މާޒީގެ ނަޒަރުން: މީހަކު ރުޅިއަތުވެދާނެތީ ދިވެހި ބަސްކޮށާރުން ލަފުޒެއް އުނިކުރުމާ އަޅުގަނޑު ދެކޮޅު

އަޅުގަނޑަކީ މީހުން ރުއްސާން އެއްޗިހި ލިޔާ މީހެއް ނޫނެވެ. އެންމެން ނުރުހުނަސް އަޅުގަނޑަށް ފެންނަ ރައުޔެއް އިޚުލާޞްތެރިކަމާއެކު ހާމަކުރުމަކީ އަޅުގަނޑުގެ އުޞޫލެވެ. މުޖުތަމަޢުގެ ވިންދު ހުންނަ ގޮތް ބަލައިގެން އަޅުގަނޑުގެ ރައުޔު ބަދަލުކުރުމަކީ އަޅުގަނޑު ކުރާ ކަމެއް ނޫނެވެ. މިއީ ގިނަ މީހުން ގަބޫލު ނުކޮށްފާނެ އުޞޫލަކަށް ވެދާނެއެވެ. އެއް ދުވަހު މީހަކަށް ތަޢުރީފު ކޮށްކޮށްފައި ރޭވެ އަލިވާ އިރު، އަނެއް ކޮޅަށް، ކުރީން ދެއްކި ވާހަކަޔާ ދިމާ އިދިކޮޅަށް ވާހަދެއްކުމަކީ މުޖުތަމަޢުން ވަރަށް ޢާއްމުކޮށް ފެންނަ ކަމެކެވެ. ހަރުދަނާ މީހުންގެ ގޮތަކީ އެއީކަމަށް ވެސް ބަޔަކު ގަބޫލުކޮށްފާނެތޯއްޗެކެވެ. ނަމަވެސް އަޅުގަނޑަކަށް އެކަން އެހެންނެއް ނުވާނެއެވެ. އަޅުގަނޑުގެ މިޒާޖު އެހާ ފަހެއްޔެއްނޫނެވެ.

އަޅުގަނޑު ކަން ބޮޑުވެގެން މި އުޅެނީ އިޖުތިމާޢީ މައްސަލަޔަކާ ހުރެ ދިވެހިބަހުގެ ބަސްކޮށާރުން ރީތި ލަފުޒެއް އުވިގެން ހިނގައިދާނެތީއެވެ. މިއީ ދެރަކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައެވެ. އެހެން ބޭފުޅުންގެ ނަޒަރުގައި އެއީ އުފާވެރި ރަނގަޅު ކަމަކަށް ވުމަކީ އެހެންކަމެކެވެ. އެއީ އެހެން މައްސަލައެކެވެ.

އާދޭހެވެ! "ބަންގާޅީ" މި ލަފުޒަކީ ކިޔައިގެން ނުވާނެ ލަފުޒެއް ކަމަށް ބައެއް ލިޔުންތެރީންނާއި އިޖުތިމާޢީ ޚިދުމަތްތެރީން އަޑުހަރުކޮށް ގޮވަމުންދާ މި ދަނޑިވަޅުގައި އަޅުގަނޑު މި ވާހަކަ މި ލިޔަނީ، އަޅުގަނޑުގެ މި ނަޒަރުން ވާހަކަދައްކާނީ "ގަމާރުން" ކަމަށް މަޝްހޫރު ލިޔުންތެރިޔަކު، ހަމަ އެހާ މަޝްހޫރު އެހެން ލިޔުންތެރިޔެއްގެ އަރިހުގައި ވިދާޅުވެފައިވާކަން ވެސް އެނގި ހުރެއެވެ. ނަމަވެސް އެ ބޭފުޅަކު "ތިމަންނަ ވެސް ގަބޫލުކުރައްވަނީ އެ ގޮތަށް ކިޔޭނެކަމަށް ކަމަށާއި އެކަމަކު ތިމަންނައަކީ ގަމާރެއް ނޫނޭ" ވިދާޅުވެ، ލުއި ރައްދެއް ދެއްވައިފައިވާކަން ވެސް އެނގިހުރެއެވެ. އެއީ ކޮން ދެބޭފުޅުންނެއްކަން އެ ދެބޭފުޅުންނަށް އެނގިވޑައިގަންނަވާނެތާއެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އަޅުގަނޑަކީ "ގަމާރަކަށް" ވިޔަސް އަޅުގަނޑުގެ އެއްވެސް ސަރަމެއް ނެތެވެ. ހީފުޅުކުރައްވާންވީ އެއްޗެއް ހީފުޅުކުރައްވާށެވެ!

