(6 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ހޫނ." މެހެމަލް އިސްޖަހައިލިއެވެ. "ތިޔައީވެސް އަތުގައި ހިފައިގެން ގެނެސް މަގު މެދަށް ދޫކޮށްލާފައިދާ ކަހަލަ މީހެއްތާ!"
ހުމާޔޫން ސިހިފައި އެނބުރި ބަލައިލިއެވެ.
އެ ވަގުތު ފިނިފިނި ވައިރޯޅިއެއް ޖެހިލިއެވެ. މެހެމަލްގެ އިސްތަށިގަނޑު ވަޔާ ހެލިލިއެވެ.
"ހުމާޔޫން. އަހަރެން ހުމާޔޫންގެ މައްޗަށް އެއްވެސް ކަހަލަ އުއްމީދެއް ނުކުރި ސަބަބަކީވެސް އެއީ. މިއަދަކީ އަހަރެން ރޯން ޖެހޭ ދުވަހެއް ނޫންތަ؟" މެހެމަލް ވެސް މަޑުމަޑުން އެނބުރި ކުރިއަށް ހިނގައިގެންފިއެވެ. ވައިވެސް އެނބުރިއްޖެއެވެ. ދޫނިތައްވެސް މިސްރާބު ބަދަލު ކޮށްފިއެވެ.
ހުމާޔޫން ހުއްޓިގެން ހުރި ގޮތަށް ހުރީއެވެ.
ގަސްތައް އަދިވެސް ހަމަ އެކަނިވެރިކަންމަތީގައި ހުރީއެވެ.
* * *
މެހެމަލް ސްޓާފް ރޫމްގެ ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލިއެވެ. އެތެރެއަކުން ޖަވާބެއް ނުލިބުނެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ދޮރު ހުޅުވާފައި އެތެރެއަށް ބޯދީ ބަލައިލިއެވެ. ކޮޓަރިތެރެއަކު އެއްވެސް މީހަކު ނެތެވެ.
އޭނާ ފޮތްތައް ހިފައިގެން ހިނގައިގަންނާން އެނބުރިލީ ވަގުތު މޫލަވެރިޔަކު އަންނާތީ ފެނިއްޖެއެވެ.
"އައްސަލާމް ޢަލައިކުމް. ފަރިޝްތޭ ކޮބައިތޯ؟"
"ދަނާލުގެ ކުތުބުޚާނާގައި އުޅުއްވައިފާނެ. އެތާގައި ކޮންމެވެސް ކަމެއް އޮވެގެން މިއަދު މިތަނަކަށް ވަޑައެއް ނުގަންނަވާ."
"އެހެންތޯ؟" އޭނާ ސިޑިން އަރާން ފަށައިފިއެވެ.
ކުތުބުޚާނާގެ ދޮރު ހުރީ ހުޅުވައިފައެވެ. އޭނާ ކުޑަކޮށް ގުދުވެލައިގެން އޮވެ އެތެރެއަށް ވަދެއްޖެއެވެ.
ކުރިމަތީގައި ފެންނާން ހުރީ ހައްތަހައިވެސް ފޮތް ހަރެވެ. މުޅި ތަނަށް އޮތީ ހިމޭންކަން ވެރިވެފައެވެ.
"ފަރިޝްތޭ؟" އޭނާ މަޑުމަޑުން ގޮވައިލިއެވެ. އެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ.
"އެކޮޅުގައި." ލައިބްރޭރިއަން ކޮންމެވެސް ދިމާއަކުން ނުކުމެ އޭނާޔާ ދިމާއަށް ބަލައިލާފައި ވަކި ދިމާއަކަށް އިޝާރާތް ކޮށްލިއެވެ.
އޭނާ ދެތިން ހަރެއް ފަސްދީ ދިއުމަށް ފަހު އެ ބުނާ ދިމާއަށް ނަޒަރު ހިންގައިލިއެވެ.
އޭނާ ހުރީ ފޮތެއް ހިފައިގެން ކުޑަދޮރުން ބޭރު ބަލާށެވެ. މަޑު ފިޔާތޮށިކުލައިގެ ޕާކިސްތާނު ހެދުމެއް ލައިގެންނެވެ. ދޯޕައްޓާ އޮތީ ކޮނޑުމަތީގައެވެ. މެހެމަލަށް އޭނާ ފެންނަނީ ފުރަގަހުން ކަމުގައި ވާތީ އޭނާގެ ދިގު އިސްތަށިގަނޑުވެސް އޮތީ ފެންނާށެވެ.
