މުޞްޙަފް - 70

(21 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އާޣާ ފަވާދް؟" މެހެމަލް ޔަގީން ނުވާ ކަހަލަ ގޮތަކަށް އަތްގަނޑު އަތުލަމުން ކިޔައިލިއެވެ. އޭނާ އިރުކޮޅެއް ވާންދެން އަނގައިންވެސް ނުބުނެ އަތްގަނޑު ކަންފަތުގައި ޖައްސައިގެން އިނެވެ.

"ހަ... ހަލޯ" އިރުކޮޅަކަށް ފަހު އޭނާ ވަރަށް އުނދަގުލުން ވާހަކަ ދައްކާން ފެށިއެވެ. އެވަގުތު މީހަކު އޭނާގެ އަތުން އަތްގަނޑު ދަމައިގެންފިއެވެ. މެހެމަލް ސިއްސައިގެން ގޮސްފައި އެނބުރި ބަލައިލިއެވެ.

"އަހަރެންގެ ގެޔަކު ތިޔަ ކުޅިވަރެއް ނުކުޅެވޭނެ. މިގެއިން ނުކުމެގެން ގޮސް ކުރާ ކަމެއް ކުރޭ." ހުމާޔޫން ރުޅި އައިސްފައި ބުނެލިއެވެ. އަދި އާޣާ ފަވާދާ ދިމާއަށްވެސް ވަރަށް އެއްޗެހި ކިޔައިފިއެވެ.

މެހެމަލް އަނގައިން ނުބުނެ އިނީއެވެ. ހުމާޔޫން އަތްގަނޑު ބާއްވައިފައި އެ އައި ބާރު މިނުގައި ސިޑިން މައްޗަށް އަރައިގެން ހިނގައްޖެއެވެ.

ތައިމޫރްވެސް ބަލަހައްޓައިގެން ހުއްޓެވެ. އެކަމަކު އަނގަޔަކުން ނުބުނެއެވެ. ހުމާޔޫން ގޮސް އޮބައިލީމާ މެހެމަލާ ދިމާއަށް ބަލައިލިއެވެ.

"މަންމާ." އޭނާ މެހެމަލްގެ އަތުގައި ހިފައި ތަޅުވައިލިއެވެ.

މެހެމަލް އިން ގޮތަށް އިނީއެވެ.

"މީގެ ކުރިންވެސް އެއް ދުވަހަކު ފަވާދް ގުޅި. މަންމަޔާ ގުުޅަން ވެގެން. ބައްޕަ ބުނީ މެހެމަލް ނަމަކަށް ކިޔާ މީހަކު މިގެޔަކު ނޫޅެއޭ. މަންމާ. ބައްޕަ އެމީހާ ދެކެ ރުޅި އަންނަނީ ކީއްވެގެން؟ އެއީ މަންމަގެ ތިމާގެ މީހެއްނު؟"

އަދިވެސް މެހެމަލް އަނގަޔަކުން ނުބުނެއެވެ. އެކަހަލަ ވިހަ ރާގަކަށް އޭނާޔާ ހުމާޔޫން މީގެ ކުރިން ދުވަހަކުވެސް ވާހަކައެއް ނުދައްކައެވެ. އެހައި ބޮޑަށް އޭނާ ރުޅި އަންނަނީ ކީއްވެގެން ހެއްޔެވެ؟

"އެވާހަކަ ބާއްވާ. މަންމާ. ވާހަކަ ކިޔައިދީ." ތައިމޫރް ސޯފާގައި އިށީނދެ އަނެއްކާވެސް މެހެމަލްގެ އަތުގައި ހިފައި ތަޅުވައިލިއެވެ. މެހެމަލް ފޮތަށް ސަމާލުކަން ދިނެވެ.

