ރަށްވެހި ފަތިހަކީ ރައްޔިތުން ފުރިހަމައަށް ރަށްވެހިވުމަށް އެކުލަވާލައިފައިވާ ކެމްޕޭނެއް: އެމްޑީޕީ

ރަށްވެހި ފަތިސް ކެމްޕޭނަކީ ރައްޔިތުން ފުރިހަމައަށް ރަށްވެހިވުމަށް އެކުލަވާލައިފައިވާ ކެމްޕޭނެއް ކަމަށް އެމްޑީޕީން ވިދާޅުވެއްޖެއެވެ.

ލޯކަލްކައުންސިލް އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތާބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް އިންތިޚާބާބެހޭ ތަރުޖަމާނު އަދި އެޕާޓީގެ ޑެޕިޔުޓީ ސެކްރެޓަރީޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ މި ކެމްޕޭނަށްފަހު ކައުންސިލްތަކަށް އިންތިޚާބުކުރަންވާނީ އެޖެންޑާ 19 ގެ ފިކުރާއި އޭގައި ހިމެނޭ ތަސައްވަރު ގަބޫލުކޮށް އަދި އޭގައި އަމަލީ ގޮތުން އުޅެފައިވާ މީހުން ކަމަށެވެ.

"ރަށްވެހި ފަތިހަކީ ރައްޔިތުން ފުރިހަމައަށް ބާރުވެރި ކުރުވައި ފުރިހަމައަށް ރަށްވެހިވުމުގެ މަގުސަދުގައި އެ ތަސައްވަރުގައި އެކުލަވާލައިފައިވާ ކެމްޕޭނެއް. އަޅުގަނޑުމެންގެ ވާހަކަ އަކީ ސަރުކާރާ ޕާޓީއާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެކަން،" އަފްޝަން ވިދާޅުވިއެވެ. އެޖެންޑާ ނަވާރާގައި ހުށަހެޅި ކަންކަން މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ސާބިތުވަމުންދާ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށްވެހި ފަތިހެއްގެ ވާހަކަ ދައްކާއިރު އެދެކެވެނީ ބޮޑެތި ބާރުތަކާއި ބޮޑު ބަޖެޓަކާއެކު ހޮވިގެން އަންނަ ކައުންސިލް ތަކެއްގެ ވާހަކަ ކަމަށެވެ. އެބާރުތަކާއި ބޮޑު ބަޖެޓު ކައުންސިލް ތަކުން ބޭނުންކުރާނީ ރައްޔިތުންގެ ބައިވެރިވުން އެކުލެވޭ ގޮތަށް ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ. އަދި ކައުންސިލްގައި އަންހެނުންގެ 33 ޕަސެންޓު ހިމެނޭނެތީ ރަށުގައި މަޝްރޫއުތައް ހިންގޭނީ އަންހެނުންގެވެސް ހިއްސާއާއި ބާރުވެރިކަމާ އެކުގައި ކަމަށް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ވަނީ ހަތްސަތޭކަ ހަތްދިހަ ހަތް ކެންޑިޑޭޓުން ކަށަވަރުވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.