(28 ޖޫން 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އުފް..." މެހެމަލް ދިޔައީ ސިއްސައިގެންނެވެ. ހުމާޔޫން ދިޔައީ ފެންވަރާށެވެ. އެނބުރި އައިސް އޭނާއާއި ފަރިޝްތޭއާ ދެމީހުން ދެއްކި ވާހަކަތައް އަޑު އެހިކަމެއް ނުވެސް އެނގުނެވެ.
"އެއީ... ވީ ގޮތަކީ..." އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. "ގެއިން އެއްވެސް މީހަކު ޚަބަރު ބަލައިލާން ނުވެސް ގުޅާތީ އަހަރެން..."
"އެމީހުން ގުޅަނީ ކީއްކުރަން؟ މިއީ އެމީހުންގެ ރުހުމާއެކު ކުރެވުނު ކާވެންޏެއް ނޫނެއްނު؟ ފަރިޝްތޭ އެމީހުން އެއްބަސް ކުރުވީ ވަރަށް އުނދަގުލުން. އޭނާ އަދިވެސް ރުޅި އައިސްފައި އެ ހުންނަނީ އެކަމާ."
މެހެމަލް ހައިރާންވިއެވެ. "ފަރިޝްތޭ..." އޭނާ ގަސްތުގައި ޖުމުލަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ.
"އޭނާ އެމީހުން ރުއްސީ ކިހައި ވަރަކަށް މަސައްކަތްކޮށްގެންކަން މެހެމަލަށް އެނގޭތަ؟" ހުމާޔޫން އަނެއްކާވެސް ފެންބޯން ފަށައިފިއެވެ.
މެހެމަލް އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އޭނާއަށް ނޭނގެނީ ހެއްޔެވެ؟ ފަވާދް ދިން ލިޔުމެއްގައި ދެބެއިން ސޮއިކުރިކަން އޭނާއަށް ނޭނގެނީ ހެއްޔެވެ؟ ފަރިޝްތޭ އޭނާ ގާތު އެއްވެސް ވާހަކައެއް ނުދައްކަނީ ހެއްޔެވެ؟ ނުދައްކާނަމަ އެއީ ކީއްވެގެން ހެއްޔެވެ؟
"ފިކުރު ނުކުރޭ. އަހަރެމެން އިނީ އެމީހުންގެ ރުހުމަކު ނޫން. އެހެންވީމާ ދުވަސްކޮޅަކު ރުޅިއައިސްފައި ތިބޭނެ. ފަހުން ރަނގަޅު ވެދާނެ. އެކަމާ އެވަރަށް ނުވިސްނާ."
ހަމަ ހަގީގަތުގައިވެސް އޭނާއަކަށް އެއްވެސް ކަމެއް ނޭނގެއެވެ. އޭނާ ގާތު ބުނަންވީއޭ މެހެމަލްގެ ހިތަށް އެރިއެވެ. އެކަމަކު ފަރިޝްތޭ ނުބުނެ އޮތިއްޔާ ކޮންމެހެން ބުނާނޭ ކަމެއް ނެތޭ ހިތައި އަޅާނުލީއެވެ.
"މަޖުބޫރުވީ އެމީހުންނަށް އެކަނިތަ؟ ހުމާޔޫނަށްވެސް މަޖުބޫރުވީތަ؟"
"ހޫނ... ކަންބޮޑުވެފައި ތިޔަ ހުންނަނީ އެކަމާ ދޯ؟" ހުމާޔޫން އޭނާއާ ދިމާއަށް ބަލައިލިއެވެ. "އެއްވެސް މީހަކަށް ވަކި ކަމެއް ކުރަން ހުމާޔޫން ދާވޫދަށް މަޖުބޫރު ކުރުވިދާނެހެން މެހެމަލަށް ހީވޭތަ؟"
"މަޖުބޫރުވާވަރަށް ބަލިކަށި ކޮށްލެވިދާނެއެއްނު؟"
"ނުކުރެވޭނެ. އެއްގޮތަކަށްވެސް ނުކުރެވޭނެ."
