އިތުރު ހަތަރު މީހަކު މާދާމާ ހޯމް ކަރަންޓީނަށް ފޮނުވޭނެކަމަށް ލޯކަލް ގަވަރމަންޓް އޮތޯރީޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.
ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ މިރޭގެ ޕްރެސް ކޮންފަރެންސްގައި އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މާދަމާ ހޯމްކަރަންޓީނަށް ފޮނުވާ 100 މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫސިޓީގެ 50 މީހަކާއި ފުވައްމުލަކު ސިޓީގެ 50 މީހެއްކަމަށެވެ. މި މީހުންގެ ތެރެއިން އައްޑޫއިން ހޯމްކަރަންޓީނަށް ފޮނުވާ މީހުންގެ ޓެސްޓް މިއަދު ހަދާފައިވާއިރު ފުވައްމުލަކުގެ 50 މީހުންގެ ޓެސްޓް މާދާމާ ހެދުނު ކުރިއަށް ގެންދެވުމަށް ވަނީ ނިންމައިފައވެ. އޭމީހުން ހޯމްކަރަންޓީން ވުމަށް ބޭނުންވާ ގެތައް ކައުންސިލްތަކުން ހަމަޖައްސަވައިފައިވާ ކަމަށް ވެސް އެލްޖީއޭ އިން ވިދާޅުވިއެވެ. އައްޑޫސިޓީގެ 42 މީހަކު އިއްޔެ ވަނީ ހޯމްކަރަންޓީނަށް ގެންގޮސްފައެވެ. އައްޑޫގައި ހޯމްކަރަންޓީން ކުރިއަށް ގެންދަނީ 25 ގޭގައެވެ.
ހޯމްކަރަންޓީނަށް ރަށްރަށަށް ފޮނުވާމީހުންގެ ތެރޭގައި ހިމެނެނީ ފުރަބަންދުގައި މާލޭގައި ތާށިވެފައިމީހުންގެ ތެރެއިން ރަށްރަށަށް ދިއުމަށް ލިސްޓްކުރި މީހުންގެ ތެރެއިން ރިސޯރޓް ކަރަންޓީނަށް ނުގެންދެވި ތިބި މީހުންނެވެ. އެލިސްޓްގައި ހިމެނެނީ 2369 މީހުންނެވެ. ރިސޯރޓްތަކުގެ ކަރަންޓީން ފެސިލިޓީތަކަށް 3060 މީހުން ގެންދެވިފައި ވާއިރު ކަރަންޓީން މުއްދަތު ހަމަކޮށް 682 މީހުން ވަނީ އެނމީހުންގެ ރަށްރަށަށް އަނބުރާ ފޮނުވައިފައެވެ.
ހޯމްކަރަންޓީނަށް މީހުން ގެންދެވުމަށް ހަމަޖެއްސެވީ ރިސޯރޓްތަކުން ލިބިފައިވާ ކަރަންޓީން ފެސިލިޓީތައް ފުރިފައި ހުރުމާއި ގިނަ ދުވަސްތަކެއްވަންދެން މާލޭގައި ފުރަ ބަންދުގައި ތިބެންޖެހުމުން އުފުލަން ޖެހޭ ތަކްލީފްތަކާއި ތަޙައްމަލުކުރަން ޖެހިފައިވާ ދަތިތަކުގެ ސަބަބުން ކަމަށް އެލްޖީއޭ އިން ވިދާޅުވިއެވެ. އިތުރު ރިސޯރޓްތައް ފެސިލިޓީގެ ގޮތުގައި ލިބެން ނެތުމާއި އެގޮތަށް ރަށްރަށަށް ދާން ބޭނުންވެފައިވާ ވަރަށް ގިނަމީހުން އެމީހުންގެ ރަށްރަށުގައި އަމިއްލަ ގެދޮރުގައި ކަރަންޓީންވެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދެމުން ދާކަމަށް ވެސް ވިދާޅުވިއެވެ.
ހޯމް ކަރަންޓީނަށްދާ މީހުން ޢަމަލުކުރަންޖެހޭ އުޞޫލެއް މީހާރު ވަނީ އާއްމު ކުރައްވައިފައެވެ. އެހެންކަމުން އެ އުޞޫލުތަކަށް ޢަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޑީޖީ ޝަރީފް ވިދާޅުވިއެވެ. މިހާތަނަށް ލިސްޓްކޮށްފައިވާ ފަރާތްތައް ހޯމްކަރަންޓީންގެ ކަންތައްތައް ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް އެސްއެމްއެސް އަކުން އެންގުމަށްފަހު އެމީހުންނަށް ފޯނުން ގުޅައިގެން ވެސް އެކަން ކުރިއަށް ގެންދިއުމަށް އަންގައިފައިވާނެކަމަށް އެލްޖީއޭ އިން ވިދާޅުވިއެވެ. ހޯމްކަރަންޓީން ކަންކަން އަވަސް ކުރުމަށް ވެސް އެލްޖީއޭ އިން އެދެއެވެ.
ހޯމް ކަރަންޓީނަށް ފޮނުވާމީހުން ޓެސްޓްކުރުން ކޮންމެ ދުވަހަކުވެސް ހެނދުނު ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖައްސަވައިފައެވެ. ހޯމްކަރަންޓީންނަށް ދިއުމުގެ އިންތިޒާމު ހަމަޖެހޭ މީހުންނަށް ޓެސްޓް ހެދުމަށް އަންނަންވީ ވަގުތު އެސްއެމްއެސް އަކުން އެންގަމުންދާނެކަމަށްވެސް ޑިޖީ ވިދާޅުވިއެވެ. އެ މެސެޖް ފުލުހުންނަށް ދެއްކުމުން އެމީހަކަށް ޓެސްޓް ހެދުމަށް ސޯޝަލް ސެންޓަރަށް އާދެވޭނެކަމަށް ވެސް ވިދާޅުވިއެވެ. ހޯމް ކަރަންޓީނަށް ދާމީހުން ދޫކޮށްލުމަށް ހަމަޖައްސަވައިފައިވަނީ 24 ދުވަސް ވުމުން ކޮވިޑަށް ޓެސްޓްކުރުމަށް ފަހުއެވެ.