މާޒީގެ ނަޒަރުން: ގައިދުރުކަމާއި ގައިގޯޅިކަން

ފޮޓޯ: އެސްޓީއޯ

މުޅި ދުނިޔެ ތަޖުރިބާކުރަމުން މި ގެންދާ ކޮރޯނާ ޖާއިހާ (ނުވަތަ ކޮވިޑް19)ގެ ސަބަބުން މުޅި ދުނިޔޭގެ އިޖުތިމާޢީ ހުރިހާ ނިޒާމަކަށް މި ވަނީ ބަދަލު އައިސްފައެވެ. ޞިއްޙީ ޚިދުމަތާއި ޞިއްޙީ ނިޒާމަށެވެ. ތަޢުލީމީ ޚިދުމަތާއި ތަޢުލީމީ ނިޒާމަށެވެ. ދުނިޔޭގެ އިޤުތިޞާދަށެވެ. މުއާޞަލާތަށެވެ. ބައިނަލްއަޤުވާމީ ގުޅުންތަކަށެވެ. މިއީ މާ ބޮޑު ތަފުޞީލެއް ބަޔާން ނުކުރިޔަސް ދިމާ ކުރިމަތީން ފެންނަން ހުރި ހަޤީޤަތްތަކެކެވެ.

މި ގޮތުގެ މަތީން ބަހަވީ، އަދަބީ ދާއިރާއަށް ވެސް، ބަހަވީ ދާއިރާއަށް ވެސް، ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ އާދެއެވެ. ބަހަވީ ދާއިރާއަށް އައީ ބަދަލެކޭ ދެންނެވުމަށްވުރެ ރަނގަޅުވާނީ ކުރިއެރުންތަކެއް އައި ވާހަކަ ދެންނެވިއްޔާއެވެ. މި ކޮރޯނާ ޖާއިހާގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް ލިބިފައި ވިޔަސް، މުޅި ދުނިޔޭގެ ހުރިހާ ބަހެއްގެ ބަސްކޮށާރަށް ލިބުނީ ކުރިއެރުމާއި ތަރައްޤީއެވެ. ދުނިޔޭގެ ހުރިހާ ބަހެއްގައި ވެސް ކުރީން ވަޅުޖަހައިފައި ހުރި ކިތަންމެ ލަފުޒެއް، ކިތަންމެ މަފުހޫމެއް ކޮވިޑާ ގުޅިގެން ބޭނުންކުރާން ފެށުނެވެ. މަދުން ނަމަވެސް ބައެއް ލަފުޒު އުފަންވިއެވެ.

ދިވެހިބަހަކީ ވެސް ހަމަ މިކަމުން އިސްތިސްނާވާ ބަހެއް ނޫނެވެ. ދިވެހިބަހުގެ އެކެޑަމީ ވެސް މި ކަމަށް ސަމާލުކަން ދެއްވިއެވެ. ގިނަ ލަފުޒުތަކެއް މި ޙާލަތާ ގުޅިގެން ބޭނުންކުރައްވާން ތަޢާރަފުކުރެއްވިއެވެ. މަދު ލަފުޒެއް އަލަށް އުފެއްދެވި ނަމަވެސް މި ވަބާއާ ގުޅިގެން އިވެން ފެށި މަފުހޫމުތަކަކީ ނުވަތަ ލަފުޒުތަކަކީ އަލަށް އުފެއްދި އެއްޗެއް ނޫނެވެ. މި ޙާލަތާ ގުޅިގެން އިނގިރޭސިބަހުން ބޭނުންކުރާންފެށި މަފުހޫމުތަކާ ދިވެހި ލަފުޒުތަކާ ގުޅުވައިދެއްވީއެވެ.  ކުރީން، އަދި މާކުރީން އުފެދިފައި ހުރި ލަފުޒުތައް ވެސް، މިޙާލަތާ ގުޅިގެން ބޭނުންކުރާނޭ ގޮތް އޮޅުންފިލުވައިދެއްވީއެވެ. މިސާލަކަށް ކަރަންޓީނުކުރުމަކީ ދިވެހިރާއްޖޭގައި ކަށިވިދުރިބަލި ފެތުރުނު ޒަމާނުގައި ވެސް ބޭނުންކޮށްފައިވާ ލަފުޒެކެވެ. އެކަހެރިކަމާއި އެކަހެރިކުރުމަކީ ދިވެހިބަހުގައި ވަރަށް ކުރީން ވެސް ބޭނުންކުރާ ލަފުޒެވެ. މި ގޮތުގެ މަތީން ދިވެހިބަހުގައި ވެސް ކުރީން ހުރި، އަދި އަލަށް އުފެއްދި އެއްތައް ލަފުޒަކާއި މަފުހޫމުތަކެއް މި ޢާލަމީ ވަބާއާ ގުޅިގެން ތިލަވިއެވެ. މި ދަންނަވައިލަނީ މި ފަދަ ބައެއް މަފުހޫމުތަކެވެ.