"އެހެން... އެހެންވެއްޖެއްޔާ އަހަންނާ އިނީ ކީއްވެގެން؟"
"އަހަރެން މެހެމަލް ދެކެ ވަރަށް ބޮޑަށް ލޯބިވެއޭ... މިހެން އަހަރެން ލައްވާ ބުނުވަން ނޫޅޭތި. އެއީ އަހަރެން ދައްކާ ކަހަލަ ވާހަކައެއް ނޫން. ތެދަށް ބުނަންޏާ އަހަރެން މެހެމަލް ދެކެ މާވަރުގަދަ ޠޫފާނީ ލޯތްބެއް ވީއެއްވެސް ނޫން. އެކަމަކު އަހަންނަށް އަބަދުވެސް މެހެމަލް ކަމުދޭ. އަހަރެން މި ކާވެނި ކުރީ ހިތުން ރުހުމުން. އަހަރެން މިހިރީ އެކަމާ އުފަލުންވެސްމެ."
ހުމާޔޫންގެ އަޑުގައި ހުރި މަޑުމައިތިރިކަމެއްގެ ސަބަބުން މެހެމަލަށް ކުޑަކޮށް ހިނިތުންވެލެވުނެވެ.
"އުފަލުން؟"
"ކަށަވަރެއްނު. ކޮންމެ މީހަކުވެސް ކާވެނި ކުރެވުނީމާ އުފާވާނެ. އަހަންނަކީ ވަރަށް ޢަމަލީ މީހެއް. މާގިނަ ވާހަކަ ދެއްކުމާއި ބޭކާރު ބަހުސުކުރުމަކީ އަހަރެން ކުރާ ކަމެއް ނޫން. ކުރާހިތްވާ ކަމެއްވެސް ނޫން. އަހަރެން ވަކި ގޮތަކަށް އުޅޭނަމޭ ނުވަތަ ނޫޅޭނަމޭ ނުބުނާނަން. ވަކި ކަހަލަ ވަޢުދެއްވެސް ނުވާނަން. މެހެމަލް އަމިއްލައަށް ކަންކަން ތަޖުރިބާ ކުރޭ. އަހަރެން ބުނަން ބޭނުންވާހައިވެސް ވާހަކައަކީ މިގޭގައި މެހެމަލް އުޅޭނީ އުފަލުގައޭ."
މެހެމަލަށް ރަނގަޅަށް ހިނިތުންވެލެވިއްޖެއެވެ. ހިތްހަމަޖެހުމާއި އުފަލުގެ ރާޅެއް އޭނާގެ އެތެރެހަށީގައި ހިނގައިގަތެވެ.
"މެހެމަލް މިކަމާ އެއްވެސް އެއްޗެކޭ ނުބުނާނަންތަ؟"
"އަހަރެން ބުނާނީ ކީކޭ؟"
"އަހަރެން ބުނަންތަ؟"
"އާނ... ބުނޭ." މެހެމަލް އަޑުއަހަން ސަމާލުވެލިއެވެ.
"އުނދުންމަތީގައި ހުރި އެތި އެހެރަގެން އަނދަނީ."
"އޯހ..." އޭނާ ބަލައިލިއެވެ. ތެލިން ކުޑަކޮށް ދުން އެބަ އަރައެވެ. އަނދާވަސްވެސް ކުޑަކޮށް ދުވަން ފަށައިފިއެވެ. އޭނާ ތެޅިގެންފައި އުނދުން ނިއްވައިލިއެވެ.
"ޢަމަލީ ދިރިއުޅުމަށް މަރުޙަބާ..." ހުމާޔޫން ހިނިތުންވެލައިފައި ނުކުމެގެން ހިނގައްޖެއެވެ.
މެހެމަލް ފުން ނޭވައެއް ލިއެވެ. އުނދުންމަތީގައި ހުރި އެއްޗެއް އަނދައިފިއެވެ. އެކަމަކު އޭނާގެ ދިރުއުޅުމަށް ބަހާރު މޫސުން އަތުވެއްޖެއެވެ. އޭނާ ހިނިތުންވެލުމަށް ފަހު ތެލި ހިފައިގެން ސިންކާ ދިމާއަށް ހިނގައިގެންފިއެވެ.
* * *
"މެހެމަލް... މެހެމަލް." އޭނާ ތިރީގައި ހުރެގެން މައްޗަށް ބަލަހައްޓައިގެން ހުރެ މެހެމަލަށް ގޮވަނީއެވެ. "އަވަހަށް އާދޭ. ލަސް އެބަވެއޭ."