މި ކަމުގައި އަޅުގަނޑު ވެސް ގަބޫލުކުރާ ހަގީގަތެއް އޮވެއެވެ. އެއްވެސް މީހަކާ ދިމާއަށް އެ މީހަކު ނުރުހޭ ނަމަކުން ނުވަތަ ލަޤަބަކުން މުޚާޠަބުކުރުމަކީ ހަމަ އެކަކު ވެސް ކޮށްގެންވާނެކަމެއް ނޫން ކަމެވެ. ދިވެއްސަކާ ދިމާއަށް ވެސް ދިވެއްސެކޭ ކިޔާން އޭނާ ނުރުހޭ ނަމަ، އޭނަޔާ ދިމާއަށް އެހެން ކިޔައިގެންނުވާނެއެވެ. އަދި ޢަމުދުން މީހަކު ދެރަކޮށްލާން އެހެން ކިޔައިގެންނުވާނެއެވެ. އެހެންނަމަވެސް އެއީ ދިވެއްސަކު ދިވެއްސަކަށް ނުވުމުގެ ދަލީލެއް ނޫނެވެ. ބައެއް ބޭފުޅުން އެ ބޭފުޅުން މަޝްހޫރުވެފައިވާ ޢާއްމު ނަމުން މުޚާޠަބު ކުރުމަކީ ވެސް އެދިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. އެހެންވީމާ އެ ނަމުން އެ ބޭފުޅަކާ މުޚާޠަބު ކުރައްވައިގެންނެއް ނުވާނެއެވެ. މިއީ ބަހަވީ މައްސަލައެއް ނޫނެވެ. އަދަބީ މައްސަލައެއް ނޫނެވެ. ބަހުގެ މައްސަލައެއް ނޫނެވެ. ނަމުގެ މައްސަލައެއް ވެސް ނޫނެވެ. އިޖުތިމާޢީ މައްސަލައެކެވެ. ޒާތީ މައްސަލައެކެވެ. ވިސްނުމުގެ މައްސަލައެކެވެ. ފިކުރުގެ މައްސަލައެކެވެ.

އަޅުގަނޑު ދާދި މިދާކަށް ދުވަހު މި މައުޟޫޢުގައި ލިޔެ ޚިޔާލު ފާޅުކޮށްފައިވާނެއެވެ. ނަމަވެސް މި މައުޟޫޢަށް އަދި ވެސް ފިނިކަމެއް ނާންނާތީ އިތުރު ހަޤީޤަތެއް ހާމަކޮށްލާން ބޭނުންވީއެވެ. އެއް ލިޔުމެއްގައި ހުރިހައި ވާހަކތަކެއް ނުލިޔެވޭނެތީއެވެ.

އާދޭހެވެ! ބަންލާދޭޝްއަކީ ވަރަށް ހަގު ޤައުމެކެވެ. ކުރީން ވެސް ދަންނަވައިލެވުނު ފަދައިން ބަނގްލާދޭޝްއަކީ އިންޑިއާއާއި ޕާކިސްތާނު ދެ ޤައުމެއްގެ ގޮތުގައި 1955 ގައި އުފެދުނު އިރު، ދެކުނު އޭޝިއާގެ އުތުރުއިރުމަތީގައި އޮންނަ ބަންގާޅު ސަރަޙައްދުގައި (ބެންގާލް ރީޖަން) އޮންނަ ޕާކިސްތާނުގެ ޕްރޮވިންޝަލް ސްޓޭޓެކެވެ. އޭރު އެ ސަރަހައްދަށް ކިޔަނީ އިރުމަތީ (އީސްޓް) ޕާކިސްތާނެވެ. ޕާކިސްތާނުގެ އެންމެ ބޮޑު ސްޓޭޓްމެއެވެ.  ގާތްގަނޑަކަށް 147,570 އަކަ ކިލޯމީޓަރު (56,977 އަކަ މޭލުގެ) ބޮޑު ސަރަހައްދެކެވެ. މިއީ ޕާކިސްތާނު އުފެދުމުގެ ކުރީން އިންޑިއާގެ ސަރަހައްދެވެ. އިންޑިޔާގެ ބަންގާޅެވެ.