ފުރަބަންދު؛ އެކަހެރިކުރުން؛ ޢާލަމީވަބާ؛ ބިރާސް؛ ފައްސި؛ ނައްސި؛ ކަރަންޓީނު؛ އިސްކިރީނުކުރުން؛ އަމިއްލަޔަށް އެކަހެރިވުން؛ އަމިއްލަ އެކަހެރިކަން؛ ބަލީގެ ޢަލާމާތް؛ ޢަލާމާތް ފެންނަ؛ އިޖުތިމާޢީ ގައިދުރުކަން؛  އިޖުތިމާޢީ ގައިދުރުމިން؛ ބާނި ތިރިކުރުން، އެއްތާވުން؛   

މިއީ ދިގު ލިސްޓެއްގެ ތެރެއިން މަދު ލަފުޒުކޮޅެކެވެ. މި ލިސްޓްގައި ހިމެނޭ ގިނަ ލަފުޒުތަކަކީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި "ކޮރޯނާ ވައިރަސް ބަލި 2019"ގެ ކުރީން ވެސް އުފެދި، ބޭނުންކުރެވެމުން އައި ލަފުޒުތަކެކެވެ. ކޮރޯނާ ޖާއިހާގެ ތެރޭގައި ބޭނުންކުރާނެ ގޮތް ކަނޑައެޅުނީއެވެ. ބައެއް ލަފުޒު އުފަންވެފައި ވެސް އެބަހުއްޓެވެ.

މިސާލަކަށް "ކަރަންޓީނު" މި ލަފުޒަކީ ކުރީން ވެސް ދެންނެވި ފަދައިން 1950 ގެ އަހަރުތަކުގައި ވެސް ހަމަ އާންމުކޮށް އިވިފައިވާ ލަފުޒެއް ނަމަވެސް "ގައިދުރުކަން" މި ލަފުޒު އިވެންފެށީ ކޮރޯނާ ޖާއިހާގެ ތެރޭގައެވެ. އެހެންކަމުން "ގައިދުރުކަން" މި ލަފުޒު ނުވަތަ "އިޖުތިމާޢީ ގައިދުރުކަން" މި މަފުހޫމު އުފަންވީ މި ޙާލަތުގައި ކަމަށް ބެލޭނެ ޖާގަ އެބަ އޮތެވެ. އޭގެ ކުރީން މި ގޮތަށް މި ލަފުޒު ނުވަތަ މި އިޞްޠިލާޙު އަޅުގަނޑު އަޑުއަހައިފައެއް ނެތެވެ. އަދި ރަށުބަންދާއި ގޭބަންދާއި އެކަހެރިކުރުން ފަދަ ލަފުޒުތައް ކުރީން ވެސް ދިވެހިބަހުގައި އިޞްތިޢުމާލުކުރަމުން އައިސްފައި ވިޔަސް، "ފުރަބަންދު"، "އެއްތާވުން" ފަދަ ލަފުޒުތަކާއި "ބާނިތިރިކުރުން" ފަދަ އިޞްޠިލާޙުތަކަކީ މި ކޮރޯނާ ޖާއިހާގެ ތެރެއިން އިވޭން ފެށި ލަފުޒުތަކަކާއި އިޞްޠިލާޙުތަކެކެވެ. މިއީ ދިވެހިބަހުގެ އެކެޑެމީއިން ތަޢާރަފުކުރެއްވި ލަފުޒުތަކަކަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިއީ ދިވެހިބަހުގެ ބަސްކޮށާރަށް ލިބުނު މުއްސަނދިކަމެއްކަން ކަށަވަރެވެ.