"މި އަންނަނީ." މެހެމަލް ލޯގަނޑުކައިރީގައި ހުރެގެން ތުންފަތުގައި ކުލަ ޖައްސަނީއެވެ.
"މެހެމަލް..." އޭނާ އަނެއްކާވެސް ގޮވައިލިއެވެ.
"މި އަންނަނީއޭ..." އޭނާ ލޯގަނޑުން ބަލައިލިއެވެ. އޭނާ މިއަދު އެހެރީ ތައިމޫރް އުފަންވީ ދުވަހު ހުމާޔޫން އޭނާއަށް ހަދިޔާއަކަށް ދިން ހާރެއް އަޅައިގެންނެވެ. އޭނާ ތައްޔާރުވެ ނިމިގެން ތައިމޫރް އުރައިގެން ނުކުންނާން ހިނގައިގެންފިއެވެ.
"ހާދަހާ ލަހެކޭ ވަނީ... ޚިޔާލު ބަދަލުވީތަ؟" ހުމާޔޫން ފަހުގެ ޖުމުލަ ބުނެލީ ހިނިތުންވެލުމާ އެކީގައެވެ.
މެހެމަލްވެސް ހިނިތުންވެލިއެވެ. "ނޫނޭ. ޚިޔާލު ބަދަލުވާންވީ ކީއްވެގެން؟ ބައްޕަގެ ގެއަށް ދާންވީމާ ޚިޔާލު ބަދަލު ކުރޭތަ؟" ކަޅު ކުލައިގެ ކޯޓުފަޓުލޫނުގައި ހުރި ހުމާޔޫން ފެންނަނީ ހަމަ އިހެކޭވެސް އެއްގޮތަށް ރީތިކޮށެވެ. "ވަރަށް ރީތި." އޭނާއަކަށް ބުނެނުލައެއް ނުހުރެވުނެވެ.
"މެހެމަލްވެސް..."
"އެވަރުން ފުއްދާލީތަ؟" މެހެމަލްގެ މޫނުކުނިކޮށްލިއެވެ.
"ކާވެންޏަށް އަހަރެއް ފާއިތު ވެގެން ދިޔައީމާ ދެން ބުނާނޭ އިތުރު ވާހަކައެއް އޮންނާނެތަ؟" ދެމީހުން އެކީގައި ނުކުމެގެން ހިނގައިގެންފިއެވެ.
"އެއް އަހަރުވީތަ؟ ހީވެސް ނުވޭ." ކާރުގެ ދޮރު ހުޅުވަމުން އޭނާ ބުނެލިއެވެ.
"އާނ. ވަގުތަކީ ވަރަށް އަވަހަށް ފާއިތުވެގެންދާ އެއްޗެއް." އޭނާ މެހެމަލްގެ ވާހަކައަށް ޖަވާބެއް ދިނީ ކާރު މަގުމައްޗަށް ނެރެ ދުއްވައިލުމަށް ފަހުގައެވެ. "ހީވަނީ އިއްޔެގެ ކަމެއްހެން ދޯ؟"
"އާނ." މެހެމަލް ހަމަޖެހިލުމަށް ފަހު ލޯ މަރައިލިއެވެ.
އެއް އަހަރު ދުވަސް ފާއިތުވެގެން ދިޔައީ ނުވެސް އެނގިއެވެ. އޭނާ ހުމާޔޫނާ އިނދެގެން އައިތާ ބަރާބަރު އެއް އަހަރުވީ މިއަދަށެވެ. އަހަރުވުމުން ހަދިޔާއެއްގެ ގޮތުގައި ހުމާޔޫން އެ ދަނީ އޭނާ ގޮވައިގެން އޭނާގެ ބައްޕަގެ ގެއަށެވެ.