ކޮންމެއަކަސް އެ ދިމާވި ކަމެއް ދިމާވެގެން (ބަހުގެ ޢިލްމުވެރީންގެ މެދުގައި މިއީ ވަރަށް މަޝްހޫރު ހާދިސާއެކެވެ.) ނުވަ މަސް ދުވަސް ވަންދެން ކުރެވުނު ސަރަހައްދީ ހަނގުރާމަ، 16 ޑިސެންބަރު 1971 ގައި ނިމުނު އިރު، އެ ތަން އޮތީ ބަންގްލާދޭޝަކަށް ވެފައެވެ. (މާނައަކީ ބަންގާޅު ރާއްޖެ، ނުވަތަ ބަންގާޅު ޤައުމެވެ. ދިވެހިބަހުންނަމަ ބަންގާޅުކަރަ އެވެ.)

ބަންގާޅީންގެ ޤައުމިއްޔަތު ޙިމާޔަތްކުރެއްވުމަށްޓަކައި، އެ ޤައުމުގެ ރައްޔިތުންނަށް ކިޔާންވާނީ "ބަންގާޅީން" ކަމަށް، އެމީހުން 1972 ގައި އެކުލަވައިލި ޤާނޫނު އަސާސީގައި ޞަރީޙަ ޢިބާރާތުން ބަޔާންކުރިއެވެ. މި މާއްދާ ބުނާ ގޮތުން ބަންގްލާދޭޝްގެ ރައްޔިތުންނަކީ "ބަންގާޅީން" ނެވެ. ނަމަވެސް އެ ސަރަހައްދުގައި ބަންގްލާދޭޝް އުފެދުނު އިރު، ބަންގާޅު ރައްޔިތުން ނޫން މަދު ބަޔަކު ބަޔަކު އެ ޤައުމަށް ނިސްބަތްވިއެވެ. އެހެންކަމުން މި ޤައުމުގެ އެންމެންނަށް "ބަންގާޅީން" ކިޔުމާ މި މީހުން ދެކޮޅުހެދިއެވެ. އެއީ ބަންގާޅީންނަށް އެ މީހުން ނުވާތިއެވެ. އެހެންކަމުން ޤާނޫނުއަސާސީއަށް 2011 ވަނަ އަހަރު ގެނެވުނު އިސްލާހަކުން އެ މާއްދާގެ އަރިމަތީ ސުރުޚީ ބަދަލުކޮށް މާއްދާއަށް ބައެއް އިތުރުކުރެވުނެވެ. ފަހުން ގެނެވުނު އިސްލާޙުގައި ވަނީ ޤައުމީ ހައިސިއްޔަތުން އެ މީހުންނަކީ ބަންގާޅީންކަމަށާއި ރައްޔިތުންގެ ގޮތުން އެ މީހުންނަކީ ބަންގްލާދޭޝީން ކަމަށެވެ. "ބަނގްލާދޭޝީ"ގެ މާނައަކީ "ބަންގާޅުރާއްޖެއިން" ނޫންތޯއެވެ؟ އެއީ ދިވެހިރާއްޖޭގެ މީހުންނަށް "ދިވެހީން" ނުކިޔައި "ދިވެހިރާއްޖެއިން" ކިޔުންފަދަ ކަމެއް ނޫންތޯއެވެ؟

އޮޅުވައިނުލެއްވުން އެދެމެވެ. އަޅުގަނޑު މި ވަކާލާތުކުރަނީ ބަޔަކު ދެރަކުރާން ނުވަތަ ދަށްކުރާން ބަޔަކާ ދިމާއަށް ވަކި އެއްޗެއް ކިޔާށެކޭ ނޫނެވެ. އެކަމަކު ބަންގާޅީންނާ ދިމާއަށް އެ މީހުން "ޝަރަފުވެރިކުރާންވެގެން" ބަންގްލާދޭޝީއޭ ކިޔަސް އަޅުގަނޑުމެން އެ މީހުންނަށް އިޙުތިރާމްކޮށް ޝަރަފު ނުދޭނަމަ، އެ ނަމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. އަދި ބަނގްލާދޭޝްގެ ޤާނޫނު އަސާސީގައި އެ މީހުންނަކީ ޤައުމީ ޙައިސިއްޔަތުން "ބަންގާޅީން"ނޭ އޮންނަ އޮތުމަކަށް ބަދަލެއް ވެސް ނާންނާނެއެވެ. އެކަމަކު އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަމަކީ ހަމަ ގައިމުވެސް ވަކި މީހަކު ދެރަކުރާން އެ މީހަކު ނުރުހޭ ނަމަކުން އަޅުގަނޑު އެއްވެސް މީހަކާ މުޚާޠަބު ނުކުރާނޭކަމެވެ. އެއީ ހިންދީއަކަށް ވިޔަސް ނޭޕާލީއަކަށް ވިޔަސް ފިލިޕިންސް މީހަކަށް ވިޔަސް  ތައި މީހަކަށް ވިޔަސް ނުވަތަ ދިވެއްސަކަށް ވިޔަސްވެހެވެ.

