ސްޕްރީމް ކޯޓްގެ ލަފަޔާއެކު ކައުންސިލް އިންތިޚާބުގެ މައްސަލައަށް ޙައްލެއް!

ކައުސިންތަކުގެ މުއްދަތު ހަމަވާއިރު އާކައުންސިލްތައް އިންތިޚާބު ނުވުމުން އަންނާނެ ޤާނޫނީ ހުސްކަން ފޫބެއްދުމަށް ޤާނޫނު އަސާސީ އިޞްލާހުކުރުމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ބިލް ޕާކްކޮށް ބާއްވައިފައިވާ ދުވަސްތަކެއް ވަނީ ވެފައެވެ. ސަރުކާރުން މަޖިލީހަށް އެކުއެކީގައި ފޮނުއްވި ދެބިލްގެ ތެރެއިން މަޖިލީހަށް ހުށަހެޅި އިންތިޚާބު ފަސްކުރުމުގެ އިޞްލާޙު ހިމެނޭ ބިލް މަޖިލީހުން ފާސްކޮށް ތަސްދީޤުކޮށް ޤާނޫނަކަށް ވެސް ވެފައެވެ. 

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލް އެޖެންޑާ ކުރެއްވުމަށްފަހު ފުރަތަމަ ކިޔުންވެސް ނީއްވަވައި ރިޔާސަތުން ހުޅުވާލެއްވީ މިހާރު އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަކީ ޤާނޫނު އަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ޙާލަތުތޯ އާއި އެހާލަތުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެވޭނެތޯ މަޝްވަރާކޮށް ޚިޔާލު ހުށަހެޅުއްވުމަށެވެ. އޭގެ ފަހުން ޤާނުނު އަސާސީގައި އަތް ނުލައި ޙައްލު ހޯދުމަށް. މެމްބަރ ޙަޞަން ލަތީފް ހުށެހެޅުއްވި ބިލަށް ވެސް މަޖިލީހުގައި ބަހުސް ކޮށް ކޮމެޓީން ރިޕޯރޓްވެސް ވަނީ އެކުކަވާލައިފައެވެ. 

ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވަވައިފައި ވަނީ ވެސް މިމަހު 18 ބޭއްވި މަޖިލީހުގެ 37 ވަނަ ޖަލްސާގައެވެ. ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސް ފެށްޓެވީ މިމަހު 26 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ 40 ވަނަ ޖަލްސާގައެވެ. ބިލް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުއްވީ މިމަހު 27 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ. އެއަށް ފަހު ބިލާއިގެން ކުރިއަށް ދާނެ ގޮތަކާމެދު ސްޕްރީމް ކޯޓްގެ ލަފަޔަކަށް އެދުމަށް މަޖިލީހުނެ ނިންމެވި އެވެ. މައްސަލައި ސްޕްރީމް ކޯޓްގެ އިސްތިޝާރީ ލަފާ މަޖިލީހަށް ދެއްވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އެލަފާޔާ އެއްގޮތަށް ކައުސިލްތައް ދެމި އޮންނާނެ ގޮތަށް ރޭގެ ޖަލްސާގައި މުޅި މަޖިލީހުގެ ކޮމެޓީން ބިލަށް އިޞްލާޙު ގެނެސް ވަނީ ފާސްކޮށްފައެވެ. 

ސްޕްރީމް ކޯޓްގެ އިސްތިޝާރީ ލަފާ!

