މާޒީގެ ނަޒަރުން: ހިތާމައާއި މުޞީބާތުގެ ވަގުތުގައި...

ވަބާއާއި ބަލިމަޑުކަމާއި ބަލާއާއި މުޞީބާތްތަކާއި އާފާތްތައް ކުރިމަތިވުމުން އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ރޮއި ހޭރި ހިތާމަކުރެއެވެ. ކިތަންމެ ހިތް ހަރު  މީހަކަސް، އެ މީހެއްގެ ހިތުގައި އިމާންކަމުގެ ކަންފުޅެއްވެ ނެތް މީހެއް ނަމަވެސް، ﷲ މަތީން ހަނދާންކޮށް އެކަލާންގެއަށް، ހިތުން ނަމަވެސް ދުޢާކުރެވެއެވެ. ނަމަވެސް ގިނަ މީހުންނަށް އިހުމާލުކޮށްލެވޭ ކަމަކީ ޢިބްރަތް ޙާޞިލުކުރުމާއި ނަފުސު އިޞްލާޙުކުރުމެވެ. މި ކަންކަމާ މެދު ވިސްނައި ފިކުރު ކުރަނީ ކިތައް މީހުންބާވައެވެ!

ޚިޔާލުކޮށްލަމާތޯއެވެ! މި މުޖުތަމަޢުގެ ޙާލަތު ހުރީ ކިހިނެއްތޯއެވެ! ޝައްކެއް ނެތެވެ!. އަޅުގަނޑުމެންގެ ތެރޭގައި ހެޔޮކަންތަކަށް އަމުރުކުރެވެއެވެ. ހަމަ ގައިމު ވެސް ދީނީ ނަޞޭޙަތްދެވެއެވެ. މި ދުވަސްކޮޅު ހުކުރުކުރުން މަނާކުރެވިފައި ވީ ނަމަވެސް ކޮންމެ ހުކުރު ޚުޠުބާއެއްގައި ވެސް އެ ދުވަސްވަރަކާ ގުޅޭ ކޮންމެވެސް މައުޟޫޢަކަށް ދީނީ ނަސޭހަތްދެވެއެވެ. ހެޔޮކަންކަމަށް އަމުރުކުރެވެއެވެ. ނަމަވެސް......... މުންކަރާތްތައް މި މިންވަރަށް ނަހީކުރެވޭތޯއެވެ! މީސްމީޑީއާއާއި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން، ރިޕޯޓުތައް ނެރެގެން، އަދި މިނޫނަސް އެކި ވަސީލަތް މެދުވެރިކޮށް، މި މުޖުތަމަޢުގައި އިސްލާމް ދީނަށް ތައުހީނު ނުކުރޭތޯއެވެ! ރަސޫލާއަށް ފުރައްސާރަ ނުކުރޭތޯއެވެ! ﷲގެ ވޮޑިގަތުމާމެދު ސުވާލު ނޫފައްދައިތޯއެވެ! (ނަޢޫޛުބިﷲ!). ބަނގުރާ ބުއިމާއި ފާޙިޝް އެތައް ކަމެއް މުޖުތަމަޢުގައި ހިނގާކަން އެއީ އެންމެން ދަންނަ ބޮޑެތި ސިއްރު ނޫންތޯއެވެ! މި ފަދަ ކަންކަމާ ކަންބޮޑުވަނީ ކިތައް މީހުންތޯއެވެ؟ "ކުޅަދާނަކަން ލިބިފައިވާ މީހުންގެ" އަތްތަކުން އެ ކަންކަން މަނާކުރެވެނީ ކިހާ މިންވަރަކަށްތޯއެވެ؟ އެފަދަ މުންކަރާތްތައް ނަހީކުރުމަށްޓަކައި ޤާބިލު ދޫދަތައް ޙަރަކާތްތެރިވަނީ ކިހާ ފުރިހަމައަކަށްތޯއެވެ! އަދި މިފަދަ ކަންކަން ހިތުން މަނާކުރާ މީހުންގެ ޢަދަދު.............. ހަމަގައިމު ވެސް ﷲ ދެނެވޮޑިގެންވާނެތެވެ.