* * *

އޭނާ އިނީ ފެންޑާގައި ބަގީޗާއަށް ނުކުންނަން ހުންނަ ހަރުފަތް ކައިރީގައި އޭނާގެ ގޮނޑީގައެވެ. ތައިމޫރް ހޮޅިން ފެން ޖަހަން ހުއްޓެވެ. ފެން ޖަހާއިރު މުޅި ގަޔަށާ އެކީގައި ފެން ޖަހަމުން ދިޔައެވެ. މެހެމަލް ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ބަލަހައްޓައިގެން އިނެވެ.

އިމާމް ޝާފިޢީ ވިދާޅުވެފައި ވެއެވެ. އިމްތިޙާން ބޮޑުވެގެން ގޮސް ކެތްނުކުރެވޭ ހިސާބަށް ދިޔައީމާ ލުއިވާން ފަށައިފާނެއެވެ. ނުވަތަ ރޫޅެން ފަށައިފާނެއެވެ. އެއީ ތެދު ވާހަކަފުޅެކެވެ. ރޭގަނޑުގެ އަނދިރިކަން އެންމެ ގަދަވާ ވަގުތު އައިސް ޖެހިފައި ދެން ފެންނަނީ ފަޖުރުގެ އަލިކަމެވެ. ހުމާޔޫންގެ ބޭވަފާތެރިކަމުގެ ހިތާމަ މިހާރު އިހަށްހައި ބޮޑެއް ނޫނެވެ. ތައިމޫރްގެ ލޯބި ވެގެން ދިޔައީ އޭނާގެ ފާރުގަނޑުގައި އެޅި ބޭހަކަށެވެ.

ހަވީރު ވަނީއެވެ. ދޮރާށި ހުޅުވުނު އަޑު އިވިފައި އޭނާ ބަލައިލިއެވެ. ފަރިޝްތޭ އައިސް ގެއަށް ވަންނަނީއެވެ. ކޮނޑުގައި ދަބަސް އޮތެވެ. ހުރީ ކަޅުކުލައިގެ ޢަބާޔާއެއް ލައިގެން ކަޅު ކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. މޫނުމަތީން ނޫރެއް ފައުޅުވާ ކަހަލައެވެ. ހީވާ ގޮތުގައި އޭނާ އެ އައީ މިސްކިތުންނެވެ. އޭނާ މިހާރު ކިޔަވައިދޭން ދަނީ މެންދުރުފަހުއެވެ.

"އައްސަލާމް ޢަލައިކުމް. މިއަދު ހާދަހާ އަވަހަކަށް؟" މެހެމަލް ބުނެލިއެވެ.

"އާނ. ކުޑަކޮށް ވަރުބަލިވެސް ވެއްޖެ." ފަރިޝްތޭ ހިނިތުންވެލިއެވެ.

"ކާންވީއެއްނު؟ މެންދުރުވެސް ނުކަމެއްނު؟"

"އާނ. މިދަނީ ކާން." ފަރިޝްތޭ ނިތްކުރީގައި އަތް ޖައްސައިލިއެވެ. އެވަގުތު އޭނާގެ އިނގިލީގައި އޮތް އަނގޮޓި މެހެމަލަށް ފެނުނެވެ. އެއީ އޭނާގެ އިނގިލީގައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އަނގޮޓިއެކެވެ. އެ އަނގޮޓި ފެނުނީމާ މެހެމަލް ބައެއް ފަހަރަށް ކަންބޮޑުވާގޮތް ވެއެވެ.

"ދައްތާ. ހާލު ރަނގަޅުތަ؟ ކަންބޮޑުވެފައި ހުރި ވައްތަރު އެބަޖަހާ."

"ނޫނޭ." ފަރިޝްތޭ އަނެއްކާވެސް ހިނިތުންވެލިއެވެ.

އެވަގުތު ތައިމޫރް ފެންޖަހާ ހޮޅި ބާއްވައިފައި އެތަނަށް އަތުވެއްޖެއެވެ.

"އޭނާ ކަންބޮޑު ވިއްޔާ މަންމަ އެކަން ބަލަނީ ކީއްކުރަން؟" ތައިމޫރް ވަރަށް އަދަބުކުޑަ ކަމާއެކު ބާރަށް ބުންޏެވެ. މެހެމަލާއި ފަރިޝްތޭގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުން ފުހެވިއްޖެއެވެ.