މެހެމަލް ހައިރާންވިއެވެ. އޭނާއަށް ފަރިޝްތޭ މިހައިތަނަށް ފެނިފައި ހުރީ ބުރުގާ އަޅައިގެން ހުއްޓައެވެ. ބޯ ނިވައި ނުކޮށް ހުއްޓައެއް މީގެ ކުރިއަކުން ނުދެކެއެވެ.
"ފަރިޝްތޭ؟"
އޭނާ އެނބުރި ބަލައިލިއެވެ. މެހެމަލް ފެނުނީމާ ހައިރާން ވެފައި ހިނިތުންވެލިއެވެ. "ބަލަ މިއަދަކީ ކުދިން ކުދިން ކުތުބުޚާނާއަށް ވަންނަ ދުވަހެއްތަ؟"
"މި އައީ ފަރިޝްތޭއާ ބައްދަލު ކޮށްލަން ވެގެން. މިތަނަށް ވަންނާކަށް އައި އައުމެއް ނޫން."
"އިށީނދޭ." އޭނާ ކުޑަދޮރު ކައިރިީގައި ހުރި މޭޒުދޮށުގައި އިށީނދެއްޖެއެވެ. މޭޒުމަތީގައި ފޮތްތައް ބެހެއްޓުމަށް ފަހު މެހެމަލް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"ހުމާޔޫން އަހަރެން ގާތު ވާހަކައެއް ބުނި." ފަރިޝްތޭ ބުނެލިއެވެ.
މެހެމަލް އަނގައިން ނުބުނެ ބަލަހައްޓައިގެން އިނީއެވެ. ފަރިޝްތޭގެ އިސްތަށިގަނޑާއި ލޯ ފެނުނީމާ އޭނާއަށް ހީވަނީ ލޯގަނޑެއްގެ ކުރިމަތީގައި ހުއްޓި ހުރެވެނީހެންނެވެ.
"އެމީހުން މެހެމަލް އެމީހުންގެ ދަރިއަކާ ދެވަން ނިންމައިފި ދޯ؟"
މެހެމަލް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"އިންކާރު ކުރޭ. ނީންނާނަމޭ ބުނޭ."
"އިންކާރު ކުރަނީ ކާކަށްޓަކައި ހެއްޔެވެ؟ މަގު މެދަށް އެކަނި ދޫކޮށްލާފައި ދާ މީހަކަށްޓަކައި ހެއްޔެވެ؟" އޭނާ މިހެން އަހައިލާން ބޭނުންވިއެވެ. އެކަމަކު އަދި އަމިއްލަ ހިތަށްވެސް ނާންގާ އޮތް ކަމެއް ފަރިޝްތޭއަށް އަންގާނީ ކިހިނެއް ހެއްޔެވެ؟
"އިންކާރު ކުރަނީ ކީއްކުރަން؟ ކެތް ކުރީމާ ސަވާބު ލިބޭނެއެއްނު؟"
"މެހެމަލް. އަނިޔާއަށް ރުހިގެން ހުރުމާއި ކެތްކުރުމާ އެއީ މުޅީން ތަފާތު ދެ ކަމެއް. އެއީ އިހުތިޖާޖު ކުރުން ނުވަތަ ދެކޮޅު ހެދުމުގެ ހައްގާ ގުޅޭ ތަފާތެއް. އަމިއްލަ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓައިލުމުގެ ބަދަލުގައި ދެކޮޅު ހެދުމަކީ މެހެމަލަށް ލިބިފައިވާ ހައްގެއް. ސާފު ސީދާ މަގެއް ޚިޔާރު ކުރޭ. ކަނޑައެޅިގެން ދެކޮޅު ހަދާ."
"އެމީހުން ކޮށްފާނޭ ކަމެއް ދެކެ އަހަރެން ބިރު ގަނޭ."
"ދެކޮޅު ހެދީމާ އެމީހުން ކޮށްފާނޭ ކަމަކަށް ކެތްކުރޭ."
"ފަރިޝްތޭވެސް ކެތް ކުރަންތަ؟"
"ކީކޭ؟"
"ފަރިޝްތޭގެ ގާތް ތިމާގެ ބަޔަކު އުޅޭތަ؟ މައިންބަފައިން އެބަތިބިތަ؟ ހުމާޔޫންގެ މައިންބަފައިން..." އޭނާ ޖުމުލަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. ފުރިހަމަ ނޫން ޖުމުލަތައް ފުރިހަމަ ކުރުމަކީ ފަރިޝްތޭ ދަންނަ ކަމެއްކަން އޭނާއަށް އެނގެއެވެ.