އިސްލާމީ ޤައުމެއްގައި އުފެދޭނެ އެންމެ ބޮޑު ފިތުނައަކީ އިސްލާމްދީނަށް ތައުނީނުކޮށް ރަސޫލާއަށް ފުރައްސާރަކުރުމުގެ ފުރުޞަތު މުޖުތަމަޢުގައި ފަހިވެފައި އޮތުމެވެ. މިއަދުގެ ޙާލަތަކީ، ނުވަތަ ހަގީގަތަކީ، މި ދެންނެވި މުންކަރާތްތަކަކީ މުޖުތަމަޢުގައި އުފެދޭ ފިތުނަކަމަށް ނުދެކޭ އެތައް ބަޔަކު މި މުޖުތަމަޢުގައި އުޅޭކަމެވެ. އަދި އެ މުންކަރާތްތަކާ ދެކޮޅަށް އެއްޗެއް ލިޔާ މީހަކީ ފިތުނަ އުފައްދާ މީހުންކަމަށް ދެކޭ، އަދި އެއީ ނަފުރަތު އުފައްދާ ވާހަކަ ލިޔާ މީހުންކަމަށް ބަލާ މީހުން ވެސް މި މުޖުތަމަޢުގައި އުޅޭކަމެވެ. ނަމަވެސް މުންކަރާތްތަކާ ދެކޮޅު ހެދުމަކީ މި އުންމަތުގެ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުކަމެއްކަން ދަންނަނީ ކިތައް މީހުންބާވައެވެ! މި ކަންކަމާމެދު ވިސްނައި ފިކުރު ނުހިންގައި، މުޞީބާތެއް ކުރިމަތިވުމުން ހަމައެކަނި ރޮއިހޭރި، ﷲ އަށް ދުޢާކުރުމާމެދު ވެސް ވިސްނާން އެބަޖެހެއެވެ. މުޞީބާތް ކުރިމަތިވާ ސަބަބުތައް ނައްތައިލާން އެބަޖެހެއެވެ.

ހިތާމައާއި މުޞީބާތްތައް އެކި މީހުންނަށް ބައެއް ފަހަރު ކުރިމަތިކުރައްވަނީ، ރަޙުމަތެއްގެ ގޮތުންނެވެ. އަޅުގަނޑުމެން އިޞްލާޙުވުމަށްޓަކައި ދެއްވާ ފުރުޞަތެއްގެ ގޮތުންނެވެ. އެހެނީ އަޅުގަނޑުނެންގެ ސަބަބުން ނޫނީ އެއްވެސް މުޞީބާތެއް އަޅުގަނޑުމެންނަކަށް ނުޖެހޭނެއެވެ. މި ކަން ބަޔާންކުރައްވައި ޝޫރާ ސޫރަތުގެ 30 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގެ ތަރުޖަމާގައިވެއެވެ. "ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބަތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަ ފާފަތައް ޢަފޫކުރައްވަތެވެ."