ފާއިތުވީ އަހަރު ދުވަހުގެ ތެރޭގައި ގޭގެ އެކަކުވެސް އޭނާގެ ޚަބަރެއް ބަލައެއް ނުލައެވެ. އޭނާވެސް ނުގުޅައެވެ. ކުރީކޮޅު ވަރަށް ބޮޑަށް ރުޅި އައެވެ. ދުވަސްވީވަރަކަށް އާދަވަމުން ގޮސް ހިތާމަތައް ލުއި ވެއްޖެއެވެ. އެކަމަކު މަޑުމަޑުން ގޮސް އޭނާއަށް ވާޖިބުގެ މަތީން ހަނދާން ވާން ފަށައިފިއެވެ. ރަހިމުގެ ގުޅުން ކަނޑައިނުލާން އޮންނަ ހުކުމުގެ މަތީން ހަނދާން ވެއްޖެއެވެ. ގާތްތިމާގެ މީހުންނާ ގުޅުން ބާއްވާން އޮންނަ އަމުރުފުޅުގެ މަތީން ކުރީންވެސް ހަނދާންވެއެވެ. އެކަމަކު މީގެ ކުރިން އެ ވާހަކަ ދެއްކީމާ އެގެއަށް ދާކަށް ހުމާޔޫން އެއްބަހެއް ނުވެއެވެ. ފަވާދްގެ މައްސަލަވެސް ނުހިނގައި ދެމިގެންދާ ކަހަލަ ގޮތަކަށް އޮތީއެވެ. އެންމެ ފަހުން އެއް ދުވަހަކު ހުމާޔޫން ބުނި ގޮތުގައި ފަވާދް ފުރައިގެން ކޮންމެވެސް ތަނަކަށް ހިނގައްޖެއެވެ. ލަފާ ކުރެވެނީ އޮސްޓްރޭލިއާއަށް ކަމުގައެވެ. އެ ޚަބަރު ލިބުމުން މެހެމަލަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެއީ ކީއްވެގެން ކަމެއް ނޭނގެއެވެ.
މީގެ ހަފުތާއެއްހައި ދުވަސް ކުރީން ހުމާޔޫނާއި އާޣާ ކަރީމާ ކޮންމެވެސް ތަނަކުން ބައްދަލު ވެއްޖެއެވެ. ހުމާޔޫން ބުނި ގޮތުގައި ބައްދަލުވީތީ އާޣާ ކަރީމް ވަރަށް އުފާކުރިއެވެ. އަދި ގެއަށް އަންނާށޭވެސް ބުންޏެވެ. މުނާފިގުކަމާއި ދުނިޔޭގެ އެދުންތަކަށް ފަހު މިހާރު އޭނާގެ އާޣާޖާންގެ މޫނުމަތީން ފެންނާނީ ކޮން ކަހަލަ އައު ކުލަވަރެއް ބާވައޭ މެހެމަލްގެ ހިތަށް އެރިއެވެ. ފަވާދް ފުރައިގެން ހިނގައްޖެއެވެ. މެހެމަލާއި ފަރިޝްތޭގެ މުދާ އޭނާއަށް ލިބިއްޖެއެވެ. އެހެންވީމާ ހުމާޔޫން ފަދަ މީހަކަށް ދަނބިދަރިއެކޭ ކިޔާކަށް މިހާރަކު ޖެހިލުމެއް ނުވާނެތާއެވެ. އަދި ކީއްހެއްޔެވެ؟ މިހާރު ފަޚުރުވެރިވެސް ވާނެއެވެ.
އެއް އަހަރުގެ ތެރޭގައި އެހެން ބަދަލެއްވެސް އަތުވެއްޖެއެވެ. ފަރިޝްތޭ ސްކޮޓްލެންޑަށް ހިނގައްޖެއެވެ. ޕީއެޗްޑީ ހަދާށެވެ. އޭނާ ބޭނުންވަނީ މޮޅަށް ކިޔަވާށެވެ. އޭނާ ދިޔައީމާ މިސްކިތާއި މަރުކަޒުގެ ކަންތައްތަކާ އެހެން މީހަކު ހަވާލު ވެއްޖެއެވެ.
މެހެމަލް ކޮންމެ ރެއަކު ފަތިސް ނަމާދަށް ތައިމޫރް ގޮވައިގެން މިސްކިތަށް ދެއެވެ. އޭނާގެ ޢިލްމުލްކިތާބްގެ މާއްދާގެ ހަމަސް ދުވަސް ބާކީ އެބައޮތެވެ.
އޭނާ ސިއްސައިގެން ދިޔައީ ކާރު ހުއްޓައިލީމައެވެ. އޭރު ކާރު އޮތީ އާޣާ ހައުސްގެ ގޯތި ތެރޭގައެވެ.
އޭނާ ތައިމޫރް އުރައިގެން ކާރުން ފައިބައިފިއެވެ. އަދި ވަށައިގެން ބަލައިލިއެވެ.