"އަހަރެންގެ މަންމަގެ ދައްތައެއް ހުރޭ. ހުމާޔޫނަކީ އެ ދައްތަގެ ދަރިއެއް. ބޮޑުދައިތަ މަރުވީމާ ހުމާޔޫން ބަލައި ބޮޑުކުރީ އަހަރެންގެ މަންމަ. މިއީ މާ އިހުގެ ވާހަކައެއް. މަންމަ ނިޔާވީތާވެސް މިހާރު ދޮޅު އަހަރު ވެއްޖެ. މަންމަ ނިޔާވީމާ އަހަންނާއި ހުމާޔޫނާ ދެމީހުން ނިންމީ އޭނާ ގޭގައި، އަހަރެން ދަނާލުގައި ދިރިއުޅޭ ގޮތަށް."
"ފަރިޝްތޭގެ ބައްޕަ ކޮބާ؟"
"ބައްޕަ ނިޔާވީ އަހަރެން ދިހަވަނަ ކުލާހުގައި ކިޔަވަނިކޮށް."
"ބައްޕަގެ އަންހެން ކޮއްކޮއެއް ހުރޭތަ؟" އޭނާ އަނދިރީގައި ތީރެއެް ދޫކޮށްލިއެވެ.
"އާނ. ކޮއްކޮއެއް ހުރޭ." ފަރިޝްތޭ ކުޑަދޮރުން ބޭރު ބަލާން ފަށައިފިއެވެ.
"ކޮބާ އެ ކޮއްކޮ."
"މި ރަށުގައި އެބައުޅޭ."
"އޭނާޔާ ބައްދަލު ކުރަންތަ؟"
"ނޫން. ނުކުރަން. ދިމާވީ މައްސަލަޔަކާ ހުރެ އެމީހުން އަހަންނާ ބައްދަލު ކުރާކަށް ބޭނުމެއް ނުވޭ."
"ފަރިޝްތޭ ބޭނުންތަ ބައްދަލު ކުރަން؟"
"އަހަރެން މަސައްކަތް ކުރަން. ޢީދު ދުވަސް ކަހަލަ ޚާއްސަ ދުވަސްދުވަހު އެގެއަށް ދާން މަސައްކަތް ކުރަން. އެކަމަކު އެމީހުން އަހަރެން ވަނަކަ ނުދޭ."
"ދެން؟" މެހެމަލް އިނީ ކަޅިވެސް ޖަހާނުލައި ފަރިޝްތޭއާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ދެން... އަހަރެން ކޭކާއި މަލާ ގެންގޮސް ދީފައި އެނބުރި އަންނަނީ. އަހަންނަށް ކުރެވެން އޮތް ވަރަކީ އެއީ. އިތުރު ކޮން ކަމެއް ކުރެވޭނީ؟" އޭނާ ހިނިތުންވެލިއެވެ. ކޭކާއި މާ ވަރަށް ގިނަ ތަންތަނުން އޭނާގެ ގެއަށް އާދެއެވެ. އޭގެ ތެރޭގައި ފަރިޝްތޭ ފޮނުވާ އެއްޗެހިވެސް ހުންނާނެތާއެވެ.
"ބޮޑުދައިތަގެ ކިތައް ދަރިން ތިބޭ؟"
"އެންމެ އަންހެން ދަރިއެއް."
ފަރިޝްތޭ ދޮގު ނުހަދާކަން އޭނާ ދަނެއެވެ. އޭނާގެ ޝައްކު ދިޔައީ ބޮޑު ވަމުންނެވެ.
"އެ ކުއްޖާގެ އުމުރުން މިހާރު ކިހައި ދުވަހެއް ވެދާނެ؟"
"އަހަންނަށްވުރެ ހައެއްކަ އަހަރު ހަގުވާނެ."
"އެ ކުއްޖާއަށް ކިޔަނީ ކޮން ނަމެއް؟"
"އެއީ އެހައި މުހިއްމު ވާހަކައެއް ނޫން." ފަރިޝްތޭއަށް އެ ވާހަކަ ދައްކަން އުނދަގޫހެން ހީވާން ފަށައިފިއެވެ.