މި ދެންނެވި އާޔަތުގެ އިތުރު ތަފްޞީލްތައް ކައު އިތުރު ރަސޫލާގެ ސުންނަތުން ފެންނާން އެބަހުއްޓެވެ. އިބްނިމާޖާއާއި އަލްޙާކިމާއި އަލްބައިހަޤީ ރިވާކުރައްވައި، އަލްބާނީ ޞައްޙަކުރައްވައިވާ ހަދީސެއްގެ މާނައިގައިވެއެވެ. "ތިޔަބައި މީހުންގެ އިމްތިޙާނަކަށްޓަކައި މާތް ﷲ ވަނީ ފަސް ކަމެއް ލައްވައިފައެވެ. ތިޔަބައިމީހުން އެކަންކަމުން ސަލާމަތްކޮށްދެއްވުން އެދި ތިމަންކަލޭގެފާނު ﷲއަށް ދުޢާކުރައްވަމެވެ." (އެ ފަސް ކަންތައް ބަޔާންކުރައްވަމުން ޙަދީޘްކުރެއްވިއެވެ.) "އެއްވެސް ބަޔެއްގެ ތެރޭގައި ޖެހިލުމެއް ނެތި، ފާޅުގައި މުންކަރާތްތަކާއި ފާޙިޝް ޢަމަލުތައް ފަށައިފި ނަމަ، ކުރީގައި އެބަޔަކު ދެކެފައި ނުވާ ފަދަ ބޮޑެތި ބަލިތަކާއި ކޯފާތައް އެ ކަންކަމާ ގުޅިގެން އެބައިމީހުންގެ ތެރޭގައި ފެތުރޭން ފަށައިފާނެއެވެ. އަދި ބަޔެއްގެ ތެރޭގައި، ވިޔަފާރީގެ މުޢާމަލާތުގައި މަކަރާއި ހީލަތްހަދައި، މިނެކިރުމާއި މިންއެޅުމުގައި އުނިކުރާން ފަށައިފި ނަމަ، އަތްމަތި ދަތިވެ، ތަދުމަޑުކަން އާންމުވެ، އެބައިމީހުންގެ މައްޗަށް އިސްވެ ތިބި ވެރީންގެ ކިބައިން އަނިޔާވެރިކަމާ ކުރިމަތިވާން ފަށައިފާނެއެވެ. އަދި މީސްތަކުން އެބަޔަކު ނެރޭންޖެހޭ ޒަކާތުގެ މުދާ ނުނެރެ، އެކަމުން ޙައްޤުވެރީން މަޙުރޫމުކުރާން ފަށައިފި ނަމަ، އުޑުން ވާރޭވެހުން ހުއްޓިދާނެއެވެ. އަދި ގެރިބަކަރި ނެތް ހިސާބުގަނޑަށް އެއް ގޮތަކަށް ވެސް ވާރޭ ނުވެހި، އެބައިމީހުން ވާރޭފެނުން މުޅިން މަޙުރޫމުވެދާނެއެވެ. އަދި ބަޔަކު މީހުން ﷲ އާއި އެކަލާންގެ ރަސޫލާއަށް އީމާންވެ އިސްލާމް ދީނަށް އުޅޭން ވަޢުދުވެގެން ތިބެފައި، އެއާ ޚިލާފަށް އުޅޭން ފަށައިފި ނަމަ، އެ ބަޔެއްގެ މައްޗަށް، އެ ބަޔަކާ އެއްވެސް ގުޅުމެއް ނެތް ބޭރު ބަޔަކު ވެރިކުރައްވައިފާނެތެވެ. އަދި އެއިރުން ތިމާމެންގެ އަތުގައި ހުރި މުދަލާއި ގެދޮރާއި އަނބިދަރީންގެ ތެރެއިން އެބަޔަކު ނެގުނުހައި އެއްޗެއް ނަގައި އެތަކެތި ޣަޞްބުން ފެރިގަންނާނެއެވެ. އަދި އެބަޔެއްގެ މައްޗަށް އިސްވެ (ވެރީންގެ ގޮތުގައި) ތިބި މީހުން، ﷲގެ ފޮތާއި، އެ ކަލާނގެ ބާވައިލެއްވި ޙުކުމްތަކާ އެއްގޮތަށް ޙުކުމް ނުކޮށް ތިމަތިމާމެން ހިތުހުރިހައި ގޮތަކަށް ޙުކުމްކުރާން ފަށައިފި ނަމަ، އެބަޔެއްގެ މެދުގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަން ވެރިކުރައްވައި، އެބަޔެއްގެ ތެރޭގައި ތަޅައިފޮޅުމާއި ނާމާންކަން ޢާއްމުކުރައްވައިފާއެވެ."

ވިމާ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެޔެއްގެ ސަވާބާއި ދަރުމައަށް އެދިގެން އަޅުގަނޑުމެން އަޅުކަންކޮށް ދުޢާކުރަމުން ގެންދާ މި މޫސުމުގައި، ރަމަޟާން މަހުގެ ފަހު ދިހައިގައި، އޮނަހިރި ރޭތަކުގައި، ހަތާވީސް ވިލޭރޭގައި، އަޅުގަނޑުމެން ދުޢާކުރުމުގެ ކުރީން، ޤުރުއާނާއި ސުންނަތުގައި ބަޔާންކުރައްވައިފައި މިވާ ކަންތައްތަކާމެދު ހަމަ ކޮންމެ މީހަކު ވެސް ވިސްނައިލުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި ހަމަ ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަފުސުގައި، އެ މީހެއްގެ ޢަމަލުތަކުގައި، ހަށިގަނޑުގައި އިޞްލާޙުކުރާންޖެހޭ ކަމެއް ވާނަމަ، ތިމާއާއި މުޅި މުޖުތަމަޢުގެ ސަލާމަތަށްޓަކައި އެ ކަމެއް އިޞްލާޙުކޮށްލާން މިއީ އެންމެ މުހިއްމު ދުވަސްވަރެވެ. މުޞީބާތުގެ ވަގުތުގައި ވެސް ދުޢާކުރާންވާނީ ތިމާ ﷲގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވެގެން ހުރެއެވެ. އެއަށް ފަހު........... ރަމަޟާންމަހުގެ ފަހު ދިހައިގެ ސަވާބާއި ދަރުމައަށް އެދި، ލައިލަތުލްޤަދުރީގެ ދަރުމަ އެދި، ނަރަކައިން މުއްތިކުރެއްވުން އެދި، ﷲގެ ރަޙުމަތާއި ނިޢުމަތާއި ދަރުމައާއި ސަވާބަށް އެދި އަތްތައް އުފުލަމާތޯއެވެ!

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

3 ޚިޔާލު

  1. މަޑުމަޑުން އެ ފަދަ މުންކަރާތްތައް ޢައްމުކުރަނީ ވިސްނުންތެރިކަމާއެކު ބަޔަކު ރާވައިގެން ޕްލޭން ކޮށްގެން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.