އެމްޑީޕީ ޕީޖީ ގްރޫޕުގެ ނިންމުމާ ދެކޮޅަށް އެޕާޓީގެ ބައެއް މެމްބަރުން ޚިޔާލު ފާޅުކުރައްވައިފި 

ކައުސިލްތަކުގެ މުއްދަތު ދިގުދައްމާލުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލް ފާސްކުރުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނިންމައިފައިވާ ނިންމުމާ ދެކޮޅަށް އެޕާޓީގެ ބައެއް މެމްބަރުން ޚިޔާލު ފާޅުކުރައްވައިފިއެވެ. 

ކައުންސިލްތައް ދެމިއޮތުމަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލް ފާސް ކުރުމަށް އެމްޑީޕީގެ ޕާލަންމެންޓްރީ ގްރޫޕުން ރޭ ވަނީ ނިންމައިފައެވެ. އެމްޕީޑީޕީގެ ޕީޖީ ގްރޫޕްގެ ތްރީލައިން ވިޕާ އެއްކޮޅަށް ބައްދަލުވުމަށް ވަޑައިގެންނެވި  54 މެމްބަރުންގެ ތެރެއިން 41 މެމްބަރުން ވަނީ ވޯޓް ދެއްވައިފައެވެ. ދެކޮޅަށް 10 މެމްބަރަކު ވޯޓް ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިން މެމްބަރަކު ތިއްބެވިއެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނު އަސާސީ އިޞްލާޙު ކުރުމާ ދެކޮޅަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އެކަމާ އެންމެ ބޮޑަށް ދެކޮޅަށް ޚިޔާލު ފާޅުކުރެއްވި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރ އިމްތިޔާޒު ފަހުމީއެވެ.  

މިހާރު އޮތް ނުރައްކާތެރި ޙާލަތުގެ މިސާލު އެކި ގޮތްގޮތުން ދައްކަވައި އެފަދަ ނުރައްކާ ތެރި ހާލަތެއްގައި އޮތްއިރު އެއީ އޮތް ޙާލަތެއް ނޫންކަމަށް ބުނެ ޤާނޫނު އަސާސީ އިޞްލާޙު ކުރަން އުޅުމަކީ، އަމިއްލަ ނަފަސަށް މަކަރު ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ. ނުރައްކަލެއް ނެތްކަމަށް މާނަކުރުމަކީ ކޮންގޮތަކަށް ކޮންތާކުން ނެރޭ ވިސްނުންތަކެއްތޯ ވިދާޅުވެ މެމްބަރ އިންތި ވަނީ އަމިއްލަފުޅު ޕާޓީގެ ވިޕްލައިނަށް ވެސް ފާޑު ވިދާޅުވެފައެވެ.

މެމްބަރ އިންތި ވިދާޅުވީ އަޅުގަނޑުމެން އެކަކު އަނެކަކު ބައްދަލު ކުރާއިރު މި ތިބެންޖެހެނީ މޫނުމަތީ ފޮތިއަޅައިގެންކަމަށެވެ. ރުޅިއައިސްގެން ކަމެއް ހިނިއައިސްގެން ކަމެއް ވެސް ހުރީ ނޭނގޭ ކަމަށެވެ. ނަމަވެސް ދެކެންވީ މިއީނެތް ޙާލަތެއްގެ ގޮތުގައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަމިއްލަ މައިން ބަފައިން ގާތަށް ޒިޔާރަތް ކުރުމަކީ ހެޔޮވެގެންވާ ކަމަކަށް ވާއިރު މިޙާލަތުގައި އެންމެ ރަނގަޅީ އެކަން ވެސް ނުކުރުން ކަމަށްވާއިރު ނެތް ޙާލަތެއްތޯ ސުވާލު އުފެއްދެވިއެވެ. އަދި މިސްކިތްތަކަށް ނަމާދަށް ދިއުމަކީ ސަވާބު އިތުރުވެގެންވާ ކަމަކަށް ވާއިރު މިހާލަތު ނަމާދުވެސް ކުރަން ބުނަނީ ގޭގައި ކަމަށެވެ. އެކަމުވެސް މިއީ ނެތް ޙާލަތެއްތޯ އިންތިވަނީ ސުވާލު އުފައްދަވައިފައެވެ. އަރުތެރެއަށް ލާން ބޭނުންވާ ކާބޯތަކެތި ހޯދަން ވެސް ޖެހިގެން ހުންނަ ކަންމަތީ ފިހާރައަށްވެސް ފުލުހުންގެ ހުއްދަޔާ ނުލައި ނުދެވޭ އިރުވެސް މިއީ ނެތް ޙާލަތެއްކަމަށް ބަލަންވީތޯ މެމްބަރ އިންތި ސުވާލު އުފެއްދެވިއެވެ. އެއީ އަމިއްލަ ނަފަސަށް މަކަރު ހެދުންކަމަށް އޭނާ ވިދާޅުވިއެވެ. 

މަޑަވެލީ ދާއިރާގެ މެމްބަރ ޙުޞައިން ފިރުޝާންވެސް ވިދާޅުވީ އިންތިޚާބު ނުބޭއްވޭ ކޮންމެ ފަހަރަކު ޤާނޫނު އަސާސީ އިޞްލާހު ކުރުމަކީ ކޮށްގެން ވާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ޤާނޫނު އަސާސީ އިޞްލާޙުކޮށްގެން ކައުންސިލްތަކުގެ މުއްދަތު ދިގު ދައްމާލުމާ އޭނާ 100 ޕަސަންޓް ދެކޮޅުކަމަށް ވިދާޅުވިއެވެ. ޤާނޫނު އަސީ އިޞްލާޙުކޮށް ކައުންސެލަރުންގެ މުއްދަތު އިތުރުކުރުމަކީ އޭނާގެ ދާއިރާގެ މެމްބަރުންވެސް ރުހޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. މިފަދަ ގޮތަކަށް ޤާނޫނުއަސާސި އިޞްލާޙު ކޮށް ކައުންސެލަރުންގެ މުއްދަތު އިތުރު ކުރުމަކީ ކުރިންވެސް އެމްޑިޕީން ދެކޮޅު ކަންކަން ކަމަށް ފާހަގަ ކުރައްވައި އަދި ވެސް އޭނާ ހުންނެވީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ. 

ޤާނޫނުއަސާސީ އަށް އިޞްލާޙު ކުރުމަށް ސަރުކާރު ފަރާތުން ބިލް މަޖިލީހަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.