"ފަރިޝްތޭގެ އާއިލާގެ މީހުންނާ ގުޅުވައިދޭން އަހަންނަށް ކޮށް ދެވިދާނޭ ކަމެއް އޮވެދާނެއެއްނު؟"
"ނޯންނާނެ." ފަރިޝްތޭ އޭނާޔާ ދިމާއަށް ނުވެސް ބަލައި އިނދެ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލިއެވެ. "އަހަރެންގެ ބޮޑުދައިތަގެ ދަރިއަކީ ކާކު ކަމެއް މެހެމަލަކަށް ނޭނގޭނެ."
"އެކަމަކުވެސް..."
"މަވްޟޫއު ބަދަލުކޮށްލަމާ ހިނގާ..." ފަރިޝްތޭގެ ރާގުގައި ހުރީ ދެން ތިޔަ ވާހަކަ އިތުރަށް ދައްކައިގެން ނުވާނެއޭ ބުނާ ކަހަލަ ގޮތެކެވެ. "މި ކުޑަދޮރު ކިހައި ރީތި."
ފަރިޝްތޭ އަނެއްކާވެސް ކުޑަދޮރުން ބޭރު ބަލާން ފަށައިފިއެވެ.
* * *
މެހެމަލް ހުރީ ރޭގަނޑު ކައި ނިމިގެން އެންމެން ކޮޓަރިކޮޓަރިއަށް ވަދެ ހަމަޖެހޭނޭ ވަގުތެއްގެ އިންތިޒާރުގައެވެ.
އެކި މީހުން ދިޔައީ އެކި ގަޑީގައެވެ. ފެންޑާގައި ހުރި ޓީވީ ދޮށުގައި ތިބި މީހުންވެސް ހިނގައްޖެއެވެ. މުޅި ފެންޑާ ހުސްވެއްޖެކަން ޔަގީން ވީމާ އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ ބޭނުންވަނީ އެކަކުވެސް ނެތް ވަގުތެއް ބަލައިފައި ވަސީމާ އިންނަން ދެކޮޅު ހަދާ ކަމަށް އާޣާ ކަރީމް ގާތު ބުނާށެވެ.
ފެންޑާ އޮތީ އަނިދިރި ވެފައެވެ. އާޣާ ކަރީމްގެ ކޮޓަރިން އަލިވެއެވެ. އޭނާ މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު މައްޗަށް ހުއްޓިއްޖެއެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ދޮރުގައި ޓަކި ޖަހައިލާން އަތް އުފުލައިލުމާއެކު އެތެރެއިން އިވުނު އަޑަކުން އޭނާ އަތް ތިރި ކޮށްލިއެވެ.
"އެ އަންހެން ކުއްޖާގެ ފުށުން ސަލާމަތެއް ނުވެވުނު. މިއަދު އަނެއްކާ އޮފީހަށް އަތުވެއްޖެ." އާޣާ ކަރީމްގެ އަޑު އިވުނެވެ. ކަންބޮޑުވެފައި ހުރި މިންވަރު އަޑުން ފާހަގަ ކުރެވެއެވެ.
"ކާކު؟ ފަރިޝްތޭތަ؟" މެހެތާބްގެ އަޑު އިވުނެވެ. "އޭނާ އަނެއްކާވެސް އެ ވާހަކަ ފެށީތަ؟ މިއަދުވެސް ބުނީ މެހެމަލްގެ ހިއްސާއިން އޭނާއަށް ވާ ބައި ދޭށޭތަ؟"
މެހެމަލަށް ހީވީ އޭނާގެ ބޮލަށް އުޑު ވެއްޓުނުހެންނެވެ.
"އާނ. މިއަދު އޮފީހަށް އައިސް އެހެން ވާހަކައެއްވެސް ދެއްކި. ބުނީ ވަސީމާ މެހެމަލާ ދެވަން މަސައްކަތް ކޮށްފިއްޔާ..."
(ނުނިމޭ)
ماشاﷲ!! ވ. ރީތި...މީ ހާދަމޮޅު ވާހަކަ ލިޔުންތެރިއެކޭ...ހިތަށް އަރާ އަހަންނަށްވެސް އުރުދޫ އެނގޭނަމައޭ...
Vv reethi mi vaahaka..konme dhuvahaku up koh dhay thee thankyou
haadha reechey. Kiyanfasgaairah nimifa onnanee.