"ދަރިފުޅާ. މިއީ ދަރިފުޅުގެ ބޮޑުދައިތަ..."

"ދޭ... މިތަނުން ދޭ." އޭނާ އަނެއްކާވެސް ބާރަށް ހަޅޭއް ލަވައިގަތެވެ.

"ސޮރީ ސަނީ..." ފަރިޝްތޭ ގޭތެރެއަށް ވަންނާން ހިނގައިގެންފިއެވެ.

"މަންމަ ހުންނަ ތަނަށް މީގެ ފަހުން ނާންނާތި." ތައިމޫރް ގޮވައިލިއެވެ. މެހެމަލް އެނބުރި ބަލައިލިއެވެ. ފަރިޝްތޭ ގޮސް އޮބާލައިފިއެވެ.

ތައިމޫރް މިހާރުވެސް ހުރީ ރުޅި އައިސް ރަތްވެފައި ފަރިޝްތޭ ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ.

"އަހަރެމެން ބޮޑެތި މީހުން މިއީ ދުޝްމަނުން ނޫންކަން މި ކުއްޖާއަށް އަންގައިދޭނީ ކިހިނެއްް ހެއްޔެވެ؟" މެހެމަލް އިސްޖަހައިލިއެވެ.

* * *

މެހެމަލް އިނީ ބަދިގޭގައެވެ. އުނގުމަތީގައި ހުރި ތަށްޓެއްގައި ހުރި އަލުވި މަށަނީއެވެ. ބިލްގީސް ދިޔައީ ތައިމޫރް ގޮވައިގެން ފިހާރައަކަށެވެ.

ބަދިގޭގެ ދޮރު ހުޅުވީ ކުޑަކޮށް ހުޅުވިފައެވެ. އޭނާ އިން ގޮތުން ބޭރުން އަންނަ މީހަކަށް އޭނާއެއް ނުފެންނާނެއެވެ. އެވަގުތު ގޭގެ ބޭރު ދޮރު ހުޅުވުނު އަޑު އިވިއްޖެއެވެ. ދެމީހަކު ހިނގާފައި އެބަ އާދެއެވެ. ކައިރީ ވަރަކަށް އެމީހުން ދައްކާ ވާހަކަ ސާފުކޮށް އަޑު އިވެމުން ދިޔައެވެ.

"މިހެން އުޅޭނީ ކިހައި ދުވަހެއް ވާންދެން... ހުމާޔޫން؟" އެއީ އާރްޒޫގެ އަޑެވެ.

"ކޮން ހެންނެއް؟"

"ނޭނގޭ ކަމަށް ނުހެދޭ. އަހަރެމެން އިންނަނީ ކޮން ދުވަހަކު؟"

އަޑު އަންނަނީ ކައިރި ވަމުންނެވެ. މެހެމަލް އަޑުއަހަން އިނީއެވެ. އަލުވި އޭނާގެ އަތުން ދޫވެއްޖެއެވެ.

"ނޭނގޭ. އެހައި އަވަސް އަރުވައިގަނެގެން އުޅެނީ ކީއްކުރަން؟"

"ކީކޭ؟ އޭނާ ވަރި ކުރި ފަހުން މިހާރު ކިހައި ދުވަހެއް ވެއްޖެ."

"އަދި ޢިއްދައިގެ މުއްދަތު ހަމައެއް ނުވޭ."

"ހަމަވަނީ ކޮން ދުވަހަކު؟"

"ހަފުތާއެއް ދެހަފުތާއެއްހައި ދުވަސް އެބައޮތްހެން ހީވަނީ." ހުމާޔޫން ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ.

"އޭނާގެ ޢިއްދަ ހަމަނުވަނީސް ނީނދެވޭނެތަ؟"

"އާނ. ނީނދެވޭނެ." ހުމާޔޫންގެ އަޑުން ނުރުހުމުގެ އަސަރު ފައުޅުވިއެވެ.

