އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެ ކުންފުނީގެ ޑިޖިޓަލް ސެންޓަރުތަކެއް ގާއިމުކޮށްފިއެވެ. މި ސެންޓަރުތައް ގާއިމުކުރީ ކުޅުދުއްފުށްޓާއި، ތިނަދޫ އަދި ފުވައްމުލަކުގައެވެ.
ކުޅުދުއްފުށްޓާއި ތިނަދޫ އަދި ފުވައްމުލަކުގެ ޑިޖިޓަލް ސެންޓަރުގެ ސެލްފް-ސަރވިސް ކިއޯސްކް ތަކުން ކަސްޓަމަރުން ބޭނުން ކޮންމެ އިރަކު ޕްރީޕެއިޑް ރީޗާޖުކުރެވޭނެއެވެ. މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭނެކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ. އަދި މި ސެންޓަރުތަކުން އެމް-ފައިސާގެ ޚިދުމަތް ވެސް ލިބޭނެއެވެ.
އުރީދޫގެ ޗީފް ކޮމާރޝަލް އޮފިސަރ ޙުސައިން ނިޔާޒު ވިދާޅުވިގޮތުގައި އުރީދޫއިން އެނެމް އިސްކަމެއް ދެނީ ޒަމާނީ ޓެކްނޯލޮޖީއާއެކު، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ޑިޖިޓަލްކޮށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ވަކިން ޚާއްސަކޮށް މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ކޮރޯނާ ބަލީގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެ އާއްމނު ހާލަތަށް ރުޖޫއަވުމަށް ކުރަމުންދާ މަސައްކަތުގައި އިހުނަށްވުރެ ޓެކްނޮލޮޖީގެ ދައުރު ފުޅާވެފައި އޮތް މިންވަރު ނިޔާޒު ފާހަގަކުރެއްވިއެވެ. އުރީދޫ އިން ގާއިމު ކުރި ޑިޖިޓަލް ސެންޓަރުތަކަކީ ސިއްހީ އިދާރާތަކުން ލަފާ ދެއްވާ މިންގަނޑުތަކާ އެއްގޮތަށް ގާއިމުކުރެވިފައިވާ ސެންޓަރުތަކެއް ކަން ވެސް ނިޔާޒު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ އާންމު ދިރިއުޅުން ބަދަލުވެ، ނިއު ނޯމަލްއަކަށް ދަތުރުކުރާއިރު މުޖުތަމައުގެ ބޭނުންތަކަށް ޓެކްނޮލޮޖީގެ ރޯލުވަނީ އިހުނަށްވުރެ ބޮޑުވެފަ. މިހާލަތުގައި މި ގާއިމް ކުރެވުނު ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަޒުމަކީ މިފަދަ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށްވެސް ފޯރުކޮށްދިނުން." ނިޔާޒު ވިދާޅުވިއެވެ.
އުރީދޫ އިން މައުލޫމާތު ދޭ ގޮތުގައި މިތިން ސަރަހައްދުގައި ގާއިމުކުރެވުނު ސެންޓަރުތަކުން ކަސްޓަމަރުންނަށް ހަފްތާގެ 7 ދުވަހު، 24 ގަޑިއިރު ޚިދުމަތް ލިބޭނެ އެވެ. މިއީ ރާއްޖޭގައި 24 ގަޑިއިރު ޚިދުމަތް ފޯރުދޭ ހަމައެކަނި ސެންޓަރުތަކެވެ.
ފުވައްމުލަކުގެ ސުމޭކު މަރުކަޒު ގާއިމުކުރެވުނީ އެރަށު މާދަޑު ފެންފުވައް މަގުގައެވެ. ތިނަދޫގެ މަރުކަޒު ގާއިމުކުރެވުނީ ގދ. ތިނަދޫ ރަންނަބަނޑޭރި މަގުގައެވެ. އަދި ކުޅުދުއްފުށީ މަރުކަޒު ގާއިމުކުރެވުނީ އެރަށު އަމީނީ މަގުގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫގެ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ ސުމޭކު މަރުކަޒުތައް ގާއިމުކުރެވޭނެ ކަމަށް އުރީދޫ އިން ހާމަކުރެއެވެ.