ކޮވިޑް- 19: އިންޑިޔާގައި ކިރު ގަންނަން ގެއިން ނިކުތް މީހެއްގެ ގައިގާ ފުލުހުން ތަޅައިގަތުމުގެ ސަބަބުން އޭނާ މަރުވެއްޖެ

ޓެލަންގާނާ ސްޓޭޓުގައި އަމުރާ ޚިލާފުވާ މީހުންގެ ގަޔަށް ބަޑިޖަހާނެ ކަމުގެ އިންޒާރު ޗީފް މިނިސްޓަރު ދެއްވައިފި

ނިއުދިއްލީގައި މަގުމައްޗަށް ނުކުމެ އުޅުނު މީހެއްގެ ގައިގައި ފުލުހަކު ލަޓިބުރިން ޖަހަނީ

އިއްޔެރޭ މެންދަމުން ފެށިގެން މުޅި އިންޑިޔާ 21 ދުވަހުގެ 'ލޮކްޑައުން' އަކަށް ގޮސްފައިވާއިރު، ޒަރޫރީ ބޭނުމަކަށްޓަކައި ނޫނީ ގެއިން ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މި ކަން ތަންފީޒުކުރުމަށް އިންޑިޔާ ފުލުހުން މަގުތަކަށް ނުކުމެ ތިބި އިރު އެމީހުންގެ ފަރާތުން ހަރުކަށިކަން ފެންނަމުންދާތީ މީހުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ޕޮލިހުން ތަޅައިގަތުމުގެ ސަބަބުން މީހަކު މިވަނީ މަރުވެފައެވެ.

ވެސްޓް ބެންގާލްގެ ހޯރާ އަވަށުގައި އިއްޔެ ކިރު ގަންނަން ނުކުތް މީހެއްގެ ގައިގައި ފުލުހުން ތަޅައިގަތުމުގެ ސަބަބުން އޭނާއަށް ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައެވެ.

އުމުރުން 32 އަހަރުގެ ލާލް ސުވާމީގެ އަންހެނުން ބުނި ގޮތުގައި، އެ ހިސާބަށް އެއްވަމުން ދިޔަ ބަޔަކު ދުރުކުރަން ގޮސްފައި ތިބި ފުލުހުންގެ ބަޔަކު އޭނާގެ ގައިގާ ތަޅައިގަތީއެވެ. އަދި އޭނާ މަރުވެފައި ވަނީ ލިބުނު އަނިޔާގެ ސަބަބުންނެވެ.

އެހެންނަމަވެސް، ވެސްޓް ބެންގާލްގެ ފުލުހުން ވަނީ މިކަން ދޮގުކޮށްފައެވެ. ފުލުހުން ބުނީ އޭނާ މަރުވީ ލިބުނު އަނިޔާގެ ސަބަބުން ނޫންކަމަށެވެ. ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އޭނާއަކީ ކުރިއްސުރެ ހިތުގެ ބައްޔަށް ބޭސްކުރަމުން އައި މީހެކެވެ.

އަނެއްކޮޅުން، އިންޑިޔާގެ ދެކުނުގެ ސްޓޭޓެއް ކަމުގައިވާ ޓެލަންގާނާގެ ޗީފް މިނިސްޓަރު ކޭ. ޗަންދްރަސޭކަރް ރާއޯ ވަނީ ލޮކްޑައުންގައި އަމުރަށް ނުކިޔަމަންތެރިވާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދެއްވާފައެވެ.

"ރައްޔިތުން ބަސްއަހައިގެން ގޭގައި މަޑުނުކޮށްފިއްޔާ އަހަރުމެންނަށް ޖެހޭނީ 24 ގަޑިއިރުގެ ކާފިއުއެއް ހިންގަން." ޗީފް މިނިސްޓަރު ވިދާޅުވިއެވެ.

"މީހުން މަގުމަތީގައި އުޅޭކަމަށް ވަންޏާ، ސިފައިން މަގުމައްޗަށް ނެރެ، މަގުމަތިން ފެންނަ ކޮންމެ މީހެއްގެ ގަޔަށް ބަޑިޖެހުމުގެ އަމުރު ނެރެން ޖެހިދާނެ."

އިންޑިޔާގެ ފެޑެރަލް ސިސްޓަމްގެ އުސޫލުގެ ދަށުން ސިއްހީ ކަންކަމާއި، ދާހިލީ އަމާންކަން ބެލެހެއްޓުމުގެ ކަންކަން ތަންފީޒުކުރުން އޮންނަނީ ސްޓޭޓް ސަރުކާރުތަކަށެވެ. އެހެންކަމުން މި ލޮކްޑައުންގައި ތަފާތު ސްޓޭޓްތަކުން ތަފާތު ގޮތްގޮތަށް އަމަލުކުރަމުން ދާކަން ފާހަގަކުރެވެއެވެ.

ދިއްލީގެ ސަރުކާރުން ވަނީ އެ ސަރަހައްދުގައި ކާބޯތަކެތި ފަދަ ޒަރޫރީ ސާމާން ވިއްކާ ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ނިންމާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 މިހާތަނަށް އިންޑިޔާގެ 681 މީހަކަށް ޖެހިފައިވާއިރު، 13 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.