ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ކަރުދާސް ކޮޅާބެހޭ އިޞްލާޙު މިއަދުން މިއަދަށް  ފާސްކުރަނީ

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ކަރުދާސް ކޮޅާބެހޭ އިޞްލާޙު މިއަދުން މިއަދަށް  ފާސްކުރަން މަޖިލީހުގައި އަމާޒް ހިފައިފިއެވެ. ބިލްގެ އިބްތިދާއީ ބަހުސް ފެށްޓެވީ މިއަދުގެ ޖަލްސާ ފެށުމާއެކުއެވެ. ބިލް މަޖިލީހަށް ހުށަޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް އެވެ.

މިއަދު ހެދުނު 10:30 އާ ހަމައަށް ބިލްގެ އިބްތިދާއީ ބަހުސް ނިންމަވައި އެގާރަ ޖަހާއިރު ބިލް ބަލައިގައިތުމަށް ވޯޓަށް އެހުމަށް ވަނީ ނިންމައިފައެވެ. މުޅި މަޖިލީސް އެކުގައި ކޮމެޓީގެ މަރުޙަލާ ގެންގޮސް ކޮމެޓީގެ ރިޕޯރޓް ފޮނުވުމަށް ފަހު ދޭ މުއްދަތު ކުރުކޮށްލައްވައި މިއަދުންމިއަދަށް ރިޕޯރޓް މަޖިލީހުގެ ތަޅުމަށް ގެނެސް ވޯޓަށް އެހުމަށް ގަސްދުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިކަމަށް މެމްބަރުން ވެސް ވަނީ ތާއީދު ކުރައްވައިފައެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ޤާނޫނަށް ގެނެވޭ އިޞްލާޙަކީ ވޯޓްކަރުދާސް ކޮޅުގައި، އެއްކަރުދާހެއްގައި އެއް މަޤާމަށްވުރެގިނަ މަޤާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ވޯޓްލާ ޙާލަތެއްގައި އެއްވޯޓް ބާޠިލްވުމުން ދެންހުރި ވޯޓްތައްވެސް ބާޠިލްވެދާނެ ޙާލަތެއް ކުރިމަތި ނުވާނެ ގޮތަށް ޤާނޫނު ބައްޓަން ކުރުމަށް ގެންނަ އިޞްލާހެކެވެ. މިހާރުޤާނޫނުގައި ވާގޮތުން އެއް ވޯޓްކަރުދާސް ކޮޅެއްގައި އޮންނަ އެންމެ ވޯޓެއް ބާޠީލް ވުމުން މުޅި ވޯޓް ކަރުދާސް ކޮޅު ބާޠީލް ވާނެއެވެ. އެހެން ކަމުން ވަރަށް ގިނަ ވޯޓް ބާޠިލްވެދާނެ ކަމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނުންވެސް ފާޅުކުރައްވައިފައިވާ ކަމަށް މިއަދުގެ ބަހުސްގައި މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރ ޢަލީ ނިޔާޒު ވިދާޅުވީ ލޯކަލް ކައުން ސިލްގެ އިންތިޚާބުގެޤާނޫނަށް ކުރިން ގެނެވުނު  އިޞްލާޙު ގެނެވުނު އިރު ވޯޓްކަރުދާސް ކޮޅުގެ މައްސަލައަކީ އިލެކްޝަންސް ކޮމިޝަނަށްވެސް ފާހަގަ ނުކުރެވި އޮތް ކަމެއްކަމަށެވެ. އޭރު އެކޮމިޝަންގެ ވިސްނުން ވެސް ހުރީ ކޮންމެ ވޯޓަކަށް ވަކި ވޯޓް ކަރުދާސް ކޮޅެއް ގެންގުޅުމަށްކަމަށް ނިޔާޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެގޮތަށް ވޯޓްކަރުދާސް ތައްޔާރު ކުރާނަމަ ހިނގާނެ ޚަރަދު ބޮޑުވުމުން އެކަމުގެ ކަންބޮޑުވުން އިލެކްޝަން ކޮމިޝަނުން ފާޅުކުރައްވައިފައި ވާކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރ ޢަލީ ނިޔާޒު ފާހަގަ ކުރެއްވިއެވެ. ކޮންމެ ވޯޓަކަށް ވަކި ކަރުދާސްކޮޅެއް ޗާޕްކުރާނަމަ 11 މިލިއަން ރުފިޔާ ޚަރަދު ވާނެކަން ނިޔާޒު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެއް ވޯޓް ކަރުދާސްކޮޅުގައި ހުރިހާ ވޯޓެއް ހިމެނޭނަމަ ހަތަރު މިލިއަން ރުފިޔާއަށް ދަށް ކުރެވޭނެކަން ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.