"އެކަމަކު..." އާރްޒޫ ވާހަކަ ދައްކާން އުޅުނެވެ.

"ބުނެފީމެއްނު... ނީނދެވޭނެއޭ." ހުމާޔޫން ވަރަށް ހަރުކަށި ރާގަކަށް ބުނެލިއެވެ. "ކަލެއަށް އެ ގޮތް ކަމުނުދަންޏާ ދޭ." އޭނާ ހަލުވިކަމާއެކު ސިޑިން އަރައިގެން ހިނގައްޖެއެވެ.

"ހުމާޔޫން... އަޑު އަހާބަލަ... މަޑުކޮށްބަލަ..." އާރްޒޫ ފަހަތުން ހިނގައިގެންފިއެވެ.

ފިޔަވަޅުގެ އަޑު ފަނޑުވަމުން ގޮސް އަޑު ކެނޑިއްޖެއެވެ. އެ ދެމީހުން މައްޗަށް އަރައިގެން ދިޔައީއެވެ.

"މަންމާ..." މެހެމަލް ސިއްސައިގެން ދިޔައީ ތައިމޫރް ގޮވައިލީ އަޑަށެވެ.

"ކޮން އިރަކު އައީ؟" އޭނާ އަހައިލިއެވެ.

"މަންމާ." ތައިމޫރް ކައިރިއަށް އަތުވެއްޖެއެވެ. "މަންމަ ރޮނީތަ؟" އޭނާ ކުޑަކުޑަ އަތުން މެހެމަލްގެ ކަރުނަ ފޮހެލައި ދިނެވެ. މެހެމަލް ހައިރާންވިއެވެ. އޭނާއަށް ރޮވުނީ ކޮން އިރަކު ހެއްޔެވެ؟

"ދެން ނުރޯތި." ކަރުނަ ފޮހެލައި ދެމުން ތައިމޫރް ބުންޏެވެ. މެހެމަލް ހިނިތުންވެލިއެވެ.

"މަންމަ ނުރޮމޭ."

"ރޯން އިނީ. ތައިމޫރަކީ ކުޑަ ކުއްޖެއް ނޫނޭ." ތައިމޫރް ތުން ދަމައިލިއެވެ.

"އެންމެ ރަނގަޅު. މިހާރަކު ނުރޮމެއްނު؟ ފިހާރައިން ގެނައީ ކޯޗެއް؟"

"ޗިޕްސް." އޭނާ ޗިޕްސް ޕެކެޓު ދައްކައިލިއެވެ. "މަންމަ އަލުވި ކޮށާތާ ކޮން އިރެއް. އަދިވެސް ނުނިމޭ. ހާދަހާ ލަހޭ." ތައިމޫރް އޭނާގެ އުނގުގައި ހުރި ތަށި ނަގައި މޭޒުމަތީގައި ބަހައްޓައިލިއެވެ. "ހިނގާ ބޭރަށް."

"ތައިމޫރް... ބޭރަށް ދާނޭ ކަމެއް..."

"ބިލްގީސް ދައްތާ." ތައިމޫރް އޭނާގެ ވާހަކައެއް އަޑެއް ނާހައެވެ. "މަންމަ ބޭރަށް ގެނެސްދީ."

މީގެ އިރުކޮޅެއް ކުރީން ހިނގި ކަންތައްތަކުގެ ހިތާމަ އޭނާ އެތެރެއަށް ހިންދައިލިއެވެ.

އެކާވީސް

ގޭގެ ފޮތްކޮޓަރި ސާފު ނުކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. ސާފު ކުރުވަން ހިތުގައި އަޅައިގެން ހުންނަތާ ކިތަންމެ ދުވަހެކެވެ. އެހެންވީމާ މިއަދު އެ މަސައްކަތް ކުރުވާން އުޅެގެންފިއެވެ.