ސްޕްރީމް ކޯޓްގެ އިސްތިޝާރީލަފާގައި ހިމެނޭ ކަންކަމަށް ބަލާއިރު، މެމްބަރުންގެ މެދު ސުވާލު އުފެއްދެވި، މިހާރު މިއޮތް ކުއްލި ނުރައްކަލުގެ ޙާލަތެއްތޯ ނޫންތޯއަށް ވެސް ވަނީ ޖަވާބެއް ލިބިފައެވެ. އެލަފައިން އެނގެނީ މިހާރު މިއޮތީ ޤާނުނު އަސާސގައި ރައީސުލް ޖުމްހޫރިއްޔާ އިޢްލާންކުރައްވައިފައިވާ ކުއްލި ނުރައްކަލުގެ ޙާތް ނޫންކަމެވެ. އެހެން ކަމުން މިޙާލަތުގައި ވެސް ޤާނޫނު އަސީއަށް އިޝްލާޙު ގެނެވޭނެކަމެވެ. އަދި ދިމާވެފައިވާ މައްސަލައަށް ޙައްލު ހޯދޭނީވެސް ޤާނޫނު އަސީ އިޞްލާޙު ކޮށްގެން ކަމަށެވެ. ޤާނޫނަކުން އެކަމަށް ޙައްލެއް ނުހޯދޭނެކަމަށެވެ. ސްޕްރީމް ކޯޓްގެ ލަފާގައި ފާހަގަކުރައްވައިފައި މުހިންމު އަނެއްކަމަކީ ކައުންސިލްތައް ހިންގަންވާނީ އިންތިޚާބުކޮށްފައިވާ ކައުންސިލްތަކަކުން ކަމެވެ. 

ސުޕްރީމް ކޯޓުގެ ލަފާގައި ވަނީ މިހާރު ސަރުކާރުން ޤާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅައިފައިވާ ޤާނޫނުގެ ހަތަރުވަނަ މާއްދާއަށް އިޞްލާހު ގެނެސްގެން މައްސައަށް ޤާނޫނީ ޙައްލެއް ނުހޯއްދެވޭނެކަމަށެވެ. އެކޯޓުން ލަފާދެއްވީ ޤާނޫނު އަސާސީގެ 231 ވަނަމާއްދާގެ ނައްސަށް އިޞްލާޙު ގެނެސް ނުވަތަ އިތުރު އިންތިޤާލީ މާއްދާއެއް ޤާނޫނުއަސާސީ 13ވަނަ ބާބުގެ ފަހަތުގައި ހިމެނުމަށެވެ. އެގޮތުން ގެނެވޭ އިޞްލާހު ޤާނުނުއަސާސީގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީޚުން ފެށިގެން ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވެންދެން 3 ޖޫން 2017 ގައި މަޤާމާ ޙަވާލުވި ކައުންސިލަރުން އެމަޤާމުތަކުގައި ތިބޭނެކަމަށް ސަރީޙަ ބަހުން  ބަޔާންކުރުމަށެވެ، އެނޫން ގޮތަށް މެނުވީ 4 އޭޕްރީލްގައި ދިވެހިރާއްޖޭގައި  ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ފަސްކުރަންޖެހުމާ ގުޅިގެން އެއިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ޤާއިމްވެ، އާ އިންތިޚާބެއް ބޭއްވުމާ ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެކަމަށް ނުފެންނަ ކަމަށް ސުޕްރީމް ކޯޓްގެ އިޝްތިޝާރީ ލަފާގައި ވެއެވެ. 

މައްސަލައަށް ހައްލު ހޯދުމަށް ފާސްކުރި އިޞްލާޙު

ސުޕްރީމް ކޯޓްގެ ލަފަޔާގުޅިގެން މުޅިމަޖިލީހުގެ ކޮމެޓީން ޤާނޫނު އަސާސީ އިޞްލާހު ގެނައުމުގެ ބިލް ދިރާސާކުމުރުގެ މަސައްކަތް ރޭކުރިއަށް ގެންދިޔަ ޖަލްސާގައި ވަނީ ކޮށްފައެވެ. އެގޮތުން ސްޕްރީމް ކޯޓްގެ ލަފަޔާއެއް ގޮތަށް ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް ހުށަހެޅި އިޞްލާހު މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ފާސްކުރައްވައިފައެވެ. މިއިޞްލާހު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމެވެ. 