ނަމަވެސް، އަޅުގަނޑު މި ވާކާލާތު ކުރަނީ ހަމަ އެންމެ ނުކުތާއަކާ މެދުގައެވެ. ދިވެހި ތާރީޚާއި ސަގާފަތުގައި ވަރަށް ބޮޑު ޝަރަފެއް ދީފައިވާ، އަދި ބަންގްލާދޭޝްގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރަފުވެރި ނަމެއް، ލަފުޒެއް، އަޅުގަނޑުމެންގެ ތެރޭގައި މީސްމީޑިއާގެ އަރައިރުމަކާ ހުރެ ދޫކޮށްލުމަކީ ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ.

އަޅުގަނޑުމެން "ބަންގާޅީ"އަށް ދޭ ޝަރަފުގެ ރަމްޒެއްގެ ގޮތުން އާންމު ނަމަކަށް "ބަންގާޅުގެ" ކިޔާ ގޭގެ ދެކުނުގެ ބައެއް ރަށްރަށުގައި އެބަ ހުއްޓެވެ. މިއީ އޭރުވެސް މިހާރުވެސް އެ ރަށްރަށުގެ ކަމުވޮށިވެގެންވާ ގެތަކެކެވެ. އަދި މީހާގެ ނަމުގެ ކުރިޔަށް “ބަންގާޅު” އިތުރުކޮށް (މިސާލަކަށް: ބަނގާޅު މުޙައްމަދު) ކިޔަތެވެ. މަލާމާތަކަށް ނޫނެވެ. މާ ގިނައިން ބަންގާޅު ދަތުރުކޮށްފައިވާތީ ފަޚުރުވެރިކަމާއެކީގައެވެ. ކުޑަކުދީން ނުކައި ބޮޑާ ހޭކީމާ، މަންމަމެން، "ނުކައި ތިޔަ އިންނަނީ ބައްޕަ ބަންގާޅުން މިވެނި އެއްޗެއް ގެންނަންދެންހޭ" ބުނެ ވާހަކަދައްކަނީ ބަންގާޅަކީ، ބަންގާޅީންނަކީ ހާދަ ޝަރަފުވެރި ފަޚުރުވެރި ނަމަކަށް ވާތީއެވެ. އަޅުގަނޑު، އެހެން ލިޔުމެއްގައި ބަޔާންކޮށްފައިވާނޭ ފަދައިން ރެހެންދި ޚަދީޖާގެ ކާފާފުޅު (ޢުމަރުވީރު ރަސްގެފާނުގެ ބައްޕާފުޅު: ޞަލާހުއްދީން ޞާލިޙު) ގެ ނަންފުޅުގެ ފަހަތުގައި "ބަންގާޅީ" (ބަންޖާލީ) ބޭނުންފުޅުކުރައްވައިފައި ވަނީ ފަޚުރެއްގެ ގޮތުގައެވެ. އެއީ މަލާމާތަކަށް ތާރީޚުގައި ލިޔެފައި އޮންނަ ނަމެއް ނޫނެވެ. ދިވެހި ސަގާފަތުގެ މުހިއްމުބައެއް ކަމުގައިވާ ބަންގާޅު އޮޑިފަހަރާއި ބަންގާޅު ދަތުރާއި ބަންގާޅު މުންޑާއި ބަންގާޅު ދުންފަތާއި، އަދި ދިވެހި އަދަބުގައި ހިމެނޭ "ކާޅުގުއި ބަންގާޅަށް ދިޔުން" އަޅުގަނޑުމެންނަށް ވާހަކަތަކެއް ބުނެއެއް ނުދޭތޯއެވެ! ބަންގާޅަށް ދިވެހި ކާބަފައިން ދިން ޤަދަރު ވަޒަނެއް ނުކުރެއްވޭތޯއެވެ!