ގެއަށާއި ގޯތިތެރެއަށް ވަނީ ބައެއް ކަހަލަ ބަދަލު ގެނެސްފައެވެ. ތަށިމުށްޓާއި ދޫލަވެސް އޮތީ ބަދަލުވެފައެވެ.
ދޮރުމަތީގައި އޭނާގެ އާޣާޖާނާއި ކުޑައަންމަޔާ ދެމީހުން ތިއްބެވެ. މެހެމަލާއި ހުމާޔޫން އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ގެޔާ ދިމާއަށް ހިނގައިގެންފިއެވެ. މެހެތާބް ހުރީ ވަރުގެ ކޮޅަށް ނަލަހެދިގެންނެވެ.
"މެހެމަލް... ތިޔައީ ހަމަ މެހެމަލްތަ؟ ކިހިނެއް ހާލު؟" މެހެތާބް އިސްތިގުބާލަށްޓަކައި ކުރިއަށް ޖެހިލިއެވެ.
"މެހެމަލް... އަހަރެންގެ ދަރިފުޅާ." އާޣާ ކަރީމް މެހެމަލްގެ ބޮލުގައި ފިރުމައިލިއެވެ. އޭނާގެ ލޯ ހުރީ ތެމިފައެވެ. މެހެމަލަށް ކުރެވުނު އަނިޔާގެ އުރަދު ހީވަނީ ކަމުގައި ވެދާނެއެވެ.
އަނެއް ދެ ބޮޑުބޭބެއިންނާއި ގޭގެ އެހެން އަންހެނުންވެސް ބޭރަށް ނުކުމެއްޖެއެވެ.
އެއްކޮޅުން ހުމާޔޫންގެ އަސަރުގަދަ ޝަޚުސިއްޔަތެވެ. އަނެއްކޮޅުން މެހެމަލްގެ ބަދަލުވެފައިވާ ސިފައެވެ. އޭނާގެ ކިބައިން ފެންނަ މުއްސަނދި ކުލަވަރެވެ. ގޭގެ އެންމެންގެ ކިބައިންވެސް ފެންނަނީ ތައުރީފުގެ ބެލުމެވެ. ފިޒާ އޭނާއަށް ތައުރީފުކޮށް ވާހަކަ ދެއްކިއެވެ. އެކަމަކު ނާޢިމާގެ ކިބައިން މިހާރުވެސް ފެންނަނީ ހަސަދައިގެ ކުލަވަރެވެ.
"ސިދްރާދައްތައާއި އާރްޒޫދައްތަ ކޮބާ؟" ސޯފާގައި އިށީނުމަށްފަހު ވަށައިގެން ހޯދައި ބަލަމުން މެހެމަލް އަހައިލިއެވެ.
"ސިދްރާ ޑިސެންބަރު މަހު މީހަކާ އިނދެގެން އިނގިރޭސިވިލާތަށް ހިނގައްޖެ." މެހެތާބް ފަޚުވެރިވެލައިފައި ބުނެލިއެވެ. އޭނާގެ މޫނުމަތީން އަދިވެސް ފެންނަނީ ކިބުރުވެރިކަމެވެ. ކުރެވުނު ދެރަ ކަމަކަށް ހިތާމަކުރާ ކަމުގެ އަސަރެއް ނުފެނެއެވެ. ބަދަލު ވެދާނެއޭ ހިތަށް އެރުވުނީތީ މެހެމަލް މާޔޫސްވިއެވެ.
"މެހެރީންވެސް މި އަހަރު މީހަކާ އިންނާނެ. މިހާރު އޭނާވެސް ވީ އިނގިރޭސިވިލާތުގައި. އޭނާ އިންނާން އުޅެނީ ޑަކްޓަރަކާ."
"އެހެންތަ؟ ވަރަށް ރަނގަޅު. މާޝާﷲ." މެހެމަލް ހަމަ ހަގީގަތުގައިވެސް އުފާވިއެވެ. އެކަމަކު ހިތަށް އެރިއެވެ. މިއީ އޭނާއަށް އަނިޔާވެރިވީ މީހުންނެވެ. އެކަމަކުވެސް މި މީހުންގެ އުފާވެރިކަން ގުނަވަމުން އެހެރަގެން ދަނީއެވެ. އެއީ ކީއްވެގެންބާވައެވެ؟
(ނުނިމޭ)
Varah reethi