ނަމަވެސް އަޅުގަނޑު ފާހަގަކޮށްލާން ބޭނުންވެގެން މި އުޅޭ ނުކުތާއަކީ މިއީ ބަހަށް، ބަހުގެ ބަސްކޮށާރަށް ލިބުނު މުއްސަނދިކަމެއް ކަމުގައި ވިޔަސް އަދި މި ލަފުޒުތަކާއި މި މަފުހޫމުތައް އުފަން ނުވި ނަމަވެސް، އަޅުގަނޑުމެންގެ ބަހުގައި މި ވާހަކަ ބުނެވޭނެ ޤާބިލުކަން ނެތީކީ ވެސް ނޫންކަމެވެ. ދިވެހިބަހަކީ ބޭނުން ކޮންމެ ވާހަކައެއް ބުނެވޭނެ ޤާބިލުކަން ހުރި "ބަހެއްގެ ހުރިހާ ޝަރުޠެއް ހަމަވާ" ފުރިހަމަ ބަހެކެވެ. މުއްސަނދި ބަހެކެވެ. އަޅުގަނޑުމެން ބަހަށް ކޮށިވުމަކީ ބަސް ފަގީރުވުމެއް ނޫނެވެ. މިކަން އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާންޖެހެއެވެ.

އެއްވެސް ޝައްކެއް ނެތެވެ. ކޮންމެ ކަމަކާ ގުޅިގެން ވިޔަސް ހުރިހައި އިރުޝާދެއް ދެވޭނެ ހުރިހާ ކަމެއް އޮޅުންފިލުވައިދެވޭނެ ޤާބިލުކަން ދިވެހިބަހުގައި އެބަހުއްޓެވެ. މީގެ މާނައަކީ ދިވެހިބަސް މުއްސަނދިކުރާން ބަސްކޮށާރު އިތުރުކުރާން މަސައްކަތްކުރާން ނުޖެހޭނެ ވާހަކައެއް ނޫނެވެ. މިއީ އެހެންވާހަކައެކެވެ. ކޮންމެ ކަމެއް ވެސް ތަރައްޤީކުރުމަކީ ހުއްޓުމެއް ނެތި ކުރިޔަށް ދާންވާނެ ކަމެކެވެ. އާދޭހެވެ! އިހުއްސުރެ ދިވެހިބަހުގައި އޮންނަ "ގައިގޯޅި" ނުވަތަ "ގައިގޯޅިކަން" ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ގައިދުރުކަން ބަހައްޓާން އިރުޝާދުދެވޭނެއެވެ. އެކަކު އަނެކަކާ ގައިގޯޅިނުވެ އުޅޭން އިރުޝާދުދެވިދާނެއެވެ. މާ ބޮޑަށް އިޖުތިމާޢީ ގައިގޯޅިކަން ބެހެއްޓުމަކީ ބަލި ފެތުރުން އިތުރުވެދާނޭ ކަމެކޭ ބުނެވޭނެއެވެ. ދިވެހި ބަސްފޮތުގައި އޮންނަ ގޮތުން "ގައިގޯޅި"ގެ މާނައަކީ "މާ ބޮޑަށް ވާ ކައިރި" އެވެ. އަދި "ގައިގޯޅިކަން" އެއީ "ކައިރިކައިރިގައިހުރިކަން" ކަމަށާއި "މީހަކާ ނުވަތަ އެއްޗަކާ މާބޮޑަށް ކައިރިކަން" ކަމަށް ވެސް ބަސްފޮތުގައި އޮވެއެވެ. ނަމަވެސް މީގެ އިދިކޮޅު ލަފުޒެއް އުފެދި، ބޭނުން ކުރާން ފެށުމަކީ ބަހަށް ލިބުނު ކުރިއެރުމެކެވެ. ތަނަވަސްކަން ލިބިފައިވާ މީހަކަށް އިތުރު މުއްސަނދިކަމެއް ލިބުމަކީ އިތުރު ކުރިއެރުމަކަށް ވާ ފަދައިން އިތުރު ލަފުޒެއް، އާ ލަފުޒެއް އުފެދި، ތަފާތު ގޮތްގޮތަށް ބޭނުންކުރެވެން ފެށުމަކީ ބަހަށް ލިބުނު އިތުރިކުރިއެރުމެކެވެ. ދިރުމެކެވެ. ގައިގޯޅިކަމުގެ ސީދާ އިދިކޮޅު ލަފުޒެއް އުފެދި ބޭނުންކުރާން ފެށުމަކީ ކޮރޯނާ ޖާއިހާގެ ތެރޭގައި ބަހަށް ލިބުނު މުއްސަނދިކަމެއްކަމުގައި ދަންނަވާން ކެރިދާނެއެވެ. ވީމާ ގައިދުރުކަން އިސްކުރާށޭ، ގައިގޯޅިކަން ނުބަހައްޓާށޭ ފަދަ ތަފާތު ގޮތްގޮތަށް ތަފާތު ދެ ލަފުޒެއް ބޭނުންކޮށްގެން ޢާއްމުންނަށް އިރުޝާދުދެވުމަކީ ބަހަށް ލިބުނު ކުރިއެރުމެއް ކަމުގައި ނޫނީ ނުވާނެއެވެ. އަދި އެއީ އިރުޝާދުދޭން ފަސޭހަވާނޭ ކަމެއް ވެސް މެއެވެ.