އެވާހަކަ ބުނެލުމާއެކު ބިލްގީސް ވަގުތުން މަސައްކަތް ފަށައިފިއެވެ. މެހެމަލް ދޮރުމަތީގައި ފުރޮޅުލީ ގޮނޑީގައި އިނދެގެން މަސައްކަތް ކުރަންވާ ގޮތް ކިޔައިދެނީއެވެ.

"މި ފޮށި އެތެރެއަށް ލާ... އެ ފޮތްތައް ނަގާފައި ފެންނަ ގޮތަށް ބަހައްޓާ... މޭޒުމަތީގައި އެހެރަ ފޮތްތައް ނަގައި އެ ހަރަށް ލާ..."

އެތަން ސާފު ނުކުރާތާ ވީ ކިހައި ދުވަހެއް ކަމެެއްވެސް ނޭނގެއެވެ. އެއީ މިހާރު އެއްވެސް މީހަކު ވަންނަ ތަނެއް ނޫނެވެ.

"މެޑަމް. މީގައި މިހިރީ ފަނި އަޅައިފައި." ބިލްގީސް އޭނާއަށް ފޮތްތަކެއް ދައްކައިލިއެވެ. އެއީ ދުވަސްވީ ތާރީޚު ފޮތްތަކެކެވެ.

"މޭޒުގައި އެހެރަ ވަތްގަނޑު ހުސްކޮށްފައި ތިޔަ ފޮތްތައް އެޔަށް ލާ."

"އާދެ." ބިލްގީސް ފޮތްކިޔާ މޭޒުގެ ވަތްގަނޑުގައި ހުރި އެއްޗެހި ނަގަން ފަށައިފިއެވެ. "މި އެއްޗެހި ހަރުގަނޑަށް ލަންތޯ؟" އޭނާ ވަތްގަނޑުން ނެގި ފޮތްތަކަށް އިޝާރާތް ކުރަމުން އަހައިލިއެވެ.

"އާނ."

ބިލްގީސް ހަރުގަނޑުގެ އެއް ގޮޅިއަށް އެ ފޮތްތައް ލާން ފަށައިފިއެވެ. އެ ވަގުތު އެ ފޮތްތަކުގެ ތެރޭގައި އޮތް ސިޓީއުރައެއް މެހެމަލަށް ފެނިއްޖެއެވެ.

"ތިޔަ ސިޓީއުރަ ދީބަލަ. ފަހަރެއްގައި ހުމާޔޫން ބޭނުންވާ އެއްޗަކަށް ވެދާނެ."

ބިލްގީސް އެ ސިޓީއުރަ މެހެމަލްގެ އަތަށް ދީފިއެވެ.

ސިޓީއުރަ ބަރެއް ނޫނެވެ. އެކަމަކު އޮތީ ފުފިފައެވެ. މެހެމަލް ސިޓީއުރައިގެ ދެފުށް ބަލައިލިއެވެ. އެއްވެސް ނަމެއް ޖަހައިފައެއް ނެތެވެ. ބަންދުކުރަން ޓޭޕުކޮޅެއް އަޅައިފައި ހުއްޓެވެ. އެއް ފަހަރު ނައްޓައިފައި އަނެއްކާ ތަތްކޮށްފައި ހުރިކަން އެނގެއެވެ.

"ކާކުގެ އެއްޗެއް ބާވައެވެ؟" މެހެމަލް ޓޭޕުކޮޅު ނައްޓާއިލުމަށް ފަހު އެތެރޭގައި ހުރި އެއްޗެހި އުނގަށް އަޅައިލިއެވެ. ފުރަތަމަ ވެއްޓުނީ ޝަރުޢީ ލިޔުމެކެވެ. ދެން އޮތީ އަނެއްކާވެސް ސިޓީއުރައެކެވެ.

އޭނާ އެ ޝަރުޢީ ލިޔުން ނިއުޅުވައިލިއެވެ. ތިރީގައި ސޮޔާއެކު ދެނަމެއް އޮތެވެ.

"މެހެމަލް އިބްރާހީމް."

"ފަރިޝްތޭ އިބްރާހީމް."

