެ މެޑިކަލް ފެސިލިޓީއެއް ތައްޔާރީ ޙާލަތަށް ގެނައިކަމަށް އެހޮސްޕޮޓަލުން ފުރަތަމަ ފަހަރަށް ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ ނޭޝަނަލް އިމާރެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޢައްފާލެވެ. މި މެޑިކަލް ފެސިލިޓީ ތައްޔާރުކުރެއްވީ ކޮވިޑްގެ ޙާލަތު ގޯސްވެ ބޭނުން ކުރަން ޖެހިއްޖެ ހިނދެއްގައި ބޭނުން ކުރުމަށެވެ. ތައްޔާރީޙާލަތަށް ގެނައި މެޑިކަލް ފެސިލިޓީ ޤާއިމްކުރެއްވީ އޭޑީކޭ އާޢިމާރާތްކަމަށްވާ ޕާންޑިއަން ވިންގްގައިކަމަށް ވެސް އެ ހޮސްޕިޓަލުން ހާމަކުރެއްވިއެވެ.
"އެތަނުގެ 58 އެނދާއި ކަރަންޓާ ފެނާއި ފްރީ އޮކްސޮޖަނާއި އެހެނިހެން އާލާތަކާއެކު ޚިދުމަތް ދިނުމަށް ތައްޔާރު ކުރެވުނު. އެހެންނަމަވެސް މިހާތަނަށް އެޅިފައިވާ ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން ބޭނުންކުރަން ޖެހޭ ޙާލަތަކަށް ނައީތީ މިހާތަނަށް އައިރު މިވާހަކަ ކޮންމެހެން ބޮޑު އެއްޗެއްގެ ގޮތުގައި ދައްކަން ބޭނުންނުވާތީ ނުދައްކައިތިބީ" ކަމަށް ޢައްފާލު ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކުގައި އޭޑިކޭގެ ބައިވެރިވުމާއި ޙިއްސާ އޮތް ކަން ހާމަކުރައްވައި ކުރިން މީޑިއާގެ ސަމާލުކަމަށް އައިސްފައި ނުވާ ގިނަ ކަންތައްތަކެއް އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރ ޢައްފާލު ވަނީ ހާމަކުރައްވައިފައެވެ.
އެހޮސްޕިޓަލްގެ ބައިވެރިވުން އޮތް މަސައްކަތްތަކުގެ ތެރޭގައި އެންއީއޯސީގެ ތެރެއިން ކުރެވެމުން ދިޔަ ކަންކަމުގެ އިތުން ބޭރުންވެސް ކުރެވިފައިވާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޮވިޑްގެ ފަރުވާ ދިނުމުގައި ޙަރަކާތްތެރިވުމަށް އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގެ ޑިއުޓީއަށް ނުކުތްކަމަށްވެސް އައްފާލު ވިދާޅުވިއެވެ. އަދި އެންއީއޯސީގެ ތެރެއިން ކުރެވިފައިވާ މަސައްކަތް ތަކުގެ ތެރޭގައި އެ ހޮސްޕިޓަލުގެ މެޑިކަލް ޓީމްތައް ކަރަންޓީން ފެސިލިޓީތަކުގައި ޙަކާތްތެރިވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދިު ސާމަޕަލް ނަގާ ޓީމްތަކުގެ އިތުރުން އެންއޯސީގެ ކޯލްސެންޓަރުގައުވެސް އެ ހޮސްޕޮޓަލުގެ މުވައްޒަފުން ޙަރަކާތްތެރިވިކަން ފާހަގަކުރެއްވިއެވެ. އަދި ރައްރަށުގެ މެޑިކަލް ޓީމްތަކަށް ކޮވިޑާ ބެހޭ ތަމްރީނު ދެއްވުމުގައި އޭޑީކީގޭ ޕޮރޮފެޝަނަލް ޑޮކްޓަރުން ޙަކަރަކާތްތެރިވެވަޑައިގެންނެވިކަން ޢައްފާލު ފާހަގަކުރެއްވިއެވެ.
އޭގެއިތުރުން ފަންނީ ލަފަޔަކަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާވެސް ސަރުކާރަށް އެރުވަމުންގޮސްފައިވާކަމަށް ޢައްފާލު ވިދާޅުވިއެވެ. އަދި ކޮވިޑާ ގުޅިގެން އެ ހޮސްޕިޓަލުން ހިލޭ ހިންގަވަމުންގެންދަވާ ފްލޫކަލިނިކްގެ ޚިދުމަތްވެސް ޢައްފާލު ފާހަގަ ކުރެއްވިއެވެ.