މެދު ހެންވޭރު ދާއިރާގެ މެމްބަރު ޤާނޫނޫއަސާސީ އިޞްލާޙު ކުރުމުގެ ބިލަށް ހުށަހެޅުއްވީ ދެ އިޞްލާޙެކެވެ. އެއީ އެބިލްގެ އެއްވަނަ ނަމްބަރު އުނިކުރުމަށާއި ސުޕްރީމް ކޯޓްގެ ލަފަޔާ އެއްގޮތަށް ތިން ވަނަ މާއްދާގެ ފަހަތަށް 3.2 ގެ ގޮތުގައި މާއްދާއެއް އިތުރުކުރުމަށެވެ. އެއީ ޤާނޫނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރު ކުރުމަށެވެ. އެގޮތުން އިތުރުކުރި (ޅ) ބުނެފައިވަނީ އެމާއްދާގެ (ނ) ގައި އެހެން ގޮތަކަށް އޮތްނަމަވެސް 3 ޖޫންގައި 2017 ގައި އިންތިޚާބުކޮށްފައިވާ ކައުންސިލް ތަކުގެ ޢުމުރު ހަމަވާއިރު އެކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ނުކުރެއްވިއްޖެ ހިނދެއްގައި އެކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވައި އަލަށް އިންތިޚާބު ކުރެވޭ މެމްބަރުން މަޤާމާ ހަވާލުވަންދެން މިހާރު އިންތިޚާބުކޮށްފައިވާ، މަޤާމުގައިތިބި އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުން، މަޤާމުގައި ދެމި ތިބޭނެކަމަށެވެ. އަދި (ކ) ގެ ގޮތުގައި އެމާއްދާގެ ޅ. ގައި ބަޔާންކުރާ އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމިތިބި މެމްބަރުން ޢަމަލު ކުރާނޭ އިންތިޤާލީ އުޞޫލުތައް މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅަންވާނެކަމަށެވެ. މިއިސްލާޙާއި އެކު ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލްވެސް މުޅި މަޖިލީހުގެ ކޮމެޓީގެ 63 މެމްބަރުންގެ އަޣްލަބިއްޔަތުން މިރޭ ވަނީ ފާސްކުރައްވައިފައެވެ. 

އިޞްލާޙު ހުށަހަޅުއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވީ އޭނާ އެ އިޞްލާޙު ހުށަހެޅުއްވީ އޭޖީގެ މަޝްވަރާއާ ވެސް އެކުގައި ކަމަށެވެ. އޭނާ ވިދާޅުވީ އިންތިޤާލީ މަރުޙަލާގައި ކައުންސިލްތައް ހިންގުމުގައި ޢަމަލު ކުރާނެ ގޮތް މެމްބަރު ޙަސަން ހުށަހެޅުއްވި ސަންސެޓް ޤާނޫނުގައި ހިމެނިފައިވާތީ އެކަމަށްވެސް ޙައްލު ހޯދިފައިވާކަމަށެވެ. 

ސަންސެޓް ޤާނޫނޫގެ ރިޕޯޓު ވެސް ވަނީ ރޭގެ ޖަލްސާއަށް ހުށަހަޅައި ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެބިލް ކޮމެޓީން ނިންމެވި އިރު ކައުންސިލް ދެމި އޮތުމާ ބެހޭގޮތުން އޮތް ބަނީ ވަނީ މުޅިން އުނި ކުރައްވައި ބިލްގައި މިހާރު ހިމެނެނީ އިންތިޤާލީ މަރުޙަލާގައި އިދާރީ ގޮތުން ކަންކަން ހިންގާނެ ގޮތެވެ މިއަދު ބާއްވާ ޖަލްސާގައި މިދެބިލު ފާސްކުރުމަށް ވޯޓަށް އެއްސެވުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވައިފައެވެ.