އޭނާ ހައިރާންވެފައި އެލިޔުން ރަނގަޅަށް ބަލައިލިއެވެ. އެއީ އާޣާ ފަވާދް އޭނާޔާއި ފަރިޝްތޭ ލައްވައި ސޮއި ކުރުވި ލިޔުމެވެ. އޭނާގެ ބޮލުގައި ބަޑި ޖައްސައި ބިރު ދައްކައިގެން ސޮއި ކުރުވި ލިޔުމެވެ.

އެކަމަކު މި ލިޔުން ހުމާޔޫންގެ މޭޒުގެ ވަތްގަނޑަށް އައީ ކިހިނެއް ހެއްޔެވެ؟ އެކަން ހިނގި ކަމެއްވެސް ހުމާޔޫނަކަށް ނޭނގޭނެއެވެ. އެވާހަކަ ދެމީހުންގެ ދެމެދުގައި ދުވަހަކުވެސް ދެކެވިފައެއް ނެތެވެ. އާޣާ ހައުސް އަށް ގޮސްފައި އައި މަގުމަތީގައި މުދަލުގެ ހިއްސާ ހޯދުމުގެ ވާހަކަ އެއް ފަހަރަކު ހުމާޔޫން ދެއްކިއެވެ. އެވާހަކަ އެޔަށްވުރެ ކުރިއަކަށް ނުދެއެވެ. ހުމާޔޫން ސުވާލު ކުރިނަމަ އޭނާ ހުރިހައި ވާހަކައެއް ކިޔައިދިނީހެވެ. ފަރިޝްތޭވެސް އެވާހަކައެއް ނުދައްކައެވެ. ހުމާޔޫނާ ހަމައަށް އެ ލިޔުން އައީ ކިހިނެއް ހެއްޔެވެ؟ ލިޔުން އޮތީ ފަވާދްގެ އަތުގައެވެ.

އޭނާ ދެން އޮތް ސިޓީއުރަ ހުޅުވައިލައިފައި އެތެރެ ބަލައިލިއެވެ. އޭގައި ހުރީ ފޮޓޯތަކެކެވެ. އޭނާ އެ ފޮޓޯތައް އުނގަށް އަޅައިލިއެވެ. ފޮޓޯއެއް އުނގުން ކައްސާލައިގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭނާ ގުދުވެގެން ދެއިނގިލިކުރިން އެ ފޮޓޯ ނަގައިފިއެވެ. ފޮޓޯއަށް ބަލައިލެވުމާއެކު އޭނާ ހައިރާންވީ ވަރުން އަނގަ ހުޅުވުނެވެ.

އެއީ ފަވާދާއި މެހެމަލްގެ ފޮޓޯއެކެވެ. ފަވާދާއި... މެހެމަލް...

އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. ފޮޓޯއިން ފެންނަނީ ކާރެއްގެ އެތެރެއެވެ. މެހެމަލް އިނީ ފަވާދްގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. އޭނާ ދެން އޮތް ފޮޓޯއަށް ބަލައިލިއެވެ. އެ ފޮޓޯއިން ފެންނަނީ އޭނާއާއި ފަވާދާ ދެމީހުން ރެސްޓޯރަންޓެއްގައި ކާން ތިބި މަންޒަރެވެ. ތިންވަނަ ފޮޓޯގައި ފެންނަނީ ކާވެނި ޕާޓީއެއްގައި އޭނާއާއި ފަވާދާ ދެމީހުން ނަށާން ތިބި ތަނެވެ. އެކަމަކު އެއިން އެއްވެސް ކަމަކީ ހިނގައިފައިވާ ކަމެއް ނޫނެވެ.

އޭނާ އަނެއްކާވެސް ފޮޓޯތައް ބަލާން ފަށައިފިއެވެ.