އަޅުގަނޑު ހިތުން މި މައްސަލައިގައި ވަރަށް ބޮޑު އޮޅުމެއް ވެސް އެބައުޅެއެވެ. ނޫސްކޮންފަރެންސެއްގައި ޑރ. ނަޒުލާ ރަފީޤު ހުއްޓުވީ "ބަންގާޅީ" މި ލަފުޒު ކިޔުމެއް ނޫނެވެ. ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަށް ނިސްބަތްކޮށް، ޤަދަރުކުޑަކޮށްލުމަށްޓަކައި "މިއުޅޭ ބަންގާޅީން"ނޭ ނޫސްވެރިޔަކަށް ވިދާޅުވެވުމުން އެ ކަމެވެ. އެހެނީ ބިދޭސީންނަށް ވެސް މުޚާޠަބުކުރެވެންވާނީ އިންސާނީ ކަރާމަތާއެކުގައެވެ. އަދި ހުރިހާ ބިދޭސީންނަށް ނިސްބަތްކޮށް "ބަންގާޅީން"ނޭ ކިޔުމަކީ ވަރަށް ބޮޑު އޮޅުންބޮޅުމަކަށް ވެދާނެ ކަމެކެވެ. އެ ފަދަ ކަންކަން ހުއްޓުވަންޖެހެއެވެ. އެހެނީ "ބިދޭސީން"ނަށް ނިސްބަތްކޮށް "ބަންގާޅީ"އެކޭ ނުކިޔޭނެއެވެ. އެއީ ވަކި ބަޔެއްގެ ޤައުމީ ނިސްބަތެވެ. އެބައިމީހުންގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރަފުވެރި ނަމެކެވެ. ދިވެހި ބަސްފޮތުގައި އޮންނަނީ ބިދޭސީންނަކީ "ރާއްޖެއިން ބޭރުމީހުން" ކަމުގައެވެ. އެ އެންމެންނަށް ބަންގާޅީންގެ ޝަރަފެއް ނުދެވޭނެއެވެ. މިކަން މިހެން އޮއްވައި ޑރ. ނަޒުލާ ވަރަށް ރަނގަޅު މަގުސަދެއްގައި ވިދާޅުވި ވާހަކަފުޅެއް މުޅި ވާހަކަފުޅުގެ މަގުސަދާއި އަސްލު އޮޅޭ ގޮތަށް އެފުށްމިފުށަށް ޖެއްސެވީ އެހެން ބަޔެކެވެ.

ވީމާ، މީޑިއާގައި އުފެދޭ އުދާހެއްގައި ނުވަތަ މީސްމީޑިއާގައި ކުރެވޭ ބަހުސަކާހުރެ، އަޅުގަނޑުމެންގެ ތާރީޚާއި ސަގާފަތުގައި ޝަރަފު ދީފައިވާ، އަދި ދިވެހި ބަސްފޮތުގައި މާކުރީއްސުރެ އޮތް ރީތިނަމެއް ދޫކޮށްލާން ހެޔޮވެދާނެތޯއެވެ. އަދި ބަންގްލާދޭޝްގެ ޤާނޫނުއަސާސީއިން ބަންގާޅީންނަށް ދީފައިވާ ޝަރަފު އަޅުގަނޑުމެންނަށް ނިގުޅައިގަނެވިދާނޭތޯއެވެ! "ބާންގާޅީން" ކިޔުމުގެ ބަދަލުގައި "ބަންގާޅުރާއްޖެއިން" (ބަންގްލާދޭޝީން) ކިޔުމެކޭ، "ދިވެހީން" ކިޔުމުގެ ބަދަލުގައި "ދިވެހިރާއްޖެއިން" ކިޔުމެކޭ އޮތީ ކޮން ތަފާތެއްތޯއެވެ! ނަމަވެސް ނިންމައިލަމުން ވެސް ދަންނަވައިލަމެވެ! މީހަކު ރުޅިއަންނަ ނަމަކުން އެކަކާ ވެސް އަޅުގަނޑު  މުޚާޠަބެއް ނުކުރާނަމެވެ. ތިޔަ ބޭފުޅުން ވެސް އެފަދަ ކަމެއް ނުކުރައްވާނޭކަމަށް އުންމީދުކުރަމެވެ. ނަމަވެސް މީހަކު ރުޅިއަތުވެދާނެތީ ދިވެހި ބަސްކޮށާރުން ލަފުޒެއް އުނިކުރުމާ އަޅުގަނޑު އަބަދު ވެސް ދެކޮޅެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.