ސްޕްރީމް ކޯޓް ލަފާ ހޯދުން، އެމްޑީޕީ އިން ކުރިން ދެކޮޅު

އިންތިޚާބު ނުބޭއްވި ކައުންސިލްތައް ޤާނޫނީ ހުސްކަމަކަށް ގޮސް ދާނެތީ ޤާނޫނީ އިޞްލާޙުކުރުމާ މެދު ޚިޔާލުތަފާތުވި މައްސަލައަށް ޙައްލު ހޯދެން އޮތީ ސުޕްރީމް ކޯޓުންކަމަށް ބައެއް ޤާނޫނީ ވަކީލުންނާއި ބައެއް މެމްބަރުން ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެގޮތަށް ޚިޔާލު ފާޅުކުރައްވައިފައި ވަނީ އިދިކޮޅު މެމްބަރުންނެވެ. ހައްލު ހޯދުމަށް ސުޕްރީމް ކޯޓަށް ދިއުމާމެދު އެމްޑީޕީ މެމްބަރުން ކަނޑައެޅިގެން އޭރު ދެކޮޅެވެ. އެމްޑީޕީ މެމްބަރުން އޭރު ދެކެވަޑައިގަންނެވީ މައްސަލައަށް ޙަލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ދިއުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ނޫން ގޮތުގައެވެ. އެއީ މަޖިލީހަށް ލިބިފައިވާ ބާރެއް އެހެން ފަރާތަކަށް ދޫކޮށްލުމެއް ގޮތުގައެވެ. 

އޭރު އިދިކޮޅު މެމްބަރުން ވިދާޅުވީ ދިމާވެފައިވާ މައްސަލައަށް ދައުލަތުގެ ތިންބާރު ގުޅިގެން ޙައްލު ހޯދަންޖެހޭ ކަމަށެވެ. އެކަމަށް ހައްލު ހޯދެން އޮތް އެންމެ ރަނގަޅު ގޮތަކީ ސުޕްރީމްކޯޓްގެ ލަފަޔަކަށް އެދުން ކަމަށެވެ. އަދި މައްސަލައިގައި ހައްލު ހޯދުމަށް ސުޕްރީމް ކޯޓަށް ދިއުމަކީ ރައްޔިތުންގެ މަޖިލީހުން ލަދުވެތި ވާންޖެހޭ ކެމެއް ވެސް ނޫންކަމަށް އެމައްސަލައިގައި ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ވަނީ ވިދާޅުވިއެވެ.  

އެމްޑީޕީގެ ނިންމުން ބަދަލުވެ ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ސަރުކާރުން ހުށަހެޅި ބިލް އެއްވެސް އުނި އިތުރެއް ނުގެނެސް ފާސްކުރުމަށް އެމްޑީޕީ ޕާލަމަންޓް ގްރޫޕުން ވިޕްލައިނެއް ނެރުނެވެ. މި ނެރުނު ވިޕްލައިނާއެކު އެމްޑީޕީ ޕޖީ ގްރޫޕްގެ މެމްބަރުންގެ ޚިޔާލު ތަފާތުވެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައި ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރަށްވައިފައެވެ. ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދުމުން ފެނިގެން މިދިޔައީ، މަޖިލީހަށް ކުރިން ޤަރާރޫތައް ހުށަހަޅާގޮތާ ޚިލާފަށް ބަހުސްގެ ތެރެއިން ޤާރާރެއް ހުށަހެޅި ސްޕްރީމްކޯޓްގެ ލަފަޔަކާ ހިސާބަށް ދިއުމަށް އެޤަރާރު ފާސްވެގެން ދިޔަތަނެވެ. މައްސަލަ އަލި މަގެއް ފެނިގެން މިދިޔައީ ޕާޓީ ސަލާމަތް ކުރުމަށް ކުރެވުނު މަސައްކަތުންނެވެ. މިއީ އެޖެންޑާ -19 ގެ ތަފާތު ކަމެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.