އޭނާގެ ހެދުމާއި މޫނު... ކޮންމެ ފޮޓޯއަކުންވެސް ފެންނަނީ ތަފާތު ގޮތަކަށެވެ. އެއީ މީހަކު ހަދައިފައި ހުރި ފޮޓޯތަކެއްކަން ކުޑަކުއްޖަކަށްވެސް އެނގޭނެއެވެ. ފުރަތަމަ ބަލައިލުމުން ފާހަގަ ނުކުރެވި ހިނގައިދާނެއެވެ. އެކަމަކު ފުންކޮށް ބަލައިލީމާ އެއީ ހަދައިފައިވާ ފޮޓޯތަކެއްކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ހުމާޔޫނަކީ ފުލުހެކެވެ. އެހެންވީމާ ކުޑަކުދިންގެ ކުޅިވަރަކަށް ނުހެއްލޭނެއެވެ. އެ ފޮޓޯތަކާއި އެއްބަސްވުން ހުމާޔޫނާ ހަމައަށް ގެނެސްދިނީ ކާކު ހެއްޔެވެ؟

މުޢީޒު އައީ އެތަކެތި ހިފައިގެން ބާވައެވެ؟ އަރަތުގެ އެތިކޮޅުތައް މަޑުމަޑުން އައިސް ގުޅޭން ފަށައިފިއެވެ.

ހުމާޔޫން އޭނާގެ އަތުން ފިރުކައިގަންނާނޭ ވާހަކަ އާރްޒޫ އޮތީ ބުނެފައެވެ. މެހެމަލް އުފަލާއި އަރާމުގައި އުޅޭތަން ފެނުނީމާ އާރްޒޫގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވެ އަނދައިގަތީއެވެ. އޭނާގެ އުފާވެރިކަމަކީ އާރްޒޫއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވީއެވެ. އަސަދްބޭބެ ނިޔާވީމާ އެމީހުންނަށް މާލީ ދަތިތަކެއް ކުރިމަތިވީ ކަމަށް ވެދާނެއެވެ. އެ ދަނޑިވަޅުގައި މެހެމަލް ކޯމާއެއްގައި އޮތީމާ އާރްޒޫއަށް ރަނުގެ ފުރުސަތެއް ލިބުނީއެވެ. މިއީ ވިސްނައިގެން ރާވައިގެން ކުރިއަށް ގެންގޮސްފައިވާ ވިޔާނުދާ ކަމެކެވެ.

މި ވަގު ފޮޓޯއާއި އޭނާ ސޮއިކޮށްފައިވާ އެއްބަސްވުން ދައްކައިގެން އެމީހުން ހުމާޔޫން ރުޅި އެރުވީކަން ގައިމެވެ. އެކަމަކު ހުމާޔޫނަކީ އެކަހަލަ މަޅިއެއްގައި ޖެހޭ ވަރުގެ ކުޑަކުއްޖެއް ހެއްޔެވެ؟ އެވަރުގެ ތަޖުރިބާކާރު ބޮޑު ފުލުސް އޮފްސަރަކަށް އެކަހަލަ ހީލަތެއް ހެދިދާނެ ހެއްޔެވެ؟ ހުމާޔޫން ރުޅި އައިސްގެން އުޅޭ ސަބަބަކީ އެއީ ހެއްޔެވެ؟ އަނބިމީހާއާ ދުރުހެލިވެގެން އުޅުމާއި އާރްޒޫއާ ގާތްވެގެން އުޅޭ ސަބަބަކީ އެއީ ހެއްޔެވެ؟ އަދިވެސް އަރަތް ފުރިހަމައެއް ނުވެއެވެ. އެކަތިކޮޅު އަދި އެބަ މަދުވެއެވެ.

މެހެމަލް ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ. އޭނާގެ ބޮލަށް އެނބުރުން އަރާން ފަށައިފިއެވެ.

"މެޑަމް. ކިހިނެއްވީތޯ؟" ބިލްގީސް އޭނާގެ ކޮނޑުގައި ހިފައި ތަޅުވައިލިއެވެ.

"އަހަރެން ގޮވައިގެން ބޭރަށް ހިނގާ." ބިލްގީސަށް ފެނުމުގެ ކުރީން އޭނާ ފޮޓޯއާއި ލިޔުން ސިޓީއުރައަށް ލައިފިއެވެ.