އާދޭހެވެ! މި ފަދަ ކޮންމެ ޙާލަތަކާ ގުޅިގެން އިތުރު މުއްސަނދިކަމެއް ބަހަށް އަންނަ ވާހަކައާއި އަންނާން ޖެހޭނެ ވާހަކަ ދަންނަވައިލާން ބޭނުންވީއެވެ. އަދި އެއީ މިހާރު ވެސް ދިވެހިބަސް ނުކުޅެދުންތެރިވެގެން ކުރާ، އަދި ކުރާންޖެހޭ ކަމެއް ނޫނޭ ވެސް ދަންނަވައިލާ ހިތް ވީއެވެ. ހަމަ މިފަދައިން އަލަށް އުފަންވާ ލަފުޒުތައް، ކަމާބެހޭ ވިދާރާގެ ލަފާފުޅުގެ މަތީން ނޫސްވެރީންނާއި ލިޔުންތެރީން ބޭނުންފުޅުކުރެއްވުމަކީ ބަހަށް ކުރެއްވޭނެ ޚިދުމަތަކަށް ވާނޭކަން މި ދާއިރާގެ ހުރިހާ ބޭފުޅުންނަށް ހަނދުމަފުޅުކޮށްއަރުވާން ވެސް ބޭނުންވީއެވެ. އަދި މި ފަދަ އިތުރު ޚިޔާލުފުޅުތައް ހުރިނަމަ، މީސްމީޑީއާގައި "ސަމާސާކުރެއްވުމުގެ" ބަދަލުގައި އެ ޚިޔާލުފުޅެއް ކަމާބެހޭ ވިދާރާ (ދިވެހިބަހުގެ އެކެޑަމީ)އާ ޙިއްޞާކުރައްވަމުން ގެންދެވުމަކީ ވެސް ބަސްދެކެ ލޯބިފުޅުވާ ކޮންމެ ބޭފުޅަކު ކުރެއްވުން ވަރަށް ރަނގަޅު ކަމެއް ކަމުގައި ވެސް ދަންނަވައިލާން ބޭނުންވީއެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

1 ޚިޔާލު

  1. މި ލިޔުމުގައި ހަތަރެސްކަން ބުރެކެޓްގައި އެހެރީ ކޮމާކޯޅީގައި ހުންނާންޖެހޭ ލަފުޒުތަކެވެ. ޝާއިޢުކުރުމުގައި ދިމާވާ އެފަދަ 'ޓެކްނިކަލް" މައްސަލަތައް ޙައްލުވުމަކީ ބޭނުންތެރި ކަމެކެވެ. އެހެންނޫންނަމަ ކިޔާ މީހުންނަށް މާނަ އޯލިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.