މަޖިލިސް ފެށުމާއެކު ޝިޔާމް ބޭރަށް ނެރެފި

ފޮޓޯ: ނައިފަރު ދައިރާގެ މެންބަރު އަޙްމަދު ޝޔާމް (ފޮޓޯ: ރައްޔިތުންގެ މަޖިލިސް)

ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާ ފެށުމާއެކު މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވަވައި ބޭރަށް ނެރެފިއެވެ. ޖަލްސާ ފެށްޓެވުމަށްފަހު މަޖިލީހުގެ ރައީސް ވަނީ މިފަދަ ދަންގަޑިއެއްގައި މަޖިލީސް ބާއްވަން ޖެހުމުން ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދި ވަޑައިގެންފައެވެ. ޖަލްސާ މިފަދަ ގަޑިއެއްގައި ބާއްވަން ޖެހުނީ އިދިކޮޅު ފަރާތްތަކުން މަޖިލިސް ހިސާރު ކުރުމުގެ ނިޔަތުގައި ހިންގި ޢަމަލެއްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ޕީޕީއެމާއި ޕީއެންސީއަށް ފާޑު ވިދާޅުވުމާއެކު މެންބަރު ޝިޔާމް އަޑުގަދަ ކުރައްވާން ފެއްޓެވިއެވެ. އެޔާއެކު ރިޔާސަތުން އޭނާގެ ނަން އިއްވެވިއެވެ. އޭނާ ނުކުންނަވަން ދެކޮޅު ހައްދަވައި ކޮޅަށް ތެދުވެވަޑައިގެން މަޖިލީހުގެ ރައީސްގެ ކުރިފުޅުމައްޗަށް ވަޑައިގެން އަޑުގަދަ ކުރެއްވަމުން ގެންދެވިއެވެ.

އެޔާއެކު "އޭނާ ނެރޭ"ށޭ މަޖިލީހުގެ ރައީސް ވިދާޅުވީމާ މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުން ޝިޔާމް ނެރުއްވަން މަސައްކަތް ކުރެއްވިއެވެ. އެކަމަކު އޭނާ ނުނުކުންނެވީމާ މަޖިލީހުގެ އެމްޑީޕީ މެންބަރުން ތެދުވެވަޑައިގެން ޝިޔާމް ލަވަމުން ކަހަލަ ގޮތަކަށް ގެންދަވައި މަޖިލީހުން ބޭރަށް ލެއްވީއެވެ. މި މައްސަލަގަނޑުގެ ތެރޭގައި ބައެއް ބޭފުޅުން އަތް އިސްކުރެއްވި މަންޒަރުވެސް ފެނުނެވެ. ޝިޔާމްވެސް ބައެއް މެންބަރުން ކޮއްޕަވައި އުޅުއްވިތަން ފެނުނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.