އަރަތުގެ އެކަތިކޮޅު އަދި ނުފެނެއެވެ.

* * *

އިރު އޮއްސޭން ގާތް ވަނީއެވެ. އެވަގުތު ބޭރުން ކާރުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. މެހެމަލް އިނީ ފެންޑާގައެވެ.

އެ އިވެނީ ހުމާޔޫންގެ ކާރު އެތެރެއަށް ވަންނަ އަޑެވެ. ދެން އިވުނީ ކާރުގެ ދޮރު ހުޅުވުނު އަޑާއި ލެއްޕި އަޑެވެ. އޭނާ އިސްޖަހައިލައިގެން އަޑުއަހަން އިނީއެވެ. ފެންޑާ ތެރެއިން ހުމާޔޫންގެ ފިޔަވަޅުގެ އަޑު އިވުނީމާ އޭނާ އިސް އުފުލައި ބަލައިލިއެވެ.

ވަދެގެން އަންނަމުން އޭނާ ފެންޑާގައި އިންދާ ފެނުނީމާ ކުޑަކޮށް މަޑުކޮށްލިއެވެ.

"އައްސަލާމް ޢަލައިކުމް. އަހަރެން ހުމާޔޫނާ ވާހަކައެއް ދައްކައިލާން ބޭނުން." އޭނާ މަޑުމަޑުން ބުނެލިއެވެ.

"ދައްކާ." ހުމާޔޫން ފަރުވާކުޑަ ކަމާއެކު ބުނެލިއެވެ.

"އިށީންނަންވީއެއްނު؟"

"އަހަރެން ކޮޅަށް ހުރެދާނަން. ދައްކަން ބޭނުން ވާހަކައެއް ދައްކާ."

މެހެމަލް ފުން ނޭވައެއް ލިއެވެ. އަދި ދައްކަން ބޭނުންވާ ވާހަކަ ސިކުނޑިއަށް ޖަމާކޮށްލިއެވެ.

"ހުމާޔޫން. އަހަރެން ބޭނުންވަނީ އެންމެ ސުވާލެއްގެ ޖަވާބު. ހުމާޔޫން ތިޔަހެން ކަންތައް ކުރާ ސަބަބެއް އަހަންނަށް ބުނެދީ." އޭނާގެ ލޮލުން ކަރުނަ ތިތްކެއް ވެއްޓިއްޖެއެވެ.

"ކޮން ކަމެއް ކުރާ ސަބަބެއް؟"

"ހުމާޔޫނަށް ހީވަނީ އެއްވެސް ކަމެއް ނުކުރެވޭހެންތަ؟"

"އަހަރެން ބޭނުންވީ މެހެމަލާ ވަކިވާން. އެއީ ކުށެއް ނޫނެއްނު؟" އަދިވެސް އޭނާގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.

"އެކަމަކު... ހުމާޔޫނަށް އެހައި ބޮޑު ބަދަލެއް އައީ ކީއްވެގެން؟ ތިޔައީ ހުމާޔޫން އިހަށް ކަންތައް ކުރާ ގޮތެއް ނޫނެއްނު؟" ބޭނުން ނުވީ ނަމަވެސް އޭނާއަށް ޝަކުވާ ކުރެވިއްޖެއެވެ.

"އިހަށް އަހަރެން ހުރީ ކަނުވެފައި. ލޯމަތީގައި އޮތީ ފަރުދާއެއް ދަމައިފައި. އެ ފަރުދާ ކަހައިލީމާ އަސްލު މަންޒަރު ފެނުނީ. ދެން..."

"ހުމާޔޫންގެ ލޯމަތީގައި މީހަކު ފަރުދާއެއް ދަމައިލީ މިހާރު ކަމަށް ވެދާނެއެއްނު؟ އަހަރެންގެ ދިފާޢުގައި އެއްޗެކޭ ބުނެލާނޭ ފުރުސަތެއް ނުދޭނަންތަ؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.